بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

ކޮޅުމަޑުލުގެ ލޮބުވެތި ރައްޔިތުން، ތިމަރަފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުން، މި ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ދައުލަތުގެ އެންމެހައި އިސްވެރިން، ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ޝަރީފު، ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ ވެރިން، ހާޒިރުވެ ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެވެސް އިސްވާޖިބަކީ، މިއަދު ކޮޅުމަޑުލުގެ ރައްޔިތުންނަށާއި ޚާއްޞަކޮށް ތިމަރަފުށީގެ ރައްޔިތުންނަށް މި އެއަރޕޯޓު ހުޅުވުމުގެ މުނާސަބަތުގައި ވަރަށް ހޫނު މަރުޙަބާއަކާއި ތަހުނިޔާއެއް ދެންނެވުން.

އާދެ، މިއަދުގެ އެއަރޕޯޓުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ ވުޒާރާތަކާއި، އަޅުގަނޑުމެންގެ ކުންފުނިތަކާއި، އަޅުގަނޑުމެންގެ ދައުލަތުގެ އެކިއެކި ފަރާތްތަކުން އެކީގައި މަސައްކަތް ކުރެއްވީމާ އަޅުގަނޑުމެންނަށް ނުވާނެކަމެއް ނެތްކަން. ވަރަށް އުނދަގޫ ދުވަސްވަރެއްގައި، އަޅުގަނޑުމެންގެ ބަޖެޓުގެ އެކިއެކި ތާށިތައް ހުރުމާއި، އަދި އެހެނިހެންވެސް އުނދަގޫތައް ހުރި ދުވަސްވަރެއްގައި، އަޅުގަނޑުމެންނަށް އެއަރޕޯޓެއް ހަދަން ފަށައިގެން ގެނެސް، މިހާ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވުނުކަމަށްޓަކައި މި ކަމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރުދަންނަވަން.

ދެންމެ އެމް.އޭ.ސީ.އެލް.ގެ މެނެޖިންގ ޑިރެކްޓަރ އެ ދެއްކެވި ވާހަކަފުޅު، ތިޔަބޭފުޅުން ކަނުލައްވާ އައްސަވާނެކަމަށް އަޅުގަނޑު ހީކުރަން. އަޅުގަނޑުމެންގެ ކުންފުނިތައް މެދުވެރިކޮށް، އެއްކުންފުނިން އަނެއް ކުންފަންޏަށް އެހީތެރިކަންދީގެން، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތް ކުރީމާ، މި ނަތީޖާ އަޅުގަނޑުމެންނަށް މި ނެރެވުނީ. އެހެންވީމާ މި ކަމުގައި ބޭނުންވާ ފައިސާގެ އެހީތެރިކަމާއި މިކަން ކުރުމުގައި އިސްނަންގަވައިގެން މަސައްކަތް ކުރެއްވީތީ، އެމް.އޭ.ސީ.އެލް.އަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަން. އަދި ހަމައެހެން، އެމް.ޓީ.ސީ.ސީ. އެމް.ޓީ.ސީ.ސީ.އަކީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ވަރަށް ހާލުގައި އޮތް ތަނެއް ޙަޤީޤަތުގައި. އެހެންނަމަވެސް، މި ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމް.ޓީ.ސީ.ސީ.ގެ ބޯޑު، ބޯޑުގެ ޗެއަރމަން، އަދި އަޅުގަނޑުމެންގެ ޒުވާން މެނެޖިންގ ޑިރެކްޓަރ ޑޮކްޓަރ އަދުހަމް ޢަބްދުﷲ ކުރެއްވި މިންނެތް މަސައްކަތުގެ ސަބަބުން އެމް.ޓީ.ސީ.ސީ.އިންވެސް މިވަރުގެ ބޮޑު މަޝްރޫޢެއް ފަށައިގެން ގެންގޮސް މިހާ ކާމިޔާބާއެކީގައި ނިންމާލެވުނުކަން އެއީ، އެމް.ޓީ.ސީ.ސީ.ގެ ކާމިޔާބު ކަމުގައިވެސް އަޅުގަނޑު ދެކެން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މިކަން މި ހާހިސާބަށް މި ގެނެވުނީ ސަރުކާރުގެ ފަރާތުން، ޚާއްޞަކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، އަދި ހަމައެހެން ސިވިލްއޭވިއޭޝަން އޮތޯރިޓީ، ޚާއްޞަކޮށް މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް ވަރަށް ގާތުން މި މަސައްކަތް ބައްލަވާ މަސައްކަތް ކޮށްދެއްވައިގެން. އެހެންވީމާ، ޚާއްޞަގޮތެއްގައި އެ ދެ މިނިސްޓަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މި އެއަރޕޯޓް ފުރިހަމަ ކުރުމަށްޓަކައި އަދި ކުރަންޖެހޭ ކަންކަންވެސް އެބަހުރި. މި އެއަރޕޯޓް ފުރިހަމަވެގެންދާއިރުގައި ދާދި އަވަހަށް އެއަރޕޯޓްގައި ބައްތި ހަރުކުރެވި، އިރާދަކުރެއްވިއްޔާ ރޭގަނޑުގެ ފްލައިޓްތައްވެސް މި އެއަރޕޯޓްގައި ޖައްސާނެ. އަދި ހަމައެހެން، އެ ވިދާޅުވިގޮތަށް ދެ ދުވަހެއްގެ ތެރޭގައި، މި އެއަރޕޯޓްގެ ދެން ހުރި އެހެނިހެން ކަންކަން، ޚާއްޞަކޮށް އެއަރޕޯޓުގައި ދާއިމީ ޓަރމިނަލެއް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރެވޭނެ. އެގޮތުން ހުރި ކަންކަން ފުރިހަމަ ކުރުމަށް އަދި ދުވަސްކޮޅެއް ނަގާނެ. އެހެންނަމަވެސް، މިހާރުވެސް މި އެއަރޕޯޓަށް މަތިންދާބޯޓް ޖައްސާ، ދަތުރުފަތުރު ކުރެވޭ ހިސާބަށް އެއަރޕޯޓް މިއޮތީ ހެދިފައި.

މި އެއަރޕޯޓް ހެދުމުގެ މަޤްޞަދަކީ ހަމަ އެންމެ މަޤްޞަދެއް. އެއީ، މި އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގެ ފަސޭހަކަން ހޯދައިދިނުން. އެނގިވަޑައިގަންނަވާނޭ ފަދައިން، މި އަތޮޅަކީ އަދި މާގިނަ ރިޒޯޓުތަކެއް ހުޅުވިފައި ހުރި އަތޮޅެއް ނޫން. މާގިނަ ފަތުރުވެރިން އަންނަ ތަނެއް ނޫން. އެހެންވީމާ، މިހާރު މި އެއަރޕޯޓް މި ހުޅުވެނީ އަޅުގަނޑު ދަންނަވާނީ، ހަމައެކަނި ދިވެހި ރައްޔިތުންގެ ޚާއްޞަކޮށް މި އަތޮޅުގެ ރައްޔިތުންގެ ފަސޭހައާއި ލާބައަށްޓަކައޭ.

ކުރިއަށް އޮތްތާނގައި މި އެއަރޕޯޓްގެ ސަބަބުން ވަރަށް ބޮޑެތި ތަރައްޤީ، މި އަތޮޅަށް އަންނާނެކަން އަޅުގަނޑަށް ޔަޤީން. އޭގެތެރޭގައި، ޚާއްޞަކޮށް ފަތުރުވެރިކަން ފުޅާވެގެންދާނެ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް މި އަތޮޅުގައި ރިޒޯޓެއްވެސް ހުޅުވޭނެ. އަދި އިތުރު ރަށްރަށް ފަތުރުވެރިކަމަށް ކަނޑައެޅި، މި އަތޮޅުގައިވެސް ފަތުރުވެރިކަން ކުރެވޭނެ ފުރުޞަތުތައް މިހާރުދެން ފުޅާވެގެންދާނެ.

މި އެއަރޕޯޓް ހުޅުވުމުން ހަމަގައިމުވެސް އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑު ލުއިކަމެއް ލިބިއްޖެ. އަޅުގަނޑު މިއެއަރޕޯޓްގެ ވާހަކަ ދައްކާތާ ލައްކަ ދުވަސްވެއްޖެ. ބައެއްފަހަރު ލަދުގަންނަންޖެހޭ ހިސާބަށްވެސްދިޔަ. އެނގިވަޑައިގަންނަވާނެ ފަދައިން، މި އެއަރޕޯޓުގެ ވާހަކަ އަޅުގަނޑު ދައްކަން ފެށީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރީގައި. އެއްފަހަރު ކުރިއަށް ގޮސްފައި އަނެއްފަހަރު ހުއްޓިފައި، މިކަހަލަ ގޮތަކަށް ދަމުންދަމުންގޮސް މިއޮތީ ހަދައި ނިމިފައި.

މިއަދު، މި އެއަރޕޯޓް ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ ޑިމޮކްރަސީގެ ރަނގަޅުކަމާއި، ފަންވަރު. އަޅުގަނޑުމެންގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން. ޑިމޮކްރަސީއެއްގެ ޙަޤީޤީ މަޤްޞަދަކީ، ރައްޔިތުންނަށް ފަސޭހަކަން ހޯދައިދިނުން. ރައްޔިތުންނަށް ފައިދާ ކޮށްދިނުން. އެއީ، ޑިމޮކްރަސީގެ ޙަޤީޤީ މަޤްޞަދަކީ. ޖުމްލަ މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ދެބަސްވުންތަކާއި ބައެއް ފަހަރު ކޯޅުންތަކާއި، މިކަންކަން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ، އެހާ މުހިންމު ކަންތައްތަކެއް ނޫން. އަޅުގަނޑުމެންގެ އަމާޒު އަބަދުވެސް ހުންނަންވާނީ، އަޅުގަނޑުމެން ހާސިލުކުރަންޖެހޭ ލަނޑުދަނޑިއަށް. އެ މަގު ކިތަންމެ އުނދަގޫ ވިޔަސް، އެ މަގު ކިތަންމެ އަޑިގުޑަން މަގަކަށް ވިޔަސް، އަޅުގަނޑުމެންގެ އަމާޒު އެ މަޤްޞަދަށް އަބަދުވެސް ހުރިކަމަށްވާނަމަ، ﷲގެ އިރާދަފުޅުން އަޅުގަނޑުމެންނަށް އެ އަމާޒަށް ވާޞިލުވެވޭނެ ކަމުގެ ފުރިހަމަ މިސާލެއް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ.

މިހާރު ވަރަށް ޚިޔާލު ތަފާތު. ފިކުރު ވަރަށް ތަފާތު. ބައެއްގެ ޙިއްޞާ އޮވެގެން މިހާ ހިސާބަށް މި އާދެވުނީ. ފުރަތަމަ އެއަރޕޯޓު ހެދުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރީ އެއްބަޔަކު. ބިން ހިއްކާ ނިމުމަށްފަހުގައި، އެއަރޕޯޓު ހަދަން މިފެށީ އެހެންބަޔަކު. މިއަދު މިކަން ކުރަންތިބި މީހުންގެ ޚިޔާލު ހުރިގޮތް ތަފާތު. ވަރަށް ތަފާތު ވިސްނުން. އެހެންނަމަވެސް، ކަންދިމާވިގޮތުން އެ ހުރިހާ ފިކުރުތަކެއްގެ ތެރޭގައިވެސް، އެ ހުރިހާ ޚިޔާލުތަފާތުވުމެއްގެ ތެރޭގައިވެސް، އެ ހުރިހާ ހަމަނުޖެހުމެއްގެ ތެރޭގައިވެސް އަޅުގަނޑަށް މިއޮތީ އުޅެންޖެހިފައި. އެހެންވީމާ، އަޅުގަނޑު މިދަތުރު މިފެށީ، ﷲ އިރާދަފުޅާއެކީ ވަރަށް ސާބިތުކަމާއެކީގައި، މިދެންނެވިހެން ވަކި ލަނޑުދަނޑިއަކަށް އަމާޒުކޮށްގެން. އެހެންވީމާ، ކީއްވެގެންތޯ އަޅުގަނޑު މިއަދު އުފާ ނުކުރާންވީ. އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން، މިހާ ހިސާބަށް އާދެވުނީތީވެ.

ވޭތުވެދިޔަ ދޮޅު އަހަރަކީ، ރާއްޖޭގައި ވަރަށް ބޮޑު ތަރައްޤީގެ މަޝްރޫޢުތައް ހިންގުނު ދޮޅު އަހަރުދުވަސް. ޙަޤީޤަތުގައި ދޮޅުއަހަރަކީ އެހާ ގިނަ ދުވަހެއްނޫން. އަދި ދޮޅު އަހަރުގެ ތެރޭގައި އަޅުގަނޑުމެން އުޅެން ޖެހިއްޖެ ސަލާމަތްކަން ހޯދަންވެގެންވެސް. މަގުމަތިން ފަހާ ދުވާ މީހުންގެ ފަރާތުން ރައްކާތެރިވެ، މީހުން ދައްކާ ވާހަކައަކަށް ނުބަލައި، ސަލާމަތުގެ އައްސޭރިއަކަށް އާދެވޭތޯވެސް ހަމަ އޭރުގައި މަސައްކަތްކުރަމުން އައީ. ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން، އަޅުގަނޑުމެން އޭރުގައި ކުރަން ގަސްދުކުރި ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެންމެފަހު ބޮޑު މަޝްރޫޢު އިރާދަކުރެއްވިޔާ މިއަދު މި ނިމުނީ. އެއާއެކީގައި އަޅުގަނޑުމެން ދެންނެވިން، މިވެނި ރަށްރަށުގެ ނަރުދަމާވެސް އަޅާނަމޭ، މިވެނި ރަށްރަށުގެ ބަނދަރުވެސް ހަދާނަމޭ، މިވެނި ރަށްރަށުގެ މަގުވެސް ހަދާނަމޭ، އަދި ކުރިން ފެށިފައި ހުރި އެހެނިހެން މަޝްރޫޢުތައްވެސް، ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތައްވެސް، އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ.

އެގޮތުން، އަޅުގަނޑުމެން 1000 ހައުސިންގ ފްލެޓުވެސް ނިންމިން. އަދި އިތުރު 1100 ފްލެޓަކާއި، 450 ފްލެޓެއްގެ މަސައްކަތްވެސް އަޅުގަނޑުމެން ފަށައިގެން އެމަސައްކަތްވެސް ކުރިއަށްދަނީ. އަޅުގަނޑުމެން އެ ވިދާޅުވިގޮތަށް، 2 އެއަރޕޯޓެއް ނިންމައި 3 އެއަރޕޯޓެއްގެ މަސައްކަތްވެސް އެބަކުރަން. 3 ވަނަ އެއަރޕޯޓު މި ނިމުނީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި. އަޅުގަނޑުމެން 52 ރަށުގެ ބަނދަރުގެ މަސައްކަތްވެސް އެބަކުރަން. 44 ރަށެއްގެ ނަރުދަމާގެ މަސައްކަތްވެސް އެ އޮތީ ފެށިފައި. 66 ކިލޯމީޓަރުގެ ތާރުއެޅި މަގުވެސް އަޅުގަނޑުމެން ހަދަމުން މިގެންދަނީ. މިދަންނަވަނީ ދޮޅުއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތުގެ ވާހަކަ.

ދެން އަޅުގަނޑުމެން އެއްވެސް ކަމެއް ނުކުރާކަމަށް ވިދާޅުވާބޭފުޅުން އެބަ އުޅުއްވާ. ދެން އެބޭފުޅުންނަކީ ދޮގު ހެއްދެވުމުގެ ގޮތުން މީގެކުރިންވެސް ތަފާތު ވާހަކަތައް ދައްކަވާ ބޭފުޅުން ކަމަށްވާތީ، ދައްކަވާ ހުރިހާ ވާހަކަތަކެއް ހުރިހާ ރައްޔިތުންނެއް އަބަދަކު ޤަބޫލެއް ނުކުރާނެ. އެހެންވީމާ، މީގެ ފެކްޓްސް ތިޔަބޭފުޅުންނަށް ހާމަކުރުމުގެ ގޮތުން އަޅުގަނޑު މި ޢަދަދުތައް ދަންނަވާލީ. ﷲ އިރާދަފުޅުން ކުރިއަށްއޮތްތަނުގައިވެސް އަޅުގަނޑުމެންނަށް މި ސްޕީޑުގައި މިގޮތަށް މަސައްކަތްކުރެވޭނެ. އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންނަށް މިއަތޮޅުގައިވެސް މިއެއަރޕޯޓު ފުރިހަމަކޮށް، ރޭގަޑު ފްލައިޓް ޖައްސައި، އަދި ބޮޑު ޓަރމިނަލެއްވެސް ހަދައި، ރީތި ވީ.އައި.ޕީ ލައުންޖެއްވެސް ހަދައި، މިތަނުން ގަވާއިދުން ދަތުރުފަތުރު ކުރެވޭނެ ގޮތްތައް ހަމަޖެހިގެންދާނެ. އަދި ކަނޑުގެ ދަތުރުފަތުރާއި، އެއްގަމުގެ ދަތުރުފަތުރާ މިދަތުރުފަތުރުގެ ނިޒާމުވެސް ފުރިހަމަވެގެންދާނެ. މިއަތޮޅުގައި ރިޒޯޓުތައްވެސް ހެދޭނެ. އާމްދަނީވެސް އިތުރުވާނެ. މިކަންކަން ފުރިހަމަވެގެންދާނެ. އެކަމަކު އަޅުގަނޑުމެންގެ މި ވަރުގަދަ ޢަޒުމުގައި ސާބިތުކަމާއެކީގައި އަޅުގަނޑުމެންނަށް ކުރިއަށް ދިޔައިމާ އެކަންކަންވާނީ. އެކަންކަން ވާން ފަސޭހަވާނެ، ހުރިހާ އެންމެން އެކީގައި މަސައްކަތްކުރީމާ.

ދެންމެ ތިޔަ ފެނިވަޑައިގަތީ، ސަރުކާރުގެ ތެރެއިން، ސަރުކަރު ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން އެންމެން އެކީގައި މަސައްކަތްކުރީމާ ނެރެވޭނެ ފޮނި ނަތީޖާ. ހަމައެގޮތަށް ރައްޔިތުން އެންމެން އެކީގައި މަސައްކަތް ކުރީމާ، އަދި މިއަށްވުރެން މާ ބޮޑު، މާ ފޮނި ނަތީޖާއެއް އަޅުގަނޑުމެންނަށް ނެރެދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުގެ އެބައޮތް.

އާދެ، އަދިވެސް އެއްފަހަރު މި އެއަރޕޯޓު ބިނާކުރުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަކަށް ޖުމްލަކޮށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިއަތޮޅުގެ ރައްޔިތުންނާއި ތިމަރަފުށީގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު މަރުޙަބާއާއި މުބާރަކްބާދު ދަންނަވަން. އަޅުގަނޑުމެންގެ ހެޔޮ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ރައްޔިތުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ރައްޔިތުންނަކީ އުފާ ފާގަތިކަންމަތީގައި ފަސޭހަ ދިރިއުޅުމެއް އުޅުއްވާ ރައްޔިތުން ކަމުގައި ލެއްވުން.

ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه