بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އެޗް.ޑީ.ސީގެ ޗެއަރމަން، މެނެޖިންގ ޑިރެކްޓަރ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ކަރނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން.

އަޅުގަނޑު ދާދިފަހުން ޑުބާއީގައި މަޑުކުރިއިރުގައި، ޑުބާއީގެ ރޫލަރ ޝައިޚު މުޙައްމަދާ ބައްދަލުކުރުމުގެ ފުރުޞަތު ލިބުނު. އެބައްދަލުވުމުގައި އެބޭފުޅާ އަޅުގަނޑު ކައިރީގައި އެންމެ ފުރަތަމަ ވިދާޅުވި އެއްޗަކީ، ތަރައްޤީވުމަށްޓަކައި ބޭނުންވަނީ "ވިޝަން" އެކޭ. އަޅުގަނޑުމެންގެ ތަޞައްވުރެކޭ. އަޅުގަނޑުމެން ދެކޭ ހުވަފެނެކޭ. އަޅުގަނޑުމެންގެ މާލެސިޓީ ތަރައްޤީކުރުމަށްޓަކައި އެބަޖެހޭ ތަޞައްވުރެއް އޮންނަން. އަޅުގަނޑުމެންގެ އެބަ އޮންނަންޖެހޭ ވިސްނުމެއް، ހުވަފެނެއް.

މިވޭތުވެދިޔަ އަހަރެއްހާ ދުވަހެއްގެ ތެރޭގައި އެޗް.ޑީ.ސީ.އާ އެކުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ގްރޭޓަރ މާލޭ އޭރިއާ އިތުރަށް ބޮޑުކުރުމަށްޓަކައި، ތަރައްޤީކުރުމަށްޓަކައި ކިހިނެއްތޯ ހެދޭނީ. އެގޮތުން، ހުޅުމާލޭގެ ސެކަންޑް ފޭސްއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަން ފެށީ. އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓާއި އެޗް.ޑީ.ސީ.އާ އަޅުގަނޑުމެން ގުޅިގެން މިކަމާ ދޭތެރޭގައި ވިސްނާތާ މިހާރު ދުވަސްކޮޅެއްވެއްޖެ. އަޅުގަނޑުމެން ކެބިނެޓުން ނިންމީ ވީ އެންމެ އަވަހަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށަން. އެކަމަށްޓަކައި މަސައްކަތްކޮށް، އެނގިވަޑައިގަންނަވާނެ ފަދައިން މިހާރުވަނީ މިކަން ކުރާނެ ބަޔަކު ހޯދައި، މިހާރު އެންމެފަހުގެ ވާހަކަތައް ދެކެވެމުން އެދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ފެށޭނެ. އަދި ގާތްގަނޑަކަށް ހައެއްކަ މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން އުންމީދު ކުރަނީ، ހިއްކަން ޖެހޭ ބައި ހިއްކާ ލެވޭނެކަމަށް.

މިއަދު ތިޔަ ފެނިވަޑައިގަތީ ސިންގަޕޫރު ނޭޝަނަލް ޔުނިވަރސިޓީގެ ސްކޫލް އޮފް ޑިޒައިންގ އެންޑް އެންވަޔަރަންމަންޓުގެ ޑީން، ޕްރޮފެސަރ، ދެންމެ އެހުށަހެޅުއްވި ކުރެހުންތައް. މި ސެކަންޑް ފޭސްއަށް އަޅުގަނޑުމެންނަށް ވިސްނިދާނެ ގޮތަކާބެހޭގޮތުން ތަޞައްވުރެއް ހުށަހެޅުއްވި. ވަރަށް ތަފުޞީލުކޮށް، ވަރަށް ކޮމްޕްރިހެންސިވް ވިސްނުންފުޅެއް. ސިންގަޕޫރުގެ ޤައުމީ ޔުނިވަރސިޓީގެ ފަންނީ އެހީއާއެކީގައި މި ކުރެހުން ތައްޔާރުކުރެވިފައި މިއޮތީ. ތިޔަބޭފުޅުން ހިތްޕުޅަށް އަރާފާނެ މިކަން ކުރާނީ ކިހިނެއްހެއްޔޭ. އަޅުގަނޑު ޤަބޫލުކުރަން ޝައިޚު މުޙައްމަދު ވިދާޅުވި ވާހަކަ. އަޅުގަނޑުމެންގެ ވިޝަނެއް އޮތިއްޔާ، އަޅުގަނޑުމެންގެ ވިސްނުމެއް އޮތިއްޔާ، މިކަން ކުރާކަށް އެއީ އުނދަގޫ ކަމަކަށް ނުވާނެ. މިކަން ކުރަން ބޭނުންވާ އިންވެސްޓްމަންޓްސްވެސް އަޅުގަނޑުމެންނަށް ހޯދޭނެ. ދިވެހިރާއްޖޭގައިވެސް އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ވިސްނުންފުޅު، ތިޔަބޭފުޅުންގެ ޚިޔާލު، ތިޔަބޭފުޅުންގެ އެގްޒައިޓްމަންޓް މި މަޝްރޫޢާ ދޭތެރޭގައި ރަނގަޅުވާނެކަމަށް. އަޅުގަނޑުމެންގެ ރާއްޖޭގައި ތިއްބެވި އިންވެސްޓަރުންވެސް އެ އެގްޒައިޓްމަންޓުގެ ސަބަބުން، މިޕްރޮޖެކްޓުގައި ބައިވެރިވާނެކަމާމެދު އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންގެ ރާއްޖޭގެ ފައިސާވެރިން، އިންވެސްޓަރުން، މެދުފަންތީގެ ވިޔަފާރިވެރިން، މި މީސްމީހުންނަށްވެސް އިންވެސްޓްކުރުމުގެ ފުރުޞަތު މިމަޝްރޫޢުގެ ސަބަބުން ހުޅުވިގެންދާނެ. އަދި މީގައި ކުރަންޖެހޭ ބޮޑެތި ކަންކަންކުރުމުގައި ބޭރުގެ ބޮޑެތި އިންވެސްޓްމަންޓުތައްވެސް އަޅުގަނޑުމެންނަށް ގެނެވޭނެ.

ދިވެހިރާއްޖެ މިއަދު މިއޮތީ ހުޅުވާލެވިފައި. އަޅުގަނޑުމެން ކުރިން ތިބި ގޮތަކަށް ނޫން މިހާރު މިތިބީކީ. އަޅުގަނޑުމެންގެ ތަރައްޤީއަށް އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން ބޭނުންވޭ. އަޅުގަނޑުމެން ސްކޫލުތަކުން ނިކުންނަ ކުދިން އިހު އުޅުނު ގޮތަށް އުޅޭކަށް ބޭނުމެއްނުވޭ. އެމީހުން ބޭނުންވަނީ ތަނަވަސްކަމާއެކީގައި، ރަނގަޅު އާމްދަނީއާއި ރަނގަޅު ވަޒީފާތައް ލިބިގެން ހިތްހަމަޖެހިގެން އުޅެން. އެ ވިސްނުމަކީ އެއީ، އަޅުގަނޑުމެންނަށް ހޯދޭނެ ޙަޤީޤަތެއް. ކޮންމެހެން ހުވަފެނެއްގެ ގޮތުގައި އަބަދު އޮންނަންޖެހޭ ކަމެއްނޫން. އެ ހުވަފެން އަޅުގަނޑުމެންނަށް ޙަޤީގަތަކަށް ހެދޭނެ. އަޅުގަނޑުމެންގެ ޒުވާނުންގެ ވިސްނުން އެބަހުރި. އެ ހިތްވަރު އެބަހުރި. އަޅުގަނޑުމެން ތިބީ ހުޅުވިގެން. އެހެންވީމާ، ބޭރުގެ ޤައުމުތަކުން ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތައްވެސް ގެނެސް، އަޅުގަނޑުމެންގެ ތެރެއިންވެސް އިންވެސްޓުކުރަން ތިބި މީހުން އޭގައި ބައިވެރިވެގެން، އަޅުގަނޑުމެން އެންމެން ގުޅިގެން މިކަން އަޅުގަނޑުމެންނަށް ކުރެވޭނެ އިރާދަކުރެއްވިއްޔާ. އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތް، މިމަޝްރޫޢު އަޅުގަނޑުމެންނަށް ހިންގޭނެ ކަމާމެދު. މިއަށް ބޭނުންވަނީ އަޅުގަނޑުމެން އެކީގައި މަސައްކަތްކުރުން. މި ހުވަފެން އަޅުގަނޑުމެންގެ އަމިއްލަ ހުވަފެނަކަށްވެގެން، އަޅުގަނޑުމެން އެންމެންގެ ހުވަފެނަކަށްވެގެން މި ޤައުމު ކުރިއަށް ގެންދަން މަސައްކަތްކޮށްގެން.

މި މާލެއަކީވެސް، މިރާއްޖެއަކީވެސް ވަކި މީހެއްގެ ތަނެއްނޫން މިއީ، އަޅުގަނޑުމެން އެންމެންގެ ތަނެއް. އެހެންވީމާ، އަޅުގަނޑުމެން އެންމެން ބައިވެރިވާ، އަޅުގަނޑުމެން އެންމެން ޙިއްޞާކުރާ ވިސްނުމެއްގައި، ޙިއްޞާކުރާ މުސްތަޤްބަލެއް ހޯދުމަށް އަޅުގަނޑުމެން އެކީގައި މަސައްކަތް ކުރީމާ އެ ޙާޞިލު ކުރެވޭނެ ކަމާމެދު ކުޑަވެސް ޝައްކެއްނެތް އަޅުގަނޑަކަށް.

މިއީ ވަރަށް ރީތި ތަޞައްވުރެއް. މި މާލޭގެ، ގްރޭޓަރ މާލޭގެ އެންމެ ރީތި ހިސާބަށް ވުމަކީ ދުރުކަމެއްނޫން. އަދި މިތަން އުފެދުމުގެ ސަބަބުން ގްރޭޓަރ މާލޭގެ އެހެން ހުރިހާ ސަރަޙައްދުތަކަކަށްވެސް މީގެ ރީތިކަން ފެތުރިގެންދާނެ. އެތަނަށް ލިބޭ ލުއިކަމެއްގެ ސަބަބުން އެތަންތަންވެސް ރީތިވެގެންދާނެ. މާލެވެސް ރީތިވެގެންދާނެ. އަދި ހުޅުމާލޭގެ ފަސްޓް ފޭސްގައިވެސް، މިހާރަށްވުރެ އެތަންވެސް މާރީތިވެގެންދާނެ. މިކަންކަންވާނީ މިދެންނެވި ވިސްނުން މުޅި ގްރޭޓަރ މާލެއަށް އަޅުގަނޑުމެން އެޕްލައި ކޮށްގެން.

އަޅުގަނޑަށް ޤަބޫލުކުރެވޭ، ޔަޤީންކުރެވޭ، ތިޔަބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާނެކަން، ދެންމެ ތިޔަ ފެނިވަޑައިގެންނެވި ވީޑިއޯއިން، ފޮޓޯތަކުން ފެނިވަޑައިގެންނެވިހެން، ވަރަށް ހިތްފަސޭހަކަމާއެކީގައި، ވަރަށް ހަމަޖެހިގެން ވަރަށް ގިނަ ޢަދަދެއްގެ ބަޔަކަށް މިތާނގައި ދިރިއުޅެވޭނެކަން. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، މި މަސައްކަތް އެޗް.ޑީ.ސީގެ ފަރާތުން ވަރަށް ހަލުވިކަމާއެކުގައި ކުރިއަށް ގެންގޮސްދެއްވާނެކަމަށް. އަދި މިއަށް ބޭނުންވާ އިންވެސްޓަރުން ހޯއްދެވުމުގައިވެސް ވަރަށް ހުޅުވާލެވިފައިވާ ވިސްނުމެއް ގެންގުޅުއްވާނެކަމަށް. އަވަސް ސްޕީޑެއްގައި މިތަން ތަރައްޤީކުރެވޭނޭ ގޮތެއް ހޯއްދަވާނެކަމަށް. އަޅުގަނޑަށް ޔަޤީން، މިކަމުގައި ތިޔަބޭފުޅުންނަށް ޚިޔާލުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެހީވެދޭނެ ކިތަންމެ ފަރާތްތަކެއް މިރާއްޖޭގައި ތިބޭނެ. ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރައްވާފައި ތިއްބެވި ދިވެހިން، މިއީ މިޤައުމުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާފައި ތިއްބެވި ބޭފުޅުން. އެބޭފުޅުންގެ ހިޔާލުފުޅުތަކާއި، އެބޭފުޅުންގެ ކޮންޓެކްޓްސްތަކާއި، އެބޭފުޅުން ދެނެވަޑައިގަންނަވާ އިންވެސްޓަރުންނާއި، މިއެންމެން އެއްބައިވެގެން ނޫނީ މި މަޝްރޫޢަކީ ބޮޑު މަޝްރޫޢުއަކަށް ނުވާނެ.

ހަމައެހެން، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުހުރި ކުންފުނިތައް، އެސް.ޓީ.އޯ، އެމް.ޑަބްލިޔޫ.އެސް.އީ، ދިރާގު، މިހެން ހުރި ބޮޑެތި ކުންފުނިތަކުންވެސް އަޅުގަނޑަށް ޔަޤީން، މި މަޝްރޫޢުގައި ބައިވެރިވާން ބޭނުންވާނެ. އެހެންވީމާ، މިހުރިހާ އެންމެން ގުޅިގެން، މިހުރިހާ އެންމެންނަށް ފުރުޞަތު ދެއްވައިގެން، އަޅުގަނޑުމެން މިކަން ކުރަން އުޅުނީމާ އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް މިކަންވާނެ.
އަޅުގަނޑުގެ އިލްތިމާސަކީ، ތިޔަކުރައްވާ މަސައްކަތް ވަރަށް ހަރުދަނާކަމާއެކީގައި، ތިޔަގެންދަވާ ބާރުސްޕީޑުގައި ގެންގޮސްދެއްވުން. ތިޔަބޭފުޅުން ތިޔަ ކުރެއްވި މަސައްކަތަށް އަޅުގަނޑު ތަޢުރީފުކޮށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަޅުގަނޑު ޔަޤީންކުރަން، މި ރޫމްގައި މިތާ މިތިއްބެވި ހުރިހާ ބޭފުޅުންވެސް މިކަމުގައި އެހީވެވަޑައިގެން ދެއްވާނެކަމަށް. ޚާއްޞަކޮށް، ސަރުކާރުގެ އެކިއެކި ދާއިރާތައް، މިނިސްޓްރީތަކާއި އެކިއެކި ކުންފުނިތަކުގެ ބޭފުޅުން އެބަތިއްބެވި މިތާ. އެބޭފުޅުންގެ ޚިޔާލުފުޅުތައްވެސް މިއަށް ދެއްވައި، މިއަށް ގެންނަންޖެހޭ ބަދަލެއް އަދިވެސް ގެނެވިދާނެ. ބޭސިކް ކޮންސެޕްޓް، އެހެން ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވަރަށް ރީތި، އާދެ! ތިމާވެއްޓާ ވަރަށް ރަޙުމަތްތެރި ވަރަށް ރަނގަޅު ކޮންސެޕްޓެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. މިތާނގައި މިހިރި ކަންތައްތައް އިންވެސްޓަރުން އައިސްގެން ކުރަން ފެށުމުން، މިރަށުގެ ކަންކަން އަޅުގަނޑުމެންނަށް މިރަށުން ނެރެވޭގޮތަށް، މިރަށަށް ކުރަންޖެހޭ ޚަރަދު މިރަށުން ނެރެވޭގޮތަށް، މިރަށުގައި ހަދަންޖެހޭ ތަންތަން މިރަށުގެ އިންވެސްޓްމަންޓުތަކުން ހެދޭނެގޮތަށް، އަޅުގަނޑުމެންނަށް މިކަން ރޭވޭނެ. އެކަމުގެ ޔަޤީންކަން އަޅުގަނޑުގެ އެބައޮތް.

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެޗް.ޑީ.ސީ. އިންނާއި ހައުސިންގެ މިނިސްޓްރީން މިކުރެއްވި ބުރަ މަސައްކަތަށްޓަކައި. އަދި ސިންގަޕޫރު ނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން ވެދެއްވި އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.


Thank you Singapore National University for the excellent work you have done.

ވަރަށް ބޮޑަށް ޝުކުރިއްޔާ! والســّلام عليــكم.
___________________________