ރާއްޖެއަށް ޤުދުރަތީ ގޮތުން ލިބިފައިވާ އަގުބޮޑު ހަދިޔާތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވާ ފަރާތްތަކުންނާއި، ސަރުކާރުންނާއި، ރާއްޖޭގެ ރައްޔިތުން ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަޤްވާމީ ފެންވަރެއްގައި ރާއްޖޭގައި ފާހަގަކުރަމުންދާއިރު، ރާއްޖެއަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ޖައްވު ހޫނުވުމާ ގުޅިގެން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ޤައުމުކަން އަޅުގަނޑުމެން ހަނދާންނުނެތޭ ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ގިނަ ބަޔަކު ހީކުރާވަރަށްވުރެ ބޮޑަށް ރާއްޖެއަށް އެކަމުގެ އަސަރު ފޯރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމުގެ މިއަހަރުގެ ޝިޢާރު ކަމަށްވާ "ފަތުރުވެރިކަމާއި ފެން - ރައްކާތެރިކޮށްދެނީ އަހަރުމެން އެންމެންގެ ކުރިމަގު" މި ޝިޢާރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ބައްލަވައިލެއްވިއެވެ. އަދި މިއަދުގެ ޝިޢާރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ، ފެނުގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެން ބޭނުންކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ފެނުގެ މައްސަލަތަކަށް ވަރަށް ތަފުޞީލުކޮށް ބައްލަވާލެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ރައްކާތެރި ސާފު ބޯފެން ލިބޭއިރު، ރާއްޖޭގެ އާބާދީގެ އަނެއް ބަޔަށް ސާފު ބޯފެން ލިބުމުގެ ވަސީލަތްތައް ތަނަވަސްވެފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޖައްވު ހޫނުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވަމުންދާ ގިނަ މައްސަލަތައް، ރާއްޖޭގެ 100 އަށްވުރެ ގިނަ ރިޒޯޓުން މިހާރު ޙައްލުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްރަށް ގިރެމުންދާތީ، އެކަމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ބުއިމަށްޓަކައި ވާރޭފެނާއި، ބިމުން ނެގޭ ފެން ބޭނުންކުރަމުން އައިސްފައިވާ ޤައުމަކަށް ވީނަމަވެސް، މިހާރު، ވާރޭފެނާއި ބިމުން ނެގޭ ފެންވެސް ވަނީ ތަޣައްޔަރުވެފައި ކަމަށާއި، ފެން ތަޣައްޔަރުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، ރިވާރސް އޮސްމޯސިސްއާއި، އެއާ ގުޅުންހުރި އެހެނިހެން ޓެކްނޮލޮޖީގެ ވަސީލަތްތައް، ދެމެހެއްޓެނިވި އަދި ހެޔޮ އަގެއްގައި ތަރައްޤީ ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރާއި ޢާންމު ފަރާތްތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކުން މިފަދަ ޙައްލުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.