بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބަލް ޑޮކްޓަރ ޢާސިމް އަޙްމަދު، އެޗް.ޑީ.ސީ.ގެ ޗެއަރމަން އަދި މެނެޖިންގ ޑިރެކްޓަރ، އަމީން ކޮންސްޓްރަކްޝަނާއި، ޖައުސާ ކޮންސްޓްރަކްޝަންގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަދި ކިޔަވާކުދިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، މިއަދު އަޅުގަނޑުމެން އެންމެން މިތިބީ ވަރަށް އުފަލުން. ސަބަބަކީ، މި ރަށުގައި ދިރިއުޅޭނޭ ޢާއިލާތަކުގެ ކުދިންނަށް ތަޢުލީމު ދިނުމަށްޓަކައި އެކަށީގެންވާ ޢިމާރާތްތަކެއް ކުރުމަށްޓަކައި އެ ޢިމާރާތްތަކުގެ ބިންގާ މިއަދު އެޅިގެން ދިޔައިމާ. ޝައްކެއްނެތް، ކޮމިއުނިޓީއެއް އުފެދިގެންދާއިރުގައި ހަމައެކަނި ބޯހިޔާވަހިކަން ފިލުވައިދޭނެ ކޮޓަރިއެއް ހުއްޓަކަސް ނުފުދޭ. އެތަންތާނގައި އުޅޭ މީހުންނަށް ދޭންޖެހޭ އެހެން ޚިދުމަތްތައްވެސް އެބަޖެހޭ ރާވަން. އެގޮތުން ތަޢުލީމަކީ އެންމެ އަސާސީ ޚިދުމަތް. ސިއްޙީ ޚިދުމަތަކީ އެންމެ އަސާސީ ޚިދުމަތް. އެހެންވީމާ، މިކަންކަން ލިބޭނެ ގޮތަކަށްވެސް އަޅުގަނޑުމެންއެބަޖެހޭ، އަޅުގަނޑުމެންގެ ނެއިބަރހުޑްސްތަކާއި، ޓައުންޝިޕްސްތައް ރާވާއިރުގައި ވިސްނާފައި ހުންނަން. އެ ވިސްނުމުގެ ތެރެއިން އެޗް.ޑީ.ސީ.ގެ ޕްލޭންތަކުގެ ތެރޭގައި ހިމެނިފައި ހުރި ސްކޫލެއް މި ސްކޫލަކީވެސް. އަދި މީގެކުރިން އަޅުގަނޑުމެން ބިންގާ އެޅި ސްކޫލަކީވެސް.

މިހާ ފުރިހަމައަށް ދެ ސްކޫލެއް ޢިމާރާތް ކުރުމުގެ މަސައްކަތް ފެށްޓެވީތީ އަދި މި ޢިމާރާތްތައް ކުރުމުގައި ބޭނުންވާ މާލީ ކަންތައްތައް އިންތިޒާމު ކުރެއްވީތީ އަޅުގަނޑު، އެޗް.ޑީ.ސީ.ގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މިއީކީ ކުޑަ ސްކޫލެއް ނޫން. މިއީ ވަރަށް ބޮޑު ސްކޫލެއް. 1500 ކުދިންގެ ސްކޫލަކީ އެއީ ކުޑަކުޑަ ސްކޫލެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ވަރަށް އުންމީދާއެކީގައި މިތިބީ ވީހާވެސް އަވަސް ފުރުޞަތެއްގެ ތެރޭގައި މި ސްކޫލް ޢިމާރާތްކޮށް ނިމޭނޭކަމަށް. އަޅުގަނޑުމެންގެ ފުރިހަމަ ޔަޤީންކަން އެބައޮތް، އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން މިކަން ކޮށްދެއްވާނެ ކަމަށް. އަދި މުޅިން ނިންމަންއޮތް ތާރީޚުގެ ކުރިންވެސް ޢިމާރާތް ބޭނުންކުރެވޭނެ ގޮތަކަށް މަސައްކަތް ރާވައިގެން ގެންގޮސްދެއްވާނެ ކަމަށް އެ ވިދާޅުވަނީ. މި ސްކޫލްގެ ކިޔެވުން ރަސްމީގޮތުން ފެށޭނީ 2015ވަނަ އަހަރުގެ ތަޢުލީމީ އަހަރު ފެށޭއިރުގައި.

އާދެ، މިހާރު އަޅުގަނޑުމެންނަށް ވިސްނޭ ގޮތުގައި މިއަހަރު ނިމޭއިރުގައިވެސް ހުޅުމާލޭގައި ދިރިއުޅޭނެ ގާތްގަނޑަކަށް 30,000 މީހުން. އަދި މިހާރު މި އަޅަމުންދާ ފްލެޓްތައް އަޅާ ނިމުމުން އެހުރިހާ ފްލެޓްތަކުގައި ދިރިއުޅޭނެ ގާތްގަނޑަކަށް ދިހަވަރަކަށްހާސް މީހުން. އެއީ މިއަހަރު އަޅުގަނޑުމެން އަޅާ ނިމެންޖެހޭ 1000 ފްލެޓާއި އަދި އިތުރަށް މިހާރު އަލަށް މަސައްކަތް ފެށީފައިވާ ގާތްގަނޑަކަށް 1100 ފްލެޓް. މިހުރިހާ ފްލެޓްތަކުގައި އުޅޭނެ ދިހަވަރަކަށްހާސް މީހުން. އެއީ ކުޑަކުދިންނާ އެކީގައި. އޭގެތެރެއިން އާބާދީގެ ނިސްބަތުން ބަލާލާއިރުގައި މި 10,000 މީހުންގެ ތެރޭގައި ގާތްގަނޑަކަށް ދެބައިކޮށްފަ އެއްބައި އުޅޭނީ ސްކޫލަށް ދާނެ ކުދިން. ތަޢުލީމަށް ބޭނުންވާނެ ކުދިން. އެކިއެކި އުމުރުފުރާގެ ކުދިން. އެހެންވީމާ، މި ސްކޫލް އަޅާ ނިމޭއިރުގައި އޮންނާނީ އަނެއްކާ މިވަރުގެ އަނެއް ސްކޫލް އަޅަން ބޭނުންވެފައި. އެ ބާރުމިނުގައި އަޅުގަނޑުމެންނަށް މިރަށުގެ ތަރައްޤީ ކުރިއަށް މިގެންދެވެނީ. އެހެންވީމާ، ފުދޭވަރެއްގެ ބޮޑު މަސައްކަތްތަކެއް މިކުރެވެނީ. އަޅުގަނޑުމެން މިދައްކަނީ މިހާރު ހަމައެކަނި ހުޅުމާލޭގެ ވާހަކަ. މިހާރު މިދިޔަ އަހަރުން ފެށިގެން، މި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި މި އެޅެނީ ގާތްގަނޑަކަށް 200 ކްލާސްރޫމް. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި.

އަޅުގަނޑުމެންގެ ސްކޫލްތައް މިދަނީ ބަދަލުވަމުން. އަޅުގަނޑުމެން ފުރަތަމަ ސްކޫލްތައް އެޅިއިރުގައި އެ މަސައްކަތް ކުރެއްވި ބޭފުޅުން، ޝިޔާމްމެން ބޭފުޅުން މިތާ އެބަތިއްބެވި. އެންމެ ފުރަތަމަ އަޅުގަނޑުމެން ސްކޫލްތައް އެޅިއިރުގައި މީގެ 40ވަރަކަށް އަހަރު ކުރީގައި، އެއިރުގައި ނޫޅޭ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ސްކޫލްތަކެއް. އޭރު ހުންނަނީ އެދުރުގެތައް. އޭރު މަސައްކަތް ކުރެވުނީ، ވީހާވެސް އަވަސް ސްޕީޑެއްގައި ކްލާސްތަކެއް އަޅައި، ވީހާވެސް ގިނަ ކުދިންނަށް ރޭވިގެން ހިނގާ މަދަރުސީ ތަޢުލީމެއް ދެވޭތޯ. އެގޮތުން ސްކޫލް ކަރިކިއުލަމް އުފައްދައި، ފުރަތަމަ ފަހަރަށް ރާއްޖޭގައި ކިޔަވައިދޭ ފޮތްތަކެއް އުފައްދައި، އޭގެ ބޭނުންކޮށްގެން ކިޔަވައިދޭން ފެށުނީ، ކިތަންމެ ސްކޫލެއްގައި އެއްދަންފަޅިއަށްވުރެ ގިނަ ދަންފަޅިތަކުގައި. ކިޔަވައިދެމުންގޮސް މިހާރު އަޅުގަނޑުމެންގެ ސްކޫލްތަކަށް މިއަންނަ ބަދަލުތަކަކީ މިއީ ކުރިއާއި ބަލާއިރުގައި ވަރަށް ބޮޑު ތަޢުލީމީ އިންޤިލާބެއް އަންނަމުން މިދަނީ. ޚާއްޞަކޮށް ކިޔަވައިދިނުމުގެ އުސޫލުތަކާއި ކިޔަވައިދޭ އެއްޗަކަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަމުން މިދަނީ. އެއީ، ޒަމާނަށްވެސް އަންނަމުންދާ ބަދަލުތަކާއެކީގައި. އެހެންނަމަވެސް ރާއްޖޭގެ ތަރައްޤީއާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް މިހާރު ބޭނުންވާ އާ މަޢުލޫމާތުތަކާއި އާ ހުނަރުތަކާއި މިތަންތަނުން ކިޔަވައިގެން ނުކުންނާނެ ކުދިންނަށް ބޭނުންވާނެ އާ ކަންތައްތައް، ތަރުބިއްޔަތާއި ތަޢުލީމު މިހާރު ދިނުމަށްޓަކައި ތަޢުލީމަށް ވަރަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހިފައި މިއޮތީ.

އެގޮތުން، މި ސްކޫލްގައިވެސް ޢާންމު، ޖެނެރަލް އެޑިޔުކޭޝަނެއްގެ އިތުރުން އެބަޖެހޭ، މިތަނުން ނިމޭ ކުދިންނަށް ވަޒީފާ ލިބޭނެ އެކި ގޮތްގޮތާ ދޭތެރޭގައި ވިސްނަން. ހަމައެކަނި އޭ.ލެވެލް ހަދާ ކުއްޖެއްގެ ގޮތުގައި ނޫޅެ، ގްރޭޑް 12 ނިންމާ ކުދިންނަކީ އެއީ، ވަޒީފާގެ ބާޒާރަށް ނުކުމެވޭވަރުގެ ހުނަރުތަކަކާއި ތަޢުލީމެއް ހުރި ކުދިންތަކަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭ. އެހެންވީމާ، ސްކޫލްތަކުގެ ތަނަވަސްކަން އިތުރުވަމުން ދިޔަވަރަކަށް އަޅުގަނޑުމެންނަށް މި ބާވަތުގެ ކަންތައްތައް ކުރެވޭނީ. ތޮއްޖެހިފައިހުރި ޑަބަލް ސެޝަނަށް ކިޔަވައިދޭ، ދެ ސެޝަނަށް ކިޔަވައިދޭ ސްކޫލްތަކުގައި މި ދެންނެވި ގޮތަށް ތަޢުލީމް ރާވައިގެން ހިންގުމަކީ އުނދަގޫ ކަމެއް. އެހެންނަމަވެސް މިހާރު ހުރިހާ މަދަރުސާތަކެއް އެއް ދަންފަޅިއަށް ބަދަލުވެ، މިފަދަ ބޮޑެތި ސްކޫލްތައް އުފެދިގެން ދިޔުމުން އަޅުގަނޑުމެންނަށް އެ ފުރުސަތު މިދަނީ ހުޅުވާލެވެމުން. ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ ފުރުސަތު ހުޅުވާލެވިގެން. އެހެންވީމާ، މިއަދު މި ބިންގާ އެޅުނު ދެ ސްކޫލްގެ ސަބަބުން ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގިނަ ކުދިންތަކަކަށް ކިޔެވުމުގެ ފުރުސަތު ލިބި، އަދި އޭގެއިތުރުން ކިޔަވައިދެވޭ އެއްޗެއްގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ވެގެންދާނެކަމަށް އަޅުގަނޑަށް އުންމީދު ކުރެވޭ. އަޅުގަނޑު އުންމީދު ކުރަން، އެޗް.ޑީ.ސީ.ގެ ފަރާތުން އިތުރު ސްކޫލްތައް އެޅުމުގެ މަސައްކަތްވެސް މަޑުނުކުރައްވާ ހަމަ މިހާރުއްސުރެ ރާއްވަމުން ގެންދެވުން. އަދި އެޗް.ޑީ.ސީ.ގެ މާލިއްޔަތު ތަންދިން މިންވަރަކުން ވީހާވެސް އަވަހަކަށް އެ މަސައްކަތްތައްވެސް ފެށްޓެވުން.

އާދެ، އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށް ނެތީމު. އަދިވެސް އެއްފަހަރު މި މަސައްކަތް ރާއްވަވައިގެން މިހާހިސާބަށް ގެންނަވައި، މިކަން ކުރެއްވިކަމަށްޓަކައި އެޗް.ޑީ.ސީ.އަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށްވެސް މިކަމުގައި އެބޭފުޅުން ގެންގުޅުއްވާ އެހީތެރިކަމާއި، ރޭއްވެވުމަށްޓަކައި އެ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރުދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى، އަޅުގަނޑުމެންގެ ތަޢުލީމީ ކަންކަން ދުވަހަކަށްވުރެ ދުވަހެއް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެންނަށް ތައުފީޤު ދެއްވުން. އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުން. ތިޔަ ހުރިހާ ކުދިންގެ ހިތްތައް އަލިކުރައްވައި، ސްކޫލްތަކުން ލިބޭ ތަޢުލީމުގެ ފުރިހަމަ ފައިދާ ކުރުމުގެ ކުޅަދާނަކަން ތިޔަ ކުދިންނަށް ދެއްވުން.
އަޅުގަނޑު، މި ފުރުސަތުގައި މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ޓީޗަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިޔަކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން ހިތުގެ އަޑީން ޤަބޫލުކޮށް، ތިޔަބޭފުޅުންނަށް ކޮށްދޭންޖެހޭ ކަންކަންވެސް ކުރަންޖެހޭ ކަމަށް އަޅުގަނޑު މި ދަނޑިވަޅުގައި ފާހަގަކުރަން. އެހެންވީމާ، ޓީޗަރުންނަށް ފޯކަސް ކުރުންވެސް، ޓީޗަރުން އުޅޭނެ ތަންތަން ހޯދުންވެސް އެއީ، މުހިންމު ކަމެއްކަން ފާހަގަކޮށް އެކަމުގައިވެސް އެޗް.ޑީ.ސީ.ގެ ފަރާތުން ވިސްނުންތަކެއް ނެރުއްވައިދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه.

___________________________