ރިޔާސީ އިންތިޚާބުގެ ކަންތައްތައް ބެއްލެވުމަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވި އ.ދ.ގެ ޑިޕާޓްމަންޓް އޮފް ފޮލިޓިކަލް އެފެއާޒްގެ ވަފުދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކުރިއަށްދިޔަގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އ.ދ.ގެ ވަފުދުގެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މިބައްދަލުކުރެއްވުމުގައި، ނިމިގެންދިޔަ ރިޔާސީ އިންތިޚާބަކީ، ވަރަށް ދެފުށް ފެންނަ އަމާން އޮމާން އިންތިޚާބެއްކަން އ.ދ.ގެ ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި މިމަހުގެ 28 ވަނަ ދުވަހު އޮންނަ މި އިންތިޚާބުގެ ދެވަނަ ބުރަކީވެސް، ހަމަ މިފަދަ އަމާން އިންތިޚާބަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވަފުދުގެ ބޭފުޅުން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކީވެސް އަމާން އިންތިޚާބަކަށް ހެއްދެވުމަށްޓަކައި ސަރުކާރުން ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން އ.ދ. ގެ ވަފުދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އ.ދ. އިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި، ކުރައްވާ އިތުބާރަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.