بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން،

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މި ލޮބުވެތި ފަސްގަނޑުގައި މީހުން ދިރިއުޅެން ފެށީއްސުރެ، އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީވެސް، އެތައް ރާސްތާއެއް ދިވެހިން ކަޑައްތުކުރާ ދުވަހެއް. ބައެއް ދުވަސްތަކަކީ ޤައުމީ ނަޒަރަކުން އެހެން ދުވަސްތަކަށްވުރެ މުހިންމު ދުވަސްތަކެއް. އެހެނަސް ކޮންމެ ދުވަހަކީވެސް، ދިވެހިން މި ޤައުމަށްޓަކައި އެތައް ޤުރުބާނީއެއްވާ ދުވަހެއް. ދިވެހިދަރިން، ދިވެހި ޤައުމުގެ ހެވާއި ލާބަ އިސްކުރުމަށް މި ޤައުމު އެދޭނޭ ދުވަހެއް.

މާދަމާނޫން އަނެއް ދުވަހަކީ ދިވެހިރާއްޖޭގައި ރިޔާސީ އިންތިޚާބު ބޭއްވޭ ދުވަސް. މި އިންތިޚާބަކީ، ރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 10 ވަނަ ރިޔާސީ އިންތިޚާބު. ވާދަވެރި، ގިނަ ޕާޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމެއް މިރާއްޖޭގައި ގާއިމުކުރެވުނުފަހުން ބާއްވާ ދެވަނަ ރިޔާސީ އިންތިޚާބު. މި އިންތިޚާބަކީ ޑިމޮކްރަސީގެ މަގުގައި ދިވެހިން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް. މި އިންތިޚާބުގައި ވޯޓުހޯދުމަށް ވާދަވެރިކަމާއެކު ކުރެވިގެން މިދާ ކެމްޕެއިނަކީ، ޑިމޮކްރަސީގެ މަގުގައި މި ކުޑަކުޑަ ރާއްޖެ އޮތް ހިސާބު ދައްކުވައިދޭ ހެކިތަކެއް.

ލޮބުވެތި ދިވެހި ރައްޔިތުން؛

ދިވެހިރާއްޖެއަށް ގެނެވުނު އިޞްލާޙީ ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު ބަދަލަކީ، ޤައުމު ހިންގާނޭ މީހަކު، ސީދާ ރައްޔިތުން ކަނޑައަޅާ ގޮތަށް ހަމަޖެއްސުން. ވެރިކަމަށް ކުރިމަތިލާ ކެންޑިޑޭޓުން ހުށަހަޅާ މެނިފެސްޓޯތަކާއި މުސްތަޤްބަލުގެ ފިކުރުތަކަށް ބަލައިގެން ވެރިއަކު އިންތިޚާބު ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިދިނުން. މި ޙައްޤަކީ، 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް. އެ ވޯޓު ސިއްރުވޯޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީވެސް އެ ޙައްޤުގެ މުހިންމުކަމުން. އެޙައްޤުގެ ބޭނުން މިނިވަންކަމާއެކު ކުރެވުން ޔަޤީންކުރުމަށްޓަކައި.

ތިޔައިން ކޮންމެ ބޭފުޅަކު މި ޤައުމަށް ނިސްބަތްވީ ފަދައިން، މި ޤައުމުވެސް ތިޔައިން ކޮންމެ ބޭފުޅަކަށް ނިސްބަތްވޭ. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނަކީ، މިއަދު ޤައުމާމެދު އާ އުންމީދުތަކަކާ ހުވަފެންތަކެއް ހުރި ޒުވާނުންނަށްވާއިރު، އަނެއްބައި ބޭފުޅުންނަކީ، މިއަދުގެ މަސައްކަތްތެރިން. އަދި ދެންތިއްބެވި ބޭފުޅުންނަކީ، ޤައުމަށް ޚިދުމަތްކޮށް ނިމި، ޤައުމުގެ މުސްތަޤްބަލު، ދަރިންނަށް ފަހިކުރުމަށް އެދި ވަޑައިގަންނަވާނޭ، މިއަދުގެ ދޮށީ ބޭފުޅުން. ބައެއް ބޭފުޅުންނަކީ، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވާ ބޭފުޅުންނަށް ނުވެދާނެ. އެހެނަސް، ޤައުމުގައި ކަންހިނގާ ގޮތާމެދު ޚިޔާލެއް ނުވަތަ ހިތްހަމަޖެހުމެއް، ނުވަތަ ކަންބޮޑުވުމެއް، ތިޔައިން ހަމަ ކޮންމެ ރައްޔިތެއްގެވެސް އޮންނާނެ. އަދި ހަމައެއާއެކު، ތިޔައިން އެއްވެސް ބޭފުޅަކީ މިޤައުމަށް ކޮންމެ ގޮތެއްވިޔަސް ވަރިހަމަ ބޭފުޅަކަށް ނުވާނެ. އެހެނީ ތިޔައިން ކޮންމެ ބޭފުޅެއްގެވެސް ހިތާ އެންމެ ގާތް ގޮތަކަށްވާނީ، މި ޤައުމުގެ މަޞްލަޙަތުތަކާއި ކުރިއެރުން ކަމުގައިވާތީ. އެހެން ކަމަށްވާނަމަ، ޤައުމުގެ މުސްތަޤްބަލު ކަނޑައެޅުމުގައި ތިޔައިން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ޙައްޤުގެ ބޭނުންކުރައްވާ! ހޮނިހިރު ދުވަހު ލިޔެވިގެންދާ ތާރީޚުގެ ޞަފްޙާގައި، ތިޔަބޭފުޅުންގެ ދައުރު އަދާކުރައްވާ! މިއީ ހުރިހާ ގޮތަކުންވެސް ރައްޔިތުންގެ ނިންމުމަކަށް ހައްދަވާ!

ލޮބުވެތި ރައްޔިތުން؛

ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ، ކުރިޔަށް އޮތް 5 އަހަރު ދުވަހަށް ހަވާލުކުރައްވާނެ ބޭފުޅަކު ކަނޑައަޅުއްވާނީ ތިޔަބޭފުޅުން. އަދި ހަމައެފަދައިން މިކަން ކުރިޔަށް ގެންދާނޭ ގޮތެއްވެސް ކަނޑައަޅުއްވާނީ ހަމަ ތިޔަބޭފުޅުން. ޑިމޮކްރަސީއަކީ އެންމެ ގިނަ މީހުން ބޭނުންވާ ގޮތަށް ކަންކުރެވުން. ޑިމޮކްރަސީއަކީ އެއްވެސް ހާލެއްގައި ފުރާފުރިހަމަ ނިޒާމެއްނޫން. ސީދާ މާނަކުރުމަށް ބަލައިފިނަމަ، ޑިމޮކްރަސީއަކީ ދުނިޔޭގައި ވެރިކަން ކުރުމުގެ ނިޒާމުގެ ތެރެއިން، އެންމެ ރަނގަޅު ނިޒާމު ކަމުގައި، އެންމެ ގިނަ މީހުން ގަބޫލުކުރާ ނިޒާމު. ހަމައެފަދައިން، އިންތިޚާބެއްގައި ހިމެނޭނީ އެކަކަށްވުރެ ރަނގަޅު ނުވަތަ ނުރަނގަޅު އަނެއް ކެންޑިޑޭޓު. ވުމާއެކު، އިންތިޚާބުން މޮޅުވާ ކެންޑިޑޭޓަކާ ގަޔާ ނުވާ ކިތަންމެ ބަޔަކު ތިބެދާނެ. މިއީ އިންތިޚާބުތަކުގެ ޠަބީޢަތް. ޑިމޮކްރެޓިކް އިންތިޚާބެއްގެ ނަތީޖާއަކަށްވާނީ ގިނަ މީހުންގެ ނިންމުން. ގިނަ މީހުންގެ ނިންމުމަށް ދެންތިބި މީހުން އިޙުތިރާމުކުރުން. ރާއްޖޭގައިވެސް މިކަން ހިނގާނީ މިފަދައިން. ކާމިޔާބުކުރާނީ ހަމަ އެންމެ ކެންޑިޑޭޓެއް. އެއީ، ޠަބީޢީގޮތުން މިކަން ހިނގާނޭ ގޮތް. ވުމާއެކު، ރާއްޖޭގައި މިދިޔަ 5 އަހަރު ބޭއްވުނު އެހެން އިންތިޚާބުތަކެކޭ އެއްފަދައިން، ތަހުޒީބީ އާދަކާދައާއެކު އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށް، ތަފާތު ޚިޔާލުތައް، އެކަމަށް ކަނޑައަޅާފައިވާ ފުރުޞަތުތަކުގެ ތެރެއިން ޙައްލުކުރުމަށް އަޅުގަނޑު ގޮވާލަން. އަދި ހަމައެފަދައިން، އެދުވަހުގެ އިންތިޚާބުގައި އެންމެ މުސްކުޅި އެންމެ ޟަޢީފު މީހާއަށްވެސް ރައްކާތެރިކަމާއެކު، އޭނާގެ، ވޯޓު ދިނުމުގެ ޙައްޤު، ޤާއިމުކުރެވޭނޭކަން ޔަޤީންކޮށް ދެއްވުމަށްވެސް، ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވަން. ރީތި ނަމޫނާ ދައްކަވައިގެން މިސާލުދެއްކެވުމަށް ކެންޑިޑޭޓުންނަށް އިލްތިމާސްކުރަން. ޑިމޮކްރަސީގެ އެންމެ ރީތި މިސާލަކަށްވާނީ މިކަންކަން ޤާއިމުކުރެވުން.

އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދު ބިނާކޮށްފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެގެން. މިއީ، އެންމެ ރަނގަޅު ގޮތްކަމުގައި ނުވިނަމަވެސް، މިއީ މިއަދުގެ ޙަޤީޤަތް. ވުމާއެކު، އިޤްތިޞާދު ފުޅާކޮށް، އެހެން ގޮތްގޮތް ހަމަޖެހެންދެން، އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނީ މި ޙަޤީޤަތުގެ ތެރޭގައި. އެއްވެސް ގޮތަކުން ރާއްޖޭގައި ހަމަނުޖެހުން އުފެދިއްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ލޮޅުން އަރާނެ. ފަތުރުވެރިކަން ހީނަރުވެދާނެ. 2011 ވަނަ އަހަރުގެ ފަހުކޮޅާއި 2012 ވަނަ އަހަރުގެ ކުރީކޮޅު، ރާއްޖޭގައި ހިނގަމުން ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ދަތުރުކުރާ މީހުން ރައްކާތެރިވުމަށް، އެތައް ޤައުމަކުން ޓްރެވަލް އެޑްވައިޒަރީ ނެރެ، ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި މަންޒިލެއްނޫންކަމަށް ބުނެ އިންޒާރުތައް ނެރުނު. މިކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ގެއްލުންވި. ދައުލަތަށް ލިބުނު އާމްދަނީއަށްވެސް ވަރަށް ބޮޑަށް އަސަރުކުރި. ރާއްޖޭގެ އިޤްތިޞާދަކީ މިހާވެސް ނާޒުކު އެއްޗެއް. އަޅުގަނޑުމެންނަށް މިކަމަށް ޣާފިލުވެގެން ތިބެވޭކަށް ނޯންނާނެ. ކޮންމެ ދިވެހި ދަރިއެއްގެ ޙައްޤުތަކެއް މި ޤައުމުގައި ވީފަދައިން، މި ޤައުމަށްޓަކައި ތިޔައިން ކޮންމެ ދަރިއެއްގެ ޒިންމާއެއްވޭ. މިޒިންމާއަށް ފަރުވާވެ ވަޑައިގަންނަވާ. އަދި ހަމައެއާއެކު، ޤައުމުގައި ހަމަނުޖެހުން އުފެދި، މިއަދާ ހަމަޔަށް ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ޖެހި، އިޤްތިޞާދަށާއި ވިޔަފާރިތަކަށް ގެއްލުންވާފަދަ އެއްވެސް ކަމަކަށް ސަރުކާރުން އެއްވެސް ފުރުޞަތެއް ނުދޭނޭކަން ތިޔަ އެންމެ ބޭފުޅުންނަށް ޔަޤީންކޮށްއަރުވަން. މިކަންކަން ޔަޤީންކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ފަސްޖެހުމެއްނެތި ކުރާނޭ ކަމުގެ ޔަޤީންކަންވެސް އަރުވަން.

ލޮބުވެތި ދިވެހި ރައްޔިތުން،

ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން މާސިންގާ ޤައުމަކަށް ނުވެދާނެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ޖާހާއި ބާރުވެރިކަމާ އަޅައި ބަލާއިރު، ނިސްބަތުން ބާރުދެރަ ބަޔަކުކަމުގައި ވެދާނެ. އެހެނަސް އަޅުގަނޑުމެންނަށް މާތްﷲ ގެ ޙަޟްރަތުން ނިޢުމަތްތަކެއް ދެއްވާފައިވޭ. ރާއްޖޭގައި މީހުން ދިރިއުޅެން ފެށިއިރު، ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިފައިވާ ބައެއްނޫން. އެހެނަސް މާތްﷲ ގެ ރަޙްމަތްފުޅާއެކު މިއަދު ދިވެހިންނަކީ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ތިބި ބައެއް. ދިވެހިން މިއަދު އެއްބައެއްގެ ގޮތުގައި، މިހާހިސާބަށް ދެމިތިބުމުގެ އެންމެ ބޮޑު ސިއްރަކީ، އެއް ދީނެއްގައި ތިބި ބަޔަކަށްވީކަން. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ތިބިބަޔަކަށް ވީކަން. މިކަމާ ދެބަސްވުމެއްނެތް.

ހަމައެއާއެކު، ދިވެހިންވަނީ ދިވެހިންގެ ބޭނުންތަކަށް ލައްވާފައިވާ ކަނޑާއި އެއްގަމުގެ ވަސީލަތްތަކުގެ ބޭނުން ހިފައިގެން އޭރުގެ ބޭނުންތަކަށް އެކަށޭނަވަރުގެ އިޤްތިޞާދީ ޞިނާޢަތްތަކެއް ބިނާކޮށްފައި. އަދި ރާއްޖޭގެ ޖާދޫއެއްފަދަ ރީތިކަމުގެ ބޭނުންހިފައިގެން، ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ޞިނާޢަތެއް ޤާއިމުކޮށް، އިތުރުކުރިއެރުން ހޯދާފައި. މިކަންކަން ކުރީ ހަމަ އަޅުގަނޑުމެން. ދިވެހި ވިޔަފާރިވެރިންގެ މުރާލިކަމާއި ޙިކުމަތްތެރިކަމުން. މިއަދުގެ ބޭނުންތަކަށް މި އިޤްތިޞާދު ކުޑަކަމުގައިވާނަމަ، އެކަންކަން ރަނގަޅުކުރެވޭނީ އެކަމަށް އިސްނަގައިގެން މުރާލިކަމާއެކު މަސައްކަތްކޮށްގެން. މުސްތަޤްބަލު އަމިއްލައަށް ބިނާކޮށްގެން. މިކަން ކުރުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ހުރިހާ ވަސީލަތްތަކެއް ހޭދަކުރަނީ ބައިބައިވުމާއި، ފިކުރުތަކުގެ ހަނގުރާމައެއްގައި ކަމުގައިވާނަމަ، ކާމިޔާބުގެ ރާސްތާ އަތަކުނުޖެހޭނެ. އަދި މިއަދުގެ ވާދަވެރި ދުނިޔޭގައި އެ ފުރުޞަތުތަކަކީ، އެހެންބައެއްގެ ފުރުޞަތުތަކަކަށްވެ ނިމިދާނެ. މި ޤައުމު ބިނާކުރީވެސް ހަމަ އަޅުގަނޑުމެން. އެ ބިނާތައް އުސްކޮށް ތަރައްޤީކުރާކަށް އެހެން ބަޔަކު ނާންނާނެ.

 

ލޮބުވެތި ދިވެހި ރައްޔިތުން؛

ޑިމޮކްރަސީ ގެނައުމަކީ، ނުވަތަ ކުރީގައި ނެތް މިނިވަންކަމެއް ލިބުމަކީ، ޤައުމުގައި ހުރި ހެޔޮ ރަނގަޅުކަންކަން ގެއްލެންވީ ސަބަބެއްނޫން. ރާއްޖެއަށް ޑިމޮކްރަސީ ގެނެވުނީ، ނިސްބަތުން އެހެން ޤައުމުތަކަށްވުރެ ފަހުން ކަމުގައިވުމަކީ، އެހެން ޤައުމުތަކުން ޑިމޮކްރަސީގެ މަގުގައި ހޯދައިފައިވާ ފިލާވަޅުތަކުން ޢިބުރަތް ލިބިގަންނަންވީ ކަމެއް. އެ ޤައުމުތަކުން ޤާއިމުކޮށްފައިވާ ރީތި މިސާލުތައް ޤާއިމުކޮށް، ގޯސްތައް ތަކުރާރުނުކުރުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެއް. އެއްވެސް ސަބަބަކާހުރެ ޤައުމުގައި ހުރި ރަނގަޅުކަންތައްތައް ގެއްލޭން ވެއްޖެނަމަ، އޭގެ މާނައަކީ އަޅުގަނޑުމެން ކަންކުރާ ގޮތުގައިވެސް މައްސަލައެއް އެބައުޅެޔޭ. އެއީ، އެއްވެސް ޙާލެއްގައި ޑިމޮކްރަސީގެ ނުވަތަ މިނިވަންކަމުގެ މައްސަލައެއް ނޫން. ތަރައްޤީގެ ރާސްތާގައި އަޅާ ފިޔަވަޅުތަކަކުން އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށް ގެއްލުމެއްވާނަމަ، އޭގެ މާނައަކީ އަޅުގަނޑުމެންނަށް އެ އެއްބައިވަންތަކަމަށް ކުރަންވާވަރަށް މަސައްކަތް ނުކުރެވުނިއްޔޭ. އެކަންކަމަށް ޣާފިލުވެވުނިއްޔޭ.

މި ޔަޤީންކަން އަޅުގަނޑުގެ އޮންނަނީ ކީއްވެތޯ ތިޔަބޭފުޅުން ސުވާލުކުރައްވައިފާނެ. އަޅުގަނޑުގެ ޖަވާބު ވަރަށް ސާދާ. އެއީ، ކިތަންމެ ވަރަކަށް ޚިޔާލު ތަފާތުވިޔަސް، ކިތަންމެ ކުލަތަކެއްގެ ދަށުގައި ތިބިނަމަވެސް، އަޅުގަނޑުމެންގެ އެންމެންގައި ތަފާތުނުވާނޭ އެއްކަމެއްވޭ. ކޮންމެ މީހަކަށް ތާއިދުކުރިޔަސް ބަދަލުނުކުރެވޭނޭ އެއްކަމެއް އެބައޮތް. އެއީ އަޅުގަނޑުމެންނަކީ ދިވެހިންނަށް ވީކަން. އެއް ބަހަކުން ވާހަކަދައްކާ، އެއް ނަޞްލެއްގައި ތިބި އެއް ބަޔަކަށްވީކަން. މިދީބުގެ އަޑުތައް ފިޔަވައި އެހެން އަޑުތަކެއް އަޅުގަނޑުމެން އެއްވެސް މީހަކަށް ކަމުނުދާނޭކަން. މިކަމާ ދެބަސްވުމެއްނެތް. ކިތަންމެ ކުޑަނަމަވެސް، ކިތަންމެ ނާޒުކުނަމަވެސް، ކިތަންމެ ވަރަކަށް އަޅުގަނޑުމެން އަމިއްލައަށް ދެބަސްވިނަމަވެސް، މި ޤައުމު ނޫން ޤައުމެއް އަޅުގަނޑުމެން ހަމައެކަކަށްވެސް އިޚްތިޔާރެއް ނުކުރެވޭނެ.

ވުމާއެކު، ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދޭ އެދުމަކީ، ހޮނިހިރު ދުވަހު ބޭއްވޭ އިންތިޚާބަކީ، ހުރިހާ ގޮތަކުންވެސް ކާމިޔާބު އިންތިޚާބަކަށް ހެއްދެވުމަށް ތިޔަ އެންމެ ލޮބުވެތި ރައްޔިތުން މަސައްކަތްކޮށްދެއްވުން. ޤައުމުގެ ހަމަޖެހުމާއި އަމާންކަމަކީ، އެންމެ އިސް ވާޖިބުކަމުގައި ހައްދަވައިދެއްވައި، ޤައުމުގެ މަޞްލަޙަތުތައް އިސްކޮށްދެއްވުން. އެންމެ ޟަޢީފު މީހާއަށްވެސް ރައްކާތެރިކަމާއި މިނިވަންކަމާއެކު، ވޯޓުލުމުގެ ޙައްޤުލިބޭނޭކަން ޔަޤީންކޮށްދެއްވުން. އަދި އިންތިޚާބު ނިމުމުން ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުރެއްވުން. ރައްޔިތުން ކަނޑައަޅާ ވެރިއަކާއެކު، މުޅި ޤައުމު އެކުގައި ތެދުވެ މަސައްކަތް ފެށުން. ޤައުމުގައި ކުރަން ވެފައިހުރި، ބޮޑެތި، ދުސްތޫރީ، އިޤްތިޞާދީ، ޤާނޫނީ، އަދި އިޖުތިމާޢީ މަސައްކަތްތައް އަވަސްކަމާއި ހަރުދަނާކަމާއެކު ކޮށް، އުޖާލާ މާދަމައަކަށް އެންމެންއެކުގައި މަސައްކަތްކުރުން. މިކަންކަމަކީ ލަސްކުރެވެން ހުރި މަސައްކަތްތަކެއްނޫން. އަޅުގަނޑުމެން އެހެން ކަންކަމުގައި ވަގުތު ހޭދަކުރުމަށްފަހު، ޤައުމު ތަރައްޤީ ކުރަން ފަށަންދެން، ވަގުތާއި ފުރުޞަތު އަޅުގަނޑުމެންނަށް ބަލަހައްޓައިގެން ނޯންނާނެ. މިކަންކަމަށް ފަރުވާވެވަޑައިގަންނަވާ! ދިވެހިންނަށް ވީތީ. މިލޮބުވެތި ފަސްގަނޑުގެ ދަރިންނަށް ވީތީ.

މާތްﷲ ތިޔަ އެންމެ ރައްޔިތުންނަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި! މި ލޮބުވެތި ވަޠަން އަބަދުގެ އަބަދަށް ރައްކާތެރިކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.

 

_____________________________