بسـم اللّه الرّحـمٰـن الـرّحيـم

الحـمد لِلّـهِ ربّ العـالمـين، أقـام بالعـدل نظـام ملـكه المتـين، والصّـلاة والسـّلام على خاتـم الأنبيـاء والمرسـلـين، بــين لنــا جــمـيعا طريـق الخـير والصّلاح فى شـئون الأمّـة وأمورالدّيـن.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން:

الســّلام عليــكم ورحـمــة اللّـه وبـركاتـه،

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ތިޔަ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، މަނިކުފާނަށާއި، ޢިއްޒަތްތެރި ނާއިބު ރައީސަށާއި، ޢިއްޒަތްތެރި މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ކުރިޔަށް އޮތް ފަސް އަހަރަށް އިންތިޚާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ޢައްޔަންކުރި މެންބަރުން، މީގެ އިރުކޮޅެއްކުރިން ވަނީ، މެންބަރުކަމުގެ ޤާނޫނީ ހުވާ ކުރައްވާފައި. މިއުފާވެރި މުނާސަބަތުގައި، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ހަމައެޔާއެކު، ވޭތުވެދިޔަ 5 އަހަރު، މަޖިލީހުގެ މެންބަރުން ކޮށްދެއްވާފައިވާ މުހިންމު ޤައުމީ ޚިދްމަތުގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަންް.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގެ ހުވާ އަލްފާޟިލް އަޙްމަދު ޒާހިރު ކުރައްވައި، އެމަގާމާ އަލުން ހަވާލުވެވަޑައިގެންފައި ވުމާއެކު، އެމަނިކުފާނަށް، މިމުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާ އަޅުގަނޑު ދަންނަވަން.

އަދި މީގެ އިރުކޮޅެއް ކުރިން، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުގެ ހުވާ ކުރައްވައި، އެމަގާމާ ހަވާލުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މާޅޮސްމަޑުލު ދެކުނުބުރީ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށްވެސް، އަޅުގަނޑު ތަހުނިޔާ ދަންނަވަން.

މަޖިލީހުގެ މަސައްކަތްތައް، މިދެބޭފުޅުންގެ ބެއްލެވުމުގެ ދަށުން، އަދި ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުމާއެކު، ވަރަށް އެދެވޭ ގޮތެއްގައި ހިނގަމުންދާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން.

މިފުރުޞަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމު، 12 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ވަރަށް އިޚްލާޞްތެރިކަމާއި ވަރަށް ޤާބިލް ކަމާއެކު ފުރުއްވުމަށްފަހު، މިދިޔަ އަހަރު އެމަގާމުން އިސްތިޢުފާ ދެއްވި، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކުގެ މަތިން ހަނދާންކޮށް، އެމަނިކުފާނަށްވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ޝުކުރު ދަންނަވަން.

އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމު ފުރުއްވި އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށްވެސް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ތިޔަ ޢިއްޒަތްތެރި މަޖިލިސް މިއަހަރަށް މިހުޅުވެނީ، ދިވެހި ޤައުމު، ތަރައްޤީގެ ވަރަށް މުހިންމު ހިސާބެއްގައި ވަނިކޮށް. މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން، ރާއްޖެ ޙާޞިލު ކޮށްފައިވާ މުހިންމު ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، ދައުލަތް ހިންގުމުގެ ދީމުޤްރާޠީ ނިޒާމުތަކަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ކުރިމަތިލާފައިވާ ވަގުތެއްގައި. އާ ހިތްވަރަކާއެކު، އިތުރު ކާމިޔާބީ ހާސިލު ކުރުމަށް، މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ވަގުތެއްގައި.

އެހެންކަމުން، އަޅުގަނޑު ދެކޭގޮތުގައި، މިމުހިންމު މަސައްކަތްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ވަރަށްބޮޑު ޙިއްޞާއެއް، އެކުލެވިގެންވާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

އަޅުގަނޑުމެންގެ ޤައުމު މިވަގުތު މިވަނީ، ވަރަށްބޮޑު ހިތްދަތިކަމެއްގެ ތެރޭގައި. އާދެ! އެއީ، ދެންމެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، އެއިޝާރާތް ކުރެއްވި ފަދައިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ބޮޑު ޤައުމީ ކާރިސާގެ ހިތާމަ. މިހާދިސާއަކީ، މީގެކުރިން ދުވަހަކުވެސް ރާއްޖެއަށް ދިމާނުވާވަރުގެ ކާރިސާއަކަށްވުން އެކަށީގެންވޭ. މިހިތާމަވެރި ހާދިސާގައި، 82 މީހަކު ނިޔާވެ، 26 މީހަކު ވަނީ ގެއްލިފައި. އަދި ގޯތިގެދޮރަށާއި، މީސްމީހުންގެއާއި، ސަރުކާރުގެ މުދަލަށާއި ތަންތަނަށާއި ތަކެއްޗަށް، ވަރަށް ބޮޑެތި ގެއްލުންތަކެއް، ވަނީ ލިބިފައި.

މިކާރިސާގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރި މީހުންނާއި ކުދިންގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި، ދުޢާ ކުރަން. އަދި އެމީހުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ސަވާބު އިތުރު ކުރެއްވުން އެދި، އިބްތިހާލުވަން.

ޙަޤީޤަތުގައި، މިކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތަކަކީ، ޤައުމީ ނިސްބަތަށް ބަލާއިރު، އެހެން ޤައުމުތަކަށް ލިބުނު ގެއްލުންތަކަށްވުރެ މާބޮޑެތި ގެއްލުންތަކެއް. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރުގެ ބުރަ މަސައްކަތުން ރާއްޖެ ޙާޞިލު ކޮށްފައިވާ ކުރިއެރުމާއި ތަރައްޤީގެ ބޮޑުބައެއް، ކުޑަހިނދުކޮޅެއްގެ ތެރޭގައި މިވަނީ، ހަލާކުވެ، ނެތިގެންގޮސްފައި.

ރާއްޖޭގެ އިޤްތިޞާދު، 2004 ވަނަ އަހަރު 8.8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވިޔަސް، މިކާރިސާއިން ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން، މިއަހަރުގެ އިޤްތިޞާދީ ކުރިއެރުން ވަރަށް ބޮޑުތަން މަޑުޖެހޭނެ ކަމަށް ލަފާ ކުރެވޭ.

މިކާރިސާއާ ގުޅިގެން، އެހީއަށް ބޭނުންވި ފަރާތްތައް ހޯދައި، އެފަރާތްތަކަށް އެހީ ލިބޭނެ އިންތިޒާމުތައް ރާވައިގެން، ވަގުތުން ވަގުތަށް އެހީ ދިނުމުގެ ކަންތައްތައް ހިންގަމުން ގެންދެވުނު.

އަދި އެހީގެ ކަންތައްތައް ހިންގުމަށްޓަކައި، ”ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ“ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ވަނީ އުފައްދާފައި.

އަދި މިކަމުގައި އެހީވެދިނުމަށް، އެކިފަރާތްތަކުންދޭ މާލީ އެހީ ބަލައިގަތުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސްގައި ޚާއްޞަ ދެބޭންކް އެކައުންޓެއް، ވަނީ ހުޅުވާފައި. މިގޮތުން، އެހީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއަކާއި ތަކެތި ބޭނުންކުރެވެމުންދާގޮތް ބަލަހައްޓާ، ސަރުކާރުގެ އިތުރުން، އ.ދ.އާއި އަމިއްލަ ކުންފުނިތަކުގެ މަންދޫބުންގެ މައްޗަށް އެކުލެވޭ، ބޯޑެއްވެސް ވަނީ އުފައްދާފައި.

މިކާރިސާގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުމުގެ މިންވަރަކީ ކޮބައިތޯ ބެލުމަށް ކުރެވުނު ދިރާސާ ދައްކާ ގޮތުން، މިކަމުން ރާއްޖެއަށް ގާތްގަނޑަކަށް 470 މިލިޔަން ޔޫ.އެސް. ޑޮލަރުގެ ގެއްލުން، ވަނީ ލިބިފައި. ރާއްޖޭގެ ރަށްރަށުގެ ބިންގަނޑަށާއި، ގޮނޑުދޮށަށާއި، ފަރުތަކަށް ލިބުނު ބައެއް ގެއްލުންތައް މީގެތެރޭގައި ހިމެނިފައި ނުވާތީ، ޙަޤީޤަތުގައި ލިބުނު ގެއްލުންތައް، ކުރިން މިދެންނެވި އަދަދަށްވުރެ މާބޮޑުވާނެ.

2003 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު ބޭނި މަހާއި، ލިބުނު އާމްދަނީ އިތުރުވެފައި ވިޔަސް، ބޮޑުރާޅު އެރުމުގެ ކާރިސާގެ ސަބަބުން، މަސްވެރިކަމުގެ ދާއިރާއަށް ވަނީ ވަރަށްބޮޑު ގެއްލުމެއް ލިބިފައި.

ވޭތުވެދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ޢަދަދު، ހަލައްކައަށްވުރެ މައްޗަށް ގޮސްފައިވޭ. މިއީ، 2003 ވަނަ އަހަރާ އަޅާބަލާއިރު، 9.4 އިންސައްތަ އިތުރު ޢަދަދެއް. ބޮޑުރާޅު އެރުމުގެ ކާރިސާގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު މިވަނީ، ޢުމްރާނީ ގޮތުންނާއި، މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި ވަރަށްބޮޑު ހީނަރުކަމެއް އައިސްފައި. އެހެންކަމުން، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރު ކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ސަރުކާރާ ގުޅިގެން، ވަރަށް ޚާއްޞަ މަސައްކަތްތަކެއް، މިގެންދަނީ ކުރަމުން.

ރާއްޖޭގެ ދަނޑުވެރިކަމަށް ބަލާއިރު، ރާއްޖޭގައި އުފައްދާ ތަކެތީގެ މިންވަރާއި މިތަކެތި ވިއްކައިގެން ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރަށްވުރެ އިތުރުވެފައިވިޔަސް، ބޮޑުރާޅު އެރުމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށްވެސް، މިވަނީ ވަރަށްބޮޑު ހީނަރުކަމެއް އައިސްފައި. އެގެއްލުންތައް ފޫބެއްދުމަށްވެސް، އިރާދަކުރެއްވިއްޔާ ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ޤަޞްދު ކުރަން.

މަސްވެރިކަމަށާއި ދަނޑުވެރިކަމަށް މިލިބުނު ގެއްލުންތައް ފޫބެއްދުމަށް، ބޭރުގެ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި މަޝްރޫޢުތަކެއް ރޭވި، ވަރަށް އަވަސް ފުރްޞަތެއްގައި، އެމަޝްރޫޢުތަކުގެ މަސައްކަތްތައް ފެށޭނެ.

މާތްﷲގެ ވާގިފުޅާއެކު، ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުން ގެންދާނީ، މިކާރިސާ ރާއްޖެއަށް ކުރިމަތިވިއިރު އަޅުގަނޑުމެން ތިބި ޙާލަތަށްވުރެ، ރަނގަޅު ޙާލަތަކަށް ޤައުމު ގެންދެވޭތޯ.

މިކާރިސާއިން ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތައް ފޫބެއްދުމަކީ، އަޅުގަނޑުމެންގެ އަމިއްލަ ވަސީލަތްތަކުން ކުރެވޭވަރު ކަމަކަށް ނުވާތީ، މިމަސައްކަތްތަކަށް ބޭރުގެ އެހީ ވަރަށް ބޮޑަށް ބޭނުންވޭ. މިހާރުވެސް، ވަރަށްގިނަ ޤައުމުތަކުންނާއި ޖަމާޢަތްތަކުން ރާއްޖެއަށް ވަނީ، ބައެއް އެހީ ދީފައި.

ޤައުމުގެ ވަސީލަތްތައް އަލުން ބިނާ ކުރުމަށް ބޭނުންވާ އިތުރު އެހީ ހޯދުމަށްޓަކައި، ވަރަށް ބޮޑެތި މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. މިގޮތުން، ޖަކާޓާގައި، މިދިޔަ ޖަނަވަރީ މަހު ބޭއްވުނު އާސިޔާން ސަރަޙައްދުގެ އެންމެ އިސްވެރިންގެ ޖަލްސާގައި ބައިވެރިވުމަށް، އަޅުގަނޑަށް ދަޢްވަތު ލިބުމުން، އެޖަލްސާގައި ބައިވެރިވެ، އާސިޔާން ޤައުމުތަކުގެ ވެރިންނާއި، އެހީދޭ އިސް ފަރާތްތަކާ ބައްދަލުކޮށް، ވާހަކަ ދެއްކިން. އެފަރާތްތަކުން ވަރަށް އެދެވޭ އިޖާބައެއްވެސް، ވަނީ ލިބިފައި.

ސުނާމީ ކާރިސާގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް، ބޭރު ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ވެރިންނާއި، އެހީދޭ އެކިއެކި ޖަމާޢަތްތަކުގެ އިސްބޭފުޅުން ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާކަމީ، ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބޭ ކަމެއް. އަދި އެއީ، ޤައުމު ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް، ބޭރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން އޮތް ކަމުގެ ވަރަށްބޮޑު ދަލީލެއްވެސްމެ.

މިކާރިސާއާ ގުޅިގެން، ރާއްޖެއަށް މިހާތަނަށް ޒިޔާރަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި، އެމެރިކާގެ ކުރީގެ ދެރައީސުން ކަމަށްވާ، ޖޯޖް ބުޝްއާއި، ބިލް ކްލިންޓަން، ތުރުކީވިލާތުގެ ބޮޑުވަޒީރު ރަޖަބު ޠައްޔިބު އެރުދޯޣާން، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކޯފީ އަނާން ހިމެނިވަޑައިގަންނަވާ.

އަދި ވާރލްޑް ބޭންކުގެ ރައީސް މިސްޓަރ ޖޭމްސް ވުލްފެންސަނާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ނާއިބު ރައީސް މިސްޓަރ ލީކުން ޖިން ވެސް ހިމެނިވަޑައިގަންނަވާ. އަދި އެތައް ޤައުމެއްގެ ވަޒީރުންނާއި، ބައިނަލްއަޤްވާމީ ބައެއް ޖަމްޢިއްޔާތަކުގެ އިސްވެރިންވެސް، ރާއްޖެއަށް ވަނީ ޒިޔާރަތް ކުރައްވާފައި.

ޙަޤީޤަތުގައި، ބޭރުން ލިބެމުން މިދާ އެހީތަކަކީ، ވަގުތީ ފަރުވާއެއް. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއަށް، ތަރައްޤީގެ މަގުގައި ކުރިއަށް ދެވޭނީ، އަޅުގަނޑުމެންގެ ޞިނާޢީ ޙަރަކާތްތައް ކުރިއަރައިގެން. ޤައުމުގެ އިޤްތިޞާދު، ހަރުދަނާކަންމަތީ ދަމަހައްޓަމުން ގެންގޮސްގެން.

ބޮޑުރާޅު އެރުމުގެ ސަބަބުން ގެއްލުން ލިބުނު ރަށްރަށުގެ ރައްޔިތުންގެ ތެރެއިން، ތަރައްޤީގެ ފުރްޞަތު ބޮޑު ރަށްރަށަށް ދިރިއުޅުން ބަދަލުކުރަން އެދޭ ރައްޔިތުންނަށް، އެކަމަށް އެދުމުގެ ފުރްޞަތު، މިހާރު މިވަނީ ހުޅުވާލެވިފައި. މިގޮތުގެ މަތިން މީހުން ބަދަލުވުމަށް، ރައްކާތެރި ރަށްރަށުގެ ޕްރޮގްރާމްގެ ދަށުން މިހާރުވަނީ ބައެއް ރަށްރަށް ކަނޑައެޅިފައި. އަދި ކުރިއަށް އޮތް ތާނގައި، މިޕްރޮގްރާމަށް އިތުރު ރަށްރަށް ކަނޑައެޅޭނެ.

ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ކާރިސާއަކީ، ފަހަކަށް އައިސް ޤައުމަށް ކުރިމަތިވި އެންމެ ބިރުވެރި ޤުދުރަތީ ހާދިސާ ކަމުގައި ވިޔަސް، އެދުވަހަކީ ދިވެހި ރައްޔިތުންގެ އެންމެ ހަރުދަނާ ސިފަތައް، ވަރަށް އަލިގަދަ ގޮތެއްގައި ފެނިގެންދިޔަ ދުވަހެއް. އެދުވަހު ރާއްޖޭގެ ރައްޔިތުން ދައްކަވާފައިވަނީ، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ޖަމާޢަތުގެ ރޫޙުގެ ވަރަށް ރީތި މިސާލެއް. އެކަމަށްޓަކައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރި ކަމާއި ލޯތްބާއެކު، ޝުކުރު ދަންނަވަން. އަދި މިމަސައްކަތްތަކުގައި ވަޒީރުންނާއި، ސަރުކާރުގެ އެކި ދާއިރާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ބޭފުޅުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި، އެހުރިހާ ބޭފުޅުންނަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި އެދުވަހު ފެނިގެންދިޔަ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ އަހަރެއްގެވެސް، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަކީ، އެއްބައިވަންތަ ކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް، މިހާރުވަނީ ނިންމާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ދިވެހި މުޖްތަމަޢުގެ ތަޢްލީމީ ފެންވަރަށާއި، ހޭލުންތެރިކަމަށާއި، އާބާދީއަށް އަންނަމުންދާ ބަދަލުތަކަށާއި، ރާއްޖޭގެ ދުސްތޫރީ ނިޒާމާއި، ހިންގުމުގެ ނިޒާމު، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ތަރައްޤީވަމުން އައިސްފައިވާ ގޮތަށް ބަލާއިރު، ޤައުމު މިވަނީ، ދުސްތޫރީ އާ ބާބެއް ފެށުމަށް ތައްޔާރުވެފައި.

މިގޮތުން، ދައުލަތް ހިންގުމުގެ ދީމުޤްރާޠީ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް މިހާރު ގެންނަން ޖެހޭ ކަމަށް ފެންނަ އިޞްލާޙުތަކެއް ގެނައުމަށްޓަކައި، މިހާރު މިވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލިސް، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެކުލަވާލެވި، މިދިޔަ އަހަރުގެ ޖުލައި މަހުގެ 19ވަނަ ދުވަހު އެމަޖިލިސް އެއްކުރެވިފައި.

ޤާނޫނުއަސާސީއަށް ގެންނަން އަޅުގަނޑަށް ފެންނަ މައިގަނޑު އިޞްލާޙުތައް ރަސްމީ ސިފައެއްގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް، މިމަހުގެ 14 ވަނަ ދުވަހު އަޅުގަނޑު ވާނީ ފޮނުވާފައި. އަދި ޤާނޫނުއަސާސީ އިޞްލާޙު ކުރުމާ ބެހޭގޮތުން ރައްޔިތުން ފޮނުއްވި ހުރިހާ ޚިޔާލުތައްވެސް، އަޅުގަނޑު ވާނީ ޚާއްޞަ މަޖިލީހަށް ހަމަ އެދުވަހު ފޮނުވާފައި.

ރާއްޖެއަށް ގެންނަމުން މިދާ އިޞްލާޙީ ބަދަލުތަކުގައި، މިވޭތުވެދިޔަ އަހަރަކީ، ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރެއް. މީގެއިތުރުން، ކުރިމަގަށް ކަންތައްތައް ފަހިކުރުމަށްޓަކައި ކުރެވެން ހުރި އިޞްލާޙީ މަސައްކަތްތައް، މިހާރުވެސް މިގެންދަނީ ކުރަމުން.

މިގޮތުން، މިދިޔަ އަހަރު، ރާއްޖޭގެ ސިޔާސީ ނިޒާމު މިހާރަށްވުރެ ފުޅާކުރުމުގެ ދިރާސާއެއް، އެމެރިކާގެ ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް ފޮރ އިންޓަރނޭޝަނަލް އެފެއާޒާ ގުޅިގެން، ވަނީ ކޮށްފައި. އަދި ކޮމަންވެލްތާ ގުޅިގެން، ރާއްޖޭގެ އިންތިޚާބީ ނިޒާމާއި، ދުސްތޫރީ ނިޒާމު ފުޅާ ކުރުމުގެ މަޝްރޫޢެއް ވަނީ ފަށާފައި.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތް ކުރިއަށްދާ ގޮތަށް ރިޢާޔަތްކޮށް، އާ އިންތިޚާބީ ނިޒާމެއް ކަނޑައެޅުމުގެ ބިލަކާއި، ރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ބިލެއްވެސް ތައްޔާރު ކުރުމުގެ މަސައްކަތް، ކޮމަންވެލްތުގެ މާހިރެއްގެ އެހީއާއެކު މިހާރު ހިނގަމުން އެބަދޭ.

ހަމައެޔާއެކު، ރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ޤާނޫނުއަސާސީއަށް އަޅުގަނޑު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ އިތުރުން، ޤައުމީ މަޝްރޫޢެއްގެ ގޮތުގައި ހިންގާ ”ކްރިމިނަލް ޖަސްޓިސް އެކްޝަން ޕްލޭން“، އިރާދަކުރެއްވިއްޔާ، އަންނަ މާޗް މަހުގެ ތެރޭގައި ޝާއިޢު ކުރެވޭނެ.

ރާއްޖޭގެ ޢަދުލު އިންޞާފުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުން މިގެންދާ މަސައްކަތަށް ބޭނުންވެފައިވާ އެންމެ މުހިންމު އެއްކަމަކީ، ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢްލީމު ޙާޞިލު ކޮށްފައިވާ އިތުރު މީހުން އުފެއްދުން ކަމަށްވާތީ، މިމަޤްޞަދު ޙާޞިލު ކުރުމަށްޓަކައި، މީހުން ބިނާކުރުމުގެ އާ ޕްރޮގްރާމެއް، މިއަހަރުގެ ތެރޭގައި އިޢްލާނު ކުރެވޭނެ.

ކުށް ކުރުން މަދުކުރުމާއި، ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު އިޞްލާޙު ކުރުން ކަމަށްވާތީ، ޤާނޫނުލްއުޤޫބާތު އަލުން އެކުލަވާލުމުގެ މަސައްކަތް، މިހާރު ވަނީ ފެށިފައި. މިއަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ އާ ޤާނޫނުލްޢުޤޫބާތުގެ ބިލް، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅޭނެ. މިބިލް، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅާއިރު، ޙުކުމް ކުރުމާބެހޭ ޤާނޫނެއްގެ ބިލެއްވެސް، ތިޔަ މަޖިލީހަށް ފޮނުވޭނެ.

ޝަރްޢީ އަދި ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ އަނެއް މަސައްކަތަކީ، ދަޢުވާ ކުރުމާބެހޭ މިންގަނޑުތަކެއް އެކުލަވާލުމުގެ މަސައްކަތް. މީގެއިތުރަށްވެސް، ވަރަށްގިނަ ޤާނޫނުތަކެއް މިހާރުދަނީ އެކުލަވާލެވެމުން. އޭގެތެރޭގައި، ފުލުހުންނާބެހޭ ޤާނޫނާއި، ހެތްކާބެހޭ ޤާނޫނުގެ ބިލް ހިމެނޭ.

ވޭތުވެދިޔަ އަހަރު އިންސާނީ ޙައްޤުތަކާބެހޭ ބިލަކާއި، ވަޒީރުންނާ ސުވާލު ކުރުމުގެ ބިލެއް، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ފޮނުވިން. އަދި މިދެބިލް، މަޖިލީހުގެ މިފެށުނު އާ ދައުރަށްވެސް، މިހާރުވާނީ ފޮނުވާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

މިވޭތުވެދިޔަ އަހަރަކީ، ރާއްޖޭގެ ސިޔާސީ ޙަޔާތުގައި ނޭދެވޭ ކަންތައްތަކެއްވެސް ހިނގި އަހަރެއް.

ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ފެށުމަށް، ޚާއްޞަ މަޖިލިސް އެއްކޮށްފައި ވަނިކޮށް، އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެރެޔާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް ބަޔަކު އެއްވެ، ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގައި، ޢާންމު މަޞްލަޙަތާއި އަމަން އަމާންކަން ގެއްލޭ ހިސާބަށް ކަންތައްތައް ގެންދިޔަ.

މިހިސާބަށް ކަންތައްތައް ދިޔުމުން، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކުއްލި ނުރައްކަލުގެ ޙާލަތު، އޯގަސްޓް މަހުގެ 13 ވަނަ ދުވަހު އަޅުގަނޑު އިޢްލާނު ކުރިން. އެކަންތައްތަކުގެ ތަފްޞީލު، އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު އެރުވިން.

އަދި ކަންތައްތައް ހަމަޖެހުމަކަށް އައުމުން، އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައިން. އަދި މިކަން ހިނގާދިޔަގޮތް، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ލިޔުމުން ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ވާނީ، ފޮނުވާފައި.

އޯގަސްޓް 12-13އިގެ ކަންތައްތައް ހިންގި ނުވަތަ އެކަމަށް ހިތްވަރު ދިން މީހުންގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުވާލަން މަސައްކަތް ކުރަން އުޅުނު ބަޔަކާއި، ބޭރުގެ ފަރާތްތަކާއި ރާއްޖެއާ ދެމެދު އޮންނަ އެހީގެ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތައް ކަނޑުވާލަން މަސައްކަތް ކުރި ބަޔަކު ހިމެނޭ. މިގޮތުން، ސުނާމީ ކާރިސާއާ ގުޅިގެންވެސް ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އެހީ ނުދިނުމަށް، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ މަދު ބަޔަކު ނަމަވެސް އަޑު އުފުލާކަމީ، ވަރަށް ހިތާމަހުރި ކަމެއް.

މިކަންތައްތައް ރާވައި ހިންގުމުގައި ބޭރުގެ ބައެއް ފަރާތްތަކުގެ އަތެއްވާކަމީ، އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް ސަމާލުވާންވީ ކަމެއް.

އަޅުގަނޑުގެ އުންމީދަކީ، އަދި އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ރައްޔިތުންގެ އުންމީދަކީވެސް، އަޅުގަނޑުމެންގެ ރާއްޖެއަށް ގެންނަމުން މިދާ އިޞްލާޙުތަކާއި ބަދަލުތަކަކީ، ހަމަޖެހިފައި އޮންނަ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގެ ތެރެއިން، ޞުލްޙަވެރިކަމާއި ހަމަޖެހުމާއެކު ގެނެވޭ ބަދަލުތަކަކަށް ވެގެން ދިޔުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

މަސްތުވާ ތަކެތީގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރެވޭތޯ ހިންގާ ޤައުމީ ކެމްޕޭނެއް މިހާރުވަނީ ފެށިފައި. ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް، މަސްތުވާ ތަކެތީގެ ފަރުވާއަށް ބޭނުންވެފައިވާ މީހުންނަށް، ފަސޭހަކަމާއެކު ފަރުވާގެ ޚިދްމަތް ފޯރުވައިދިނުމުގެ މަސައްކަތާއި، މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރްކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައްވެސް، ދަނީ ހިނގަމުން. މީގެއިތުރުން، މަސްތުވާ ތަކެތީގެ ނުރައްކާތެރިކަން، ވިސްނައިދީ، މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް، މިއަހަރު އިތުރު ޕްރޮގްރާމްތަކެއް ހިންގޭނެ.

ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ ނިޒާމު ހަރުދަނާކޮށް، ކުޑަކުދިން ކުށްތަކުން ދުރުކުރުވުމަށާއި، މުޖްތަމަޢަށް ފައިދާހުރި ބަޔެއްގެ ގޮތުގައި އެކުދިން ތަރުބިއްޔަތު ކުރުމަށްވެސް، މިއަހަރުގެ ތެރޭގައި އިތުރު މަސައްކަތްތަކެއް ކުރެވޭނެ.

ރާއްޖޭގައި ދެވޭ ބައިނަލްއަޤްވާމީ މުވާޞަލާތުގެ ޚިދްމަތް ފުޅާކޮށް ކުރިއެރުވުމަށާއި އައި.ސީ.ޓީ.ގެ ދާއިރާއިން މިހާރު ކުރެވެންނެތް ބައެއް ކަންތައްތަކަށް މަގުފަހިކޮށް ދިނުމަށްޓަކައި، ސަބްމެރީން އޮޕްޓިކަލް ފައިބަރުގެ ޛަރީޢާއިން ރާއްޖެ، ބޭރުގެ އެފަދަ ވިއުގަތަކާ ގުޅާލުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ.

ރާއްޖޭގެ ޤައުމީ ތަރައްޤީގެ 7 ވަނަ މަޝްރޫޢުވެސް، މިއަހަރު އެކުލަވާލެވޭނެ.

އަތޮޅުތަކުގެ ތަރައްޤީއަށް ހިންގާ ކަންތައްތަކުގެ ތެރެއިން، ރަށްރަށުގެ ތޮށި މަރާމާތު ކުރުމާއި، ނެރު ފުންކުރުމާއި، ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ރަށް ރަށުގެ ބިން ބޮޑު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް، މާތްﷲގެ ވާގިފުޅާއެކު، މިއަހަރުވެސް ކުރިއަށް ގެންދިޔުމަށް، ވަނީ ހަމަޖެހިފައި.

ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ. މިއީ، މިހާރު ތަރައްޤީގެ މަޝްރޫޢު ހިންގާފައި ނުވާ 13 އަތޮޅެއްގެ އާބާދީއަށް އަމާޒު ކޮށްގެން ހިންގޭ މަޝްރޫޢެއް.

އައްޑުއަތޮޅު ގަމުގެ ވައިގެ ބަނދަރު، ބޮޑެތި ބޯޓުފަހަރަށް ޖެއްސޭ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު މިހާރުވަނީ ގާތްގަނޑަކަށް ނިމިފައި. އަދި ކުޅުދުއްފުށީގައި ހަދަމުންދާ އުތުރުގެ ސަރަޙައްދީ ބަނދަރުގެ މަޝްރޫޢުގެ މަސައްކަތާއި، ހިތަދޫގައި ހަދަމުންދާ ދެކުނުގެ ސަރަޙައްދީ ބަނދަރުގެ މަޝްރޫޢުގެ މަސައްކަތް ނިމި، އިރާދަކުރެއްވިއްޔާ ލަހެއްނުވެ އެދެބަނދަރު ހުޅުވޭނެ.

ރާއްޖޭގެ ވަޒީފާގެ ޙާލަތު މިހާރު އޮތް ގޮތާއި، ވަޒީފާ އަދާކުރަން ބޭނުންވާ ދިވެހިންނަށް ވަޒީފާ ލިބޭނެ ގޮތްތައް އިތުރަށް ހޯދައިދިނުމަށް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤައުމީ ބައްދަލުވުމެއް، އިރާދަކުރެއްވިއްޔާ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބޭއްވޭނެ. މީގެއިތުރުން، އޭ.ޑީ.ބީ.ގެ އެހީގައި ހިންގޭ ވަޒީފާއަށް ބޭނުންވާ ހުނަރާއި ތަމްރީނު ހޯދައިދިނުމުގެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްތައް، މިއަހަރުގެ މެދެއްހާ ތާނގައި ފެށޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ކުރީ އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް ދިވެހި ސަރުކާރުގެ ސިޔާސަތުގެ މައިގަނޑު ބިންގަލަކަށްވާނީ، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި، ރާއްޖެ ދެމެހެއްޓުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ޙިމާޔަތް ކުރުމާއި، ދިވެހި ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރި ކުރުމާއި، ދައުލަތް ހިންގުމުގެ ދީމުޤްރާޠީ ނިޒާމުތަކަށް ޒަމާނާ ގުޅޭ ބަދަލުތައް ގެނައުމަށް ކުރާ މަސައްކަތްތައް ހަލުވިކޮށް، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަން ރައްކާތެރިކޮށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރުން.

އަދި ބޮޑުރާޅު އެރުމުގެ ހާދިސާއިން ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތައް ފޫބައްދައި، ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ އޮނިގަނޑު އަލުން ބިނާ ކުރުމަށް، މާތްﷲގެ ވާގިފުޅާއެކު، ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން.

ހިންގުމުގެ ދާއިރާއިން ސަރުކާރުގެ ސިޔާސަތަކަށްވާނީ، ސަރުކާރު ހިންގުމުގެ އިދާރީ އޮނިގަނޑު ވަރުގަދަކޮށް، ސަރުކާރުން ރައްޔިތުންނަށްދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެޚިދްމަތްތައް އަވަސް ގޮތެއްގައި ފޯރުވައިދިނުމާއި، ކުރިއަށް ރާވައިގެން ނަތީޖާ ޙާޞިލު ކުރާ ހިންގުމުގެ ނިޒާމެއްގެ ދަށުން ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތަކާއި އިޞްލާޙުތައް ގެނައުން.

އިޖްތިމާޢީ ދާއިރާއިން ސަރުކާރުގެ ސިޔާސަތަކަށްވާނީ، މުޖްތަމަޢުގެ ހަމަޖެހުން އިތުރުކުރުމާއި، ގެދޮރާއި މަގުތަކަކީ އަމާން ތަންތަން ކަމަށް ހެދުމަށް މަސައްކަތް ކުރުމާއި، ތަޢްލީމީ ގޮތުންނާއި ޞިއްޙީ ގޮތުން ދެވޭ ޚިދްމަތްތަކުގެ ފެންވަރު މަތި ކުރުމާއި، ޒުވާނުންނަށް ހުރި އެކިއެކި ފުރްޞަތުތައް ފުޅާކުރުމާއި، މަސްތުވާ ތަކެތީގެ ނުރައްކަލުންނާއި، އެކިއެކި ކުށްތަކުން ރައްކާތެރިވެފައިވާ މުޖްތަމަޢަކަށް، ދިވެހި މުޖްތަމަޢު ހެދުމުގެ މަސައްކަތް، އިތުރު ބާރަކާއެކު ކުރުން.

އިޤްތިޞާދީ ދާއިރާއިން ސަރުކާރުގެ ސިޔާސަތަކަށް ވާނީ، ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ތަމްރީނު ކުރުމާއި، މަސައްކަތްތެރިކަން ތަރައްޤީކޮށް، ބޭރުގެ މާކެޓްތަކުން ރާއްޖެއަށް ލިބޭ ޢިނާޔަތް އިތުރު ކުރުމަށް މަސައްކަތް ކުރުން. އަދި އަތޮޅުތަކުގެ ރައްޔިތުންނަށް، އާމްދަނީ ހޯދުމުގެ ފުރްޞަތުތައް އިތުރުކޮށްދީ، ފުޅާކުރުން.

ޚާރިޖީ ދާއިރާއިން ސަރުކާރުގެ ސިޔާސަތަކަށްވާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމާއި، ބައިނަލްއަޤްވާމީ ޞުލްޙައާއި އެއްބާރުލުމަށް މަސައްކަތް ކުރުމާއި، ޚާރިޖީ ގުޅުންތަކަށްދޭ ސަމާލުކަން އިތުރުކޮށް ތަރައްޤީ ކުރުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ތިޔަ ޢިއްޒަތްތެރި މަޖިލީހަކީ، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ޙަޔާތް ފަރުމާ ކުރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް. އެހެންކަމުން، މަޖިލީހަށް މިހުށަހެޅޭ ބިލްތަކާމެދު ތިޔަ ޢިއްޒަތްތެރި މެންބަރުން ފުންކޮށް ބަޙުސް ކުރައްވައި، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގެ މަތިން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށް، އަޅުގަނޑު ޔަޤީން ކުރަން.

ޤައުމު ބިނާ ކުރުމަށް ކުރަމުން މިގެންދާ މަސައްކަތުގައި ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވޭ. އަދި މިކަމުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި، ސަރުކާރުގެ ހުރިހާ ދާއިރާތަކަކާއި، އެކިއެކި އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި، އަމިއްލަ ފަރްދުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށްވެސް، އަޅުގަނޑު އިލްތިމާސް ކުރަން.

މިދެންނެވި ވާހަކަތައް ދަންނަވާލުމަށްފަހު، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން، އެކަލާނގެ ވާގިފުޅާއެކު، ރައްޔިތުންގެ މަޖިލިސް، މިއަހަރަށް ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު، އަޅުގަނޑު ލިބިގަންނަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު، މާތްﷲ އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމު މިނިވަންކަމާއެކު، ޞުލްޙަ މަސަލަސްކަންމަތީ، ތަރައްޤީގެ މަގުގައި އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަށް ދިޔުމަށް، މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤުވެސް، މާތްﷲ، އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަދި ރާއްޖެއަށް ބޭނުންވެފައިވާ އިޞްލާޙީ ހެޔޮ ބަދަލުތައް ގެނައުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލެއްވުން.

”وما توفـيقي إلاّ باللّـه، عليـه توكّـلت، وإليـه أنيب.“

والســّلام عليــكم ورحـمــة اللّـه وبـركاتـه.