ރިޔާސީ އިންތިޚާބުގެ ކަންތައްތައް ބެއްލެވުމަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކޮމަންވެލްތުގެ ވަފުދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ހިލާލީގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ އެންމެހައި ކަންތައްތައް ހިނގައިދިޔަގޮތާ ބެހޭގޮތުން ކޮމަންވެލްތުގެ ވަފުދުގެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

އަދި، ރިޔާސީ އިންތިޚާބު ނިމިގެން ދިޔައީ، އަމާން އޮމާން އިންތިޚާބެއްގެ ގޮތުގައިކަން އެ ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ކޮމަންވެލްތުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމަށް ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ، އަދި، މި އިންތިޚާބަކީވެސް އޮމާން ކަމާއެކު ކުރިއަށްދާނެ އިންތިޚާބަކަށް ހެއްދެވުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.