بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ދައުލަތުގެ ވަޒީރުން، ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސްވެރިން، އަދި ޕްރައިވެޓް ސެކްޓަރުން ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، މިއަދު އަޅުގަނޑުމެން، ތިޔަބޭފުޅުންނަށް މި ހުށަހަޅަނީ، ވަރަށްވެސް މުހިންމު ސްޓްރެޓެޖީއެއް. މޯލްޑިވްސް އިކޮނޮމިކް ޑައިވަރސިފިކޭޝަން ސްޓްރެޓަޖީ ނުވަތަ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމާބެހޭ ސްޓްރެޓަޖީ، މިއަދު ރަސްމީކޮށް މި ހާމަކުރަނީ ވަރަށް އުފަލާއި ހިތްހަމަޖެހުމާއެކު. މި ޙަފްލާގައި ބައިވެރިވެޑައިގަންނަވާ ތިޔަ އެންމެހައި ޢިއްޒަތްތެރިންނަށް އަޅުގަނޑު މަރުޙަބާއާއި ޝުކުރު ދަންނަވަން

މިފަދަ މުހިންމު މަސައްކަތެއް ކުރެވިގެން، ދިވެހި ޤައުމުގެ ކުރިމަގަށްޓަކައި، ވަކިން ޚާއްޞަކޮށް އިޤްތިޞާދީ ގޮތުން ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ޤައުމީ ފެންވަރުގައި އެކުލަވައިލެވިފައިމިވާ ސްޓްރެޓަޖީއާބެހޭގޮތުން ފެންނަ މުހިންމު ކަންތައްތައް ދިވެހި ލޮބުވެތި ރައްޔިތުންނާ މި ފުރުޞަތުގައި ހިއްސާ ކުރަން އަޅުގަނޑު ބޭނުން.

އެނގިވަޑައިގަންނަވާނޭފަދައިން، މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން އަޅުގަނޑު އިއްވި ރިޔާސީބަޔާނުގައި، ހިނގަމުންމިދާ އަހަރު، 2013 ވަނަ އަހަރު، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމާބެހޭގޮތުން ދިރާސާކުރެވި، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި، މެދު ފަންތީގެ އާމްދަނީ ލިބޭ، ތަރައްޤީވަމުން އަންނަ ޤައުމެއްގެ ޙައިޘިއްޔަތުން ދަތުރުކުރަންވީ މިސްރާބާއި އަމާޒު ކަނޑައަޅާނެ ތަޞައްވުރެއް އެކުލަވާލައި، އެ ތަޞައްވަރު ހާސިލުކުރުމަށްޓަކައި ތަންފީޒުކުރަން ހުށަހަޅާ ސްޓްރެޓަޖީތަކާއި ސިޔާސަތުތައް، ޢާންމުންނާ ހަމައަށް ގެނެސްދޭނެ ވާހަކަ އަޅުގަނޑުވާނީ ދަންނަވާފައި. މި މޭރުމުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ މަސައްކަތް ވަރަށް ޒިންމާދާރު ގޮތެއްގައި ކޮށްދެއްވިކަމަށްޓަކައި އުފާކޮށް، އެ މިނިސްޓްރީގެ މިނިސްޓަރަށް އަދި އިސްވެރިންނަށާއި، އެންމެހައި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަޑު ވަރަށް އުފާކުރަން، މި ސްޓްރެޓަޖީ މިއަހަރު ތިޔަބޭފުޅުންނާ ހަމަޔަށް ގެނެސްދެވުނީތީ. މިއަދު މި ހާމަކުރެވޭ ސްޓްރެޓަޖީ ތަންފީޒުކުރުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއްވަނީ ފަށާފައި. މިގޮތުން މިއަދު މި ޢާންމުކުރެވޭ ސްޓްރެޓަޖީގައި ޞިއްޙަތު، މަސްވެރިކަން، ވިޔަފާރި، ޓޫރިޒަމް އަދި ޓްރާންސްޕޯޓުގެ ދާއިރާއިން ހިމެނިފައިވާ ބައެއް ކަންކަން ތަންފީޒުކުރުމަށްޓަކައި މަސައްކަތްތަކެއްވަނީ ކުރަން ފަށާފައި. އަޅުގަނޑުގެ އުންމީދަކީ، ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ބިންގާ ފުޅާކުރުމުގެ ސިޔާސަތުތަކަށް ދެއްވަންޖެހޭ ފުރިހަމަ އަހަންމިއްޔަތުކަން ދެއްވައި، ދިވެހިންގެ ކުރިއެރުމާއި އަދި މި ޤައުމުގެ ތަރައްޤީއަށް އެންމެން އެކީ، އެއް އަމާޒަކަށް މަސައްކަތްކުރުން. ދިވެހި ޤައުމުގެ އިޤްތިޞާދީ ތަޞައްވުރު ނުވަތަ އަމާޒަށް ވާޞިލުވުމަށް މަސައްކަތްކުރާނެ ހަލުވިމިނާއި ގެންގުޅޭނެ ޙިކުމަތްތަކަކީ، ސިޔާސީ ޕާޓީތަކާއި، މުފައްކިރުންނާއި، ފަރުދުންގެ މެދުގައި ބަހުސް ކުރެވިދާނެ ކަންކަން. އަޅުގަނޑުމެންގެ ވާޖިބަކީ، މިހާތަނަށް މިގޮތުން މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ދިވެހި ރައްޔިތުންނަށް ހުށަހަޅާލަދިނުން.

ރާއްޖޭގެ އިޤްތިޞާދު މި ފާއިތުވެދިޔަ އަހަރުތަކުގައިވަނީ ވަރަށް ބޮޑުތަން ކުރިއަރާފައި. ދިވެހިރާއްޖެއަކީ، އާމްދަނީގެ ނިސްބަތަށް ބަލާއިރު މެދުމިނުގެ އާމްދަނީ ލިބޭ ޤައުމުތަކުގެ މަތީ ފަންތީގައި ހިމެނޭ ޤައުމެއް. 1980 ވަނަ އަހަރު މީހެއްގެ ބޮލަކަށް އެންމެ 270 ޑޮލަރު ލިބުނު ނަމަވެސް، މިހާރު އެ ޢަދަދުވަނީ 6000 ޔޫ.އެސް.ޑޮލަރަށްވުރެ މަތިވެފައި. މިހާތަނަށް އަޅުގަނޑުމެން ހޯދި ކާމިޔާބީގެ އަޞްލަކީ، ދިވެހި މަސްވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓުކޮށް، ވަޒީފާ އަދާކުރަމުންދާ މީހުންގެ މުރާލިކަމާއި މިންނެތް މަސައްކަތް. މި ކާމިޔާބީ ހޯދުނީ އަމިއްލަ ވިޔަފާރިވެރިންގެ އަޑު ސަރުކާރުން އަހައި، ދިވެހި އިޤްތިޞާދު ކުރިއަރުވައި ވިޔަފާރިއާއި އިންވެސްޓްމަންޓަށް ފަހި މާޙައުލެއް ޤައުމުގައި ޤާއިމުކޮށްގެން، ސަރުކާރުގެ ދައުރު ސަރުކާރުން އަދާކުރީމާ. މި ފުރުޞަތުގައި މުރާލި ދިވެހި މަސްވެރިންނާއި، ދަނޑުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ މޭސްތިރިންނާއި، މަސައްކަތްތެރިންނަށް ޙައްޤު ޝުކުރު ދަންނަވަން. އަދި ހަމަ މިނޭވާގައި ދިވެހިރާއްޖޭގައި އިންވެސްޓުކޮށްފައިވާ ބޭރުގެ ވިޔަފާރިވެރިންނާއި ކުންފުނިތަކަށްވެސް ހިތުގެ އަޑިން ޝުކުރު ދަންނަވަން.

މިއަދު އަޅުގަނޑުމެން މިތިބީ ހަތަރު އަނގޮޅިއަކަށް އާދެވިފައި. އަޅުގަނޑުމެންގެ ޤައުމަކީ، މިހާރު އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ނޫން. އަޅުގަނޑުމެންގެ ޤައުމަކީ، ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކެއް ގެންގުޅޭކަމަށް ދުނިޔޭގެ އެހެން ޤައުމުތަކުން ޤަބޫލުކުރާ ޤައުމެއް. ދިވެހިރާއްޖެއަކީ، ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ޤައުމެއް. އަޅުގަނޑުމެންގެ ފަތުރުވެރިކަމަކީ، ދުނިޔޭގެ އެހެން މީހުން ރަނގަޅު ނަމޫނާއަކަށް ދެކޭ ތަޢުރީފުކުރާ ޞިނާޢަތެއް.

ސުވާލަކީ މިއަދު އަޅުގަނޑުމެން އިސްކަންދޭންވީ ކޮންކަމަކަށްތޯ! އަޅުގަނޑު ދެކޭގޮތުގައި އެންމެ މުހިންމީ ފަހަތަށް ސޮއްސާނުލުން. މުހިންމީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަމާއި ކުރިއެރުން ކަށަވަރުކުރުން. އިޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ، ހަރުދަނާ ދުޅަހެޔޮ އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުން. ދިވެހިންނަށް ދެވޭ ތަޢުލީމާއި، ތަރުބިއްޔަތާއި ތަމްރީނުވާންޖެހޭނީ ޤައުމުގެ މުސްތަޤުބަލަށް ބޭނުންހިފޭ، ވާދަވެރި ދުނިޔޭގައި ހިފަހައްޓާލުމުގެ ޤާބިލު ރައްޔިތުން އުފެއްދުމަށް. ދިވެހިންނަކީ ދިރިއުޅުމުގެ އާދަތަކާއި ގުޅުން ހުރި ބަލިތަކުން ރައްކާތެރިކުރެވިފައިވާ މުޖުތަމަޢަކަށް ހަދަންޖެހޭ.

އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ، ދިވެހި ޒުވާނުން އެދޭފަދަ އިޤްތިޞާދެއް ބައްޓަންކުރުން. ކޮންމެ ހަތަރު ޒުވާނުންގެ ތެރެއިން ތިން ޒުވާނުން މިއަދު ބޭނުންވޭ ޔުނިވަރސިޓީ ތަޢުލީމު ހާސިލުކުރަން. މީގެ މާނައަކީ، ކުރިމަގުގައި ދިވެހިރާއްޖޭގެ ޒުވާނުންގެ އާބާދީގެ ގިނަ ބައެއް ވެގެންދާނީ ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ދަސްވެނިންނަށް. އެހެންކަމަށްވާނަމަ، އެފަދަ ޒުވާނުން ބޭނުންވާ އެބައިމީހުންގެ ތަޢުލީމާ އެކަށީގެންވާ އުފަލާއެކު މަސައްކަތް ކުރާހިތްވާކަހަލަ ވަޒީފާތައް ބާޒާރުގައި އުފެދެންޖެހޭ. މިކަންވާނީ ޢިލްމާއި، މަޢުލޫމާތާއި، މުއްސަނދި ހުނަރުގެ އިޤްތިޞާދެއް މި ދިވެހިރާއްޖޭގައި ޤާއިމު ކުރެވިގެން. ދިވެހި ޒުވާނުންވާންޖެހޭނީ ދުނިޔެއަށް ލޯހުޅުވިފައިވާ، ތަފާތު ޘަޤާފަތުގެ މީހުންނާއެކީ މަސައްކަތްކުރެވޭ، ތަފާތު ބަހުން މުޢާމަލާތުކުރެވޭ، މައްސަލަތަކަށް ޙައްލު ހޯދޭފަދަ ބުއްދިވެރި، ވިޔަފާރިއަށް އިސްނަގާ، ތޫނުފިލި ޒުވާނުންނަށް.

ޤައުމުގެ އިޤްތިޞާދީ ތާރީޚުން އަޅުގަނޑުމެން ދަސްކުރަންޖެހޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، ދިވެހިރާއްޖެއަކީ އިތުބާރު ލިބިފައިވާ އިޙްތިރާމް ލިބޭ ޤައުމަކަށްވުމުގެ މުހިންމުކަން. މިކަން ހާސިލުކުރެވޭނީ، އާމްދަނީ އިތުރުކޮށް، ސަރުކާރުގެ ޚަރަދު ކުޑަކޮށް އިންވެސްޓަރުންނަށް އިތުބާރާއި ޔަޤީންކަން ލިބޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރުމުން. ދައުލަތުގެ ބަޖެޓު އިންތިހާއަށް ބޮޑުވެގެންދިޔުމަކީ، ޤައުމުގެ ދަރަނި އިތުރުވެ، ވިޔަފާރިއަށް ނުރައްކަލާ ކުރިމަތިލާންޖެހިދާނެކަމެއް. ޤައުމު އަރަނި ކުރުމަށްޓަކައި ޓެކްސް ނިޒާމު ފުރިހަމަކޮށް، މުޖުތަމަޢުން ފަސާދަ ފޮހެލައި، ނަޒާހަތްތެރިކަން ޤާއިމު ކުރަންޖެހޭ.

އިޤްތިޞާދީ ބިންގާފުޅާކުރުމަށްޓަކައި ލަފާ ދެއްވި، މަޝްވަރާދެއްވި ގިނަ ފަރާތްތަކަކުން ފާހަގަކޮށްފައިވަނީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިވެރިން އެއްތަޞައްވުރަކަށް އެއްއަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން. ހާސިލުކުރަން ބޭނުންވާ ލަނޑުދަޑިތަކާ އަމާޒުތައް އެންމެންނަށް އެނގި ސާފުވުން. އަދި ތަންފީޒީ މަރުޙަލާގައި، ހުރިހާ މުއައްސަސާތަކުގެ މެދުގައި މުވާޞަލާތުކުރެވި، ސިޔާސަތުތައް ވިލަރެސްކުރެވި، މަޢުލޫމާތު ބަދަލުކުރެވި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން. ބައެއްބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޤައުމީ ފެންވަރުގެ މިފަދަ ތަޞައްވުރުތަކާއި ލަނޑުދަނޑިތައް ކަނޑައެޅުމަށްފަހު، އެކުލަވާލެވޭ ޕްލޭނުތައް، ޤާނޫނީ ބާރުވެރިކަން ލިބިގެން ތަންފީޒުކުރުމަކީ، ނަތީޖާއަށް ވާޞިލުވުމަށްޓަކައި މިހާރުގެ މާޙައުލުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. ޚާއްޞަގޮތެއްގައި ޕްރައިވެޓް ސެކްޓަރަށް ބޭނުންވާ އިތުބާރާއި ޔަޤީންކަން ލިބޭނީ، ހަރުދަނާ، ޒަމާނީ ޤާނޫނުތައް ވުޖޫދަށް ގެނެވި، އެ ޤާނޫނުތައް ތަންފީޒުކުރުމުގައި ޤައުމީ ތަޞައްވުރަށް ރިޢާޔަތް ކުރެވިގެން.

ދިވެހި ރައްޔިތުން ދެކޭ ހުވަފެނަކީ، ދިވެހި ޒުވާނުން އެދޭ ތަޞައްވުރަކީ، ދިވެހިރާއްޖެއަކީ މުއްސަނދި، މަތީ އާމްދަނީ ލިބޭ ޤައުމަކަށްވުން. ދިވެހިން ބޭނުންވަނީ، ފަންވަރު ހުރި އެންމެންނަށް ބައިވެރިވެވޭ އިޤްތިޞާދެއް. ދިވެހިން ބޭނުންވަނީ، އިޢާދަ ކުރަނިވި ހަކަތަ ބޭނުންކުރެވޭ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް. ދިވެހިރާއްޖޭގެ ހުދު ދޮންވެލި ބީޗުތަކާއި، މުރަކައިގެ ރީތި ބަގީޗާތަކާއި، މުއްސަނދި ކަނޑުފަޅުތައް އަންނަނިވި ޖީލުތަކަށް ފޯރުކޮށްދިނުމަށް. އަޅުގަނޑުމެންގެ ވާޖިބަކީ، އެންމެންނަށް ބައިވެރިވެވޭ، އެންމެންގެ މެދުގައި ނަފާ ހިއްސާކުރެވޭ އިޤްތިޞާދެއް އަދުގެ ޒުވާނުންނަށް ވާޞިލުކޮށް، މާދަމާގެ ޖީލަށް ވާރުތަ ކޮށްދިނުން. ހަމަ ކޮންމެ ދިވެއްސަކީ، ފުރުޞަތު ލިބޭ، ހުވަފެން ދެކޭ، ހުވަފެން ޙަޤީޤަތަކަށް ހަދަން ޖެހިލުންނުވާ، އަބުރުވެރި ދިރިއުޅުމެއް އުޅޭ ދިވެއްސަކަށްވުން.

އަޅުގަޑުމެންނަށް މިއަދު ފަސްޖެހިފައި، ކަރުދާހުގައި ލިޔެވޭ ލަފުޒުތަކަކުން ހިތްހަމަ ޖައްސާލައިގެން، އެހެން ޤައުމުތައް ކުރިއަރައިގެން ދާތަން ބަލަންތިބެ، އެހެންވީނަމައޭ، މިހެން ހެދުނު ނަމައޭ ކިޔާލަކިޔާލަ ތިބެވޭކަށްނެތް. ސިންގަޕޫރާއި، ސައުތު ކޮރެއާއާއި، ޔުނައިޓެޑް ޢެރެބް އެމިރޭޓްސް ކުރިއަރައިގެންދިޔައީ އަޅުގަނޑުމެން ބަލަން ތިއްބައި. އެ ޤައުމުތަކުން ދަސްކުރަންހުރި ފިލާވަޅުތަކެއް އެބަހުރި. ހަމައެހެންމެ، އަޅުގަނޑުމެންގެ ފަތުރުވެރިކަން ކުރިއަރައިގެން ދިޔަގޮތުންވެސް މުހިންމު ފިލާވަޅުތައް އެބަހުރި. އަޅުގަނޑަށް އެންމެ ފާހަގަ ކުރެވޭ ފިލާވަޅަކީ، އަވަހަށް ކަންތައްތައް ކުރުމުގެ މުހިންމުކަން. އަޅުގަނޑުމެންގެ ފަތުރުވެރިކަން ފެށިއިރު މިޤައުމުގައި އެއަރޕޯޓާއި، ކަރަންޓާއި، މުވާޞަލާތާއި، ބޭންކާއި، ލާންޗުތަކާއި، މިނެރަލް ވޯޓަރާއި، އިންޓަރނެޓެއް ނެތް. އެހެންނަމަވެސް ފަށައިގަނެގެން ކުރިއަށް ގެންދިޔައީ. ޢަޒުމު ވަރުގަދަވީމަ، މިއަދު މިތިބީ ދުނިޔޭގެ ފަތުރުވެރިކަމުގެ ނަން ހިނގާ ޤަދަރުވެރި ޤައުމަކަށްވެފައި. ހިންގަވާ، މިފަދަ ގޮތަކަށް މަތީ ތަޢުލީމާއި، ވިޔަފާރިއާއި، އިންފޮމޭޝަން ޓެކްނޮލޮޖީއާއި، ފައިނޭންޝަލް ސަރވިސަސްއާއި، ދަތުރުފަތުރާއި، ޞިއްޙަތާއި، އިޢާދަކުރަނިވި ހަކަތަވެސް ތަރައްޤީކުރަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ، އަޅުގަނޑުމެންނަށް ހެޔޮ ވިސްނުންދެއްވައި، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން. ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه.

___________________________