ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހެނދުނު ފަށްޓަވައިދެއްވައިފިއެވެ. މިގޮތުން ފަށްޓަވައިދެއްވީ، އެރަށު ދަންޑެހެލު މަގުގައި ތާރު އެޅުމުގެ މަސައްކަތެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ ހަނިމާދޫގައި ފުރަތަމަ ފަހަރަށް މިޒަމާނުގެ ފެންވަރަށް ތާރު އަޅާފައިވާ މަގެއް ހެދުމުގެ މަޝްރޫޢު ފެށޭ ދުވަސްކަން ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް 4، 5 މަހެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަގު ހަދައި ނިމުމުން، އެރަށުގެ ރައްޔިތުންނަށް މަގުގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހަތައް ލިބެމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހަނިމާދޫގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ އެކިއެކި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އެރަށުގައި ނަރުދަމާގެ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަނިމާދޫގެ ޤުދުރަތީ ރީތިކަމަށް އިޝާރާތް ކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާ އެއްވަރަށް، ރަށް ފެހިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.