އިންސާފުވެރިކަމާއި ޞުލްޙަވެރިކަމާއެކު، މިހާރު ހިނގަމުންމިދާ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްގެންގޮސް ނިންމުމަކީ، ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް އަށަގެންނެވުމަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، މިއަދަކީ، ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

މިއަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިޢާރު ކަމަށްވާ "ޑިމޮކްރަސީއަށްޓަކައި ރައްޔިތުންގެ އަޑުތައް ބާރުވެރިކުރުވުން" މި ޝިޢާރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، މި ޤައުމުގެ ކޮންމެ ރައްޔިތަކީ މި ޤައުމުގެ ޙިއްޞާއެއްވާ މީހެއް ކަމަށާއި، ދިވެހިރާއްޖޭގައި އެޅޭ އިޞްލާޙީ ފިޔަވަޅުތަކާމެދު ހަމަކޮންމެ މީހެއްގެވެސް ބަހެއް އޮންނާނެ ކަމުގައި ވިދާޅުވެފައިވެއެވެ. ހަމައެއާއެކު، ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމުކުރުމުގައި ކޮންމެ މީހެއްގެ ވޯޓަކީވެސް މުހިންމު ވޯޓެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ޑިމޮކްރަސީ އަށަގެންނެވުމަށް ހުއްޓުމެއްނެތި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެކަން ފާހަގަކުރައްވަމުން، މީގެ ތެރޭގައި، ޤައުމުގައި ޢަދުލުއިންސާފު ޤާއިމު ކުރުމާއި، ޤާނޫނުއަސާސީއަށް އެންމެ ފުރިހަމައަށް ބޯލަނބާ ވެރިކަމެއް ޤާއިމު ކުރުން ހިމެނޭ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ޤައުމުގައި ޢަދުލު އިންސާފާއި ހަމަޖެހުން ގެނެއުމަށްޓަކައި، ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް އުނިނުވާފަދަ ގޮތަކަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ހަދަންޖެހޭ ޤާނޫނުތައް ހެދުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.