بسـم اللَّه الرّحـمٰـن الـرّحيـم

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް.

السّلام عليكم

މި ޢިއްޒަތްތެރި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ޤާނޫނުއަސާސީ ލާޒިމު ކޮށްފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން ހުށަހެޅުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މި މަޖިލީހަށް މި ސަރުކާރުން ހުށަހެޅި ފުރަތަމަ ރިޔާސީ ބަޔާން އަޅުގަނޑު ހުށަހެޅިއިރު، މި ސަރުކާރު އޮތީ ވަރަށް ޅަފަތުގައި. ފަހަރުގައި އެދުވަހު ބައެއް ބޭފުޅުން ހީފުޅުކުރައްވައި ތިއްބަވައިފާނެ، މި ސަރުކާރަށް، ސަރުކާރުގެ ޤާނޫނީ މުއްދަތަށް ދެމިނުއޮވެވިދާނެ ކަމަށް. އެހެންނަމަވެސް، ތަޤްދީރު ދިމާކޮށްފައި މިވަނީ، ތަދުބީރު ކުރެހި ޕްލޭނަށް.

އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން އެންމެން އެކުގައި ބިނާކޮށްފައިމިވާ ވާދަވެރި ސިޔާސީ ނިޒާމް، މި ރާއްޖޭގައި ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެންމެ އެންމެ އެދޭނެގޮތް.

މި ނިޒާމުގެ ޠަބީޢަތުން ބޭރުން މިވެރިކަމަށް ލޮޅުމެއްގެނެސް، ލާހިކު ނޫން ބަދަލަކަށް އުންމީދު ކުރަނީނަމަ، އެފަދަ ކަންކަމުގެ ރައްކަލެއްގެ ގޮތުގައި ވެރިކަމުގެ ފަރާތުން ޢަމަލު ކުރުމަށް މަޖްބޫރުވާ ގޮތުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ވެރިކަމުގެ މި ނިޒާމަކަށް ނޫން. ވާދަވެރި ފަރާތްތަކަށްވެސްމެ. އަޅުގަނޑު ނުދެކެން، މިއީ އަޅުގަނޑުމެން އެކަކުވެސް ކަންވުމަށް އެދޭނެގޮތް ކަމަކަށް. ބުއްދިވެރި ގޮތަކީ، މިވަގުތު އެފަދަ ޒާތީ ވާދަވެރިކަމުގެ ތެރެއަށް ވެއްޓިނުގަނެ، ކޮންމެހެން ބޭނުންވާ މުހިންމު ޤައުމީ ތަރަހަތައް ބިނާކުރުން.

އިންތިޚާބު މިއޮތީ 2013 ގައި. އެހާތަނަށް ހުރިހާ ޕާޓީތަކުން ތައްޔާރުވުމުގެ މުހިންމުކަން ކުޑަކަމަށް ދަންނަވަނީއެއް ނޫން. އެހެން ނަމަވެސް، ތައްޔާރުވުމަށްޓަކައި މިއަދު ކުރާން އޮތް ކަމަކީ، ސަރުކާރު ހިންގުމަށް ހުރަސް އެޅުމަށް މަސައްކަތްކުރުން ކަމަށް ދެކިއްޖެނަމަ، އެފަދަ ކަންކަމުގެ ދިފާޢުގައި ސަރުކާރާއި އަދި ކިތަންމެ ޕާޓީއެއް ނުކުންނާނީ ޖޯޝާއެކު. އެ ޖޯޝުގައި މުޑިނެގޭއިރު، ގެއްލުން ލިބޭނީ ހަމައެކަނި ވަކި ފަރުދުންނަކަށް ނޫން. މުޅި ސިޔާސީ ނިޒާމަށް. މިގެއްލުމަކީ އަޅުގަނޑުމެން އެކަކުވެސް އެދޭނެ ގެއްލުމެއް ނޫން. އެހެންކަމުން، މި ޢިއްޒަތްތެރި މަޖިލީހުގެ އެއްބާރުލެއްވުން މި ރާއްޖެއަށް ބޭނުންވާ މިންވަރު ބޮޑު.

ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ ހަތަރު ފަސް ސިޔާސީ ޕާޓީގެ އިސްވެރިން މި ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ. އެބޭފުޅުންގެ ހެޔޮ ވިސްނުންފުޅާއި މަޝްވަރާއާއި ބައިވެރިވެވަޑައިގަތުން ސާފު ސާދާ ގޮތުގައި ދައުލަތުގެ ކަންކަމުގެ އެންމެ ކުރީ ސަފުގައި ހިއްސާކޮށްދެއްވާނެކަމާމެދަކު އަޅުގަނޑު ދެބަހެއްނުވާނަން.

ޢިއްޒަތްތެރި ރައީސް:

މިދެންނެވި ސިޔާސީ އެކުވެރިކަން ޙާޞިލު ކުރުމަށްޓަކައި މި ސަރުކާރަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ ދަންނަވަން. މިކަމުގައި އަޅުގަނޑުމެންގެ ފަރާތުން ބޭނުންފުޅުވާ އެއްބާރުލުމެއްވާނަމަ، އެ އެއްބާރުލުންދީ އަދި އެއްކައިރިވާންޖެހޭ ކަމެއްވާނަމަ މުޅި ޤައުމުގެ މަޞްލަޙަތު އިސްކުރުމަށްޓަކައި އިރާދަފުޅާއެކު މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން.

ޢިއްޒަތްތެރި ރައީސް:

މި ޢިއްޒަތްތެރި މަޖިލީހާ މުޚާޠަބުކޮށް މިދިޔަ އަހަރު އަޅުގަނޑު ދަންނަވާފައިވާނެ، ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ޚިދްމަތްތައް ފޯރުކޮށްދީ ޖަވާބުދާރީވުމަށް މި ސަރުކާރު މިއޮތީ ވަރަށް ބޮޑަށް ތައްޔާރުގައި ކަމަށް. އައު ސަރުކާރަށް އަހަރަކާއި ހަތަރުމަސް ހަމަވަމުންދާއިރު، މިކަމުގައި އަޅުގަނޑުމެންނަށް އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން.

2008 ވަނަ އަހަރުގެ ޑިސެމްބަރުމަހު، 16ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ބަޖެޓް ހުށަހެޅުނުއިރު، 2009 ވަނަ އަހަރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައި އޮތީ 5.7 ބިލިއަން ރުފިޔާ. އެހެން ނަމަވެސް، މާޗްމަހު މެދުރާސްތާ ބަޖެޓް ހުށަހެޅުނުއިރު ޑެފިސިޓް 2.2 ބިލިއަން ރުފިޔާއަށްވާނީ ދަށްކުރެވިފައި. ނަމަވެސް، 2009 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ހީނަރުކަމުގެ އަސަރު ރާއްޖެއަށް ފޯރައި، އެކަމުގެ ސަބަބުން ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ އާމްދަނީ 10.2 ބިލިއަން ރުފިޔާއިން އަހަރު ނިމުނުއިރު ވަނީ 6.2 ބިލިއަން ރުފިޔާއަށް ދަށްވެފައި. އެހެންކަމުން، 2009 ވަނަ އަހަރު ނިމުނުއިރު ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތާއެކު އަހަރު ނިންމާލެވުނީ، 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކާއެކު.

2009 ވަނަ އަހަރު ބޭރުގެ މާލީ އިދާރާތަކަށާއި، ބޭންކުތަކަށް ދަރާފައިވާ ސަރުކާރުގެ ޖުމްލަ ދަރަނި މިހުރީ، 553.8 މިލިއަން ޑޮލަރުގައި. އެއީ، އަޅުގަނޑުމެންގެ ޖީ.ޑީ.ޕީގެ ނިސްބަތުން 37.6 ޕަސެންޓް. 2009 ވަނަ އަހަރު ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި އޮތީ، 5.41 ބިލިއަން ރުފިޔާ.

2008 ވަނަ އަހަރު ސަރުކާރުގެ ރިކަރެންޓް ޚަރަދުގެގޮތުގައި ލަފާކުރެވިފައި އޮތީ 8.7 ބިލިއަން ރުފިޔާ. 2009 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓުގައި ރިކަރެންޓް ޚަރަދުގެ ގޮތުގައި ލަފާކުރެވުނީ 8.6 ބިލިއަން ރުފިޔާ. އެހެން ނަމަވެސް، 2009 ވަނަ އަހަރު ނިމުނުއިރު އެ ޢަދަދުވަނީ 7.9 ބިލިއަން ރުފިޔާގައި. ސަރުކާރުގެ ޚަރަދު މިވަނީ ވަރަށްބޮޑުތަނުން ދަށްކުރެވިފައި. މިހިނގާ 2010 ވަނަ އަހަރަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 8.3 ބިލިއަން ރުފިޔާ. އަދި ރައްޔިތުންގެ މަޖިލީހުން ރިކަރެންޓް ޚަރަދުގެ ގޮތުގައި ފާސްކުރައްވާފައިވަނީ 9.1 ބިލިއަން ރުފިޔާ.

ޢިއްޒަތްތެރި ރައީސް:

މި ޢިއްޒަތްތެރި މަޖިލީހާ މުޚާޠަބުކޮށް މިދިޔަ އަހަރު އަޅުގަނޑު ދަންނަވާފައިވާނެ، މި ރާއްޖެއަށް މެދުވެރިވެފައިމިވާ ޑޮލަރުގެ ދަތިކަމަށް ޙައްލުތައް ހޯދުމުގައި އަޅުގަނޑުމެން، މި ސަރުކާރުން އިރާދަފުޅާއެކު ކެނޑިނޭޅި ދެމިތިބޭނެ ކަމަށް.

އުފަލާއެކު މިއަދު އަޅުގަނޑު ދަންނަވާލަން، މިކަމުގައި ފާއިތުވި އަހަރު ސަރުކާރަށްވަނީ މުހިންމު ފިޔަވަޅުތަކެއް އެޅިފައި. މިގޮތުން، އެކުވެރި ދައުލަތްތަކުގެ އެހީތެރިކަން ހޯދައި، އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދެއްވަމުން ގެންދަވާ ލަފާ، ސަރުކާރުންވަނީ އޭގެ ފުރިހަމަ މާނައިގައި ބަލައިގަނެ، ތަންފީޒު ކުރަން ފަށާފައި. މިކަންކަމުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށްވަނީ ފެންނާން ފަށާފައި. ޑޮލަރުގެ އަގު މަތިވަމުންދާ ނިސްބަތް މިހާރުވަނީ ހުއްޓުމަކަށް ގެނެވިފައި. ހަމައެއާއެކު، މިއަހަރުގެ މެދެއްހާ ތާނގައި ޑޮލަރުގެ ދަތިކަންފިލައި، ހަމައަގަށް ގެނެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރަން.

ޢިއްޒަތްތެރި ރައީސް:

އަޅުގަނޑު މިދަންނަވާލި، މާލީ އިދާރާތަކުން ދެއްވާ ލަފާ، ސަރުކާރުން ބަލައިގަތުމުގެ މުހިންމު އެއްބައި ގުޅިފައިވަނީ، ސަރުކާރު މުވައްޒަފުންގެ މުސާރައިގެ ޖުމްލަ ޚަރަދު ކުޑަކުރުމާއި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ކުރެވެންހުރި މަސައްކަތްތަކާވެސްމެ. ޤައުމަށް ދިމާވެފައިވާ މާލީ ޚާއްޞަ ޙާލަތުން މިންޖުވުމަށްޓަކައި ސަރުކާރުން ކަނޑައެޅި ސިޔާސަތުތައް މިހާރުވަނީ ޢާންމު ކުރެވިފައި. އެކިފަހަރުމަތިން ސިވިލް ސަރވިސް ކޮމިޝަނަށްވެސް މިކަންކަންވަނީ އޮޅުންފިލުވައިދެވިފައި. ޤައުމަށް ދިމާވާ މިފަދަ ޚާއްޞަ ކަންކަމުގައި ޤައުމީ ނަޒަރަކުން ވިސްނާލުމަކީ، ފަރުދީ ޒިންމާއެއް އެކަމުގައިވެސް އޮންނަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ސަރުކާރުގެ މުވައްޒަފުންނާއި ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ މުވައްޒަފުން، މުސާރައަށް ގެނެވުނު ބަދަލު ކެތްތެރިކަމާއެކު ބަލައިގަންނަވަމުން ގެންދަވާކަން މި ފުރުޞަތުގައި ފާހަގަކޮށް، އެބޭބޭފުޅުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ރާއްޖެއަށް ދިމާވެފައިމިވާ އިޤްތިޞާދީ ޚާއްޞަ ޙާލަތުން މިންޖުވުމަށްޓަކައި ސަރުކާރުން ކަނޑައެޅި ސިޔާސަތުތައް، ކެތްތެރިކަމާއި ޙިކްމަތްތެރިކަމާއި ވިސްނުންތެރިކަން އިސްކުރައްވައި، މަޑުމައިތިރިކަމާއެކު ތަންފީޒުކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ސަރުކާރުގެ އަދި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮބަދަލުތައް ގެނައުމަށްޓަކައި އިރާދަފުޅާއެކު ވަރަށްބުރަ މަސައްކަތްތަކެއް ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގައި މި ޢިއްޒަތްތެރި މަޖިލީހުގައި އަޅުގަނޑު ކަށަވަރުކޮށް ދަންނަވަން.

މި ރާއްޖޭގައި ދައުލަތުގެ އާމްދަނީ ހަމަޖެއްސުމަށްޓަކައި ނެގެމުން އަންނަ ޓެކްސް، ގިނަ ފަހަރަށް ނެގިފައި މި ހުންނަނީ ނުސީދާކޮށް ނުވަތަ އިންޑައިރެކްޓް ޓެކްސްގެ ގޮތުގައި. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ހަމަތަކުގައި ހިންގާ ފުރިހަމަ މާލިއްޔަތަކާއި އަދި އިޤްތިޞާދެއް ހިންގާން މިވަނީ ދަތިވެފައި. މި ނުކުތާއަކީ މި ޢިއްޒަތްތެރި މަޖިލިސްވެސް ތަކުރާރުކޮށް ފާހަގަކުރާ ނުކުތާއެއް. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ޓެކްސްގެ ނިޒާމް އިޞްލާޙު ކުރުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުންވާނީ މުހިންމު ދެބިލެއް މި މަޖިލީހަށް ހުށަހަޅާފައި. އެއީ، ޓެކްސްގެ ނިޒާމާގުޅޭ އިދާރީ ކަންކަން ހިންގުމަށްޓަކައި އެކުލަވާލެވުނު ބިލަކާއި، އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމަށް ހުށަހެޅުނު ބިލެއް. މި ދެ ބިލްވެސް، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މި މަޖިލީހުން ނިންމަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. މި ދެންނެވި ދެ ބިލުގެ އިތުރުން، ފަތުރުވެރިކަމުން ނެގޭ ޓެކްސް އިސްލާހު ކުރުމަށްޓަކައި "ޓޫރިސްޓް ޚިދްމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް" މިހާރުވަނީ މި މަޖިލީހަށް ހުށަހަޅާފައި. އަދި "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 99/2 އަށް ގެނެވޭ އިޞްލާޙުގެ ބިލް މި މަޖިލީހަށް ހުށަހެޅޭނެ. ފަތުރުވެރިކަމުގެ ވިޔަފާރީގައި ދޭ ޚިދްމަތާއި ވިއްކާ ތަކެތީގެ އަގުން ނެގޭ ޓެކްސް، މިހާރު މި ހުށަހަޅާގޮތުން ނެގެން ފެށުމާއެކުގައި، މިހާރު މި ނެގޭ ރަށުކުލީގެ ގޮތުގައި ނެގޭ ފައިސާ ނެގޭ ގޮތަށް ބަދަލު އަންނާނެ. އަދި މިހާރު ރަށްރަށް ކުއްޔަށް ދޫކުރެވޭ މުއްދަތަށް ބަދަލު އަންނާނެ.

ސަރުކާރުން މި ހުށަހަޅާ މައިގަނޑު ބަދަލުތައް ހުށަހަޅާފައި އެވަނީ ކަމާގުޅޭ އެންމެހާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުގައި. ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލަފާ ހޯދުމަށްފަހުގައި. ސަރުކާރުން ދެކެނީ މި ބަދަލާ ގުޅިގެން ފަތުރުވެރިކަމުގެ ޞިނާޢަތަށް ނުހަނު ހެޔޮ ބަދަލު އަންނާނެކަމަށް.

ޢިއްޒަތްތެރި ރައީސް:

މި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ ފައިސާގެ ދަތިކަމަށް ޙައްލެއް ގެނައުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ކުރެވިގެން ލޯން ދޫކުރާނެ ޚާއްޞަ ބޭންކެއް ޤާއިމުކުރުމުގެ ބިޒްނަސް ޕްލޭންގެ މައްޗަށް ބިނާކޮށް 2010ގެ މެދުތެރޭގައި މިފަދަ ބޭންކެއް ޤާއިމުކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް މިހާރުވަނީ ފެށިފައި. ހަމައެއާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން 18.8 މިލިއަން ރުފިޔާގެ ފަންޑަކުން ލުއި ލޯނު ދޫކުރުމުގެ މަޝްރޫޢެއް އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރު ހިންގަވާފައި. އަޅުގަނޑު ވަރަށް އުފާކުރަން، މި ދެންނެވި ސްކީމްގެ ދަށުން ލޯން ޙައްޤުވާ ފަރާތްތަކުގެ ސައްތައަކުން 41 ޙިއްޞާކުރަނީ އަންހެނުން ކަމަށްވާތީ. އިތުރު ލޯން ސްކީމަކުން، 2009 ވަނަ އަހަރަށްވުރެ އިތުރު ލޯންތައް، 2010 ވަނަ އަހަރު ދޫކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްވަވާފައި.

އިންވެސްޓްމެންޓާއި ވިޔަފާރި ފުޅާކޮށް، އެކްސްޕޯޓުކުރުމަށް ފަހިވާފަދަ ވިޔަފާރީގެ މާޙައުލެއް އުފެއްދުމުގެ ގޮތުން ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ގިނަގުނަ މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. 2009 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ ޖުމްލަ 18 އިންވެސްޓްމަންޓަށް ހުއްދަ ދެވި، މީގެތެރެއިން 11 އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކުރެވިފައިވޭ. 2009ގައި ރަޖިސްޓަރީކުރެވުނު ފޮރިން އިންވެސްޓްމަންޓް ވެލިއުގެ ޖުމްލަ އަދަދަކީ 22 މިލިއަން ޔޫ.އެސް ޑޮލަރު.

ޢިއްޒަތްތެރި ރައީސް.

2009 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ނިޒާމު ތަރައްޤީ ކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިތުބާރު ކުރެވޭ ސްކޫލް އިންޑިކޭޓަރސް ތައްޔާރުކޮށް، ސްކޫލްތަކުގެ ފެންވަރު ވަޒަން ކުރާނެ އައު އުޞޫލެއްވަނީ އެކުލަވާލެވިފައި. 101 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުނު. އަދި 1817 ޓީޗަރުންނަށް ފަންނީ ހުނަރު ދެވި ތަރައްޤީ ކުރެވުނު. ސްކޫލްތަކުގައި ބޯޑުތައް އުފައްދައި، ރައްޔިތުންގެ ސީދާ ޙިއްޞާ އޮވެގެން ސްކޫލްތައް ހިންގަންވަނީ ފަށާފައި. ތަޢުލީމުގެ ފެންވަރު މަތިކުރުމަށް 2009 ގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގްރޭޑް 10 ނިމިގެން ނުކުންނަ ދަރިވަރުން 5 މާއްދާއިން ފާސްވާ މިންވަރު، ބައިވެރިވި ކުދިންގެ 27 އިންސައްތައިން 32 އިންސައްތައަށް މަތިކުރެވިފައިވޭ.

2010 ވަނަ އަހަރުގެ އެންމެބޮޑު އަމާޒަކީ ސްކޫލް ނިންމާފައި ނުކުންނަ ކުދިން 5 މާއްދާއިން ފާސްވާ މިންވަރު މިދިޔަ އަހަރު މަތިކުރެވުނު 32 އިންސައްތައިން 41 އިންސައްތައަށް މަތިކުރުމާއި، މިހާތަނަށް ގިނަ ޢަދަދަކަށް ދަރިވަރުންނަށް ލިބެމުންދިޔަ U ގްރޭޑްތައް 5 އިންސައްތައަށް މަދުކުރުން. އަދި ދަރިވަރުންގެ އާބާދީ ބޮޑު ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ސަރުކާރުން ކުރިއަށް ގެންދާނެ.

މާލީ ސަބަބުތަކާ ގުޅިގެން ކޯސް ފުރިހަމަ ކުރުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ލޯނު ލިބިދެވޭ އުޞޫލަކާ، އަމިއްލަ ގޮތުން ކިޔަވާ ދަރިވަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ލޯނުގެ ގޮތުގައި ދެވޭ އެހީތެރިކަމާއެކުގައި މައިގަނޑު ތިން ލޯނު ސްކީމެއް ސަރުކާރުންވަނީ ހިންގާން ފަށާފައި.

ޢިއްޒަތްތެރި ރައީސް:

ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމުގެ ގޮތުން މަދަނައިގެ ޚިދްމަތް އެތައް ގޮތަކުން ފުޅާކޮށް، ސަރުކާރު މުވައްޒަފުންގެ އިތުރުން ކޮންމެ ރައްޔިތުމީހަކަށްވެސް މި ސްކީމްގައި ބައިވެރިވުމުގެ ފުރުޞަތު ވާނީ ހުޅުވާލާފައި. މީގެތެރެއިން، ފުދުންތެރިކަން ކުޑަ މީހުން، މި ސްކީމްގައި ބައިވެރިކުރުވަނީ ސީދާ ސަރުކާރުގެ އެހީ ދީގެން. މީގެ އިތުރުން، ރާއްޖެއިން ލިބެން ނުހުންނަ ޚާއްޞަ ފަރުވާތައް ލިބުމުގެ މަގު ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި މަދަނަ ޕްލަސް ތަޢާރުފުކޮށް، ސްރީލަންކާއާއި އިންޑިޔާއިން ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ދިވެހިންނަށް ވާނީ ތަނަވަސްކޮށްދީފައި. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި މީހުންނަށް މިހާރު ކޮންމެވެސް އިންޝުއަރެންސް ސްކީމަކުން ބޭސްފަރުވާގެ ޚަރަދު ހަމަޖައްސައިދެވޭ.

2009 ވަނަ އަހަރުގެ ތެރޭގައި، މަދަނައިގެ ޚިދްމަތް ވަނީ 29000 އަށްވުރެ ގިނަ މީހުންނަށް ދެވިފައި. އެއީ، އެއަހަރު ކޮށްދެވުނު 78 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޭސްފަރުވާ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ޚިދްމަތްތައް ފުޅާކޮށް، އެތަން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި، އިންޑިޔާގެ އެޕޯލޯ ގްރޫޕާ އެކުގައި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި. މި އެއްބަސްވުމުގެ ދަށުން، އެ ހޮސްޕިޓަލަށް އިތުރު 20 މިލިއަން ޑޮލަރާ ހަމައަށް އިންވެސްޓް ކުރުމަށްވަނީ އެއްބަސްވެފައި. މި އިންވެސްޓްމަންޓްގެ ތެރޭގައި ހޮސްޕިޓަލްގެ ޢުމްރާނީ ކަންކަމާއި، މެޝިނަރީއާއި އަދި ކަމަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުން ހިމެނޭ.

ރާއްޖެއަށް ކުރިމަތިވާ އެކިއެކި ކާރިސާތަކާއި ޞިއްޙީ އިމަރޖެންސީތަކުގައި ޙަރަކާތްތެރިވުމަށް ދިވެހި ރެޑް ކްރެސެންޓް ވަނީ ޤާނޫނީ ގޮތުން އުފެދިފައި.

އަބޫދާބީގެ ޚަލީފާ ފައުންޑޭޝަނާއި މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން ރާއްޖޭގެ 38 ރަށެއްގެ ހެލްތް ސެންޓަރު، މަތީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ ޕްރޮގްރާމެއް މިއަހަރުގެ ތެރޭގައި ފެށޭނެ. މިމަސައްކަތާ އެކުގައި ރާއްޖޭގެ ވަރަށްގިނަ ރަށެއްގެ ހެލްތް ސެންޓަރުތައް، މިހާރު މިހުރި ހޮސްޕިޓަލްތަކަށްވުރެ ފެންވަރު ރަނގަޅު ވެގެންދާނެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން އެތަންތަނަށް ކިޔަން ގަސްދުކޮށްފައިވަނީ ހަމަ ހެލްތް ސެންޓަރު.

މިއަހަރުގެ ތެރޭގައި މާލެއާއި އަދި ހުރިހާ ޕްރޮވިންސްތަކެއްގައި ހެލްތް ސަރވިސް ކޯޕަރޭޝަންތައް އުފައްދައި، އިތުރު ހޮސްޕިޓަލްތައް، އަމިއްލަ ފަރާތްތަކާ ސަރުކާރު ބައިވެރިވާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ޕީ.ޕީ.ޕީ.ގެ އުސޫލުން އަމިއްލަ ފަރާތްތަކުން ހިންގުމަށް ފުރުޞަތު ހުޅުވާލެވޭނެ.

އަދި ޞިއްޙީ ވުޒާރާގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށްޓަކައި، ޕްރޮވިންސްތަކުގެ ހެލްތް އެންޑް ފެމިލީ ޑައިރެކްޓަރޭޓްތައް އުފައްދައި، ޕްރޮވިންސް އޮފީސްތަކާ އެމިނިސްޓްރީއާއެކު އެއްބަސްވުން ތަކުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ.

ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޞިއްޙީ ޚިދްމަތްތައް އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށްޓަކައި ހެލްތް އިންޝުއަރެންސާބެހޭ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމުގެ އިތުރުން، ޢާންމު ޞިއްޙަތާއި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ހަދަންޖެހޭ ތަފާތު ޤާނޫނުތައް އެކުލަވާލައި، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުމަށްވަނީ ކަނޑައެޅިފައި.

ޢިއްޒަތްތެރި ރައީސް:

ހައްޔަރު ކުރެވި، ތަޙުޤީޤު ކުރެވި، ޝަރީޢަތުގެ މަރްޙަލާއަށްދާން ތިބި މީހުންނާއި ދަޢުވާ ނުކުރެވި، އިންޞާފު ލިބުން ލަސްވަމުންދާ ކަންތައްތަކަކީ، މި ސަރުކާރުން މިންނެތް މަސައްކަތްކޮށްގެން، އިރާދަކުރެއްވިއްޔާ ހަމަ މަގަށް އަޅުވައިދޭނެ ކަންތައްތައް ކަމުގައި އަޅުގަނޑު މިދިޔަ އަހަރު ދަންނަވާފައިވާނެ. މިގޮތުން މިދިޔަ އަހަރު، ޙުކުމް އިއްވި، ޙުކުމް ކުރެވުނު މީހުންގެ އަދަދު ވަނީ 2008 ވަނަ އަހަރާ އަޅާބަލާއިރު 69.7 އިން ސައްތަ އިތުރުވެފައި. ދަޢުވާ ކުރަން ފޮނުވުނު މައްސަލަތަކުގައި ހިމެނޭ މީހުންގެ ޢަދަދުވަނީ 88.2 އިން ސައްތަ އިތުރުވެފައި.

ޢިއްޒަތްތެރި ރައީސް:

މަސްތުވާތަކެއްޗަށް ހުޅުވުނު ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުންވަނީ ވަރަށް އެދެވޭ ނަތީޖާތަކެއް ޙާޞިލު ކުރެވިފައި. މިގޮތުން، އަލަށް މަސްތުވާތަކެތި ބޭނުންކޮށްގެން ހައްޔަރު ކުރެވުނު މީހުންގެ ޢަދަދު، 2008 އާ އަޅާބަލާއިރު 2009 ވަނަ އަހަރުވަނީ 41.14 ޕަސެންޓް ދަށްވެފައި.

ދިވެހި އެތަކެއް ޢާއިލާއަކުން އެކަމެއްގެ ހިތިކަމާ ހިތާމަތައް ތަޙައްމަލް ކުރަމުންދާ މި ބޮޑު ވަބާއިން ދިވެހިން މިންޖުކުރުމަށް، އެކިބާވަތުގެ ބާރުގަދަ ޑްރަގްސް އިސްތިޢުމާލުކުރުމަށް އެހިފާ ވަރުގަދަ ދެވިން ޒުވާން ޖީލުތައް ސަލާމަތްކުރުމަށް އިހުނަށްވުރެ ވަރުގަދަ ގިނަމަސައްކަތެއް މިއަހަރުވެސް ކުރުންމަތީ މި ސަރުކާރު އިރާދަފުޅާއެކީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު އަރުވަން.

ޢިއްޒަތްތެރި ރައީސް:

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގައި މި ޢިއްޒަތްތެރި މަޖިލީހާ މުޚާޠަބުކޮށް މިދިޔަ އަހަރު އަޅުގަނޑު ދަންނަވާފައިވާނެ.

ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ފަސް ވަޢުދުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދު. މިގޮތުން ރާއްޖޭގައި ދިހަހާސް ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމުގެ މަޝްރޫޢެއް އެކުލަވާލައި، މީގެތެރެއިން ހަތްހާސް ހައުސިންގ ޔުނިޓް، 7 ޕްރޮވިންސްގައި ޢިމާރާތް ކުރުމަށް މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2008 ވަނަ އަހަރުގެ ތެރޭގައި ކަނޑައެޅުނު.

ރާއްޖޭގެ ކޮންމެ ޕްރޮވިންސެއްގައި 1000 ގެ ޢިމާރާތް ކުރުމަށް ކަނޑައެޅިފައިވާ މިޕްރޮޖެކްޓް ހިންގުމަށް މާލެއާއި އަތޮޅުތަކުން ކިތަންމެ ރަށެއް ވަނީ ކަނޑައެޅިފައި. އަދި މި މަޝްރޫޢު ހިންގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށްޓަކައި 18 މާޗް 2009 ގައި ހުޅުވާލުމާ ގުޅިގެން، މިދިޔަ އަހަރުގެ ތެރޭގައި، ބައިނަލްއަޤްވާމީ 3 ކުންފުންޏަކުންވަނީ ސަރުކާރާއެކު މަޝްވަރާތައް ފަށާފައި. އެއީ، އިންޑިޔާގެ ދެކުންފުންޏާއި ތައިލަންޑްގެ ކުންފުންޏެއް. މި ތިން ކުންފުނި މެދުވެރިކޮށް، 4000 ހައުސިންގ ޔުނިޓް ބިނާކުރެވޭނެ. މީގެތެރެއިން، މިއަހަރުގެ ތެރޭގައި 800 ގެ ޢިމާރާތް ކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރަން.

ސުނާމީގައި ގެއްލުންވެފައިވާ ޢާއިލާތަކަށް އެހީތެރިވުމުގައި ހިންގޭ ޕްރޮގްރާމްތަކުގެ ދަށުން ތ.ވިލުފުށީގައި 309 ގެ ޢިމާރާތްކޮށް ނިމި، މީހުން ބަދަލުވެ، އެރަށުގައި މީހުން ދިރިއުޅެން ވަނީ ފަށާފައި. ލ.ގަމުގައި 240 ގެ ވަނީ ޢިމާރާތްކޮށް ނިމިފައި. މ.ކޮޅުފުށީގައި ޢިމާރާތް ކުރެވޭ ގެތަކުގެ ޓެންޑަރ މަސައްކަތް މިހާރު ދަނީ ކުރެވެމުން. ތ. މަޑިފުށީގައި ގެދޮރު ޢިމާރާތް ކުރުމަށް ކަނޑައެޅި މަސައްކަތްވަނީ ފަށާފައި. ލ.މާބައިދޫގައި 45 ގޭގެ މަސައްކަތް ހުއްޓިފައި ވަނިކޮށް މިހާރުދަނީ ކުރެވެމުން. ގއ. ވިލިނގިލި، ނިލަންދޫ، މާމެންދޫ، ދާންދޫގައި 298 ގޭގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން.

ރީލޮކޭޝަން ޕްރޮގްރާމްގެ ދަށުން ނޮޅިވަރަމްފަރުގައި 134 ގޭގެ މަސައްކަތުގެ ސައްތައަކުން 78 ވަނީ ނިމިފައި. އަދި 47 ގޭގެ މަސައްކަތް ދަނީ ކުރިއަށް. ދ. ރިނބުދޫން ބަދަލުވި މީހުންނަށް ކ.ތުލުސްދޫގައި ޢިމާރާތް ކުރެވޭ 59 ގޭގެ މަސައްކަތް މިހާރުވަނީ ނިމިފައި. ގއ.ގެމަނަފުށީގައި 27 ގޭގެ މަސައްކަތް މިހާރު ދަނީ ނިމެމުން.

ޢިއްޒަތްތެރި ރައީސް:

ދިވެހިރާއްޖޭގައި އިލެކްޓްރިކް ކަރަންޓް އުފެއްދުމަށް ހޭދަވާ ޚަރަދު ކުޑަކުރުމަށާއި، އިންޖީނުގެތަކަށް ލިބޭ އާމްދަނީއަކުން އެތަންތަން ހިންގުމަށް ސަރުކާރުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައި. މިގޮތުން މިދިޔަ އަހަރު ސްޓެލްކޯ ވަނީ ވިޔަފާރި އުސޫލުން ހިންގާ ކުންފުންޏަކަށް ބަދަލުކޮށްފައި. ވިޔަފާރި އުސޫލުން މައި އިންޖީނުގެ ހިންގަން ފެށުމުން ދިރިއުޅުމުގެ ފެންވަރަށް ބަދަލު އައިސް، ކުރިއަށްވުރެ ދަތިޙާލުގައި އުޅެން ޖެހިދާނެ ފަރާތްތަކަށް ސަރުކާރުން މިދަނީ ހިލޭ އެހީދެމުން. ސީދާ އެހީ އެފަރާތްތަކަށް ދަނީ ފޯރުކޮށްދެވެމުން.

މުސްތަޤްބަލުގައި ކަރަންޓުގެ އަގު ޢާންމު ފަރުދުންނަށް ކުޑަ ކޮށްދިނުމުގެ ގޮތުން އެހެނިހެން މަޝްރޫޢުތައް ދަނީ ރޭވި ހިންގެމުން. މިގޮތުން 75 މެގަވޮޓްގެ ވިންޑް އެނަރޖީ މަޝްރޫޢެއް ޤާއިމް ކުރުމަށް ސްޓެލްކޯއިން މިދިޔަ ނޮވެމްބަރުމަހު ބޭރުގެ ކުންފުންޏަކާއެކު ސޮއިކޮށް ސާރވޭގެ މަސައްކަތްވަނީ ފެށިފައި. މީގެ އިތުރުން، އަޕަރ ސައުތު ޔުޓިލިޓީސްއިން ދެ އިންވެސްޓަރަކާއެކު އަޖުމަ ބެލުމުގެ މަސައްކަތްތަކެއް މިހާރު ކުރިއަށް އެބަގެންދޭ. ސަދަން ޔުޓިލިޓީސް ލިމިޓެޑުން އިންޑިޔާގެ ސުޒްލޯން ކުންފުންޏާއެކު 25 މެގަވޮޓްގެ ވިންޑް އެނަރޖީ މަޝްރޫޢެއް ފެށުމަށް މިދިޔަ ނޮވެމްބަރުމަހު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށް އަދި މައިކްރޯ ސައިޓިންގގެ މަސައްކަތް މިހާރުވަނީ ފެށިފައި. މި ދެމަޝްރޫޢުގެ އިތުރުންވެސް މިއަހަރުގެ ތެރޭގައި ކަރަންޓް އުފެއްދުމުގެ މިފަދަ އިތުރު މަޝްރޫޢެއް ހިންގިދާނެ ކަމަށް ސަރުކާރުން ދެކޭ.

ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ ރައްޔިތުންނަށް ފެނާއި، ނަރުދަމާއާއި، ބަނދަރާއި، ފުރިހަމަ ކަރަންޓާއި އަދި މަގުތައް ހެދުންފަދަ އަސާސީ ޚިދުމަތްތައް ބޭނުންވެފައިވާ ކަމަށާއި، މި ޚިދުމަތްތައް ދެމެހެއްޓެނިވި ލުއިގޮތުގައި ވިޔަފާރި އުސޫލުން ފޯރުކޮށްދޭނެކަމަށް އަޅުގަނޑު ވާނީ މިދިޔަ އަހަރު ދަންނަވާފައި.

ނަރުދަމާ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން 13 ރަށެއްގައިވަނީ ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ނިމިފައި. މި 13 ރަށުގެ ތެރެއިން 6 ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ނިމިފައިވަނީ ނޮވެމްބަރު 2008ގެ ފަހުން. 11 ރަށެއްގައި ނަރުދަމާ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ހިނގަމުން. ދެރަށެއްގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބިޑް ކުރުމުގެ މަރްޙަލާ މިހާރުވަނީ ފެށިފައި.

27 ރަށުގެ ޑިޒައިން މަސައްކަތް ނިމި ނަރުދަމާ ޤާއިމުކުރަން ބިޑް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ވަނީ އިޢްލާނު ކުރެވިފައި. 10 ރަށުގެ ޑިޒައިން އެންޑް ބިލްޑް ނަރުދަމާ ނިޒާމާއި އަދި 10 ރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ވަނީ އިޢްލާނު ކުރެވިފައި. އަދި ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫގައި ބޯފެނުގެ ޚިދްމަތް ދިނުމަށް އެމް.ޑަބްލިޔޫ.އެސް.ސީ. އާ ވަނީ ޙަވާލުކުރެވިފައި.

2009 ވަނަ އަހަރު 20 ރަށުގެ ބަނދަރުގެ މަސައްކަތްވަނީ ނިމިފައި. 22 ރަށުގެ ޢަމަލީ މަސައްކަތް ދަނީ ކުރެވެމުން. އަދި 4 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ވަނީ ސޮއި ކުރެވިފައި. މީގެ އިތުރުން، ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ދެރަށްކަމުގައިވާ މ.މަޑުއްވަރީއާއި ނާލާފުށީގެ އަތިރިމަތި ވަނީ ވެލިން މުއްސަނދި ކުރެވި ވަރުގަދަކުރެވިފައި.

ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ ރައްޔިތުން އުންމީދު ކުރަމުން އަންނަ ހާސްކަމެއް ނެތް ދިރިއުޅުން ބިނާވެގެންވަނީ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ސަރަޙައްދުތައް ހިންގުމުގެ އެންމެހާ ކަންކަން ފުރިހަމަކުރެވިގެން ކަމުގައި މި ޢިއްޒަތްތެރި މަޖިލިހާ މުޚާޠަބުކޮށް މިދިޔަ އަހަރު އަޅުގަނޑު ދަންނަވާފައިވާނެ. މިއަދު އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލާނީ، މި އަމާޒުތައް ޙާޞިލު ކުރުމަށް ފާއިތުވި އަހަރު ސަރުކާރުން ވަރަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި.

ލާމަރްކަޒީ އުސޫލުން ސަރުކާރު ހިންގުން ބައްޓަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އުވާލައި، އެމިނިސްޓްރީއިން ކުރަމުން އައި މަސައްކަތްތައް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށަން ބަދަލުކޮށްފައި. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ބަދަލު ކުރެވުނު މަސައްކަތްތައް ވަނީ ރާއްޖޭގެ 7 ސަރަޙައްދަށް ކަނޑައެޅުއްވި ސްޓޭޓް މިނިސްޓަރުންގެ ބެއްލެވުމުގެ ދަށަށް ބަހާލެވިފައި.

ޕްރޮވިންސް އޮފީސްތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ސްޓޭޓް މިނިސްޓަރުންގެ މަގާމު، އެބޭފުޅަކު ހުންނެވި ޕްރޮވިންސަކާ ގުޅޭގޮތަށް މިއަހަރު ޖަނަވަރީމަހު ވަނީ ހަމަޖައްސާފައި.

އެމް.އެން.ޑީ.އެފް.ގެ ތަފާތު 3 ސަރަޙައްދެއް ކަނޑައަޅައި، އެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ ސިފައިން، އެ ސަރަޙައްދުތަކަށް އެމީހުންގެ ދިރިއުޅުން ބަދަލުކުރުމުގެ މަސައްކަތްވެސް ފާއިތުވި އަހަރުވަނީ ކުރެވިފައި.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޕްރޮވިންސް އޮފީސްތަކާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް މަސައްކަތް، އެއްބަސްވެވޭ އުޞޫލުން ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުންނާ ހަވާލުކުރުމަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި ޕްރޮވިންސްތަކުގެ ސްޓޭޓް މިނިސްޓަރުންނާ ދެމެދު މިއަހަރުގެ ޖަނަވަރީމަހުވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައި.

މި ރާއްޖޭގެ 7 ޕްރޮވިންސްގައި ޔުޓިލިޓީސް ބޯޑުތައް މިހާރުވަނީ އުފައްދާފައި. ޝަރީޢަތުގެ މަރްޙަލާ އަވަސް ކުރުމުގެ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑެސްކުތައް ރާއްޖެތެރޭގައި ޤާއިމްކުރެވިފައިވޭ. މިގޮތުން ސ. ހިތަދޫގައި، ހދ. ކުޅުދުއްފުށީގައި، ގދ. ތިނަދޫގައި، ގއ. ވިލިނގިލީގައި އަދި ފުވައްމުލަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ފެށިފައިވޭ.

ފާއިތުވީ އަހަރު މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުނު "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލު"، ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއެކު ބައެއް އިޞްލާޙް ހިމެނުމަށްފަހު، މި ޢިއްޒަތްތެރި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުން އަލުން ހުށަހަޅާނެ ވާހަކަ މި ދަންނަވާލަނީ ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ހެޔޮ ވިސްނެވުމާއި ތާއީދަށް އެދި އިލްތިމާސް ކުރަމުން.

ކުރިންވެސް ދަންނަވާލިހެން، މި ޢިއްޒަތްތެރި މަޖިލީހުގެ އެއްބާރުލެއްވުން ސަރުކާރަށް މިވަނީ ނުހަނު ބޭނުންތެރިވެފައި. ސަރުކާރުން އެދެނީ، ހުރިހާ ސިޔާސީ ޕާޓީއަކާ އެކުގައި ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން ކަންކަން ޙައްލު ކުރުމުގެ އުޞޫލު އިސްކުރުން. މިވަގުތު އަޅުގަނޑުމެންނަށް މި ރާއްޖޭގައި މިއޮތީ ވަރަށްގިނަ ކަންތައްތަކެއް ކުރާން ފަށަން ޖެހިފައި. ކުރިއަށް މިއޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި، އެތަކެއް މަޝްރޫޢުތަކެއް މިއޮތީ ފެށްޓޭގޮތަށް. މި ޢިއްޒަތްތެރި މަޖިލީހުގައި ތިއްބެވި ތަފާތު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ މެދުގައި ކަންކަމާމެދު ވާހަކަ ދެކެވި ޙައްލު ކުރެވޭނެ އޮނިގަނޑެއް އެކުލަވާލެވިއްޖެނަމަ، އެއީ ރައްޔިތުންނަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، މި ޢިއްޒަތްތެރި މަޖިލީހުގައި އަޅުގަނޑު އެދެނީ، ޚިޔާލުފުޅު ތަފާތުވެވަޑައިގަންނަވާ މެންބަރުން ސަރުކާރާ ވާހަކަފުޅު ދައްކަވައިގެން، މި ޢިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ހުށަހަޅާފައި ހުރި ބިލްތަކަށް، އެބޭފުޅުންނަށްވެސް އޭގައި ފެނިވަޑައިގަންނަވާ ކަންތައްތަކެއް ހިމަނުއްވައިގެންވިޔަސް އަވަހަށް ނިންމެވޭތޯ މަސައްކަތް ކޮށްދެއްވުން.

ޢިއްޒަތްތެރި ރައީސް:

އެނގިވަޑައިގަންނަވާނެ ފަދައިން، މި ރާއްޖޭގެ ނާޒުކު ތިމާވެށި ސަލާމަތް ކުރުމަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން މި ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން މުރަކަ ފަރުތަކާއި، ފީނުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކާއި، ޙިމާޔަތް ކުރެވިފައިވާ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ބާރުއެޅުމަށްޓަކައި، މިކަމާގުޅޭގޮތުން ގިނަ ބައްދަލުވުންތަކެއްވަނީ ބޭއްވިފައި. ސަރުކާރުގެ އެކި ދާއިރާތަކުން ހިންގޭ ޕްރޮޖެކްޓްތަކުގައި މިކަންކަން ހިމެނުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ވަނީ ވާހަކަ ދެކެވިފައި.

ޢިއްޒަތްތެރި ރައީސް:

އަލަށްހެދޭ ރިޒޯޓްތަކަށް ބޭނުންވާނެ މީހުންގެ ފޯކާސްޓް ޕްރޮޖެކްޝަން ހަދައި، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނުވެގެން ނުކުންނަ މީހުންނަށް މިދާއިރާގައި މަސައްކަތް ކުރުމަށް ދިމާވާ ދަތިތައް ބަލައި، ޙައްލު ކުރުމަށް ކުރެވޭނެ ކަންތައްތައް ވަނީ ދިރާސާ ކުރެވިފައި. އަދި ޓޫރިޒަމް ޓްރޭނިންގ ޕެސިލިޓީތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކޮށް، މިމަސައްކަތްތައް މިދިޔަ އަހަރު ކުރިޔަށް ގެންދެވުނު. އަދި މިކަންކަމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ، ދެމެހެއްޓެނިވި ގޮތަކަށް ފުޅާވަމުންދާ އަދި އިޤްތިޞާދީ ފައިދާ ޢާންމުންނަށް ހަމަހަމަކޮށް ޙިއްޞާވާނޭ ގޮތަކަށް މަގުފަހިވެފައިވާ އިންޑަސްޓްރީއަކަށް ހެދުމުގެ ގޮތުން ތަފާތު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވިފައިވޭ.

ޢިއްޒަތްތެރި ރައީސް:

މި ރާއްޖޭގެ ފަތުރުވެރިކަން މިހާރު މިވަނީ ކުރީގެ މިންވަރުތަކަށް އިޢާދަވާން ފަށައި، ޓޫރިސްޓުން އަންނަ އަދަދުތައް އިތުރުވާން ފަށާފައި. އެހެން އެއްވެސް އަހަރެއްގެ ޖަނަވަރީ މަހެއްގައި ރާއްޖެ އައި ޓޫރިސްޓުންނަށްވުރެ ގިނަ އަދަދަކަށް މިއަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް ޓޫރިސްޓުން އައި. މިއީ ވަރަށް ރަނގަޅު ފާލެއް. މިއަހަރު ޓޫރިޒަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމުގެ ރަމްޒެއް.

ރާއްޖޭގެ ތިންވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގައި 2012 ވަނަ އަހަރާ ހަމައަށް 36,659 އެނދު ތަރައްޤީ ކުރުމަށްވަނީ ރޭވިފައި. މި ރޭވުން ކާމިޔާބު ކުރުމުގައި، ރާއްޖޭގައި ހަމައެކަނި އެއްގިންތިއެއްގެ ކޮޓަރި ލިބެން ހުރުމުގެ ބަދަލުގައި، ރާއްޖޭގައި އަގުހެޔޮ ޗުއްޓީއެއް ހޭދަކުރެވޭނެ މަގު ފަހިކުރާންޖެހޭ. ރާއްޖޭގެ ޓޫރިޒަމްގައި މިޑް މާރކެޓެއް އުފެއްދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ. މިހާރު ޓޫރިޒަމްގެ ދާއިރާއިން ޓެކްސް ނެގެމުން އަންނަ ގޮތަށް ބަދަލު ގެނައުމަށްޓަކައި، މި ޢިއްޒަތްތެރި މަޖިލީހަށް، ސަރުކާރުންވަނީ ބިލެއް ހުށަހަޅާފައި.

ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ޚިދްމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މިއަހަރުގެ ތެރޭގައި ކިތަންމެ އިތުރު މަސައްކަތްތަކެއް ހިނގާނެ ކަމަށް އަޅުގަނޑު ލަފާކުރަން. އެނގިވަޑައިގަންނަވާނެ، ހަނިމާދޫގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ބިނާކުރުމަށް އިންޑިޔާގެ ޖީ.އެމް.އާރު ކުންފުންޏާއެކު ސަރުކާރުން މިހާރު ވަނީ އެމް.އޯ.ޔޫ.ގައި ސޮއިކޮށްފައި.

އައްޑުއަތޮޅު ގަމުގެ އެއަރޕޯޓަށް އިންވެސްޓްކޮށް، ބޮޑުކޮށް، ޚިދްމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކާމެދު ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އިންވެސްޓް މޯލްޑިވްސް އިން ވަނީ މިހާރު އިޢުލާނު ކުރައްވާފައި. މި މަޝްރޫޢަށް 30 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކުރެވޭ. މިހާތަނަށް ބޭރު ޤައުމުތަކުގެ ތިންފަރާތަކާއެކު ސަރުކާރުން މިކަމާމެދު މިގެންދަނީ ވާހަކަ ދައްކަމުން.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް 250 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަދުނުވާ އަދަދަކަށް އިންވެސްޓްކޮށްއެތަން ތަރައްޤީކޮށް، ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ސަރުކާރާ ބައިވެރިވާނެ ތަޖުރިބާކާރު ޙިއްޞާދާރެއް ހޯދުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީއާއި ދިވެހި ސަރުކާރުން ވަނީ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން، އައި.އެފް.ސީ އެއީ، މުޢާމަލާތްތަކާބެހޭ ލަފާދޭނެ އިދާރާގެ ގޮތުގައި މިހާރު ހަމަޖައްސާފައި. އައި.އެފް.ސީ. އިން ހުށަހެޅި ތަފާތު މުޢާމަލާތުގެ އޮނިގަނޑު ބެލުމަށްފަހުގައި ސަރުކާރުން މިހާރުވަނީ މިކަމަށް ޝަރުޠު ހަމަވާ ބައިނަލްއަޤްވާމީ ހަ ފަރާތެއް ކަނޑައަޅާފައި. މި ހަ ފަރާތުގެ ތެރޭގައި އިންޑިޔާ، ކެނެޑާ، ތުރުކީ، ސްވިޓްޒަރލޭންޑް އަދި ފްރާންސްގެ ކުންފުނިތައް ހިމެނޭ. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދްމަތްތައް ފުޅާކުރުމުގެ މަސައްކަތުގައި ބައިވެރިއަކު ހަމަޖެހިގެން އެމަސައްކަތް ފެށި ހިނގާން ފަށާނެ.

ޢިއްޒަތްތެރި ރައީސް:

މަސްވެރިކަން އިތުރަށް ފުޅާކޮށް މުއްސަނދި ކުރުމުގެ ގޮތުންނާއި މަސްވެރިންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަސްވެރިކަން ކުރާނެގޮތް ދަސްކޮށްދިނުމުގެ ގޮތުން ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓެއް ޤާއިމު ކުރުމުގެ މަސައްކަތް ވަނީ ފެށިފައި. މީގެ އިތުރުން، ކަޅުބިލަމަހުގެ ޞިނާޢަތު އިތުރު އިންވެސްޓަރުންނަށް ހުޅުވާލުމަށްވެސް ވަނީ ނިންމިފައި.

މެރިކަލްޗަރ ނުވަތަ ކަނޑުން އުފެދޭ ދިރުމުގެ ބާވަތްތައް އުފައްދާން ފެށުމުގެ ޞިނާޢަތު ތަރައްޤީ ކުރުމަކީ، ސަރުކާރުން ވަރަށް އިސްކަންދޭކަމެއް. އިރާދަފުޅާއެކު މިއަހަރުގެ ތެރޭގައި މިކަމާބެހޭ ދެމަޝްރޫޢެއް ހިންގަން ފެށޭނެ.

މަސްވެރިކަން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ލޯން އެހީ ދިނުމުގެ މަސައްކަތްތައްވެސް ފާއިތުވި އަހަރު ކުރިއަށް ގެންދެވިފައިވޭ. މިއާއެކު އީ.ޔޫ.އަށް ބޭރުކުރާ މަހުގައި ހުންނަން ޖެހޭ ސްޓޭންޑަޑްތައް ޤާއިމް ކުރުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައި.

މިއަދު އަޅުގަނޑު ދިވެހި މަސްވެރިންނަށް މިކުރާ އިލްތިމާސަކީ، އާގޮތަކަށް މަސްވެރިކަމަށް ނުކުތުމުގެ އިލްތިމާސް. އިއްޔެ މެންދުރު ބަނދެ، މާ ސިންގާ ކަނޑަށް ބޭލި ބޮޑެތި ދޯނިފަހަރުތައް މިހާރުގެ ދޮށީގެ މަސްވެރިކަމަށް ނުފެތޭތީ، ދޯނި ފަޅުގައި އަޅަން ޖެހުމަކީ ނުހަނު ގެއްލުން ބޮޑު ހާލަތެއް. އަޅުގަނޑުމެންނަށް އިވެމުންދާ އަޑަކީ، މިދޯނިފަހަރު ދޮށީގެ މަސްވެރިކަމަށް ނުކުމެ މުޅި ދުވަހު ތެޔޮ އަންދައިގެން ބާނާ މަހުން ޚަރަދު ދެކޮޅުނުޖެހޭ ވާހަކަ. އެހެންކަމުން، ޚަރަދު ދެކޮޅުޖެހޭ މަސްވެރިކަމަކަށް މިޞްރާބު ޖެހުމަކީ، އަޅުގަނޑު މިދަންނަވާ އާ ވިސްނުން. ގިނަ އޮޑިފަހަރު ބޭނުންކޮށްގެން ކުރެވޭ ލޭނު މަސްވެރިކަން ފަދަ މަސްވެރިކަމެއްގައި މިދޯނިތަކުގެ ބޭނުން މާ ރަނގަޅަށް ކުރެވިދާނެ ކަމަށް ކަމާބެހޭ މާހިރުން އަޅުގަނޑަށް ލަފާދޭ. މިފަދަ ބަދަލަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށް ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެ. އަޅުގަނޑު މަސްވެރިންގެ ފަރާތުން މި އެދެނީ އަލުން އަނބުރާ މަހަށް ފުރުމަށް.

އެނގިވަޑައިގަންނަވާނެ، ދުވަސްތަކެއް ވަންދެން ރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދުގެ 75 މޭލު ބޭރުގައި، ބޭރުގެ ބޯޓުފަހަރަށް ލޭނު އެޅުމުގެ ހުއްދަތަކެއް، ދިވެހި ސަރުކާރުންވަނީ ދީފައި. މިދިޔަ އަހަރުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ނިންމުމާއެކުގައި އެފަދަ ހުއްދަ އިތުރަށް ނުދިނުމަށް ނިންމުނު ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ އޭޕްރިލްމަހުން ފެށިގެން ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ބޯޓުފަހަރު މަސްވެރިކަމެއް ނުކުރާނެ. ރާއްޖޭގެ މަސްކަނޑުތަކުގެ މި ދެންނެވި ސަރަޙައްދުގައި ދެން މަސްވެރިކަން ކުރާނީ ބޮޑެތި ދިވެހި ދޯނިފަހަރު.

ޢިއްޒަތްތެރި ރައީސް:

މި ރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީކުރުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ފާއިތުވި އަހަރުވަނީ ކުރެވިފައި. މީގެތެރޭގައި ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ތަމްރީނުދޭ ސެންޓަރުތައް ޤާއިމުކުރުމާއި، އަދި މިހާރު ހުރި ސެންޓަރުތައް ތަރައްޤީކޮށް ހިންގުން އަދި ފަޅުރަށްރަށް ދިގުމުއްދަތަށް ކުއްޔަށް ދިނުން ފާހަގަކޮށްލެވޭ.

އެގްރިކަލްޗަރ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ދަނޑުވެރިންނަށް ލުއި ލޯން ދޫކުރުމަށްޓަކައި، ފާއިތުވީ އަހަރު ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވުނު. ލޯނު ދޫކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާއި އެގްރިކަލްޗަރ މިނިސްޓްރީއާ ދެމެދު ޤާއިމު ކުރެވޭ އެއްބަސްވުމަކީ، އޭގެ ފެހި ނަތީޖާ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ދަނޑުވެރިންނަށް ލިބިގެންދާނެކަމެއް.

ޢިއްޒަތްތެރި ރައީސް:

2009 ވަނަ އަހަރު ޒުވާނުންނަށް ހިންގުނު ޙަރަކާތްތަކުގައި ގިނަ ޢަދަދެއްގެ ޒުވާނުން ވޮލަންޓިއަރުންގެ ގޮތުގައި ޙަރަކާތްތެރިވިކަން ފާހަގަކުރެވިފައިވޭ. އެއާއެކު ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް ރާވައި އިރާދަކުރެއްވިއްޔާ މިއަހަރު އެ އޮނިގަނޑަށް ޢަމަލުކުރަން ފެށޭނެ.

ޒުވާނުން ކުރިއެރުވުމަށްޓަކައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ސިސްޓަމް އިތުރަށް ހަރުދަނާ ކުރެވި އެ ސިސްޓަމްގެ ދަށުން ގިނަ ޢަދަދެއްގެ ތަމްރީނުތައް ހިންގިފައިވޭ. މިއީ ބޭކާރު ގޮތުގައި ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން މާޔޫސްވެ، މަގު ގެއްލޭ ޒުވާނުން މުޖްތަމަޢަށް އަހުލުވެރި ކުރުމަށް އެހީތެރިވެދޭނެ މުހިންމު މަޝްރޫޢެއް.

އައި.އެލް.އޯގެ މައިގަނޑު ކޮންވެންޝަންގައި ސޮއިކުރުމުގެގޮތުން ސަރުކާރާއި ވަޒީފާދޭ މީހުންނާއި މަސައްކަތްކުރާމީހުންގެ މެދުގައި މި މުޢާހަދާތަކާމެދު ހޭލުންތެރިކުރުވައި، އަދި މަސައްކަތްކުރާމީހުންނާއި މަސައްކަތްކުރުވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި އައި.އެލް.އޯ.ގެ އެހީގައި ސަރުކާރުން މިގެންދަނީ މަސައްކަތްކުރަމުން.

ޢިއްޒަތްތެރި ރައީސް:

ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި 2010 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ދަށުން ސްޕޯޓްސް ސެންޓަރުތައް ޑީސެންޓްރަލައިޒް ކުރެވޭނެ. 2012 އިގެ ކުރިން މޫދު ކުޅިވަރުތަކުގެ ފެސްޓިވަލެއް މި ރާއްޖޭގައި ބޭއްވުމަށްޓަކައި އެކަމުގެ ތައްޔާރީތައް މިއަހަރު ރޭވޭނެ. އަދި މީގެއިތުރަށް ރާއްޖޭގައި ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓެއް ޤާއިމުކުރުން ހިމެނޭ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން އެއްދަންފަޅިއަށް ކިޔަވައިދޭ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް "ސްޕޯޓްސް ފޯރ އޯލް" ގެ ދަށުން ކޮންމެ ދަރިވަރަކަށްވެސް ކުޅިވަރު ކުޅުމުގެ ފުރުޞަތު މިއަހަރުގެ ކުރީކޮޅުގައި ތަނަވަސްކޮށްދެވޭނެ. އަދި ޤައުމީ ކުޅިވަރުގެ ސިޔާސަތެއް ވަނީ އެކުލަވާލެވި، ނޭޝަނަލް ސްޕޯޓްސް ކައުންސިލް އުފައްދައި، ޕްރޮވިންސް ލެވެލްގައި ޤައުމީ ކުޅިވަރުގެ އޮނިގަނޑެއްވަނީ އެކުލަވާލެވިފައި.

ޢިއްޒަތްތެރި ރައީސް:

2009 ޑިސެމްބަރ 29 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުން، ޖެންޑަރ ތަފާތުތައް ބޮޑު ދާއިރާތަކުގައި ހަމަހަމަކަމަށް ވާސިލުވުމަށްޓަކައި "ޓެމްޕަރަރީ ސްޕެޝަލް މެޝަރސް" ތަޢާރުފްކޮށް، މިކަމަށްވަނީ ޢަމަލު ކުރަން ފަށާފައި. މީގެ އަމާޒަކީ ޖިންސީ ތަފާތު ކުރުންތަކުން ލިބޭ ގެއްލުންތައް ދިވެހި އާދަކާދައިގެ ތެރެއިން ދަށްކޮށް ނައްތާލުން.

އަދި މިއަހަރުގެ ޖަނަވަރީމަހު "ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ" މިނަމުގައި ފޯރަމެއް، ރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނާއި، ޕްރޮވިންސް އޮފީސްތަކުން ބައިވެރިވެގެން ވަނީ ބާއްވާފައި. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ބިލުގައި ހިމެނި، މިބައްދަލުވުމުގެ ހުށަހެޅުންތައް، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވާނެ ކަމުގައި އަޅުގަނޑު އުންމީދު ކުރަން.

ޢިއްޒަތްތެރި ރައީސް:

ނިކަމެތިވެފައިވާ ޢާއިލާތަކާއި ދުވަސްވީ މީހުންގެ ޙަޔާތުގެ ބުރަތަކާއި ފަރަޤުތައް ކުޑަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު ފާސްކުރެވި، ޢުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަނާއި ވަޒީފާއަދާކުރާމީހުން ބައިވެރިވާ ރިޓަޔަރމަންޓް ޕެންޝަން ސްކީމެއް ތަޢާރުފު ކުރެވި، އޭގެ ޢަމަލީ މަސައްކަތް މިހާރު ދަނީ ކުރެވެމުން. ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށް ބިނާކޮށް، ޖެންޑަރ މެއިންސްޓްރީމް ކުރުމަށް ހަރުދަނާ އޮނިގަނޑެއް އެކުލަވާލެވި، މި އޮނިގަނޑު މިހާރުވަނީ ފާސްކުރެވިފައި. އަދި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައި.

މީގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި މީހުންނަށް ދެވޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭރުގެ ފަންނީއެހީތެރިކަމާއެކު ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުގެ ތެރޭގައި ހިންގާނެ. އަދި އާބާދީގެ ނާޒުކު ގިންތިތަކަށް ބޭނުންވާ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ބޭނުންވާ މުހިންމު ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން، ކުޑަކުދިންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޑޮމެސްޓިކް ވަޔަލަންސް ބިލު، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅާނަން. އަދި ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމުގެ ގޮތުން މިއަހަރުގެ ޖަނަވަރީމަހު ބޭއްވުނު ޤައުމީ ފޯރަމުން ލިބުނު ހުށަހެޅުންތަކާ އެއްގޮތަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޤާނޫނީ ހައިސިއްޔަތެއް ހޯދައިދިނުމަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ބިލުގައި މި އިޞްލާޙުތައް ޝާމިލް ކުރެވޭނެ.

ޢިއްޒަތްތެރި ރައީސް:

ފުދުންތެރިކަން ނެތް ރައްޔިތުމީހާއަށް ދައުލަތުގެ އެހީ ސީދާ ލިބޭނެ އިންތިޒާމު ހަމަޖައްސައި، ބައެއް ސަބްސިޑީ މިހާރު ވާނީ ދޭންފަށާފައި. އަދި އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް، 65 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ދިނުމަށް މި ސަރުކާރުން ނިންމި، ދައުލަތުގެ އެހީ ދިނުންވަނީ ފަށާފައި. ސަރުކާރުގެ އިސްރާފު ކުޑަކުރުމުގެ ގޮތުން، ތަފާތު ދާއިރާތަކުން ދެވެމުން އައި އެހީތައް އެއްތަނަކުން، ހުރިހާ ރައްޔިތުންނަށްވެސް އެއް އުސޫލަކުން ދިނުމަށްޓަކައި، އަދި ވެލްފެއަރގެ އެހީ، ވަކި ޕްރޮގްރާމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ދައުލަތުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން، އެއް އިދާރާއަކުން ފޯރުކޮށްދޭނެގޮތް މިހާރު ވާނީ ހަމަޖައްސާފައި.

ރައްޔިތުންގެ ތެރެއިން ދައުލަތުގެ އެހީތެރިކަން ބޭނުންވާ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީ ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް ސެކިއުރިޓީ ފަންޑެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ފަށްޓާނަން. މި ސަރުކާރުގެ މައިގަނޑު ސިފަތަކުގެ ތެރޭގައިވާ ހެޔޮވެރިކަމާއި އޯގާތެރިކަން ދިވެހި އެންމެހާ ރައްޔިތުންނަށްވެސް ހާއުފާވެރިކަން ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކުޑަތަންކޮޅެއްވެސް އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން.


ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅުވުމުގެ ވަޢުދު ޙާޞިލުކުރުމަށް މައިގަނޑު ސިޔާސަތެއް ކަނޑައެޅިފައިވޭ. މި ސިޔާސަތުގެ ދަށުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޚިދުމަތް ދިނުމަށްވަނީ އެކި ފަރާތްތަކާ ހަވާލުކުރެވިފައި. އަދި ދަތުރުފަތުރުގެ ޚިދްމަތް ދިނުމަށް ހަވާލުވެފައިވާ ފަރާތްތަކުން އެމަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ.

ޢިއްޒަތްތެރި ރައީސް:

މިރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރުކޮށް، ބޭރުގެ އެހީ ލިބޭ މިންވަރު ބޮޑުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ވަރަށް އެދެވޭ ނަތީޖާތަކެއް ދަނީ ފެންނަމުން. ފާއިތުވި ދެތިންމަސްދުވަހުގެ ތެރޭގައި 16 ވަރަކަށް މިލިއަން ޑޮލަރުގެ ސީދާ ހިލޭއެހީ މިރާއްޖެއަށް ވަނީ ލިބިފައި. މީގެތެރޭގައި ޔޫރަޕްގެ އިއްތިހާދުން ދެއްވާ 10 މިލިއަން ޑޮލަރާއި، އަބޫދާބީ ޚަލީފާ ފައުންޑޭޝަނުން ދެއްވާ 5.8 މިލިއަން ޑޮލަރު ހިމެނޭ.

ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން ފާއިތުވި އަހަރުގެ ތެރޭގައި ރިޕަބްލިކް އޮފް އުރުގުއޭ، ޓްރިނިޑަޑް އެންޑް ޓޮބޭގޯ، މޮންޓެނީގްރޯ، އަދި ރިޕަބްލިކް އޮފް ކޮސޯވޯއާއެކު ރާއްޖެއިން ވަނީ ސިޔާސީ ގުޅުން ޤާއިމުކޮށްފައި. ރާއްޖެއާ އެކުވެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ފާއިތުވި އަހަރުގެ ތެރޭގައި އަޅުގަނޑު ވާނީ އިންޑިޔާ، ސްރީލަންކާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، ސްވިޑްން، ޔޫ.އޭ.އީ، ޤަޠަރު އަދި ބަޙުރައިނަށް ދަތުރުތަކެއް ކޮށްފައި. ބޭރު ޤައުމުތަކުގައި ހުންނަ ދިވެހި ކޮންސިއުލަރ ޚިދުމަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކުރެވިފައި. އަދި މީގެއިތުރުން، އ.ދ.ގެ ޢާންމު ބައްދަލުވުމާއި، ކޮމަންވެލްތް ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި އަދި ކޯޕަންހޭގަންގައި ބޭއްވި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައްދަލުވުމުގައި ދިވެހިރާއްޖެވާނީ ތަމްސީލުކޮށްފައި. އެނގިވަޑައިގަންނަވާނެ ފަދައިން، ކޯޕަންހޭގަންގައި ދިވެހި ވަފްދު ވެގެންދިޔައީ ވަރަށް އިސް ދައުރެއް އަދާކުރި ވަފްދެއްގެ ގޮތުގައި.

އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރަކަށް ރާއްޖެ އަދި ވެފައިނުވި ކަމުގައިވިޔަސް، މި ކައުންސިލްގައި ރާއްޖޭގެ ޙަރަކާތްތައް ވަނީ ވަރުގަދަ ކުރެވިފައި. އަދި އެކައުންސިލްގެ މެންބަރަކަށްވުމަށް ދިވެހިރާއްޖެ މިއަހަރުވަނީ ކުރިމަތިލާފައި.

ޢިއްޒަތްތެރި ރައީސް:

ޤައުމާއި މުޖްތަމަޢަށް ފައިދާހުރި ގޮތެއްގައި ދިގު މުއްދަތަކަށް ޚިދްމަތް ކޮށްފައިވާ ފަރާތްތަކުން އެކުރާ ޚިދްމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އާ ނިޒާމެއްގެ ދަށުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމުދޭން މިދިޔަ އަހަރު ފެށުނު.

އިނާމާބެހޭ ކަންތައްތައް ގެންދެވީ ތަފާތު ދާއިރާތަކުގެ ބޭފުޅުން ހިމަނައިގެން އުފެއްދި ވަރަށް މިނިވަން ކޮމިޓީއަކުން.

ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޚިދްމަތުގެ އަގު ޚާއްޞަ ގޮތެއްގައި ސަރުކާރުން ވަޒަންކުރާ ގޮތަށް ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ބާއްވާ ބައެއް ޖަލްސާތަކާއި، ބައެއް ބައްދަލުވުންތަކާއި އެކިއެކި މުބާރާތްތަކުގެ ޝަރަފުވެރި މެހްމާނަކަށް ވެވަޑައިގަތުމުގެ ފުރްޞަތު، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައި.

ޢިއްޒަތްތެރި ރައީސް:

އަޅުގަނޑު މިދަންނަވާލި ވާހަކަތަކުގެ އަލީގައި، ދިވެހިރާއްޖެ ޑިމޮކްރަސީގެ މަރްޙަލާތައް ކަޑައްތު ކުރަމުންދާއިރު، އަޅުގަނޑުމެންގެ ކުރިމަތިން ފެންނަ މަންޒަރުތައް ވަރަށް ސާފު. ވަރަށް އުޖާލާ. ރައްޔިތުންގެ ހިތްތަކަށް ލިބިފައިވާ އަދި ލިބެމުންދާ ހިތްހަމަޖެހުން ބޮޑު. ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަން ހޯދައިދިނުމަށް ސަރުކާރުން މިކުރާ މަސައްކަތްތަކުގެ ސަބަބުން، އިރާދަކުރެއްވިއްޔާ މިއަހަރު ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުން ގެނެސްދެވޭނެ. އިތުރު ފަސޭހަތައް ހޯދައިދެވޭނެ.

ފަށަމުންވެސް އަޅުގަނޑު ދަންނަވާލާފައިވާނޭ ފަދައިން، މި ޢިއްޒަތްތެރި މަޖިލީހާ މުޚާޠަބުކޮށް މިދެންނެވުނު ވާހަކަތަކުގެ މައިގަނޑު، އަޅުގަނޑު އަމާޒު ކުރާނެ ނާރެހަކީ، ސަރުކާރުގެ މިހުރިހާ މަސައްކަތްތައް އެއީ އަޅުގަނޑުމެން އެންމެންގެ، ދިވެހި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކެނޑިނޭޅި ކުރެވޭ ކަންކަން ކަމުގައިވާކަން. އެހެންކަމުން، ހަމަ، އެ ރޫޙުގައި މި މަޖިލީހުގެ ޢިއްޒަތްތެރި ހުރިހާ މެންބަރުންވެސް ސިޔާސީ ހަލަބޮލިކަމާއި، ޚިޔާލު ތަފާތުވުންތައް ތަޙައްމަލް ކުރެއްވުމުގައި ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމުގެ ރޫޙު ކުރިއަށް ނެރުއްވުމަށް އަޅުގަނޑު އަނެއްކާވެސް އިލްތިމާސް ކުރަން. އަޅުގަނޑުމެންގެ މުޖްތަމަޢުގެ އެކިފަންތީގައި ހިމެނޭ ބައެއް ލޮބުވެތި ރައްޔިތުންގެ ތެރެއިން ހަރުކަށި ކަމުގައި ދެކެވޭ ގޮތްތައް މަޑުމައިތިރި ކުރައްވައި، މުޅި ޤައުމުގެ އެންމެހާ ރައްޔިތުންގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި، އެކުވެރިވުން އިސްކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

މި ރާއްޖެއަށް ރާއްޖޭގެ ރައްޔިތުންނަށް އަބަދަށްޓަކައި ހެޔޮގޮތްތައް މާތްﷲ މިންވަރު ކުރައްވާށި! ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މަސައްކަތްޕުޅުތަކަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ދެއްވާށި! އާމީން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

والحمد للّـه، السّلام عليكم