بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުރިހާ ދަރިވަރުން، މި ސްކޫލްގެ ޕްރިންސިޕަލް، ސްކޫލްގެ ޕީ.ޓީ.އޭ.ގެ ބޭފުޅުން، މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް ޑޮކްޓަރ ޢާޞިމް އަޙްމަދު އަދި އެހެނިހެން ސްކޫލްތަކުގެ ޕްރިންސިޕަލުން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ މި ސްކޫލަށް ވަރަށް އުފާވެރި ދުވަހެއް. ސްކޫލްގެ އާ ޢިމާރާތުގެ އަދި ހޯލުގެ ބިންގާ އެޅޭ ދުވަސް. އަދި ހަމައެހެންމެ، މިއަދަކީ މި ސްކޫލަށާއި، މި ރަށަށް، މި ޤައުމަށް ވަރަށްބޮޑު ހިތާމައަކާވެސް ކުރިމަތިލާން ޖެހިފައިވާ ދުވަހެއް. މިއަދު މި ސްކޫލްގައި އެހެރަ ދިދަ، ދައުލަތުގެ ދިވެހި ޤައުމުގެ ދިދައާއި، މި ސްކޫލްގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ހުރީ ކީއްވެގެންކަން، ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މިއަދު ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފައި އެހެރީ، މިރަށުގެ ވަރަށް އަގުހުރި ދަރިއެއް، ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރުގައިވެސް ރާއްޖޭގައި އުފެދުނު އެންމެ އަގުހުރި، އެންމެ ޚިދުމަތްތެރި އެއްބޭފުޅަކު. އާދެ! މިދައުލަތުގެ ޚާރިޖީ ވަޒީރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ، މީގެ ދެދުވަހެއްގެ ކުރިން އަވަހާރަވުމާ ގުޅިގެން. އެހެންވީމާ، އެންމެ ފުރަތަމަވެސް އަޅުގަނޑު ހުރިހާ ބޭފުޅުންގެ އަރިހުން އެދެން، ހުރިހާ ބޭފުޅުން ތެދުވެވަޑައިގެން، ކުޑައިރުކޮޅެއްގެ ސުކޫތެއް، މިކަމުގެ ހިތާމައިގައި ފާޅުކުރެއްވުން. ހުރިހާ ބޭފުޅުން ތެދުވެވަޑައިގަތުން އެދެން.

އާދެ! ތިޔައިގެ ތެރެއިން ގިނަ ކުދިންނަށް ޢަބްދުއްޞަމަދު ޢަބްދުﷲ އަކީ ކޮންބޭފުޅެއްކަން އެނގިވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް. ޢަބްދުއްޞަމަދަކީ މިރަށަށް އުފަން ބޭފުޅެއް. ހިރިހަމައިތި ޢާއިލާއަށް ނިސްބަތްވާ އަދި މިރަށުންވެސް މިހާތަނަށް އުފެއްދި މިރަށުގެ ދަރިންގެ ތެރެއިން މިހާތަނަށް އުފެދުނު އެންމެ އަގުހުރި، މިޤައުމަށް އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކީ ޢަބްދުއްޞަމަދު ޢަބްދުﷲ. އަޅުގަނޑުމެން އެންމެން މިއަދު އެބޭފުޅާއަށްޓަކައި ފަޚުރުވެރިވަން. އެބޭފުޅާއަކީ އަޅުގަނޑުމެންގެ ނަމޫނާއެއް ކަމުގައި އަޅުގަނޑުމެން އެބަ ބަލަންޖެހޭ. އަޅުގަނޑުމެންގެ ދަރިންގެ ތަރުބިއްޔަތާއި ތަޢުލީމް ބިނާވާންޖެހޭނީ، އަޅުގަނޑުމެންގެ ޤައުމުގައި އުފެދޭ ވަރުގަދަ ޝަޚްޞިއްޔަތުތަކުގެ މައްޗަށް. އެބޭފުޅުންނަކީ އެއީ، ނަމޫނާ މިސާލު ކަމުގައި ދެކިގެން. ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ބޮޑުހަނގުރާމައަށްފަހު، މާގިނަ ދުވަސްތަކެއްނުވެ. ރާއްޖެ ވަރަށްދަތި ހާލުގައި އޮތް ދުވަސްވަރެއްގައި. މިރަށްރަށުގައި ޙާލު އޮތީ ވަރަށް ދެރަކޮށް. ރާއްޖޭގައި އޭރުގައި އޮތް ރަސްކަން ބަދަލުވެ، ރާއްޖެއަށް ފުރަތަމަ ޖުމްހޫރީ ވެރިކަމެއް އައީ އެމަނިކުފާނު ވަރަށް ތުއްޕުޅުއިރުގައި، މިރަށުގައި އުޅުއްވަނިކޮށް. ވަރަށްދަތި ޙާލުގައި ތަޢުލީމް ޙާޞިލު ކުރެއްވި. އޭގެފަހުން، ސަރުކާރުގެ ފަރާތުން ސިލޯނަށް އެބޭފުޅުން ފޮނުއްވައި، ސިލޯނުން ތަޢުލީމް ޙާޞިލު ކުރެއްވުމަށްފަހު، މެޑިސިން ހެއްދެވުމަށްޓަކައި ރޫސީވިލާތަށް ވަޑައިގަތީ. ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ އެއްބޭފުޅެއް، ޢަބްދުއްޞަމަދު ޢަބްދުﷲ އެއީ. ރަޝިޔާގައި ކިޔަވައި ވިދާޅުވި. ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެން، ރާއްޖޭގައި އޭރުގައި ޚިދުމަތް ކުރައްވަމުން ގެންދެވީ، އެންމެ މީހުން މަޤްބޫލު، އެންމެ މީހުން ލޯބިވާ ޑޮކްޓަރެއް ކަމުގައި އޭރު ރާއްޖޭގައި ހުންނެވި ބޭފުޅަކީ ޢަބްދުއްޞަމަދު ޢަބްދުﷲ. ފަހުން މިނިސްޓްރީ އޮފް ހެލްތްގެ މަތީ މަޤާމުތަކުގައި، އެމަނިކުފާނު ރާއްޖޭގެ ޞިއްޙީ ކަންކަން ބައްޓަން ކުރެއްވުމަށް ވަރަށްބޮޑު ޚިދުމަތެއް ކުރެއްވި. ރާއްޖޭގައި އުފެދިގެން އައި ޕަބްލިކް ހެލްތް ސިސްޓަމް، މުޅި ޕަބްލިކް ހެލްތް ސިސްޓަމް ބައްޓަން ކުރައްވައި، ފަރުމާ ކުރެއްވުމުގައި އެންމެބޮޑު ރޯލެއް ކުޅުއްވި ބޭފުޅަކީ، ޢަބްދުއްޞަމަދު ޢަބްދުﷲއޭ ދެންނެވުމަކުން ކުށަކަށްނުވާނެ. އެއަށްފަހު، އެމަނިކުފާނު ރާއްޖެއިން ބޭރުގައި، އ.ދ.ގެ ޖަމާޢަތެއް ކަމަށްވާ، ދުނިޔޭގެ ޞިއްޙަތު ޖަމާޢަތް، ވާރލްޑް ހެލްތް އޯގަނައިޒޭޝަންގެ މުސްތަޝާރެއްގެ ގޮތުގައި، އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވީ. އިންޑިއާގެ ނިއުދިއްލީގައި އެތަކެއް އަހަރު ދުވަސް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހުގައި، އެނބުރި ރާއްޖެ ވަޑައިގެން، އެމަނިކުފާނު ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅިވަޑައިގަތީ. ފުރަތަމަ ދިވެހިރާއްޖޭގެ ފަރާތުން ބަނގްލަދޭޝަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރެއްގެ މަޤާމުގައި، ފުރަތަމަ ބަންގާޅުގައި ދިވެހިރާއްޖޭގެ މިޝަނެއް ހުޅުއްވައިދެއްވީ އެމަނިކުފާނު. އެއަށްފަހު، މި ސަރުކާރުގައި ޚާރިޖީ ވަޒީރެއްގެ މަޤާމު އަދާކުރެއްވި. ޚާރިޖީ ވަޒީރެއްގެ މަޤާމުގައި އެމަނިކުފާނު ހުންނަވައިގެން، ވަރަށްބޮޑު ޚިދްމަތްތަކެއް މި ޤައުމަށް ކުރެއްވި. އޭގެތެރެއިން ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން، ދިވެހިރާއްޖެއަށް ބޭރުގެ ފަރާތް ފަރާތްތަކުން އައި އެކިއެކި ގޮންޖެހުންތައް، އެންމެބޮޑު އެއްގޮންޖެހުން ކަމުގައިވާ ދިވެހިރާއްޖެ ކޮމަންވެލްތްގެ ސީމެގްގައި އެޖެންޑާގައި ހިމަނައި، ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ވާހަކަތައް ދައްކަމުންދިޔައިރުގައި، އެކަމުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ، އޭރުގެ ވަޒީރުލް ޚާރިޖިއްޔާގެ މަޤާމުގައި ހުންނަވައިގެން ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ. އެއަށްފަހު، ދިވެހިރާއްޖޭގެ މައި އިންޓަރނޭޝަނަލް އެއަރޕޯޓް، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، ޖީ.އެމް.އާރު އަތުން އަތުލުމުގައި ކުރި މަސައްކަތުގައި، ވަރަށްބުރަ މަސައްކަތެއް އެމަނިކުފާނު ކޮށްދެއްވި. ވަރަށް ސާބިތުކަމާ އެކީގައި، ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްކަން އަބަދުވެސް އެންމެންނަށް ހަނދާންކޮށްދެއްވަމުން، ދިވެހިރާއްޖެއަކީ ވަކި މުސްތަޤިއްލު ބާރެއް އޮތް ދައުލަތެއް ކަމުގައި ބޭރުގެ ފަރާތްތަކަށް ހަނދުމަފުޅުކޮށްދެއްވަން އެމަނިކުފާނު މަސައްކަތް ކުރެއްވި.

އެހެންވީމާ، މިކަހަލަ ޝަޚްޞިއްޔަތަކީ އެއީ ގިނަގިނައިން ފެންނަ ބައެއް ނޫން. ތިޔަ ހުރިހާ ކުދިންނަކީ މިރަށުގެ ކުދިން. މިރަށުގެ ތިޔަކުދިންގެ ތެރެއިން، ތިޔަކުދިންގެ ކުރިން މިރަށަށް އުފަންވި ކުއްޖަކު ބޮޑުވެގެން މިހާބޮޑު ކާމިޔާބެއް ހޯދައި، ދިވެހިރާއްޖެއަށް މިހާބޮޑު ޝަރަފަކާއި ފަޚުރެއް ހޯއްދަވައިދެއްވައި، ރާއްޖެއަށް މިހާބޮޑު ޚިދުމަތެއް ކޮށްދެއްވިކަމީ، އެއީ އަޅުގަނޑުމެން މިއަދު ހުރިހާ އެންމެން ވަރަށް ޝުކުރުވެރިކަމާއެކު ޤަބޫލުކުރަންޖެހޭ ކަމެއް. އެފަދަ ބޭފުޅުންނަށް ޝުކުރުވެރިވުމަކީ، އެބޭފުޅުންގެ ރިވެތި މިސާލާއި ޚިދުމަތުން އަޅުގަނޑުމެން ޢިބްރަތް ލިބިގަތުން. މިއަދު އަޅުގަނޑު އެކަން ފާހަގަކުރަން، މިރަށުގައި ހުރެގެން. އަޅުގަނޑުގެ މަންމައަކީވެސް މިރަށު މީހަކަށްވީމަ، އަޅުގަނޑު އެކަމަށްޓަކައި ފަޚްރުވެރިވަން. މިއަދު އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެން އިއްޔެ އޮތް ކެބިނެޓް މީޓިންގއިން ނިންމައިފިން އަދި މިއަދު އަޅުގަނޑު ރަސްމީގޮތުން އިޢުލާނު ކުރަން، މިރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލް، މީގެފަހުން އެ ހޮސްޕިޓަލްގެ ނަމަކީ [ޑޮކްޓަރ ޞަމަދު މެމޯރިއަލް ހޮސްޕިޓަލް].

އާދެ! އަޅުގަނޑު މި ސްކޫލްގެ ޕްރިންސިޕަލަށާއި، މި ސްކޫލްގެ ޓީޗަރުންނަށާއި، ޕީ.ޓީ.އޭ އަށް އަދި ސްކޫލްގެ ދަރިވަރުންނަށް އަޅުގަނޑު މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން. ސަބަބަކީ 2011 ވަނަ އަހަރާ އަޅާބަލާއިރުގައި، 2012 ވަނަ އަހަރު މި ސްކޫލްގެ ނަތީޖާ، ވަރަށްބޮޑުތަން ރަނގަޅުކޮށްފައިވާތީ. Congratulations

އަޅުގަނޑު އުންމީދު ކުރަން، އަދި މިއަހަރު ކުރީ އަހަރަށްވުރެ، މި ސްކޫލްގެ ނަތީޖާ ރަނގަޅުވެގެންދާނެކަމަށް. ތިޔަކުދިންގެ މުސްތަޤްބަލަށްޓަކައި ތިޔަކުދިން ރަނގަޅު ނަތީޖާ ނެރުމަށްޓަކައި ތިޔަކުދިންނަށް ފުރިހަމަ ތަޢުލީމެއް ލިބިދިނުމަށްޓަކައި ދައުލަތުގެ ފަރާތުން އިންވެސްޓްމަންޓްތައް ހަދަނީ. އެގޮތުން، ވަރަށްބޮޑު އިންވެސްޓްމަންޓެއްގެ ބިންގާ މިއަދު މި އެޅުނީ. 12 ކްލާސްރޫމް، 3 ބުރީގެ ޢިމާރާތެއް، މި ސްކޫލްގައި ޢިމާރާތް ކުރަން، ބިންގާ މި އެޅުނީ. އަދި ހަމަ އެއާއެކީގައި، ސްކޫލް ހޯލެއް ޢިމާރާތް ކުރުމަށް. މި ސްކޫލްގައި މިހާރު ކިޔަވަމުންދާ 400 އަށްވުރެ ގިނަ ޢަދަދެއްގެ ކުދިންނަށް ރަނގަޅު ފުރުޞަތުތައް ހޯދައިދިނުމަކީ އެއީ، ސަރުކާރުން ކުރަން ބޭނުންވާ ކަންތައް. ތިޔަކުދިންނަށް ބޭނުންވާ ކަންކަން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. މިރަށުގެ ހުރިހާ ކިޔަވާ ކުދިންނަށްވެސް ރަނގަޅު ފުރްޞަތުތައް ހޯދައިދިނުމަށްޓަކައި ދައުލަތުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ. ތިޔަކުދިންގެ ޒިންމާއަކީ ރަނގަޅު ނަތީޖާ ހޯދުން. ރަނގަޅު އަޚްލާޤެއްގެ، ރަނގަޅު ތަރުބިއްޔަތެއްގެ ކުދިންތަކަކަށް ހުރިހާ ކުދިންވުން.

ޙަޔާތަކީ ކުޅޭކުޅޭ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް ޙަޔާތުގައި، މި ދުނިޔޭގައި ދިރިއުޅެން ލިބެނީ ހަމަ އެންމެ ޗާންސެއް. އެންމެ ޗާންސެއް ލިބެނީ. އެ ޗާންސް ބޭނުންނުކޮށް ދޫކޮށްލުމަކީ އެއީ ފަހުން ހޯދޭނެ ކަމެއް ނޫން. ފަހުން ހޯދޭނެ ޗާންސެއް ނޫން. ދެވަނަފަހަރަކަށް، ތިންވަނަފަހަރަކަށް މި ޗާންސެއް ނުލިބޭނެ. ކުއްޖެއްގެ ޢުމުރުގައި، ކޮންމެ ޢުމުރުފުރައެއްގައިވެސް ކުރަންޖެހޭ ކަންތައްތަކެއް ހުރޭ. މިއަދު ތިޔަބޭފުޅުން ކުރައްވަންޖެހޭ ކަމަކީ ކިޔަވައި ވިދާޅުވުން. ތިޔަބޭފުޅުން ކުރައްވަންޖެހޭ ކަމަކީ، ތިޔަބޭފުޅުންގެ މުދައްރިސުންނާއި، ޓީޗަރުންނާއި، ބެލެނިވެރިން، އެ ދޭ އިރުޝާދުގެ މަތިން، ރަނގަޅު ހަރުދަނާ ކުދިންތަކަކަށްވުން. ރަނގަޅު ބިންގަލެއް އެޅުން. އެކަން މި ޢުމުރުފުރާގައި ނުކުރެވިއްޖިއްޔާ، އޭގެ އަސަރު، ދެން ފަހުން ތިޔަކުދިންގެ ޙަޔާތްތަކަށް ކުރަމުންދާނެ. އެހެންވީމާ، ރަނގަޅަށް ވިސްނާ. ތިޔަކުދިންނަކީ މިހާރު ކުޑަކުޑަ ކުދިންނެއް ނޫން. މި ފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފޭނީ، ބޮޑެތި މީހުން ދައްކާ ވާހަކަ އަހައިގެން. ބޮޑެތި މީހުންދޭ ނަޞޭޙަތް ޤަބޫލުކޮށްގެން. އަބަދަކު އެ ނަޞޭޙަތްދޭނެ މީހުންނެއްވެސް ނުތިބޭނެ. އަބަދަކު އެވާހަކަ ދައްކާނެ މީހުންނެއްވެސް ނުތިބޭނެ. ތިޔަބޭފުޅުންނަށް މިއަދު މި ފުރުޞަތުގައި، މިވަގުތު އަޅުގަނޑު މިދަންނަވާ އެއްޗެއް، މި ފުރުޞަތު އަލުން ތިޔަބޭފުޅުންނަކަށް ލިބިވަޑައެއްނުގަންނަވާނެ. މިވަގުތު ކޮންމެ ވަގުތަކުވެސް، އެވަގުތެއްގައި އެލިބޭ އެހީތެރިކަމާއި، ނަޞޭޙަތާއި، އެއްބާރުލުމާއި، އޯގާތެރިކަމާ، މިހުރިހާ ކަމެއް ޤަބޫލުކުރުން އެއީ، ވަރަށް މުހިންމު ކަމެއް.

އަޅުގަނޑު ޔަޤީންކުރަން، ތިޔަ ހުރިހާ ކުދިންނަކީ، ތިޔަކުދިންނަށް ލިބިފައިވާ ތަޢުލީމީ ފުރްޞަތުގެ ބޭނުން ފުރިހަމައަށް ހިފާނެ ކުދިންތަކެއް ކަމަށް. ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އާއި އަޅުގަނޑަށް މި ރާއްޖޭގެ ކެބިނެޓާއި ރިޔާސީ މަޤާމުތަކުގައި ތިބެވޭ ކަމަށްވަންޏާ، ތިޔަބޭފުޅުންނަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތް. ތިޔައިން ކޮންމެ ކުއްޖަކަށްވެސް އެ ފުރުޞަތު އެބައޮތް. ދިވެހިރާއްޖޭގެ ކެބިނެޓްގައި ޚިދުމަތް ކުރުމުގެ ފުރުޞަތު، ތިޔަ ހުރިހާ ކުދިންނަށްވެސް އޮންނާނެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އައުމުގެ ފުރުޞަތުވެސް ހަމަ ތިޔަ ހުރިހާ ކުދިންނަށްވެސް އޮންނާނެ. އެ ފުރުޞަތުތައް ޔަޤީންކޮށްދިނުމަށްޓަކައި އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ. އެހެންވީމާ، ފުރުޞަތު އެއްވެސް ކުއްޖަކުވެސް ނަގާނުލާތި.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ކުދިންގެ ހިތްތައް އަލިކުރައްވައި، ތިޔަކުދިންނަކީ ތިޔަކުދިންނަށް ލިބޭ ތަޢުލީމީ ތަރުބިއްޔަތުގެ ފުރުޞަތު ފުރިހަމައަށް ހިފާ ކުދިންތަކެއް ކަމުގައި ލެއްވުން. މިރަށަކީ ތިޔާގި، ފާގަތި، އުފާވެރި ތަނެއް ކަމުގައި ލެއްވުން. މާތްﷲ ތިޔަކުދިންނަށާއި، ތިޔަކުދިންގެ ޢާއިލާތަކަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه