ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖޯން ރެންކިން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މި ސެޕްޓެންބަރު މަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކުރިއަށްދިޔަގޮތާއި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ހުރިހާ ފަރާތްތަކަކުންވެސް ޤައުމުގެ މަޞްލަޙަތާއި ހަމަޖެހުމަށް އިސްކަން ދެއްވައިގެން، ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.