بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وَ عَـلَى آلِـهِ وَصَحْبِـهِ أَجْمَعِـين.

މިނިސްޓަރ އޮފް ޑިފެންސް، ޗީފް އޮފް ޑިފެންސް ފޯސަސް، ވައިސް ޗީފް އޮފް އެމް.އެން.ޑީ.އެފް. އަދި ސިފްކޯގެ ސީ.އީ.އޯ، އެމް.އެން.ޑީ.އެފް ގެ އިސް އޮފިސަރުން، ލޮބުވެތި ސިފައިން، އަދި މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުމެން اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަޅުގަނޑުމެންގެ ސިފައިންނަށް އިތުރު ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތު މިއަދު އިރާދަކުރެއްވިއްޔާ ހުޅުވިގެންދާތީ. މި އޮގަސްޓް މަހުގެ ތެރޭގައި އަޅުގަނޑުމެން އަލުން ފެށްޓީ ސިފައިންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް. އެ މަޝްރޫޢުގެ ދަށުން އަޅުގަނޑުމެން އެދުވަހު ފަންސާސް ފްލެޓް ވަނީ ސިފައިންގެ ޢާއިލާތަކާ ހަވާލުކޮށްފައި. އެހެންނަމަވެސް ގިނަ ޢަދަދެއްގެ ސިފައިންނަކީ، މިހާރު ސިފައިންގެ ޢާއިލާތަކަކީ މިހާރު އެކި ތަންތަން ކުއްޔަށް ހިފައިގެން ވަރަށް ދަތި ހާލުގައި އުޅެމުންދާ ޢާއިލާތަކެއް. އެކަން އެގޮތަށް އޮންނަތާ ލައްކަ ދުވަސްވެއްޖެ. އަޅުގަނޑުމެން މިތިބީ އެކަން ބަދަލުކުރުމުގެ ޢަޒުމުގައި. އަޅުގަނޑުމެން މި ޢަޒުމު ކަނޑައަޅަނީ ސިފައިންގެ ޢާއިލާތަކަށް ހަމަޖެހިލައިގެން އުފާވެރިކަމުގައި އުޅެވޭނެ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ހުރިހާ ސިފައިންނަށް ﷲ އިރާދަކުރެއްވިއްޔާ ހޯދައިދޭން. މިކަން ކުރުމަށްޓަކައި އަޅުގަނޑުމެން މި 300 ފްލެޓްގެ މަޝްރޫޢު މިފަށަނީ. މިކަން ކުރުމުގައި އަޅުގަނޑުމެން އެކިއެކި އުފެއްދުންތެރި ގޮތްގޮތް ހޯދަން ޖެހިފައި އޮތީ. ކޮންމެ ކަމެއްވެސް އަލަށް ފަށާއިރުގައި ޖެހޭނެ އާ ގޮތްގޮތަށް ވިސްނަން. އެ ގޮތްގޮތް އަޅުގަނޑުމެންނަށް މިހާރު ފެނިފައި އޮތީ. އިރާދަކުރެއްވިއްޔާ މި މަޝްރޫޢުގެ ޢިމާރާތްކުރުމުގެ ކަންތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށް އޮތް އަހަރެއް، ދެއަހަރެއް ތެރޭގައި މިމަޝްރޫޢު މުޅިން ނިމި، ސިފައިންގެ ޢާއިލާތަކަށް އެކަށީގެންވާ ގިނަ ޢާއިލާތަކަކަށް މި ހިތްފަސޭހަކަން ލިބިގެންދާނެ. އަޅުގަނޑުމެން ސިފައިންނަށްޓަކައި މިބާވަތުގެ މަޝްރޫޢުތައް ހިންގަންޖެހޭކަން އަޅުގަނޑު ޤަބޫލުކުރަން. އަދި ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި މީގެ އިތުރު، މަޝްރޫޢުތައްވެސް އުފެދިގެންދާނެ.

ސިފައިންނަކީ ވަރަށް ޚާއްޞަ ބައެއް. ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމުގެ ބޮޑު މަސްއޫލިއްޔަތު، އެބައެއްގެ ކޮނޑުގައި އެޅިފައިވާ ބައެއް، ސިފައިންނަކީ. ރާއްޖޭގައި ހަމަޖެހުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި، ރާއްޖެ، ރާއްޖޭގެ ގޮތުގައި ދެމެހެއްޓުމުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެޅިފައިވާ ފަރާތެއް ސިފައިންނަކީ. ރާއްޖެއަށް ދިމާވާ އެތެރޭގެ ނުރައްކާތަކާއި، އަދި ބޭރުގެ ނުރައްކާތަކުން ރާއްޖެ ސަލާމަތްކުރުމަކީ ތިޔަބޭފުޅުންގެ ޒިންމާއެއް. ތެދެއް، ކޮންމެ ދުވަހަކު މަގުމަތިން ދިމާވާ ކަންކަން ޙައްލުކުރުމުގައި ތިޔަބޭފުޅުންނަށް އުޅުއްވާކަށް ޖެހިވަޑައެއްނުގަންނަވާނެ. އެހެންނަމަވެސް، ތިޔަބޭފުޅުންނަކީ އަބަދުވެސް ރާއްޖެއަށް ދިމާވާނެ ބޮޑެތި ގޮންޖެހުންތަކާއި، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތުތައް ދިފާޢުކުރުމުގައި ރެއާއި ދުވާލު ތައްޔާރަށް ތިބެންޖެހޭ ބައެއް. އެކަން ފުރިހަމަކަމާއެކުގައި އެކަން ކުރަންވާ ގޮތަށް ކުރެވޭނީ، ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށް ލިބެންޖެހޭ ޢިނާޔަތްތައްވެސް ލިބިގެން. އެހެންވީމާ، އެގޮތުން މި މަޝްރޫޢު ފަށްޓަން އަޅުގަނޑުމެން ގަސްދުކުރީ. އަދި މިކަމުގެ ޚިޔާލު އައުމާއެކީގައި، ހަމަ އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ޑިފެންސް މިނިސްޓަރ ވަރަށް ޢަމަލީ ގޮތުން މިކަމުގެ ޙައްލު ހޯއްދެވުމަށް މަސައްކަތް ފެށްޓެވި. އެހެންވީމާ، އެކަމަށްޓަކައި މިނިސްޓަރަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ޔަގީންކުރަން، މި މަޝްރޫޢަކީ މިއީ ސިފައިންގެ ޢާއިލާތަކަށް އިތުރު ހިތްފަސޭހަކަމެއް ލިބިދޭނެ މަޝްރޫޢެއް ކަމަށް. އަޅުގަނޑު އުފާކުރަން، މި މަޝްރޫޢުގެ ސަބަބުން މިހާރު ސަރވިސްގައި، ޚިދުމަތުގައި ތިއްބެވި ގިނަ ޢާއިލާތަކަށާއި، އަދި މި މަޝްރޫޢުގެ ތެރޭގައި ރިޓަޔަރ ކުރައްވާފައި ތިއްބެވި އެހެންނަމަވެސް ޝަރުޠު ފުރިހަމަވާ ބައެއް ބޭފުޅުންނަށްވެސް މި ފުރުޞަތު ހުޅުވާލެއްވީތީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ގިނަ ދުވަހު ދައުލަތުގެ ޚިދުމަތުގައި ސިފައިންގެ ތެރޭގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންނަށް ބޯހިޔާވަހިކަމެއް ނެތި ތިބެ ޖެހުމަކީ އެއީ، ޤަބޫލު ކުރެވެންޖެހޭ ކަމެއްނޫން. ޤަބޫލު ކުރެވިގެންވާނެ ކަމެއްވެސް ނޫން. އެހެންވީމާ، މިމަޝްޜޫޢު ރޭވެވުމުގައި އެކަމަށް ވިސްނާވަޑައިގެންނެވި ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑުގެވެސް އެދުމަކީ، ކުރިއަށް އޮތްތާނގައި އަދި މިއަށްވުރެވެސް ފުޅާ ދާއިރާއެއްގައި ސިފައިންނަށް އެކިއެކި ފަސޭހަތައްވާނެ ކަހަލަ މަޝްރޫޢުތައް ފެށިގެން ދިޔުން. އަދި މި މަޝްރޫޢަކީ، މި ބާވަތުގެ މަޝްރޫޢެއް ސިފްކޯގެ ފަރާތުން ހިންގާ ފުރަތަމަ ފަހަރު ކަމަށްވާތީ ސިފްކޯއަށްވެސް، ސިފްކޯގެ ވެރިންނަށް އަޅުގަނޑު މަރުޙަބާއާއި މުބާރަކްބާދު ދަންނަވަން. ސިފްކޯގެ މަސައްކަތް ކުރެއްވުމުގައި ބޭނުންފުޅުވާ އެހީތެރިކަން ސަރުކާރުގެ ފަރާތުން ފުރިހަމައަށް ލިބިވަޑައިގަންނަވާނެ. މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަން ސިފްކޯއަށް ލިބިވަޑައިގަންނަވާނެ. އެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އާދެ! އަޅުގަނޑު މި ފުރުސަތުގައިވެސް ތިޔަ ހުރިހާ ބޭފުޅުން މިޤައުމަށްޓަކައި ރެއާ ދުވާލު ކުރައްވަމުން ގެންދަވާ ޚިދުމަތަށް ހުރިހާ ސިފައިންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި ހަމައެހެން ތިޔަބޭފުޅުންނަށް ހިތްހަމަޖެހިލައިގެން ތިޔަބޭފުޅުންގެ މަސައްކަތް ކުރެއްވުމުގައި އެހީވެދެއްވާ ތިޔަބޭފުޅުންގެ ޢާއިލާގެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ހެޔޮ ދުޢާއަކީ މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތްލެއްވުން. ސިފައިންނާއި، ސިފައިންގެ ޢައިލާތަކަށް އަބަދުވެސް ފަހި ގޮތްގޮތް މެދުވެރި ކުރެއްވުން. ޝުކުރިއްޔާ!

والســّلام عليــكم.

 

_____________________________