بِسْــمِ اللَّـه الرَّحْمـنِ الرَّحِيْــم

الحـمدلله رَبِّنَـا، خَلَقَنَـا وَسَـوَّانَـا، وَإِلَـى صِـرَاطِـهِ الْمُسْـتَقِيـمِ هَـدَانَـا. وَالصَّـلاَةُ وَالسَّـلاَمُ عَلَـى نَبِيِّنَـا مُحَّمَـدٍ قَائـِدِنَـا وَأُسْـوَتِنَـا، وَعَلَـىآلِـهِ وَأَصْحَابِـهِ الَّـذِيـنَ هُـمْ قُـدْوَتُنَـا، فِـى تَحْقِيـقِ مَقَـاصِـدِ دِينِنَـا، وَمَصَـالِـحِ دُنْيَـانَـا.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

اَلسَّـلاَم عَلَيـكُمْ وَرَحْمَـةُ اللَّـه وَبَرَكَـاتُـه.

ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 2003 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދީ، ދައުލަތުގެ ސިޔާސަތު ކަނޑައަޅާފައިވާ ގޮތުގެ ބަޔާނެއް ދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް.

އާދެ! އަޅުގަނޑުގެ މި ބަޔާން ފެށުމުގެ ކުރިން، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ތިޔަބޭފުޅުންގެ ނަންފުޅުގައި އަދި އެމަނިކުފާނުގެ ނަންފުޅުގައި އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމަށްޓަކައި، އެ ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އެނގިވަޑައިގަންނަވާނެ ފަދައިން، މި ވޭތުވެދިޔަ އަހަރު ތަކުގައި ސަރުކާރުން ގެންގުޅެމުން އައިސްފައިވާ ސިޔާސަތަކީ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ޢަޤީދާ ރައްކާތެރި ކުރުމާއި، އިސްލާމީ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ތަރައްޤީގެ ދުވެލި ހަލުވިކުރެވޭނެ މަގުތައް ހޯދުމާއި، ރައްޔިތުންގެ މެދުގައި އުފާފާގަތިކަމާއި، އަމަންއަމާންކަން ދެމެހެއްޓުމުގެ މައްޗަށް ބިނާކޮށްފައިވާ ސިޔާސަތެއް.

އަދި ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިތުރު މަގުތައް ކޮށައި އަލިކުރުމާއި، ރައްޔިތުންނަށް ސަރުކާރުން ދެމުންގެންދާ އަސާސީ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރުމުގެ މައްޗަށް ބިނާކޮށްފައިވާ ސިޔާސަތެއް.

މި ސިޔާސަތަކީ، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ތާއީދާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މަޤްބޫލުކަން ލިބި، އަދި އެ ސިޔާސަތުގެ ނަތީޖާވެސް ވަރަށް ކާމިޔާބުގޮތެއްގައި ފެންނަމުންދާ ސިޔާސަތެއް. އެހެންކަމުން، މާތް اللَّـه ގެ ވާގިފުޅާއެކު، ކުރިއަށް އޮތްތާނގައިވެސް، ދިވެހި ސަރުކާރުގެ ސިޔާސަތުގެ ބިންގަލަކަށްވާނީ، މިދެންނެވި މައިގަނޑު އުސޫލުތަކާއި ކަންތައްތައް.

މިގޮތުން، ރާއްޖޭގެ ދާޚިލީ ސިޔާސަތު ބިނާވެފައިވަނީ، ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމީ އެއްބައިވަންތަކަން ބަދަހިކުރުމާއި، އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނީ ހަމަތަކުގެ މަތިން ޢަދްލު އިންޞާފު ގާއިމުކުރުމާއި، ރާއްޖޭގެ ދީމުޤްރާޠީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމަށް މަސައްކަތް ކުރުމުގެ މައްޗަށް. އަދި ހުރިހާ މައިދާނެއްގައިވެސް، މުޅި ޤައުމު އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އުސޫލު އަށަގެންނެވުމުގެ މައްޗަށް. ވަކިން ޚާއްޞަގޮތެއްގައި، ޤައުމީ ޙަޔާތުގެ ހުރިހާ ދާއިރާއެއްގައިވެސް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ދެ ޖިންސަށް ހަމަހަމަ ފުރުސަތުތަކެއް ލިބިދިނުމުގެ މައްޗަށް. ހަމައެހެންމެ، ތަޢްލީމު ލިބިފައިވާ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށާއި، ރައްޔިތުންގެ ހިޔާވަހިކަމުގެ ޙާލަތު ރަނގަޅުކުރުމަށާއި، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތް ކުރުމުގެ މައްޗަށް.

ތަރައްޤީގެ ސިޔާސަތަކީ، ވިހިވިހީގެ ތަޞައްވުރަށް އަމާޒުކޮށްގެން، އަދި ޤައުމީ ތަރައްޤީގެ ހަވަނަ މަޝްރޫޢުގެ އޮނިގަނޑުގެ ތެރޭގައި، ދެމެހެއްޓެނިވި ގޮތެއްގައި، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ރާއްޖެ ހަލުވިކަމާއެކު ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރުން.

އިޤްތިޞާދީ ދާއިރާގައި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ބިންގާތައް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ދަތުރުފަތުރާއި، ވިޔަފާރިއާއި، މަސައްކަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން. އަދި ރާއްޖޭގެ އިޤްތިޞާދީ ބިންގާ ފުޅާކުރެވޭނެ އިތުރު ގޮތްތައް ހޯދުމަށާއި، އިޤްތިޞާދީ ކުރިއެރުމުގެ ފައިދާ، ވީހާ ފުޅާ ދާއިރާއެއްގައި ބެހިގެންދާނެ އިތުރު ގޮތްތައް ރޭވުމަށް މަސައްކަތްކުރުން.

ސަރުކާރުގެ މާލީ ސިޔާސަތަކީ، ތަރައްޤީއަށް މަގުފަހިވާނެ ގޮތެއްގެމަތިން، މުދަލާއި ޚިދްމަތުގެ އަގު މައްޗަށްދިޔަނުދީ ހިފެހެއްޓުމާއި، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށް މަސައްކަތްކުރުން.

ހިންގުމުގެ ދާއިރާގައި ސަރުކާރުގެ ސިޔާސަތަކީ، ޒަމާނީ ތަރައްޤީގެ އުސޫލުތަކުގެ މަތިން، ސަރުކާރުގެ ހިންގުމުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ސަރުކާރުގެ ހިންގުން އިޞްލާޙު ކުރަމުން ގެންދިޔުން.

ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ބައިނަލްއަޤްވާމީ އަމަންއަމާންކަމަށާއި ޞުލްޙައަށް މަސައްކަތްކުރުމާއި، ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ރާއްޖެ ގަބޫލުކުރާ ސިޔާސީ އަދި އިޤްތިޞާދީ އަދި އިޖްތިމާޢީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައިދާނުގައި ހަރަކާތްތެރިވުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

މާތް اللَّـه ގެ ވާގިފުޅާއެކު، ރާއްޖޭގެ އިޤްތިޞާދު 2002 ވަނަ އަހަރު، އެކަށީގެންވާ ދުވެއްޔެއްގައި ވަނީ، ކުރިޔަށްގޮސްފައި. 2002 ވަނަ އަހަރު، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ގާތްގަނޑަކަށް 4.3 އިންސައްތަ މައްޗަށް ގޮސްފައިވޭ.

2002 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކުރިއަށްދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމާއި، މަސްވެރިކަމުން ޤައުމަށް ލިބުނު އާމްދަނީ، ކުރީއަހަރަށްވުރެ އިތުރުވުމާއި، ފަތުރުވެރިކަން ތަރައްޤީވާ މިންވަރު މައްޗަށްޖެހި، ފަތުރުވެރިކަމުން ލިބުނު އާމްދަނީވެސް، ކުރީއަހަރަށްވުރެ އިތުރުވުން ހިމެނޭ.

މި ވޭތުވެދިޔަ އަހަރަކީ، ދުނިޔޭގެ މަހުގެ މާރުކޭޓުގައި ފިނިކުރި މަހުގެ އަގު ދާދި އެއްވަރެއްގައި ހިފެހެއްޓިފައިއޮތް އަހަރެއް. މިކަމުގެ ހެޔޮ ނަތީޖާ، ރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވޭ.

މި ފުރުސަތުގައި، ރާއްޖޭގެ ހީވާގި މަސްވެރިންނާއި، އޮޑިވެރިންނާއި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން، ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގު، ސަރުކާރުން ވަރަށް ބޮޑަށް ވަޒަންކުރާ ވާހަކަ ދަންނަވަން.

2001 ވަނަ އަހަރު ހިނގި ހާދިސާތަކެއްގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދަށާއި ދަތުރުފަތުރު ކުރުމަށް ކުރި ނޭދެވޭ އަސަރުތަކުގެ ނަތީޖާއެއްގެ ގޮތުން، އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށްދިޔަ ނަމަވެސް، 2002 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، 2001 ވަނަ އަހަރާ އަޅާބަލާއިރު، 5.1 އިންސައްތަ ވަނީ، މައްޗަށްގޮސްފައި.

ފަތުރުވެރިކަމުގެ ދާއިރާ މިއަދު މިދެކޭ ކުރިއެރުމަކީ، އަދި ތަރައްޤީއަކީ، ސަރުކާރުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ދެމުންގެންދާ އަހަންމިއްޔަތާއި، ގެންގުޅޭ ހުޅުވާލެވިފައިވާ ސިޔާސަތާއި، އެ ދާއިރާގައި މަސައްކަތްކުރައްވާ އަމިއްލަ ފަރާތްތަކުން، ވިސްނުންތެރިކަމާއެކު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކާއި، ރާއްޖޭގައި ގާއިމުވެފައިވާ ހަމަޖެހުމާއި އަމަންއަމާންކަމުގެ ހެޔޮ ނަތީޖާ.

ދަނޑުވެރިކަމުގެ މަސައްކަތަކީ، ރާއްޖޭގެ އިޤްތިޞާދުގައި އަބަދުވެސް މުހިންމު މަސައްކަތަކަށްވާތީ، ކުރިމަގުގައި އިސްދައުރެއް އަދާކުރެވިދާނެ މަސައްކަތެއްކަމަށް އަޅުގަނޑު ދެކެން. އެހެންކަމުން، ޤައުމުގެ އިޤްތިޞާދުގައި ދަނޑުވެރިކަން ހިއްސާކުރާ މިންވަރު އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ވަނީ ކުރަންޖެހިފައި. އިޤްތިޞާދީ މަސައްކަތެއްގެ ގޮތުގައި، ދަނޑުވެރިކަން ތަރައްޤީކުރުމަށް، ބައެއް އަމިއްލަ ފަރާތްތަކުން ކާމިޔާބުކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަން، އަޅުގަނޑު މި ފުރުސަތުގައި އުފަލާއެކު ހަނދާންކުރަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ދެން އަޅުގަނޑު ކުރުކޮށް މިދަންނަވާލަނީ، ސަރުކާރުގެ ދާއިރާގައި އެކިރޮނގުރޮނގުން ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީ ކުރުމަށްޓަކައި، ވޭތުވެދިޔަ އަހަރު ކުރެވުނު ނުވަތަ ކުރަންފެށި ބައެއް މުހިންމު މަސައްކަތްތައް.

* ރާއްޖޭގެ ޝަރްޢީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ކުށުގެ ތުހުމަތުން ބަރީއަވުމަށް ޤާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވާ މީހާއަށް ތަޙްޤީޤުގެ މަރްޙަލާގައާއި ޝަރީޢަތުގެ މަޖިލީހުގައިވެސް، އެފަދަ އެހީ ލިބިގަތުމުގެ ގަވާއިދަކާއި، ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ގަވާއިދަކާއި، ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދެއް ވަނީ އެކުލަވާލައި، މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި، އެ ގަވާއިދުތަކަށް ޢަމަލުކުރަން ފަށާފައި.

* ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ފުރިހަމަ ކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނުތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށާއި، ރާއްޖޭގައި ޢަމަލު ކުރެވެމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙުކުރަންޖެހޭ ޤާނޫނުތައް އިޞްލާޙުކުރުމާ ބެހޭގޮތުން ކުރަންޖެހޭ ދިރާސާތައްކޮށް، އެފަދަ ޤާނޫނުތައް އިޞްލާޙު ކުރެވިދާނެ ގޮތްތައް ހުށަހެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ލޯކޮމިޝަން، ވަކި އިދާރާއެއްގެ ގޮތުގައި މިދިޔައަހަރު ވަނީ ހަމަޖައްސާފައި.

* ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ ފައިދާ އިތުރުކުރުމަށްޓަކައި، މަސްވެރިންގެ އަތުން މަސްގަނެ، ރޯމަހުގެ ގޮތުގައި ނުވަތަ ދަޅުގައި ބަންދުކޮށްގެން، މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ވޭތުވެދިޔަ އަހަރު ވަނީ ހުޅުވާލާފައި. މިގޮތުން، އެކަމަށް ކުރިމަތިލި އަމިއްލަ ދެފަރާތަކުން މަސްވެރިކަމުގެ ސަރަޙައްދު 1 ން މަސްގަތުމުގެ މަސައްކަތް ވަނީ، މިދިޔަ އަހަރު ފަށާފައި.

* ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ގޮތުންނާއި، ދިވެހިރާއްޖޭގައި ބެންކު ނޫން މާލީ އިދާރާއެއް ތަޢާރުފުކުރުމުގެ ގޮތުން، ފައިނޭންސް ލީޒިންގ ކުންފުންޏެއްގެ ޚިދްމަތް އާންމުކޮށް ލިބޭގޮތަށް ވޭތުވެދިޔަ އަހަރު ވަނީ އުފައްދާފައި. އަދި ބައިނަލްއަޤްވާމީ ވިޔަފާރި ބެންކެއް ރާއްޖެއަށް ތަޢާރުފުކުރުމަށް ކުރަމުންގެންދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ބޭރުގެ މަޝްހޫރު ބެންކެއްގެ ގޮތްޕެއްވެސް، ވޭތުވެދިޔަ އަހަރު މާލޭގައި ވަނީ ހުޅުވާފައި.

* ރާއްޖޭގައި ކެޕިޓަލް މާކެޓުގެ ހަރަކާތްތައް ފެށުމުގެ ގޮތުން، ޕަބްލިކް ކުންފުނިތަކުގެ ހިއްސާތައް ގަނެވިއްކަން ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހަކޮށްދިނުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި [ސެކިއުރިޓީ ޓްރޭޑިންގ ފްލޯރ] ގެ ނަމުގައި ހިއްސާ ގަނެވިއްކާނެ ތަނެއްވަނީ ހުޅުވާފައި.

* ސަރުކާރުގެ އޮފީސްއޮފީހުގެ މަސައްކަތްތައް ހަލުވިކޮށް، ޒަމާނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން ވޭތުވެދިޔަ އަހަރު ވަނީ، ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައި. އޭގެތެރޭގައި، ރައްޔިތުންނަށްދޭ ޚިދްމަތްތައް ހަލުވިކަމާއެކު ލިބިދިނުމަށްޓަކައި، ސަރުކާރުގެ އޮފީސްތަކުގައި ތަފާތު މަޝްރޫޢުތައް ހިންގުން ހިމެނޭ. އަދި އޮފީސްއޮފީހުގެ މަސައްކަތްތައް ކުރިޔަށް ރޭވުމަށް ބާރުއެޅުމުގެ ގޮތުން، ސްޓްރެޓީޖިކް ޕްލޭނިންގއާބެހޭ ވިސްނުން ތަޢާރުފުކޮށް، އޮފީސްތަކުން މިފަދަ ރޭވުންތައް ތައްޔާރުކުރުމަށް ފަންނީ އެހީ ދިނުންވެސް ހިމެނޭ. މީގެއިތުރުން، ހިންގުމުގެ އުސޫލުތަކާބެހޭ މަޢްލޫމާތުގެ މައްޗަށް، އޮފީސްތަކުގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކެއް، މާލެއާއި އަތޮޅުތަކުގައި ވަނީ ހިންގާފައި.

* އޯޑިޓް ކުރުމުގެ ޚިދްމަތް ދާއިމީގޮތެއްގައި އަތޮޅުތަކަށް ލިބިދިނުމުގެ މަޤްޞަދުގައި، ދެކުނުގެ ހަތަރު އަތޮޅެއް ހިމެނޭގޮތަށް، އައްޑުއަތޮޅު ހިތަދޫގައި އޯޑިޓް އޮފީހުގެ ސަރަޙައްދީ ގޮތްޕެއް، ވޭތުވެދިޔަ އަހަރު ވަނީ ހުޅުވާފައި.

* ސައެންސާއި ޓެކްނޯލޮޖީގެ އެހީގައި، ތަޢްލީމާއި، ވިޔަފާރިއާއި، އެހެނިހެން ޚިދްމަތްތައް އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ، ސައެންސާއި ޓެކްނޯލޮޖީގެ މައި މަޝްރޫޢަށް، މިދިޔަ އަހަރު ވަނީ، ޢަމަލުކުރަން ފަށާފައި.

* ސަރުކާރުގެ އަދި ސަރުކާރު ބައިވެރިވާ ކުންފުނިތައް، މިދިޔަ އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ހިނގަމުންދިޔަ. އެ ކުންފުނިތަކުންދޭ ޚިދްމަތްތައް ރަނގަޅުކޮށް، ތަރައްޤީކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް. މިގޮތުން، ބައެއް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދެ ކުންފުންޏެއް އިޞްލާޙުކުރުމުގެ މަސައްކަތް ވަނީ ފަށާފައި. އޭގެތެރެއިން، މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑުގެ އޮނިގަނޑަށް އިޞްލާޙު ގެނައުމާ ގުޅިގެން، އެ ކުންފުނީގެ ވިޔަފާރި ތަރައްޤީވެ، އެކަމުގެ ހެޔޮ ނަތީޖާ މިހާރުވަނީ ފެންނަން ފަށާފައި.

* އަދި މިފްކޯގެ ވިޔަފާރިއާއި ކުންފުނީގެ އޮނިގަނޑަށް އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްވެސްނިމި، މިހާރު ވަނީ އެއަށް ޢަމަލުކުރަން ފަށާފައި.

* ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ވޭތުވެދިޔަ އަހަރު، ދިވެހިރާއްޖޭގެ އަޑު އިންޓަރނެޓުން ފޮނުވަން ވަނީ ފަށާފައި. މި ޚިދްމަތުގެ ސަބަބުން، ރާއްޖޭގެ ޚަބަރުތަކާއި މަޢްލޫމާތު، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، އިންޓަރނެޓުގެ ޒަރީއާއިން ލިބުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައި.

* ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު ވަރަށްބޮޑަށް އިތުރުވަމުންދާތީ، އެކަމަށް ޙައްލެއް ހޯދުމަށްޓަކައި، ސާނަވީ މަރްޙަލާ ނިންމާ ކުދިންނަށް، ތަޢްލީމާއި މަސައްކަތުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށާއި، ހުނަރުވެރިކަން ތަރައްޤީކުރުމަށް، ބޭރުގެ އެހީގައިވަނީ، ދިރާސާ ރިޕޯޓެއް އެކުލަވާލާފައި. މި ރިޕޯޓުގެ މައިގަނޑު ބައިތަކާ ބެހޭގޮތުން، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މަޢްލޫމާތު ދިނުމުގެ ބައްދަލުވުމެއް، ވޭތުވެދިޔަ އަހަރު ވަނީ ބާއްވާފައި. އަދި މި ރިޕޯޓާމެދު މަޝްވަރާ ކުރުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއި، ބައެއް އަމިއްލަ ފަރާތްތަކާއި، ބައެއް އަމިއްލަ ޖަމްޢިއްޔާތައް ހިމެނޭގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައި، އެ ބައްދަލުވުންތަކުން ލިބުނު ޚިޔާލުތަކުގެ އަލީގައި، އެ ދިރާސާގެ އެންމެފަހު ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން.

* ޤައުމު ބިނާކުރުމުގެ މަސައްކަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި، މުޖްތަމަޢުގައި އަންހެނުން އަދާކުރާ ދައުރާމެދު ހޭލުންތެރިކުރުވުމާއި، ސިޔާސީ ދާއިރާގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުކުރުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުވެސް ކުރަމުން ގެންދެވުނު.

* ތަޢްލީމާއި ތަމްރީނު ދިނުމުގެ ތިންވަނަ މަޝްރޫޢުގެ ދަށުން، ފަށާ ތަޢްލީމުގެ ފެންވަރު ރަނގަޅު ކުރުމާއި، ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމާއި، ރާއްޖެއިން ބޭރުން ތަޢްލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހިންގެ ގިނަ ބަޔަކަށް ހޯދައިދިނުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުވެސް ކުރަމުން ގެންދެވުނު.

* ޤައުމީ ތަރައްޤީގައި ޒުވާނުންގެ ހިއްސާ އިތުރުވުމަކީ، އެކަމުގެ ސަބަބުން ޤައުމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމެއްކަމަށްވާތީ، ޒުވާނުން ކުރިޔަށް ދިޔުމުގެ ފުރުސަތު އިތުރުކޮށްދިނުމަށާއި، ޤައުމީ ތަރައްޤީގައި ޒުވާނުން އަދާކުރަންޖެހޭ ދައުރު ހަރުދަނާކުރުމަށްޓަކައި، ތަފާތު ފެންވަރުގެ ކޯސްތައް، ވޭތުވެދިޔަ އަހަރުވެސް ވަނީ ހިންގާފައި.

* މާލެއާއި އަތޮޅުތަކުގައި ދެމުންގެންދާ ޞިއްޙީ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް، ހުއްޓުމެއްނެތި ކުރަމުން ގެންދެވުނު. ސަރަޙައްދީ ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ މަޢްލޫމާތާއި އިރްޝާދު އެތަންތަނަށް ވަގުތުން ލިބިދިނުމަށްޓަކައި، ޓެލެމެޑިސިންގެ ޚިދްމަތްވެސް، ވޭތުވެދިޔަ އަހަރު ރާއްޖޭގައި ވަނީ ތަޢާރުފުކޮށްފައި.

* ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި، ބޭހުގެ ބާވަތްތަކާއި، ފެން ތަޙްލީލު ކުރުމަށްޓަކައި، ރަނގަޅު ފެންވަރުގެ ލެބޯރެޓަރީއެއް ގާއިމު ކުރުމުގެ މުހިންމުކަން ބޮޑުކަމުން، އެފަދަ ލެބޯރެޓަރީއެއް އިމާރާތްކުރުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރު ވަނީ ފަށާފައި.

* ރާއްޖޭގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމު ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރު ދިރާސާއެއްކޮށް، މާލެއާއި އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން، ޟަރޫރީ ބޭނުންތައް ފުއްދައިނުގަނެވޭފަދަ ނިކަމެތި ޙާލުގައިވާ މީހުންނަށް، ސަރުކާރުން މާލީ ޢިނާޔަތެއްދޭން މިހާރު ވަނީ ފަށާފައި.

* މަސްތުވާ ތަކެތީގެ ނުރައްކަލުން ދިވެހިން ސަލާމަތްވެ ތިބުމަށްޓަކައި، މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކެއް، މާލެއާއި އަތޮޅުތަކުގައި، ވޭތުވެދިޔަ އަހަރުވެސް ވަނީ ހިންގާފައި. އަދި މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އެފަދަ މީހުން އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް، މިގެންދަނީ މެދުކެނޑުމެއްނެތި ކުރަމުން.

* ރާއްޖޭގެ ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކާއި، އޭގެ ބޭނުންތެރިކަމާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަފާތު ޕްރޮގްރާމުތައް، ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުން މިދިޔަ އަހަރުވެސް ހިންގަމުން ގެންދިޔަ.

* އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި، ރަށްރަށުގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، 8 ރަށެއްގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރު ވަނީ ކޮށްފައި. އަދި ބިމާއި ފަޅުގެގޮތުން ދަތި ރަށްރަށުގެ މީހުން، ދިރިއުޅެން ފަސޭހަ، ބޮޑެތި ރަށްރަށަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތް، މިދިޔަ އަހަރުވެސް ހިންގަމުން ގެންދެވުނު.

* ފުވައްމުލަކު ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މާތް اللَّـه ގެ ވާގިފުޅާއެކު، މިހާރު ވަނީ ނިމި، އެ ބަނދަރު ބޭނުންކުރަން ފަށާފައި. އިރާދަކުރެއްވިއްޔާ މިއަހަރުގެ ކުރީކޮޅު، ފުވައްމުލަކު ބަނދަރު ރަސްމީގޮތުން ހުޅުވޭނެ. މި ބަނދަރުގެ ސަބަބުން، ފުވައްމުލަކު ރައްޔިތުންގެ ދަތުރުފަތުރު ކުރުމަށް އިތުރު ރައްކާތެރިކަމަކާއި ބޮޑެތި ފަސޭހަތަކެއްލިބި، އެރަށުގެ ތަރައްޤީއަށް އެތައް ދޮރެއް ހުޅުވިގެންދާނެކަމަށް އަޅުގަނޑު ދެކެން.

* އައްޑުއަތޮޅު ގަމާއި އެ އަތޮޅުގެ އެހެން ބައެއް ރަށްތައް ގުޅުވާލުމަށް ކުރަމުންގެންދިޔަ، އައްޑޫ ބޮޑުމަގުގެ މަސައްކަތް މިދިޔަ އަހަރު ނިމި، އެ މަގުވަނީ ބޭނުންކުރަން ފަށާފައި. މި މަސައްކަތަކީ، އައްޑުއަތޮޅުގެ ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބި، އެ އަތޮޅުގެ ތަރައްޤީއަށް، މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެ ކަމެއްކަން ކަށަވަރު.

* ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައާއި، އައްޑުއަތޮޅު ހިތަދޫގައި ހެދުމަށް ހަމަޖެހިފައިވާ، ސަރަޙައްދީ ދެ ބަނދަރު ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޮވުމުގެ މަސައްކަތް، މިދިޔަ އަހަރު ވަނީ ފަށާފައި. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށި، އިރާދަކުރެއްވިއްޔާ، އަންނަ އަހަރު ނިމޭނެކަމަށް އުންމީދުކުރެވޭ.

* ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށް ތަރައްޤީކުރުމަށް، މީގެ 24 އަހަރު ކުރިއްސުރެ ފެށިގެން ހިންގަމުން މިގެންދާ، އަތޮޅުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް، މާތް اللَّـه ގެ ވާގިފުޅާއެކު، ވޭތުވެދިޔަ އަހަރުވެސް ހަލުވިކަމާއެކު ކުރަމުން ގެންދެވުނު.

* އަތޮޅުތަކުގައި ކަރަންޓުގެ ޚިދްމަތް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ހިންގާ ޚާއްޞަ މަޝްރޫޢެއްގެ މަސައްކަތް، މިދިޔައަހަރު ވަނީ ފަށާފައި. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހޮވާލެވޭ ރަށްތަކެއްގައި ކަރަންޓުގެ ޚިދްމަތް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން.

* ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ ހުރިހާ މަސައްކަތަކާއި، އެރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މައިގަނޑު މަސައްކަތްތައް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ ނިމިފައި.

* އަދި ހުޅުމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 280 ފްލެޓާއި، ސްކޫލާއި، ހޮސްޕިޓަލާއި، އިތުރު ޚިދްމަތްތައް ދިނުމަށް ބޭނުންވާ ބައެއް އިމާރާތްތަކުގެ މަސައްކަތް ވަނީ ފަށާފައި. މީގެއިތުރުން، ހުޅުމާލޭގައި ގާއިމު ކުރަންޖެހޭ ކަރަންޓާއި، ފެނާއި، ނަރުދަމާއާއި، ފޯނުގެ ޚިދްމަތްފަދަ އަސާސީ ޚިދްމަތްތަކުގެ މަސައްކަތް ވަނީ، ކަމާބެހޭ ކުންފުނިތަކާ ހަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ، މިހުރިހާ މަސައްކަތްތަކެއް މާލަހެއްނުވެ ނިމޭނެ.

* ވިލިނގިލީގައި ހަބުރީގެ ފްލެޓު އިމާރާތެއް އަޅައި، އެ ފްލެޓުތައް އެކަމަށް ހޮވުނު ފަރާތްތަކަށް ދޫކޮށް، މިހާރު ވަނީ ނިމިފައި.

* މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް، ވޭތުވެދިޔަ އަހަރު ވަނީ ނިމިފައި. މިކަމުގެ ސަބަބުން، މާލޭގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއްވަނީ ލިބިފައި. އަދި ވިލިނގިލީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް، ވޭތުވެދިޔަ އަހަރު ވަނީ ފަށާފައި.

* މާލޭ އުތުރުފަރާތު ކަނޑުތޮށިލުމުގެ މަޝްރޫޢުގެ ހަތަރުވަނަ ފިޔަވަހި، ވޭތުވެދިޔަ އަހަރު ނިމުމާއެކު، މާލެވަށާ ކަނޑުތޮށިލުމާއި، އެއްގަމުތޮށިލުމުގެ މުހިންމު މަސައްކަތް، މާތް اللَّـه ގެ ވާގިފުޅާއެކު، މިހާރު މިވަނީ މުޅިން ނިމިފައި.

އަޅުގަނޑު މިދެންނެވި މަސައްކަތްތައް ކުރަމުން ގެންދިޔުމުގައި، އަދި ދައުލަތުގެ އެންމެހައި ކަންތައްތައް ހިންގުމުގައި، ވަޒީރުންގެ މަޖިލީހުގެ ލަފައާއި އެހީތެރިކަން، އަޅުގަނޑަށް ލިބިފައިވަނީ، ވަރަށް މަތިވެރި ދަރަޖައަކަށް. އެކަމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް، މި ފުރުސަތުގައި އަޅުގަނޑު ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަން. އަދި އޮފީސް އޮފީހުގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުވެސް ހިންގަވަމުން ގެންދަވާފައިވަނީ، ޤައުމަށް އެންމެ ފައިދާހުރި ގޮތުގައިކަމަށް އަޅުގަނޑު ދެކެން. އެހެންކަމުން، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް، މި ފުރުސަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

2002 ވަނަ އަހަރު، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތިން ބިލެއް، މަޖިލީހުން ވަނީ ފާސްކޮށްދެއްވާފައި. އެ ބިލުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ހިމެނޭ.

ބިމާބެހޭ ޤާނޫނަކީ، ރާއްޖޭގެ ބިން، އެކިކަންކަމަށާއި ބޭނުންތަކަށް އެކަށައެޅުމާބެހޭ ކަންތައްތައް ބަޔާންކޮށްދޭ ޤާނޫނެއް. އިރާދަކުރެއްވިއްޔާ، މިއަހަރުގެ މެއިމަހުން ފެށިގެން، ބިންބިމާއި ގޯތިގޯއްޗާބެހޭ އެންމެހައި މުޢާމަލާތުކުރާނީ، މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން.


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބޭނުމަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭކަމަކަށްވާތީ، ކުޑަކުދިންކަމުގައި ބަލާ އުމުރު، 16 އަހަރުން 18 އަހަރަށް މަތިކުރުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ވޭތުވެދިޔަ އަހަރު، ރާއްޖެއަށް ޒިޔާރަތްކުރެއްވި ޢިއްޒަތްތެރިންގެ ތެރޭގައި، އުތުރުކަރައިގެ ބޮޑުވަޒީރު، ޝްރީ އަތަލް ބިހާރީ ވާޖްޕާއީއާއި، އޮޅުދޫކަރައިގެ ބޮޑުވަޒީރު މިސްޓަރ ރަނިލް ވިކްރަމަސިންހަ ހިމެނިވަޑައިގެންނެވި. އެބޭފުޅުންގެ މި ދަތުރުފުޅުތަކުގެ ސަބަބުން، ދިވެހިރާއްޖެއާއި އެ ޤައުމުތަކާ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އަޅުގަނޑު ދެކެން.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ހާދިސާއާ ގުޅިގެން، އިސްލާމްދީނުގެ ތަޞައްވުރަށާއި މުސްލިމުންގެ ރީތި ނަމަށް، ދުނިޔޭގެ ބައެއް ތަންތާނގައި އައި ކިލަނބުކަމަކީ، އެކަމާމެދު މުޅި އިސްލާމީ އުންމަތް ފިކުރުކުރަން ޖެހިފައިވާ ކަމެއް. މި މައްސަލަ ޙައްލުކުރުމަށް އަޅަންފެންނަ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، އިސްލާމީ ޤައުމުތަކުން ތަފާތު ބައްދަލުވުންތައް ވޭތުވެދިޔަ އަހަރު ބާއްވާފައިވޭ.

މިގޮތުން، ސަޢޫދީ ޢަރަބިއްޔާގައި ބޭއްވި، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ޖަލްސާގައި ރާއްޖޭގެ ފަރާތުން އަޅުގަނޑު ބައިވެރިވިން. މި ބައްދަލުވުމުގައި އަޅުގަނޑު ދެއްކި ވާހަކައިގައި، އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް، މުސްލިމުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް، ރާއްޖެ އެދޭކަން އަޅުގަނޑު ބަޔާންކުރިން.

އަދި މިސުރުގެ އަލްއަޒްހަރު ޔުނިވަރސިޓީން، [އިސްލާމްދީނަކީ މިއީއެވެ] މިނަމުގައި ބޭއްވި ޖަލްސާގައިވެސް އަޅުގަނޑު ބައިވެރިވެ، ކަރުދާހެއް ހުށަހެޅިން. އެ ކަރުދާހުގައި، އިސްލާމްދީނާއި މުސްލިމުންގެ ތަޞައްވުރު ރަނގަޅު ކުރުމަށާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތައް ދިފާޢުކުރުމަށްޓަކައި އިސްލާމީ ޤައުމުތައް ގުޅިގެން، ހަލުވި މަސައްކަތްތަކެއް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެވޭތޯ ބެލިން.

ދުނިޔޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންތައްތަކާމެދު ދިވެހި ރައްޔިތުން ވަނީ، މިހާރު ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހިފައި. އަދި އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކޮށް ބަދަހިކުރުމަށް އަޅުގަނޑުމެން ދޭންޖެހޭ ސަމާލުކަންވެސް، މިހާރު މިވަނީ، ކުރިޔަށްވުރެ މާބޮޑުވެފައި.

ވޭތުވެދިޔަ އަހަރު ނޭޕާލުގައި އޮތް ސާކް ޤައުމުތަކުގެ އެންމެ އިސްވެރިންގެ 11 ވަނަ ޖަލްސާގައި، އަޅުގަނޑު ބައިވެރިވިން. މި ޖަލްސާގައި، ސާކް ޤައުމުތަކުގެ ވެރިން ފާސްކުރެއްވި ޤަރާރުގައި، ސާކް ޤައުމުތަކުގެ މެދުގައި، މިނިވަން ވިޔަފާރީގެ ނިޒާމު ގާއިމުކުރުމުގައި، ސާކުގައި ހިމެނޭ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށާއި، ކުދި ޤައުމުތަކަށްވެސް މިނިވަން ވިޔަފާރީގެ ފައިދާ، ހަމަހަމަގޮތެއްގައި ހިއްސާ ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް، ޤައުމުތަކުގެ ވެރިން އެއްބަސްވެ ވަޑައިގެންނެވި.

ސާކުގެ ހަރަކާތްތައް ހަލުވިކަމާއެކު ކުރިޔަށް ދިޔުމަށް މެންބަރު ޤައުމުތަކުން ކިތަންމެ ބޮޑަށް ބޭނުންވިޔަސް، މި ސަރަޙައްދުގެ ބައެއް ދޭދޭ ޤައުމުތަކުގެ މެދުގައި ޙައްލު ނުކުރެވިހުރި ޒަމާންވީ މައްސަލަތަކެއް ހުރުމުގެ ސަބަބުން، ސާކުގެ ހަރަކާތްތަކަށް އެޅިފައިވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ބޮޑުކަމަށް އަޅުގަނޑު ދެކެން.

ވޭތުވެދިޔަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި، ޤައުމުތަކުގެ އެންމެ އިސްވެރިންގެ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ ބައްދަލުވުމުގައި އަޅުގަނޑު ދެއްކި ވާހަކައިގައި، ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވަމުންދާ ނުރައްކާތަކަށް އިޝާރާތްކޮށް، ސައެންސާއި ޢިލްމާއި ޓެކްނޯލޮޖީއާއި ބުއްދިއަކީ، ތިމާވެށި ޙިމާޔަތްކޮށް، ސަލާމަތް ކުރުމުގައި ބޭނުންކުރެވެންހުރި މުހިންމު ވަސީލަތްތަކެއްކަން ބަޔާންކުރެވޭތޯ ބެލިން. މި ޖަލްސާގެ ނާއިބު ރައީސަކަށް ދިވެހިރާއްޖެ ހޮވި، އެ ޖަލްސާގެ އެއްބައިގެ ރިޔާސަތު ބެލެހެއްޓުމުގެ ޝަރަފު ރާއްޖެއަށް ލިބުނު.

ރާއްޖެ، 2000 ވަނަ އަހަރު، ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަނުގައި ބައިވެރިވުމަށްފަހު، މިދިޔަ އަހަރު ބޭއްވި، އެ އެސޯސިއޭޝަނުގެ އޭޝިޔާ ސަރަޙައްދުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންނެވި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

އަޅުގަނޑުމެންގެ ދިވެހިރާއްޖެ، މިހާރު މިދަނީ، މާތް اللَّـه ގެ ވާގިފުޅާއެކު، އެކިރޮނގުރޮނގުން ގިނަގުނަ ކުރިއެރުންތަކެއް ހާސިލު ކުރަމުން. އަދި ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އަޅަމުން. ޝައްކެއްނެތް ގޮތުގައި މިހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ، އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ މިއޮތް، އިސްލާމީ އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން. މިއީ، މާތް اللَّـه ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް މަތިވެރި ނިޢްމަތެއް. އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި މިއޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް އެއްވެސް ސިފައެއްގައި ބުރޫއަރާފަދަ އެއްވެސްކަމަކަށް އަޅުގަނޑުމެން ފުރުސަތު ދީގެނެއް ނުވާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން:

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑު ލިބިގަންނަހިނދު، އަޅުގަނޑުގެ ދުޢާއަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަޅުގަނޑުމެން ސާބިތުވެތިބެ، ސުލްހަމަސަލަސްކަމާއެކު، ތަރައްޤީގެ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގެންދިޔުމުގެ ހެޔޮ ތައުފީޤު، މާތް اللَّـه އަޅުގަނޑުމެންނަށް ދެއްވުން. އަދި މިނިވަންކަމާއި އަމަންއަމާންކަމާއި ހަމަޖެހުން ލިބިގެންވާ، ރާއްޖެއެއްގެ ގޮތުގައި، މި ލޮބުވެތި ވަޠަން ލެހެއްޓެވުން.

رَبَّنَـا لاَتُـؤَاخِـذْنَـآ إِن نَّسِينَـآ أَوْأَخْطَـأْنَـا؛ رَبَّنَـا وَلاَتَحْـمِلْ عَلَيْـنَآ إِصْـرًاكَمَـاحَمَلْتَـهُ عَلَـى الَّـذِيـنَ مِـن قَبْلِنَـا؛ رَبَّنَـا وَلاَ تُحَمِّلْنَـا مَـالاَطَـاقَـةَ لَنَـابِـهِ، وَاعْفُ عَنَّـا وَاغْفِـرْلَنَـا وَارْحَمْنَـا؛ أَنتَ مَـوْلـٰنَـا؛ فَـانصـُرْنـَا عَلَـى الْقَـوْمِ الْكَـافِـرِيـنَ.

وَالسَّـلاَم عَلَيـكـُمْ وَرَحْـمَـةُ اللَّـه وَبَـرَكَـا تُـه.