ހުސްވި އޯގަސްޓް މަހުގެ 29 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރެއްވި، "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޞްދީޤު ނުކުރައްވައި، ބިލާމެދު އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، މި ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވެއެވެ. އަދި އެޓަރނީޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، މި ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އެނގިވަޑައިގަންނަވާނެފަދައިން، މި ބިލަކީ މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުމުން، ބިލުގައިވާ މައްސަލަތައް ފާހަގަކުރައްވައި، ބިލު ތަޞްދީޤު ނުކުރައްވައި 15 މެއި 2013ގައި ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވި ބިލެކެވެ.