ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރު އަޅައި ނިންމި އެރަށު އަމީނީމަގު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ.

ކުޅުދުއްފުށީ އަމީނީމަގު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިރަށުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިވަރުގެ މަގެއް ހަދާ ނިމުނުކަމީ ތާރީޚީ ގޮތުން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، މަގުގެ މަސައްކަތް ނުނިމި ދިގުދެމިގެން ގޮސްފައިވީ ނަމަވެސް، މިއަދަކީ ޝަކުވާ ކުރަންވީ ދުވަސް ނޫންކަމަށާއި، މަގު ހަދައި ނިމުންކަމަށްޓަކައި ޝުކުރުވެރި ވާންވީ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އިތުރު މަގުތައް ހެދުމުގެ މަސައްކަތްވެސް ލަސްނުވެ ކުރިއަށްދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް، ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. އެގޮތުން، ފުރަތަމަ ފެށްޓެވީ ކުޅުދުއްފުށީ އަމީނީ މަގުގައި ގާ އެތުރުމުގެ މަސައްކަތެވެ. ނަމަވެސް އެމަގުގައި ގާއެތުރުމާމެދު ރަށުގެ ރައްޔިތުންގެ ޚިޔާލު ތަފާތުވުމުގެ ސަބަބުން އެމަގުގެ މަސައްކަތް އޮތީ މެދުކެނޑިފައެވެ. އަދި، މެއި މަހު ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވޯޓަކަށް އެއްސެވުމަށްފަހު، އެމަގުގައި ތާރު އަޅާ ގޮތަށް ގިނަ ރައްޔިތުން ވޯޓު ދިނުމާ ގުޅިގެން ކުޅުދުއްފުށީ އަމީނީމަގުގައި ތާރު އަޅާގޮތަށް ނިންމުނެވެ.

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން، ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ރުހުނު ޑިވެލޮޕްމަންޓް ކޮންޓްރެކްޓަރސް އެންޑް އިންޖިނިއަރސްއާ ހަވާލުކޮށްގެންނެވެ.