بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މުދީރުޢާންމު ޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެންމެހައި ވެރިން، މި ސްކޫލްގެ މުދައްރިސުންނާއި، މުވައްޒަފުން، އަދި ސްކޫލްގެ ލޮބުވެތި ދަރިވަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ވަރަށް އުނދަގޫ ޙާލަތެއްގައި މިވޭތުވެދިޔަ ދެތިން އަހަރު ވަންދެން، މި ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުން މަސައްކަތް ކުރަމުން އައީ. އެހެންވީމާ، މިފަދަ ރީތި ފުރިހަމަ ޢިމާރާތެއް ސްކޫލް ހިންގުމަށް ލިބުނު ކަމަށްޓަކައި އަޅުގަނޑުމެން އެންމެން اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، މި ސްކޫލް ކުރިން ހިނގަމުންދިޔަ ޢިމާރާތް ވަރަށް ބޮޑަށް ބާވެ، ސްކޫލްގެ ޢިމާރާތުގެ ބައެއް ތަންތަނަށް ގެއްލުން ލިބި، އެންމެފަހުން ޢިމާރާތް ފުނޑުފުނޑުވެގެން ވެއްޓޭ ހިސާބަށްދިޔަފަހުން ސަރުކާރުން ނިންމެވީ، މި ސްކޫލަށް އާ ޢިމާރާތެއް އަޅުއްވައިދެއްވަން. އެގޮތުން، 2010 ވަނަ އަހަރުގެ ތެރޭގައި މި ސްކޫލް އަލުން ޢިމާރާތް ކުރުމަށް ހަމަޖެހި، ސްކޫލްގެ ޢިމާރާތުގެ މަސައްކަތް ފެށުނީ. އެހެންވީމާ، އަލަށް މި ސްކޫލަށް ޢިމާރާތެއް އަޅުއްވައިދެއްވުމަށްޓަކައި އޭރު ސަރުކާރުން ނިންމެވި ނިންމެވުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުޙަންމަދު ނަޝީދަށާއި އަދި އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި، މިނިސްޓްރީގެ އިސްބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިސްކޫލަކީ މިއަދު ޢާންމުންގެ ކުރިމަތީގައި ވަރަށް މަޤްބޫލު އަދި ޚާއްޞަކޮށް، ބެލެނިވެރިންގެ ކުރިމަތީގައި ވަރަށް މަޤްބޫލު ސްކޫލަކަށް މިވަނީ ވެފައި. އޭގެ ނަތީޖާއެއްގެ ގޮތުން، ސްކޫލަށް ވައްދަން ބޭނުންވާ ކުދިންގެ ޢަދަދު މިދަނީ އަހަރަކުން އަހަރެއް އިތުރުވަމުން. މި ސްކޫލް ދާދި އަވަހަށް ބޮޑުކުރަންޖެހުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، މިއިން ދޭހަވަނީ، ޢަރަބި އިސްލާމީ ތަޢުލީމަށް ރާއްޖޭގެ ރައްޔިތުން ދޭ އަހަންމިއްޔަތު. މިކަމަށް ލިބޭ ތަރުޙީބު. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، ކުރިއަށް އޮތް ތާނގައި، މިފަދަ އެހެނިހެން ސްކޫލްތައްވެސް ރާއްޖޭގައި އުފެދިގެންދާނެ ކަމަށް.

އާދެ! މި ސްކޫލަކީ މިއީ ވަރަށް ޚާއްޞަ ސްކޫލެއް. ސަބަބަކީ ރާއްޖޭގައި ހުރި ހަމައެކަނި ޢަރަބި އިސްލާމީ މަދްރަސާ ކަމަށްވާތީ. މި ސްކޫލްގައި އަހަންމިއްޔަތު ކަމެއް ދެވިފައިވަނީ، ޢަރަބި ބަސް ދަސްކޮށްދިނުމަށާއި އަދި އިސްލާމްދީނުގެ އެކިއެކި މާއްދާތައް ކިޔަވައިދިނުމަށް. ނަމަވެސް، މި ސްކޫލުން ނިމޭ ކުދިންނަކީ، އެހެނިހެން މާއްދާތައްވެސް ކިޔަވައިގެން، ދުނިޔޭގެ އެކިއެކި ޔުނިވަރސިޓީތަކަށް ދެވޭވަރުގެ ތަޢުލީމަކާއި، ތަޢުލީމީ ފެންވަރެއް ހުރެގެން ނުކުންނަ ކުދިން. އަޅުގަނޑުމެން މިއަދު ޚާއްޞަ ގޮތެއްގައި މި ފާހަގަކުރަނީ، މި ސްކޫލުން ދަސްވެނިވެގެން ނުކުންނަ ކުދިންނަކީ، އަޚްލާޤީ ގޮތުން ރަނގަޅު، ތަޢުލީމީ ގޮތުން ފެންވަރުމަތި އަދި ޙަޔާތުގައި އެކިއެކި ކާމިޔާބުތައް ހޯދަމުންދާ ދަރިވަރުންތަކަކަށްވާތީ. މިފަދަ ފުރިހަމަ ތަޢުލީމެއް މި ސްކޫލްގެ ފަރާތުން ދެމުންގެންދާ ކަމަށްޓަކައި މި ސްކޫލްގެ ޕްރިންސިޕަލަށާއި، ސްކޫލްގެ މުދައްރިސުންނަށާއި، އެކިއެކި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެން، ސްކޫލެއްގެ ކާމިޔާބީ ބިނާވެފައި މި އޮންނަނީ، ހަމައެކަނި ސްކޫލްގެ ޓީޗަރުންގެ މައްޗަކަށް އެކަންޏެއްވެސް ނޫން. އެ ޓީޗަރުންނާއެކީގައި މަސައްކަތްކުރާ ދަރިވަރުންގެ ބެލެނިވެރިންނާ. އެހެންވީމާ، މި ސްކޫލްގެ ބެލެނިވެރިން، ޚާއްޞަކޮށް، ސްކޫލްގެ ބޯޑާއި ޕީ.ޓީ.އޭ.ގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް އަޅުގަނޑު އުފަލާއެކީ ފާހަގަކޮށް، އެފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އިސްލާމީ ތަރުބިއްޔަތަކީ އެއީ، ދިވެހި ކޮންމެ ދަރިވަރަކަށްވެސް ލިބެންޖެހޭ ތަރުބިއްޔަތެއް. ހަމައެކަނި މި މަދްރަސާގެ ދަރިވަރުންނަށް ލިބެންޖެހޭ ތަރުބިއްޔަތެއް ނޫން. އެހެންވީމާ، މި ސްކޫލްގައި ދަރިވަރުން ތަރުބިއްޔަތު ކުރެވޭ ގޮތަކީ، އެހެނިހެން ސްކޫލްތަކަށްވެސް ނަމޫނާއަކަށް އެބަވާންޖެހޭ. އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށްޓަކައި ރިވެތި އަޚްލާޤީ މިންގަނޑުތައް ޤާއިމުކޮށް، އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށްވެސް ތަރުބިއްޔަތު ދެވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

މިއަދު އަޅުގަނޑުމެންގެ ރާއްޖެއިން ފެންނަމުން މިދަނީ، ރާއްޖޭގެ މުޖުތަމަޢު ބައިބައިވެ، އަޅުގަނޑުމެންގެ ޒުވާނުން، އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްދީ، އެކިމީހުން އެކިދިމާއަށް ދަތުރުކުރާ މަންޒަރު. ޤައުމެއްގެ ގޮތުން އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އަންނަނީ، އަޅުގަނޑުމެން އެންމެންނަކީ، އެއް މިޞްރާބަކަށް ދަތުރުކުރާ ބަޔަކަށްވެގެން. އެ މިޞްރާބު ކަނޑައެޅުމުގައި، އެންމެ ފުރަތަމަ އަހަންމިއްޔަތުކަމެއް ދޭންޖެހެނީ މާތްވެގެންވާ އިސްލާމްދީނަށް. އެހެންވީމާ، އަޅުގަނޑުމެންގެ ކުދިން ތަރުބިއްޔަތު ކުރުމުގައި، އެންމެ ފުރަތަމަ ވާޖިބަކީ، اللّـه سبحـانـه وتعـالى އަށް އީމާންވެ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّمގެ ސުންނަތަށް އީމާންވެ، މިކަންކަމުގެ މައްޗަށް ބިނާވެގެން ދެވޭ ތަރުބިއްޔަތު، އިސްލާމީ އެކިއެކި އުޞޫލުތަކުގެ މައްޗަށް ބަރޯސާކުރެވިގެން ދެވޭ ތަޢުލީމަކުން ނޫނީ މި ޤައުމު، އެއް މިޞްރާބަކަށް ގެންދާކަށް ފަސޭހައެއް ނުވާނެ. އެގޮތުން، ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތުގެ މައްޗަށް ބިނާކޮށްގެން، އަޅުގަނޑުމެންގެ ސްކޫލްގެ ތަޢުލީމާއި ތަރުބިއްޔަތު ބިނާކުރުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ މުޖުތަމަޢު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި، އަޅުގަނޑުމެންނަކީ އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމަށްޓަކައި، އަޅުގަނޑުމެންނަކީ ރިވެތި އަޚްލާޤެއްގެ ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ދަރިންނަށް އެބަ ދަސްކޮށްދޭންޖެހޭ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރަން. އެއްބަޔަކު އަނެއްބަޔަކަށް ލޯބިވެތިވާން. އަޅުގަނޑުމެންގެ މައިންބަފައިންނާއި، އަޅުގަނޑުމެންގެ ދަރިންނަކީ އަޅާލާ ބައެއް ކަމުގައި ދަސްކޮށްދޭން.

މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ޙާލަތުގައި ބައެއް ކަންކަން އެބަހުރި. އެނގިވަޑައިގަންނަވާނޭ ފަދައިން، ބައެއް ޢާއިލާތަކުން އެމީސްމީހުންގެ މުސްކުޅި މައިންބަފައިން ބެލުމަށްވެސް މިހާރުވަނީ ޢުޛުރުވެރިވެފައި. އޭގެ ނަތީޖާއެއްގެ ގޮތުން، ބައެއް ހޮސްޕިޓަލްތަކުގައި ވަރަށް ނިކަމެތި ޙާލުގައި ދޫކޮށްލެވިފައި ތިބޭ ބައްޕައިން، މަންމައިން ނުވަތަ ކާފައިންނާއި މާމައިން ތިބިކަން އަޅުގަނޑުމެން ހިތާމައާއެކު ފާހަގަކުރަންޖެހޭ. މިއީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް. މައިންބަފައިންނަށް ޙުރްމަތްތެރިކޮށްހިތުމަށާއި، އެބައިމީހުން ބެލުން. ނަމަވެސް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަދު ޙާލަތު ހުރީ އެގޮތަކަށް ނޫން. ހަމައެހެން، އެއްބަޔަކު އަނެއްބަޔަކަށް ނެތިމޮށުމާއި، ފުރައްސާރަ ކުރުމާއި، އެއްޗެހި ކިޔުމަކީ މިއަދު ޢާންމުވެފައިވާ ކަމެއް. ހަމައެކަނި މުސްލިމުންނަކީ އަޅުކަންކުރާ ބަޔަކަށްވެގެން ފުދޭކަށް ނެތް. މުސްލިމުންނަކީ އަޅުކަމުގެ އިތުރުން، އެކަކު އަނެކަކާ ދޭތެރޭގައި މުޢާމަލާތު ކުރާއިރުގައި، ވަކި އަޚްލާޤީ މިންގަނޑުތަކެއް ގެންގުޅޭ ބަޔަކަށްވާން އެބަޖެހޭ.

ދާދިފަހުން އިސްލާމީ މަރުކަޒުގައި އަޅުގަނޑު ހުކުރު ނަމާދުކޮށްގެން ފައިބަނިކޮށް، ހަމަ އެމިސްކިތުން ފޭބި މީހަކު، އޭނާގެ އަތުގައި އޭނާގެ ކުޑަދަރިފުޅު ހިފަހައްޓައިގެން ފައިބަމުންވެސް އަޅުގަނޑު ފެނުމުން، އެމީހުން އަޅުގަނޑަށް ޢާންމުކޮށް ކިޔާހިތްވާ ނަމުން އަޅުގަނޑަށް ގޮވާލި. އެއީކީ އަޅުގަނޑު ދަންނަވާނީ، އަދި މުސްލިމުންގެ ތެރޭގައި އެކަން އޮންނަންވާނެ ގޮތެއް ނޫނޭ. އަޅުގަނޑުމެން މައިންބަފައިން ފުރަތަމަ އެބަޖެހޭ، އަޅުގަނޑުމެންގެ ދަރިންނަށް ނަމޫނާއަކަށްވާން. ކީރިތި ޤުރްއާނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެއް. ޙަޤީޤަތް ނޭނގޭ ކަމެއްގައި، ހަމަ މީހަކު ދައްކާ ވާހަކައެއް ޤަބޫލުކޮށް، އެހެން މީހުންނާ ދިމާކުރުމަކީ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައިވާ ކަމެއް، މީހަކު ބުނާހާ އެއްޗެއް ޤަބޫލުކޮށް، އެކަމުގެ ޙަޤީޤަތް ތިމާ އަމިއްލައަށް ނުބަލައި، އެހެން މީހުންނާ ދިމާކުރުން. މިއީކީ މުސްލިމުންގެ ގޮތެއް ނޫން. ވީމާ، މިބާވަތުގެ އަޚްލާޤީ މިންގަނޑުތައްވެސް އަޅުގަނޑުމެންނަށް އެބަޖެހޭ އަޅުގަނޑުމެންގެ ސްކޫލްތަކުގައި، އަޅުގަނޑުމެންގެ ދަރިވަރުންނަށް ދަސްކޮށްދޭން.

ހަމައެހެން، އެކިއެކި ކަންކަމުގައި މަކަރު ހެދުމާއި، ދޮގުހެދުމާއި، ތިމާ ބުނާ ބަހެއްގައި ނުހިފެހެއްޓުމާއި، ވަޢުދުތަކާ ޚިލާފުވުން، މިއީ ޢާންމުވެފައިވާ ކަމެއް. އެހެންވީމާ، މިބާވަތުގެ ކަންކަން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުންދިޔަވަރަކަށް، އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާން ނިކަމެތިވެ، އަޅުގަނޑުމެންގެ މުޖުތަމަޢު ދާނީ ހަލާކުވަމުން.

އާދެ! އިސްލާމީ ތަރުބިއްޔަތެއް ދެވިފައިވާ ދަރިވަރުންނަކީ އެއީ، ރަނގަޅު އަޚްލާޤެއްގެ ބައެއް. އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވެތިވާ އެއްބަޔަކު އަނެއްބަޔަކަށް ކަމޭހިތާ އިޚްލާޞްތެރި ބައެއް ކަމުގައިވާނީ. އާދެ! ރަނގަޅު އަޚްލާޤެއްގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އެއީ ކުދިންނަށް ދެވޭ ދެރައެއް ކަމުގައި ބައްލަވައިގެން ނުވާނެ. ހެޔޮލަފާ މީހުންނަކީ، މުޖުތަމަޢުގައި ދެރަ ބައެއް ކަމުގައި ހީކޮށްގެން ނުވާނެ. މުޖުތަމަޢުގައި ގަދަފަދަކަން ދައްކައި، އެބައެއްގެ ނުލަފާކަން ދައްކައި، އެއްބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް އަރައިގަންނަ ބަޔަކީ އެއީ، ގަދަ މީހުން ކަމުގައި މުޖުތަމަޢު ޤަބޫލުކޮށްގެން ނުވާނެ. ރަނގަޅު އަޚްލާޤެއްގައި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށް، އެއްބަޔަކު އަނެއްބަޔަކަށް ކަމޭހިތާ މީހުންނަކީ ނިކަމެތި ބައެއް ކަމުގައި އެއްގޮތަކަށްވެސް ދެކިގެން ނުވާނެ. ރަނގަޅު ތަރުބިއްޔަތެއް ލިބުމަކީ، ރަނގަޅު އަޚްލާޤެއްގައި ދިރިއުޅުމަކީ، އެއްގޮތަކަށްވެސް ތިމާގެ ޙައްޤުތައް ދިފާޢު ނުކުރުމެއް ނޫން. ތިމާ ބުނަންޖެހޭ ޙައްޤުބަސް ނުބުނުމެއްވެސް ނޫން. ތިމާގެ ޙައްޤު ދިފާޢު ކުރުމާއި، ތިމާގެ ޙައްޤުބަސް ބުނުމާއި އަދި މަޖުބޫރުވެއްޖެ ޙާލަތެއްގައި ތިމާގެ ޙައްޤު ދިފާޢުކުރުމަށްޓަކައި ހަނގުރާމަ ކުރުމަކީވެސް އެއީ ފުރިހަމަ މުސްލިމުންގެ ގޮތް. އެހެން ނަމަވެސް، މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދޭތެރޭގައި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި. އެކަން ކަނޑައެޅިފައި މިހިރީ ކީރިތި ޤުރްއާނުގަޔާއި، ކީރިތި ރަސޫލާގެ ސުންނަތުގައި. މި ސްކޫލްގެ މުދައްރިސުންނަށް، މި ސްކޫލްގެ ދަރިވަރުންނަށް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

އެހެންވީމާ، މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އަދި މިކަންކަމަކީ، އެހެނިހެން ސްކޫލްތަކުގައިވެސް ކުދިން ތަރުބިއްޔަތު ކުރުމުގައި އަހަންމިއްޔަތުކަން ދެވޭ ކަންކަމަށްވުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް. މިޤައުމުގެ މުސްތަޤްބަލަށްޓަކައި، މި މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި އަޅުގަނޑުމެންދޭ ތަޢުލީމަކީ އެއީ، ރަނގަޅު އަޚްލާޤީ އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ތަޢުލީމަކަށް މިއަދު އެބަވާންޖެހޭ.

އާދެ! އަޅުގަނޑު ވަރަށް އުފާކުރަން، މިއަދު ތިޔަ ލޮބުވެތި ދަރިވަރުންނަށާއި، މި ސްކޫލްގެ ޓީޗަރުންނާއި މުދައްރިސުންނާއި ވެރިންނަށް، ތަންކޮޅެއް ހަމަޖެހިލައިގެން މަސައްކަތް ކުރުމުގެ ފުރްޞަތު، މި ޢިމާރާތް ބިނާކުރުމުގެ ސަބަބުން ލިބުނު ކަމަށްޓަކައި. އެކަމަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. މިތަން މިހާ ހިސާބަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށް، އެމަނިކުފާނާ އެކުގައި މަސައްކަތް ކުރައްވާ އެކިވަރުވަރުގެ ވެރިންނަށް، މިޢިމާރާތް ބިނާކުރެއްވި ކޮންޓްރެކްޓަރަށް، މިހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އަޅުގަނޑު ޔަޤީންކުރަން، މި ސްކޫލް، މުސްތަޤްބަލުގައިވެސް ވެގެންދާނީ ނަމޫނާ ސްކޫލަކަށް ކަމަށް. އަޅުގަނޑު ޤަބޫލުކުރަން، މިފަދަ އެހެނިހެން ސްކޫލްތައް ރާއްޖޭގައި ޤާއިމުވުމަކީ އެއީ މުހިންމު ކަމެއްކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ މި ސްކޫލަށް ހެޔޮ ގޮތްތައް މިންވަރު ކުރެއްވުން. އަދި މިސްކޫލްގެ ދަރިވަރުންނަކީ ތޫނުފިލި، ރަނގަޅު އަޚްލާޤެއްގައި ތަރުބިއްޔަތުވާ، މިޤައުމަށް ނަމޫނާ ދަރިވަރުންތަކެއް ކަމުގައި ވާނެކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه