އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޮބިން މުޑީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކުރިއަށްދިޔަގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، އޮސްޓްރޭލިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން ދިޔައީ ވަރަށް އޮމާންކަމާއެކުގައިކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ފެބްރުއަރީމަހު ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެން، ރާއްޖޭގައި ހަމަޖެހުން ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅުތަކަށް އޮސްޓްރޭލިއާ ސަފީރު ތަޢުރީފު ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ބޭނުންވާ ކަންކަމުގައި، އޮސްޓްރޭލިއާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުވެސް އޮމާންކަމާއި އަމާންކަމާއެކު ކުރިއަށް ގެންދެވުމަށްޓަކައި ސަރުކާރުން ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން އޮސްޓްރޭލިއާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއާ ދޭތެރޭގައި ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.