بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ހެލްތު އަދި ޑަބްލިޔޫ.އެޗް.އޯ.ގެ ރެޕްރެޒެންޓެޓިވް، މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން، މިނިސްޓްރީ އޮފް ހެލްތުގެ ސްޓާފުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދާ ދުވަހެއް. މި ޚިޔާލު އަޅުގަނޑުމެން ކުރާތާ ދުވަސްކޮޅެއްވެއްޖެ. އެހެންނަމަވެސް، އަލަށް ކަންކަން ކުރުމަކީ، މިހާރު އެހާ އަވަހަށް ކަންތައް ކުރެވޭ ދުވަސްވަރަކަށް ނުވާތީ، ކުޑަ ދުވަސްކޮޅެއް މިކަމަށް ނަގައިފި. އެހެންނަމަވެސް، މިއަދު މި ވިސްނުން ޙަޤީޤަތަކަށްވެގެން ދިޔުމަކީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރާކަމެއް. މިނިސްޓަރ އޮފް ހެލްތު މިކަމުގައި އިސްނަންގަވައިގެން މިކަން ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ކުރެއްވި މަސައްކަތަށްޓަކައި އެމަނިކުފާނަށާއި އަދި މިނިސްޓްރީގެ އިސް ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިފަދަ މަރުކަޒެއް ހުޅުވުމުގެ ދެބޭނުމެއް އެބަ އޮވޭ. އެއް ބޭނުމަކީ، ރައްޔިތުންނަށް ތަންކޮޅެއް ފަސޭހައިން، ތަންކޮޅެއް ކައިރިން ޚިދުމަތް ދިނުން. އާދައިގެ ފަރުވާ ހޯދުމުގައިވެސް އަދި ޕްރައިމަރީ ކެއަރގެ އެކިއެކި ކަންކަމުގައިވެސް މާލޭގެ ވަރަށް ބޮޑު އާބާދީއެއް މިހާރު ވަރަށް ދުރަށް ދާން މިޖެހެނީ. އެހެންވީމާ، ގާތުން ޚިދުމަތް ލިބޭނެ ގޮތެއްވުމަކީ، އެއީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމެއް. ޚާއްޞަކޮށް ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ. ކޮންމެ ކޮންމެ ކަންކަމަކީ އެއީ، ހޮސްޕިޓަލަށް ދާންޖެހޭ ކަންކަމެއް ނޫން. އެހެންވީމާ، އެހެން ހުރި ކަންކަމުގައި އަވަހަށް، ކައިރިން ޚިދުމަތް ލިބޭނެ ގޮތެއްވުން އެއީ، މި މަރުކަޒު ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދު. އަޅުގަނޑުމެންގެ އުންމީދަކީ މިބާވަތުގެ އިތުރު މަރުކަޒުތައް މާލޭގެ އަދި ގްރޭޓަރ މާލެސިޓީގެ އެކި ދިމަދިމާލުގައި ހުޅުވިގެން ދިޔުން. މާލޭގައި އެކަންޏެއް ނޫން. ހުޅުމާލޭގައިވެސް އަދި ވިލިނގިލީގައިވެސް.

ދެވަނަ މަޤްޞަދެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ ކޮންމެ ކަމަކީ އެއީ، ހޮސްޕިޓަލަށް ދާންޖެހޭ ކަމަކަށް ނުވުމާއެކީގައި، ބައެއް ކަންކަމަކީ އެއީ، ކޮންމެހެން ސްޕެޝަލިސްޓުން ބޭނުންވާނެ ކަންކަމެއް ނޫން. ޖެނެރަލް ޕްރެކްޓިޝަނަރސްއިން، ނަރުހުން ތިބިގެން ނޫނީ ހެލްތު ވަރކަރސް ތިބެގެން ކުރެވޭނެ ކިތަންމެ ކަމެއް ހުރޭ. އެހެންވީމާ، އެއިން ކޮންމެ ކަމެއް، ނޫނީ އެއިން ކޮންމެ ޚިދުމަތެއް ހޯދުމަށްޓަކައި ކޮންމެހެން ކޮންމެ ފަހަރަކު ހޮސްޕިޓަލަކަށް ދިޔުމަކީ އެއީ، ކުރަންޖެހޭ ކަމެއްނޫން. ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަން ރޭވިފައި އޮންނަގޮތެއްވެސް ނޫން އެއީކީ. އެހެންވީމާ، ރާއްޖޭގައިވެސް ތަފާތު ގިންތީގެ ޚިދުމަތްދޭ މަރުކަޒުތައް ހުޅުވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އަދި ޚާއްޞަކޮށް ފުރިހަމަ ޞިއްޙަތަށް ހިތްވަރުދިނުމަށްޓަކައި، ޕްރޮމޯޓް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެއީ، މިހާރު ވަރަށް ބޮޑަށް ކުރަންޖެހިފައި އޮތްކަމެއް. ޚާއްޞަކޮށް ނޮންކޮމިއުނިކަބަލް ޑިޒީޒަސް ގިނަވަމުންދާ ދުވަސްވަރެއްގައި، ރައްޔިތުންގެ ހޭލުންތެރިކަން މިކަންކަމުގައި އިތުރުކުރުމަށް، ކުޑައިރުއްސުރެންވެސް ވަކިގޮތަކަށް ތަރުބިއްޔަތު ކުރުމާއި، ޢާއިލާގެ އެއިއެކި ކަންކަން ރޭވިފައި ހުންނަ ގޮތާ ދޭތެރޭގައި ނަސޭހަތްތެރިވުމާއި، މިކަންކަމަކީ މިއީ ކުރަންޖެހޭކަންކަން. ޢުމުރުގެ ފަހުކޮޅުގައި ޖެހޭ ބޮޑެތި ބަލިތަކަކީ އެއީ، އުމުރުގެ ކުރީކޮޅުގައި އޭގެ ފެށުން ގިނަ ފަހަރަށް ހުންނަ ކަންކަން. އެހެންވީމާ، މިބާވަތުގެ މަރުކަޒަކުން ވަރަށް ބޮޑެތި ޚިދުމަތްތަކެއް، ޞިއްހަތު ކުރިއެރުވުމަށްޓަކައި ކުރެވޭނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. އެއީ މިދެންނެވި ދެވަނަ މަޤްޞަދަކީ.

އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދައުލަތުގެ ބަޖެޓުގައި ހުރި ތާށިކަމާއެކީގައިވެސް އެހެނިހެން ފަރާތްފަރާތުން އެކްސްޓްރާ ބަޖެޓަރީ ފަންޑްސް ހޯއްދަވައިގެން މިކަން ފުރިހަމަކުރެއްވީތީ. އަޅުގަނޑަށް އެނގޭ، މިއީކީ ފަސޭހަކަމެއް ނޫންކަން. އެހެންނަމަވެސް އިރާދަކުރެއްވީތީ، ތިޔަބޭފުޅުން ކުރެއްވި ހިތްވަރުން މިކަން މިއަދު މި ޙާޞިލު ކުރެވުނީ. އެހެންވީމާ، އަދިވެސް އެއްފަހަރު ތިޔަބޭފުޅުން ތިޔަ ކުރެއްވި މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހެލްތު ސެކްޓަރުގައި ތިޔަބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން ވަރަށް އުފަލާއެކީގައި ޤަބޫލުކޮށް، ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އަތޮޅުތެރެއަށް މިކުރާ ދަތުރުތަކުގައި ވަރަށް ގިނަ މަރުކަޒުތަކަށް، ވަރަށް ގިނަ ހޮސްޕިޓަލުތަކަށް އަޅުގަނޑަށް ދެވޭ. ހަމަ ކޮންމެ ދުވަހަކުވެސް، އަޅުގަނޑު ކޮންމެ ރަށަކަށް އެރިޔަސް، އެރަށެއްގެ ޞިއްޙީ މަރުކަޒަށް ނުވަދެއެއް ނާންނަން. އެހެންވީމާ، އެބަހުރި ވަރަށް ރަނގަޅަށް ހިނގާ ތަންތަންވެސް. ލެބްތައްވެސް ހަމަ ރަނގަޅަށް ހިނގާ ތަންތަންވެސް އެބަހުރި. ބައެއް ތަންތަން އެބަހުރި އެހާ ރަނގަޅަށް ނުހިނގާ ތަންތަންވެސް. އަދި ޕަބްލިކް ހެލްތު ކަންތައްތައް ބަލަހައްޓާ ބޭފުޅުންނާވެސް ބައްދަލުވޭ. އެހެންވީމާ، އެބޭފުޅުންގެ މަސައްކަތްތައްވެސް އެތާ ކުރިއަށް ގެންދެވޭތޯ އެބަ މަސައްކަތް ކުރައްވާ. ހަމަ ކުޑަކުދިން ކިރުމާއި، ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ދިނުމާއި، ވެކްސިންދިނުމާއި މިކަންކަން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރަމުން ގެންދޭ. އެހެން ނަމަވެސް މިކަންކަމަށްވެސް ތަފާތު ގޮންޖެހުންތައް މިހާރު އެބަހުރި. އެކަންކަން ޙައްލު ކުރެއްވުމަށްޓަކައިވެސް، މިނިސްޓްރީގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންނަކީ ހަމަ ތިޔަބޭފުޅުން. އެހެންވީމާ، މިހާރަށްވުރެ ރަނގަޅަށް އެކަންކަންވެސް އިންތިޒާމް ކުރެއްވޭތޯ މަސައްކަތްކޮށްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަދި މިމަރުކަޒުތައް މިހެން އުފެދުމާ ގުޅިގެން ޚާއްޞަކޮށް މިފެންވަރުގައި ޕްރައިމަރީ ހެލްތުކެއަރގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އިތުރު ވަރކްޝޮޕްތަކާ އެއްޗެހި ރާއްވަވައި، އެބޭފުޅުންނަށް އެބޭފުޅުންގެ ތަޖުރިބާއާއި، އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ދެނެގަނެގެން، އެކަންކަން ފުރިހަމަ ކުރުމަށްޓަކައިވެސް މަސައްކަތް ކޮށްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް މަޢާފަށް އެދެން، ހުރިހާ ބޭފުޅުންވެސް މިހާ ގިނައިރު ވަންދެން އަޅުގަނޑުގެ އިންތިޒާރުގައި ތިއްބަވަން ޖެހިވަޑައިގެންނެވީމާ. އެހެންނަމަވެސް، ވަރަށް ހެކްޓިކް ދުވަސްވަރެއްގައި މިހާރު މިއުޅެނީ. އަޅުގަނޑު އަނެއްކާވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އަތޮޅުތެރެއަށް ދަތުރު ފަށަން ހަމަޖެހިފައި އޮތުމާއި، މިއަދު ހެނދުނުގެ މާގިނަ ކަންތައްތައް އެއްފަހަރާ ރޭވިފައި އޮތީމާ އަޅުގަނޑު މާބޮޑަށް ލަސްވެގެން ދިޔައިމަ ވަރަށް ބޮޑަށް މަޢާފަށް އެދެން.

އަދިވެސް އެއްފަހަރު، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި ބަރަކާތްލައްވައި، އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭ ޞިއްޙީ ޚިދުމަތްތައް މިއަދަށްވުރެ ފުރިހަމަވުމަށް އެދި ދުޢާ ކުރަމުން އަޅުގަނޑު ނިންމާލަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه