بســم اللّـه الرّحمـن الرّحيــم

ألْحَـمْـــدُ لِلَّـهِ، جَعَــــلَ الإِسْلَام دِينًـــا وَدَوْلَــــة؛ وَالصَّـــلاةُ وَالسَّــلام عَلـَـــى مَنْ كَـــانَ لِلْبَشَـرِيَّــةِ خَيــْرَ قُدْوَة: عَلَّمَهُــمْ وَاجِبَـــاتِ الحُــكَّـامِ وَحُقُـــوقَ الرَّعِيّــَة، وَأَضَــاءَ لَـــهُــمْ طَرِيْـــــقَ التَّـــقَـــــدُّمِ وَالْمَجْـــدِ وَالرِّفْعَـــة.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރައްޔިތުންގެ މަޖިލީހަކީ، ރާއްޖޭގެ ދީމުޤްރާޠީ ނިޒާމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ މުއައްސަސާއެއް.

ރާއްޖޭގެ ދީމުޤްރާޠީ ވެރިކަމުގެ އޮނިގަނޑު އެކުލަވައިލުމުގައި، ޤާނޫނުއަސާސީގައި މިކަން ވަނީ، ވަރަށް ރަނގަޅަށް ބަޔާންކޮށްދީފައި. އަދި ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ދެމެދުގައި ވަނީ، ވަރަށް ވަރުގަދަ ގުޅުމެއް ޤާއިމުކޮށްދީފައި.

އެހެންކަމުން، މި އަހަރަށް ރައްޔިތުންގެ މަޖިލިސް، ޤާނޫނީގޮތުން ހުޅުވައިދިނުމުގެ މި މުހިންމު މުނާސަބަތުގައި، މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށާއި، ޢިއްޒަތްތެރި ނާއިބު ރައީސަށާއި، ޢިއްޒަތްތެރި މެންބަރުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން. އަދި މި ފުރުޞަތުގައި، ކުރިއަށް އޮތް ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާވެސް، ތިޔަ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން. މި ޖަލްސާގައި މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ވަޑައިގެންނެތްކަމީ، މި ޖަލްސާއަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަޅުގަނޑު މި ދަންނަވާލަނީ، ސަރުކާރުގެ ސިޔާސަތު ކަނޑައަޅާފައިވާގޮތުގެ ބަޔާނެއް.

އެހެން އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް، ސަރުކާރުގެ އެންމެމަތީ ސިޔާސަތަކަށްވާނީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމާއި، ރާއްޖޭގެ އިސްލާމީ ޢަޤީދާއާއި، ޤައުމީ އެކުވެރިކަމާއި އެއްބައެއްވަންތަކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުން. އަދި ޢަދުލުއިންޞާފު ޤާއިމުކުރުމާއި، ތަރައްޤީގެ ފައިދާ، ހުރިހާ ރައްޔިތުންނަށް ލިބިދިނުމަށް މަސައްކަތް ކުރުން.

މި ސިޔާސަތު ހިންގަމުން ގެންދިޔުމުގައި، މި އަހަރު ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތަކެއް ކަމަށް ކަނޑައަޅާފައިވަނީ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ރާއްޖޭގެ ރައްޔިތުންނަށް އިޙްސާސްކުރަން ޖެހިފައިވާ، ބިމާއި ހިޔާވަހީގެ ދަތިކަމަށް ލުއިކަމެއް ގެނެސްދިނުމަށް މަސައްކަތް ކުރުމާއި، ރާއްޖޭގެ ސިޔާސީ ޙަޔާތުގަޔާއި، ތަރައްޤީގެ ހުރިހާ މައިދާންތަކެއްގައިވެސް، ދެ ޖިންސަށް ހަމަހަމަގޮތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރުން.

2001 ވަނަ އަހަރު، ދުނިޔޭގެ އިޤްތިޞާދީ މަސްރަޙަށް އައި ހީނަރުކަމާ ގުޅިގެން، މިއަހަރު ރާއްޖޭގެ ތަރައްޤީގެ ސިޔާސަތު ބިނާކޮށްފައިވަނީ، އެ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެއްޔަށް އައިސްފައިވާ މަޑުޖެހުން ނިމުމަކަށް ގެނެސް، އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށްޓަކައި މަސައްކަތް ކުރުމުގެ މައްޗަށް.

ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ތިމާވެށީގެ މައްސަލަތަކުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް، ކުރިއަށް ގެންދިޔުމުގެ މައްޗަށް.

ރާއްޖޭގެ އެންމެ މުހިންމު ރައުސުމާލަކީ އިންސާނީ ވަސީލަތް ކަމަށްވުމާއެކު، ރާއްޖޭގެ ކުޑަކުދިންގެ ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އެކަށީގެންވާގޮތެއްގައި އެކުދިންނަށް ތަޢުލީމުދީ، އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ މައްޗަށް. މީހުން ބިނާކުރުމަށާއި، މަތީ ތަޢުލީމުގެ ފުރުޞަތު، ވީހާވެސް ގިނަ ބަޔަކަށް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން ގެންދިޔުމުގެ މައްޗަށް. ޒުވާނުންގެ ތަރައްޤީއަށްޓަކައި ބޭނުންވާ ޚިދްމަތްތަކާއި ވަސީލަތްތައް ފުރިހަމަކުރުމަށާއި، ދިވެހިންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އިތުރުކުރުމުގެ މައްޗަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގެ ޚާރިޖީ ސިޔާސަތު، މިއަހަރުވެސް ބިނާވެފައި އޮންނާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ބައިނަލްއަޤްވާމީ މައްސަލަތަކުގައި، ޙައްޤާއި އިންޞާފަށް ތާއީދުކޮށް، ޞުލްޙައާއި އަމާންކަމަށްޓަކައި މަސައްކަތް ކުރުމުގެ މައްޗަށް.

އަދި ބޭރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާ އިތުރަށް ގުޅުން ބަދަހިކުރުމާއި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ފައިދާކުރާނެ ގޮތެއްގެމަތިން މަސައްކަތް ކުރުމުގެ މައްޗަށް.

ހަމައެހެންމެ، އ.ދ.އާއި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކުގެ އުސޫލުތަކަށް ޙުރުމަތްތެރިކޮށްހިތައި، ބިނާކުރަނިވި ތަރައްޤީއަށް މަސައްކަތް ކުރުމުގެ މައްޗަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ވޭތުވެދިޔަ 2001 ވަނަ އަހަރަކީ، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން، ކުރީ އަހަރުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުވެފައިވި އަހަރެއް.

އަހަރުގެ ފަހުކޮޅުގައި، ބައެއް އިޤްތިޞާދީ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް، ތަރައްޤީގެ މަގުގައި ރާއްޖެއަށް، އާ ކުރިއެރުންތަކެއް ލިބުމުގެ ހެޔޮ ނަސީބު ލިބިގެންދިޔަ އަހަރެއް.

މިދިޔަ އަހަރުވެސް، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހިންގަވަމުން ގެންދަވާފައިވަނީ، ރައްޔިތުންނަށާއި ސަރުކާރަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށް އަޅުގަނޑު ދެކެން. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހަތް ބިލެއްގެ ތެރެއިން ފަސް ބިލެއް، ތިޔަ ޢިއްޒަތްތެރި މަޖިލީހުން ވަނީ، ފާސްކޮށްދެއްވާފައި.

ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ފުރިހަމަކޮށް، އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، މިހިނގާ 2002 ވަނަ އަހަރުވެސް، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އިތުރު ބައެއް ބިލް ހުށަހެޅުމަށް ސަރުކާރުން ގަސްތުކުރާ ވާހަކަ މި ފުރުޞަތުގައި ދަންނަވާލަން.

ވޭތުވެދިޔަ އަހަރުވެސް، ދައުލަތުގެ މުހިންމު ބޮޑެތި ހުރިހާ ކަމެއް އަޅުގަނޑު ހިންގަމުން ގެންދިޔައީ، ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން.

މީގެއިތުރަށް، ސަރުކާރުގެ އެކިއެކި ދާއިރާތަކުންވެސް، މުހިންމު ނިންމުންތައް ނިންމަވާފައިވަނީ، އެ ދާއިރާތަކުގައި އުފައްދާފައިވާ މަޖިލިސްތަކާއި، ބޯޑުތަކާއި، ކޮމިޓީތަކުގެ ޚިޔާލު ހޯއްދަވައިގެން. އެފަދަ ބައެއް މަޖިލިސްތަކާއި ކޮމިޓީތަކުގައި ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ބައެއް މެންބަރުންނާއި، އެ ދާއިރާއަކާ ގުޅޭ ބައެއް އަމިއްލަ ފަރާތްތައްވެސް ހިމެނޭ.

މި ސިޔާސަތުގެ ސަބަބުން، ވެރިކަމުގެ ދާއިރާގައި ގިނަ ބައެއްގެ ބައިވެރިވުން ލިބި، ރާއްޖޭގައި ދީމުޤްރާޠީ އުސޫލުތައް ހަރުދަނާވެގެން ދާކަމަށްވެސް، އަޅުގަނޑު ދެކެން.

މި ފުރުޞަތުގައި، ދައުލަތުގެ ކަންތައްތައް ހިންގުމުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނާއި، އެކިއެކި މަޖިލިސްތަކާއި ކޮމިޓީތަކުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްއޮފީހުގެ ވެރިންނާއި މުވައްޒަފުން، އަޅުގަނޑަށް ވެދެއްވި، އަދި ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް، ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، މާލެއާއި ރާއްޖޭގެ އަތޮޅުތަކުގައި، ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް، މިދިޔަ އަހަރުވެސް ވަނީ ހިންގާފައި. އިތުރު މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްވެސް، ވަނީ ކޮށްފައި. އަދި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން، ކީރިތި ޤުރްއާން ހިތުދަސްކޮށްދިނުމުގެ ޕްރޮގްރާމެއް، ވަނީ ހިންގަން ފަށާފައި.

ދެކުނު އޭޝިޔާގައި އިސްލާމްދީނަށް ގޮވާލުމާބެހޭ ބައިނަލްއަޤްވާމީ ނަދުވާއެއްވެސް، މިދިޔަ އަހަރު ވަނީ މާލޭގައި ބާއްވާފައި.

ދިވެހި މުޖުތަމަޢުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދީ، ހުރިހާ ދާއިރާއެއްގައިވެސް ހަމަހަމަކަމާއެކު ދެ ޖިންސުގެ ބައިވެރިވުން ހޯދުމަށާއި، މިކަމަށް ހުރަސްއަޅާ ކަންތައްތައް ނައްތާލުމަށްޓަކައި ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުމަށާއި، ޢަމަލީގޮތުން އެ އުސޫލު ހުރިހާ ދާއިރާއެއްގައިވެސް ހިންގުމަށް، މިގެންދަނީ މަސައްކަތް ކުރަމުން.

މިގޮތުން، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، ޖެންޑަރ މެނޭޖްމަންޓް ސިސްޓަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް، ވޭތުވެދިޔަ އަހަރު ވަނީ ބާއްވާފައި. އެ ބައްދަލުވުމުގައި، އަޅުގަނޑުވެސް ބައިވެރިވިން.

ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅުވެރިކަމުގެ މަގާމަށް ޤާބިލު އަންހެން ބޭފުޅުން އިސްކުރަން ފެށުމުގެ ގޮތުން، ފެލިދުއަތޮޅުގެ އަތޮޅުވެރިކަމުގެ މަގާމަށް އަންހެން ބޭފުޅަކު، މިދިޔަ އަހަރު ވަނީ، އިސްކޮށްފައި. ބައެއް ރަށްރަށުގެ ކަތީބުކަމާއި ކުޑަކަތީބު ކަމުގައިވެސް އަންހެން ބޭފުޅުން މިހާރު އެބަ ތިއްބެވި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ސަރުކާރުން ކަންތައްތައް ކުރަމުން މިގެންދަނީ، ދުރު މުސްތަޤްބަލަކަށް އަމާޒުކޮށްގެން ރޭވުމާއެކު، ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ ތެރޭގައި ނިންމުމަށް އިސްކަންދޭ ކަންތައްތަކެއް ކަނޑައަޅައި، އެކަންތައްތައް ނިންމުމަށް، އަހަރުގެ ތެރޭގައި ޚާއްޞަ ގޮތެއްގައި މަސައްކަތްކުރާ އުސޫލަކުން.

2001 ވަނަ އަހަރުން 2005 ވަނަ އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ހަވަނަ މަޝްރޫޢު، މިހާރު ވަނީ އެކުލަވާލައިނިމި، މި މަޝްރޫޢަށް ޢަމަލުކުރުމަށް، ވަޒީރުންގެ މަޖިލީހުން ނިންމަވާފައި. މި މަޝްރޫޢަކީ، މާތް ﷲ ގެ ވާގިފުޅާއެކު، ރާއްޖޭގައި ފުރަތަމަފަހަރަށް ކަނޑައެޅޭ، ޤައުމީ ތަރައްޤީގެ ފަސް އަހަރުގެ މަޝްރޫޢު.

މި މަޝްރޫޢު ޝާއިޢުކުރުން މިއަހަރަށް ލަސްކޮށްލަންޖެހުނީ، ރާއްޖޭގެ ވިހިވިހީގެ ތަޞައްވުރާބެހޭ ޤައުމީ ބައްދަލުވުމެއް، މިދިޔަ އަހަރު ބާއްވައި، އެ ތަޞައްވުރާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތްކޮށް، އެ މަޝްވަރާތަކާއި ޚިޔާލުތަކުގެ އަލީގައި،  މި މަޝްރޫޢު އިތުރަށް ފުރިހަމަކުރުމުގެ ފުރުޞަތު ހޯދުމަށްޓަކައި.

2001 ވަނަ އަހަރު ތަރައްޤީގެ ކަންތައްތައް ސަރުކާރުން ހިންގަމުން ގެންދިޔައީ، އެ މަޝްރޫޢުގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން.

ސަރުކާރުން ރައްޔިތުންނަށްދޭ ޚިދްމަތްތަކުގެ ފެންވަރު، އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުމުގެ މަޤްޞަދުގައި، އޮފީސްތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، މިދިޔަ އަހަރުވެސް ވަނީ ކުރަމުން ގެންގޮސްފައި. މިގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުގެ ހިންގުން ހަލުވި ކުރުމާބެހޭ އޮނިގަނޑެއް، މިހާރު ވަނީ ތައްޔާރުކޮށްފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މިދިޔަ އަހަރުވެސް، ދައުލަތުގެ މާލީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާކޮށްފައި އޮތީ، މުދަލާއި ޚިދްމަތުގެ އަގު، އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށާއި، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމުގެ މައްޗަށް. އަދި އިޤްތިޞާދީ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބާރުއެޅުމުގެ މައްޗަށް.

2001 ވަނަ އަހަރު، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން، ގާތްގަނޑަކަށް 2.1 އިންސައްތަ މައްޗަށް ގޮސްފައިވޭ. އެހެންނަމަވެސް މިއީ 2000 ވަނަ އަހަރަށްވުރެ ކުޑަ ނިސްބަތެއް. މިދިޔަ އަހަރު، މުދަލާއި ޚިދްމަތުގެ އަގު މައްޗަށް ދިޔައީ، 0.7 އިންސައްތައިގެ ނިސްބަތުން. އިޤްތިޞާދީ ދުވެލި މަޑުޖެހިލުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ، ޓެރަރިޒަމުގެ ހަރަކާތްތަކާ ގުޅިގެން، އަހަރުގެ އެންމެފަހު ހަތަރު މަސް ދުވަހު، ދުނިޔޭގެ އިޤްތިޞާދަށާއި، ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަން.

ސަރުކާރުގެ އަދި ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުނިތައް ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް، 2001 ވަނަ އަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދެވިފައިވޭ.

މި މަސައްކަތްތަކުގެ ތެރޭގައި، މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑުގެ އިދާރީ އަދި ވިޔަފާރި ހިންގުމުގެ އޮނިގަނޑަށް ވަނީ، މުހިންމު ބަދަލުތަކެއް ގެނެސްފައި. މިކަމުގެ ސަބަބުން، އެ ކުންފުނީގެ ޙާލަތު ރަނގަޅުވެ، އެ ކުންފުނީގެ ވިޔަފާރި ތަރައްޤީވުމަށް މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އިޤްތިޞާދީ ކުރިއެރުމުގެ ފައިދާ، ވީހާވެސް ގިނަ ބައެއްގެ މެދުގައި ޙިއްޞާވަމުން ދާގޮތަށް ކަންތައްތައް ރޭވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭތީ، ސަރުކާރުގެ ކުންފުނިތަކުގައި އަމިއްލަ އަފްރާދުންނަށް ބައިވެރިވެވޭގޮތް ހެދުމަށްޓަކައި، އެސް.ޓީ.އޯ.ގެ ޙިއްޞާއިން ބައެއް، ވޭތުވެދިޔަ އަހަރު ވަނީ ރައްޔިތުންނަށް ވިއްކާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން، މިދިޔަ އަހަރު، ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމާއެކު، މިފްކޯއަށް ގަތް މަހުގެ ނިސްބަތް، ކުރީ އަހަރަށްވުރެ 13 އިންސައްތަ މައްޗަށްދިޔަ.

އެހެންނަމަވެސް، ދުނިޔޭގެ މަސްވެރިކަމުގެ ބާޒާރަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން، މިހާރު ރާއްޖޭގެ މަސްވެރިކަމަށް ވަނީ، ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި.
މި މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި، ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް، ސަރުކާރުން މިހާރު ވަނީ ފަށާފައި.

މި ބަދަލުތަކުގެ ތެރޭގައި، ރޯމަސް ގަނެ، ފިނިކުރި މަހުގެ ގޮތުގައާއި، ދަޅުގައި ބަންދުކޮށްގެން، މަސް އެކްސްޕޯޓް ކުރުމުގެ ފުރުޞަތު، އާންމު ފަރާތްތަކަށް މިހާރު މިވަނީ ހުޅުވާލާފައި. މިކަން ދެފަހަރެއްގެ މަތިން އާންމު ބީލަމަށް ހުށަހަޅައި، މިހާރު ވަނީ، އެ މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ބީލަންތައް ދިރާސާކޮށް ނިމިފައި.

ވޭތުވެދިޔަ އަހަރު ދުނިޔޭގެ އިޤްތިޞާދަށާއި، ދަތުރުފަތުރުކުރުމަށް ކޮށްފައިވާ ނޭދެވޭ އަސަރު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށްވެސް ވަނީ ކޮށްފައި. 2001 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު، ކުރީ އަހަރާ އަޅައިބަލާއިރު، 1.3 އިންސައްތަ ވަނީ ދަށަށް ގޮސްފައި.

މިހިނގާ 2002 ވަނަ އަހަރަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 30 އަހަރު ފުރޭ އަހަރު. މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ، އެ ދާއިރާއިން ވަނީ، ގިނަގުނަ ކުރިއެރުންތަކެއް ހާސިލުކޮށްފައި. އަދި މުޅި ދުނިޔޭގައިވާ ފަތުރުވެރިކަމުގެ އެންމެ މަޤްބޫލު އެއް މަންޒިލް ކަމުގައި ރާއްޖެވެފައި.

1991 އިން ފެށިގެން މިހާތަނަށް، ރާއްޖޭގެ 33 ރިޒޯޓަކަށް، 129 އިނާމު، ބޭރުގެ ފަރާތްތަކުން ލިބިފައިވާ ވާހަކަ މި ދަންނަވާލަނީ، މި ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރާއި ތަހުނިޔާ ދަންނަވަމުން.

ފަތުރުވެރިކަން ފުޅާވެ ކުރިއަރަމުންދާއިރު، އެ ދާއިރާގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަކީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް ކަމަށްވާތީ، މި ރޮނގުން މަސައްކަތްކުރާ ފަރާތްތަކަށް، ކޮންމެ އަހަރަކުވެސް ޚާއްޞަ އިނާމެއް ދޭގޮތަށް ސަރުކާރުން ހަމަޖައްސައި، ފުރަތަމަ ފަހަރު މިކަމަށް ހޮވުނު ފަރާތަށް، ވޭތުވެދިޔަ އަހަރު ވަނީ އިނާމު ދީފައި.

ރާއްޖޭގައި ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި، ދަނޑުވެރިކަން ތަޖުރިބާކުރުމާއި، ދަނޑުވެރިކަމުގެ ރޮނގުން މީހުން ބިނާކުރުމާއި، އާންމުންގެ މެދުގައި ދަނޑުވެރިކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް މިގެންދަނީ ކުރަމުން. އަދި ދަނޑުވެރިކަމުގެ ދާއިރާއިން، ދިހަ އަހަރު ދުވަހުގެ މައި މަޝްރޫޢެއް ތައްޔާރުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ހިންގުމަށް ވަނީ ގަސްތުކޮށްފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ތަޢުލީމާއި ތަމްރީނު ދިނުމުގެ ތިންވަނަ މަޝްރޫޢުގެ ދަށުން، ފަށާ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ތަޢުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ރާއްޖެއިން ބޭރުން ތަޢުލީމު ހޯދައިދިނުމަށް، މިދިޔަ އަހަރުވެސް، މަސައްކަތް ކުރަމުން ގެންދެވުނު.

2002 ވަނަ އަހަރުން ފެށިގެން، ސާނަވީ ތަޢުލީމު ނިންމާ ކޮންމެ ކުއްޖަކީ، ކޮމްޕިއުޓަރުން ލިޔަންކިޔަން ދަންނަ ކުއްޖަކަށް ހެދުމަށްޓަކައި ހިންގަމުންގެންދާ މަޝްރޫޢުގެ ދަށުން، އަތޮޅުތަކުގެ 54 ސްކޫލެއްގައި ވޭތުވެދިޔަ އަހަރު، މި މަޝްރޫޢު ވަނީ ހިންގަން ފަށާފައި. އަދި މާލޭގެ ހުރިހާ ސާނަވީ މަދަރުސާއެއްގައިވެސް، މި މަޝްރޫޢު މިގެންދަނީ ހިންގަމުން.

މިއަހަރަކީ، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މަދަރުސާ ކަމުގައިވާ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެ ސްކޫލުގެ އަލިމަސް ޔޫބީލުގެ އިޙްތިފާލުތަކަށް، މިހާރު ތައްޔާރުވަމުން އެބަދޭ.

މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންގެންދާ ކުދިންގެ އަދަދު ގިނަކަމާއެކު، އެއް ސްކޫލެއްގެ ގޮތުގައި ހިންގުން ދަތިވުމުގެ ސަބަބުން، އެ ސްކޫލް ދެބައިކޮށް، އަލަށް އުފެއްދި، "ދަރުމަވަންތަ ސްކޫލް" ގައި މިއަހަރު ވަނީ ކިޔަވައިދޭން ފަށާފައި.

ރާއްޖޭގައި ސަރުކާރުން ދެމުންގެންދާ ޞިއްޙީ ޚިދްމަތުގެ ފެންވަރު މަތިކުރުމުގެގޮތުން، އައި.ޖީ.އެމް.އެޗުން ލިބެން ހުންނަ ޚިދްމަތްތައް ތަރައްޤީކޮށް، އިތުރު ޚިދްމަތްތަކެއް މިހާރު ވަނީ ތަޢާރުފުކޮށްފައި. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ހަތަރު އަތޮޅެއްގެ ޞިއްޙީ މަރުކަޒު، އަތޮޅު ހޮސްޕިޓަލުތަކަކަށް ބަދަލުކޮށް، އެތަންތާނގައި އޮޕަރޭޝަން ތިއޭޓަރު ވަނީ ޤާއިމުކޮށްފައި.

2001 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ޞިއްޙަތާބެހޭ ވަޒީރުންގެ 19 ވަނަ ބައްދަލުވުން ހިމެނިގެންދިޔައީ، މި ސަރަޙައްދުގެ ޤައުމުތަކުގެ ޞިއްޙީ ޚިދްމަތް އާންމުންނަށް ލިބިދިނުމުގައި ދިމާވާ ދަތިތަކާމެދު މަޝްވަރާ ކުރުމަށް ލިބުނު، ވަރަށް އަގުހުރި ފުރުޞަތެއް ކަމުގައި.

ކުޑަކުދިންގެ ތަރައްޤީއަށް ބޭނުންވާ ތަރުބިޔަތާއި، ޖިސްމާނީ އަދި ނަފްސާނީ ކުރިއެރުން ލިބިދިނުމަށްޓަކައި، ޅަފަތުގެ ތަރުބިއްޔަތާއި ތަރައްޤީގެ މަޝްރޫޢެއް، ވޭތުވެދިޔަ އަހަރު ވަނީ ފަށާފައި. އަދި ދުނިޔޭގެ ފެންވަރުގައި ހިންގާ "ކުޑަކުދިންނަށްޓަކައި އާނއެކޭ ބުނާށޭ" މި ހަރަކާތްވެސް، މިދިޔަ އަހަރު ވަނީ ރާއްޖޭގައި ހިންގަން ފަށާފައި.

ދިވެހި ޒުވާނުންނަކީ ޤައުމަށް ފައިދާހުރި، މަސްއޫލިއްޔަތު އުފުލާ ބަޔަކަށް ހެދުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ޒުވާނުންނަށް އެކިއެކި ފަންނީ ހުނަރުތައް ދަސްކޮށްދިނުމުގެ ކޯސްތައް، ވޭތުވެދިޔަ އަހަރުވެސް ވަނީ ހިންގާފައި.

މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، އެފަދަ މީހުންނަށް ފަރުވާދިނުމަށް އުފައްދާފައިވާ މަރުކަޒުން ފަރުވާ ފުރިހަމަކޮށް މުޅިން ނިމިގެން، 109 މީހަކު، ވޭތުވެދިޔަ އަހަރުގެ ނިޔަލަށް ވަނީ ދޫކޮށްލާފައި. އަދި މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމަޢުގެ އެންމެން ސަލާމަތްކުރުމަށްޓަކައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކެއް، މާލެއާއި، އަތޮޅުތަކުގައި، މިދިޔަ އަހަރުވެސް ވަނީ ހިންގާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރަށްރަށުގެ ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުވެސް ކުރަމުން ގެންދެވުނު. ސަރުކާރުން ކަނޑައަޅާ ރަށްތަކެއްގައި، އިރާދަކުރެއްވިއްޔާ، މިއަހަރުވެސް މި މަޝްރޫޢުގެ މަސައްކަތް ހިންގަމުން ގެންދެވޭނެ. އަދި ފުވައްމުލަކު ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް، މާތް ﷲ ގެ ވާގިފުޅާއެކު، މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ.

އަތޮޅުތަކުގެ ކަރަންޓުގެ ޚިދްމަތް ތަރައްޤީކުރުމުގެ މަޝްރޫޢެއް، ބޭރުގެ ލޯނު އެހީއާއެކު ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު މިގެންދަނީ ކުރަމުން.

އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން، ރާއްޖޭގެ އަތޮޅުތައް ތަރައްޤީކޮށް، އަތޮޅުތައް ހިންގުމުގައި މެދުވެރިވާ ދަތިތަކާއި، އެކަންކަން ޙައްލުކުރުމުގައި އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރުމަށްޓަކައި، އަތޮޅުވެރިންގެ ދިހަވަނަ ބައްދަލުވުން، މިދިޔަ ނޮވެމްބަރުމަހު މާލޭގައި ވަނީ ބާއްވާފައި.

އަދި އަތޮޅުތަކުގެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް، އެކަށީގެންވާ ފެންވަރެއްގައި ފަސޭހައިން ލިބިދެވޭނެ ގޮތްތައް ރޭވުމަށްޓަކައި، އަތޮޅުއޮފީސްތަކާއި ރަށުއޮފީސްތަކުގެ އިދާރީ ހިންގުން އިޞްލާޙު ކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން، މިހާރު ވަނީ ކުރަންފަށާފައި.

ރައްޔިތުންގެ ގިނަ ބަޔަކަށް ހިޔާވަހިކަން ހޯދައިދިނުމަށާއި، ކުރިއަށް ދިޔުމުގެ މަގު އިތުރަށް ފަހިކޮށްދިނުމަށްޓަކައި، ދިރިއުޅެން ފަސޭހަ ބޮޑެތި ރަށްރަށަށް، ކުދި ރަށްރަށުގެ މީހުން ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، މިލަދުންމަޑުލު އުތުރުބުރީ މާކަނޑޫދޫން އެއަތޮޅު މިލަންދުއަށް މީހުން ބަދަލުކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް، ހިނގަމުން އެބަދޭ.

އަދި ހުޅުމާލެ އާބާދުކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކައި، އެރަށަށް ބޭނުންވާ ރަށްވެހިކަމުގެ ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި، ވޭތުވެދިޔަ އަހަރު ވަނީ، ހުޅުމާލެ ތަރައްޤީ ކުރުމާބެހޭ ޔުނިޓެއް އުފައްދާފައި. ހުޅުމާލޭގެ މަސައްކަތް އަވަސްކުރުމުގެގޮތުން، ބިން ހިއްކުމާއި، ތޮށިލުމުގެ މަސައްކަތް، ބީލަމުގެ އުސޫލުން ހަވާލުކުރި، ބޭރުގެ ކުންފުނިން، އެ މަސައްކަތް މިހާރު ވަނީ ފަށާފައި.

ހަމައެހެންމެ، މާލޭގައި، ފްލެޓު އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން އިމާރާތްކޮށް ނިމިފައިވާ ދިހަބުރީގެ އިމާރާތާއި، ހަބުރީގެ އިމާރާތުގެ ފްލެޓުތައް، މިހާރު ވަނީ، ހަމަޖެހިފައިވާ އުސޫލުން ކުއްޔަށް ދޫކޮށްފައި. ވިލިނގިލީގައި އިމާރާތް ކުރަމުންގެންދާ ފްލެޓު އިމާރާތުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ.

ރާއްޖޭގެ ސައެންސް އެންޑް ޓެކްނޮލޮޖީއާބެހޭ މައި މަޝްރޫޢު، މިދިޔަ އަހަރު ވަނީ އެކުލަވާލައި ނިމިފައި. މީގެއިތުރުން، ސަރުކާރުގެ އޮފީސްތައް ކޮމްޕިއުޓަރ ވިއުގައަކުން ގުޅާލުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ އޮތް ޙާލަތު ބަލައި، އެކަމާބެހޭ ރިޕޯޓެއް، ބޭރުގެ މާހިރުންގެ އެހީގައި، ވޭތުވެދިޔަ އަހަރު ވަނީ ތައްޔާރުކޮށްފައި. އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ކައިރި މުސްތަޤްބަލެއްގައި ފެށޭނެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު އެއްކަމެއްގެ ގޮތުން، ރާއްޖޭގެ ފަރުތަކާއި، ފަރުތަކުގައިވާ ދިރުންހުރި ތަކެތި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ރައްކާތެރި ކުރުމުގެ މަޝްރޫޢެއް ތައްޔާރުކުރުމުގެ މަސައްކަތް، ބޭރުގެ އެހީއާއެކު، މިދިޔަ އަހަރު ވަނީ ފަށާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

2001 ވަނަ އަހަރުގެ ފަހުކޮޅު، ބައިނަލްއަޤްވާމީ މައިދާނުގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން،    އެ މަސްރަޙު ވަރަށް ބޮޑަށް ބަނަވެގެންދިޔަ. އެނގިވަޑައިގަންނަވާނެ ފަދައިން، ޓެރަރިޒަމުގެ ހުރިހާ ޢަމަލުތަކަކީ ރާއްޖެއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ޢަމަލުތަކެއް.

2001 ވަނަ އަހަރު، ބައިނަލްއަޤްވާމީ މުހިންމު އެތައް ޖަލްސާއެއްގައި ރާއްޖެއިން ވަނީ ބައިވެރިވެފައި. މިދިޔަ އޮކްޓޯބަރުމަހު ޖަޕާނުގެ އޯސަކާގައި ބޭއްވި، ފަތުވެރިކަމާބެހޭ ސާސްކަފު ޖަލްސާގައި އަޅުގަނޑު ބައިވެރިވިން. އަދި ފަތުރުވެރިކަމަށް އިތުރު ތަރައްޤީ ލިބުމަށްޓަކައި ޞުލްޙަމަސަލަސްކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުން ބޭނުންވާކަމަށާއި، ފަތުރުވެރިކަމާއި ތިމާވެށްޓާ އޮތް ގުޅުމުގެ މައްޗަށް، އެ ޖަލްސާގައި އަޅުގަނޑު ވާހަކަދެއްކިން.

ވޭތުވެދިޔަ އަހަރު ސަޢޫދީ ޢަރަބިއްޔާއަށް، އަޅުގަނޑު ޒިޔާރަތްކޮށް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނާއި، އެތާނގެ އިސްވެރިންނާ ބައްދަލުކޮށް، އެ ޤައުމާއި ރާއްޖެއާ ދެމެދު ޤާއިމުވެފައި މިއޮތް އިސްލާމީ އުޚުއްވަތްތެރިކަމުގެ މާތް އަދި ހަރުދަނާ ގުޅުން، އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރިން.

ސީނުކަރައިގެ ރައްޔިތުންގެ ޖުމްހޫރިއްޔާގެ ބޮޑުވަޒީރު ޗޫރޮންގޖީއާއި، އެމަނިކުފާނުގެ އަނބިކަނބަލުން، މިދިޔަ މެއިމަހު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވި.
މި ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެއާއި އެ ޤައުމާ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ދެކެން.

ވޭތުވެދިޔަ އަހަރު، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ރައީސް، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ވަފްދަކާއެކު، ސީނުކަރައިގެ ޤާނޫނުހަދާ މަޖިލީހުގެ ދަޢުވަތަކަށް، އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި. އަދި ކޮމަންވެލްތް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމުޢިއްޔާގެ 47 ވަނަ ބައްދަލުވުމުގައި، އެމަނިކުފާނާއި މަޖިލީހުގެ މެންބަރުންގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވި. ފަލަސްޠީނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް، އައްސައްޔިދު އަޙްމަދު ޤޫރީ، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރެއްވި.

މިދިޔަ އަހަރު، ވަޒީރުންގެ މަޖިލީހުގެ އެކިއެކި މެންބަރުން، ރަޙްމަތްތެރި ބައެއް ޤައުމުތަކަށް ޒިޔާރަތް ކުރެއްވި. އަދި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުހިންމު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ތިޔަ އެންމެ ބޭފުޅުންވެސް ގަބޫލުފުޅުކުރައްވާނެ ފަދައިން، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ރާއްޖެ ދަނީ، މާތް ﷲ ގެ ވާގިފުޅާއެކު، އެކަށީގެންވާ ކުރިއެރުންތަކެއް ހާސިލުކުރަމުން.

ޝައްކެއްނެތްގޮތުގައި، މި ކާމިޔާބީތައް ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއް. އަދި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ޞުލްޙަމަޞްލަޙަތު ރައްކާތެރިކުރުމާއި، ރާއްޖޭގެ އިސްލާމީ ވަޙްދަތު ދެމެހެއްޓުމަކީ، އަޅުގަނޑުމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް.

މި މަސްއޫލިއްޔަތުތައް އުފުލުމުގައި، ޤައުމުދެކެ ލޯބިވާ އެއްވެސް ދިވެއްސަކު ފަހެއްނުޖެހޭނެކަން ޔަގީން. އަމިއްލަ ޤައުމަށްޓަކައި، އަދި ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި، ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަކީ އުފަލެއް ކަމަށް، ކޮންމެ ދިވެހި ރައްޔިތަކުވެސް ދެކޭނެކަން ކަށަވަރު.

މި ބަޔާނަށްފަހު، މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން، ރައްޔިތުންގެ މަޖިލިސް، ޤާނޫނުގައިވާ ގޮތުގެމަތިން، 2002 ވަނަ އަހަރަށް ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު، އަޅުގަނޑު ލިބިގަންނަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އެއްބައިވަންތަކަމާއި، ޞުލްޙަމަޞްލަޙަތަށް ލޯބިކުރާ ބަޔަކު ކަމުގައި ވުމުގެ ހެޔޮ ނަސީބު، މާތް ﷲ މިންވަރު ކުރެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި ފައިތިލަ ސާބިތުކޮށްގެން ތިބެ، ޤައުމީ މަޞްލަޙަތުތައް ރައްކާތެރިކޮށް، ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، އެކުވެރިކަމާއި އެއްބާރުލުމާއެކު އަދި ފިސާރި ވަރުގަދަ ޢަޒުމަކާއެކު މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން.

رَبَّنـــَآ ءَاتِنَــا مِن لَّدُنكَ رَحْمَـــةً وَهَيِّئْ لَنَــا مِنْ أَمْرِنَا رَشَدًا. رَّبَّنَــا عَلَيْــكَ تَوَكَّلْنَــا وَإِلَيْكَ أَنَبْنــَا وَإِلَيْكَ الْمَصِيرُ.

والسّلام عليكم ورحمـة اللّـه وبركاته.