ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ދިޔަ ގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމުގައި ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށާއި، އިންތިޚާބުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް އޮމާންކޮށް ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، އެމެރިކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބުގެ ކަންކަން ބެއްލެވުމަށް ރާއްޖޭގައި ތިއްބެވި މިނިވަން އޮބްޒަރވަރުން، އިންތިޚާބާ ގުޅޭ ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށްކަމުގައި ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ހުރިހާ ކަމެއް އޮމާންކަމާއެކު ދާނެ ކަމަށާއި، މިހާރު އޮތް ހަމަޖެހުން ދެމެހެއްޓޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އެމެރިކާގެ ސަފީރު ވިދާޅުވިއެވެ.