بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކަސްޓަމްސްގެ އެންމެހާ މުވައްޒަފުން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙަންމަދު އަސްވާން، އަދި ކަސްޓަމްސްއާ ބެހޭ މިނިސްޓަރ އޮނަރަބްލް އަޙްމަދު ޝަފީޢު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު މުޙަންމަދު، ކަސްޓަމްސްގެ ކުރީގެ ކަލެކްޓަރ އޮފް ކަސްޓަމްސް އަލްފާޟިލް އިބްރާހީމް ރަޝާދު، އަދި ކަސްޓަމްސްގެ އެންމެހާ އިސް ވެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، މިއަދު އަޅުގަނޑުގެވެސް އެންމެ އިސް ވާޖިބަކީ، ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް، މި މުއައްސަސާގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދު ދެންނެވުން. އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން މިރޭ، ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނީތީ. އަޅުގަނޑަށް ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން އެންމެ ފަހުން ފުރުސަތު ލިބިފައިވަނީ މީގެ ވަރަށްގިނަ ދުވަސް ކުރިން. އެކަމުގެ ޒިންމާ އެންމެ ފުރަތަމަ އުފުލަންޖެހޭނީ އަޅުގަނޑު. އެހެންނަމަވެސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ މަޤާމުގައި ހުންނަ މީހަކު ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނާ ވީހާވެސް ގިނަގިނައިން ބައްދަލުކުރުމުގެ ފުރުޞަތު ލިބުމަކީ، އެބޭފުޅުން ކުރައްވާ މަސައްކަތްތަކާ އެ މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޅުގަނޑަށްވެސް ބޮޑަށް އޮޅުންފިލާނެ ކަމެއް. އަދި ހަމައެހެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މުއައްސަސާތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ވަރަށްބޮޑުތަން ފަސޭހަވެގެނ ދާނެކަމެއް.

އަޅުގަނޑު މިރޭ ތިޔަބޭފުޅުންނާ ބައްދަލުކުރެވޭތީ ވަރަށް ބޮޑަށް ފަޚުރުވެރިވެސްވަން. ސަބަބަކީ، ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް މުއައްސަސާ ކަސްޓަމްސްއަކީ. 123 އަހަރަކީ އެއީ ކުޑަކުޑަ ދުވަސްކޮޅެއް ނޫން. ދިވެހިރާއްޖެ، އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔުމާ ގުޅިގެން މި މުއައްސަސާ އޭގެ މާގިނަ ދުވަސްތަކެއް ނުވަނީސް އުފެދިފައި މިއޮތީ. އެހެންވީމާ، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައި ރާއްޖޭގެ ދޮރާށިތައް ބެލެހެއްޓުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރައްވަމުން ގެންދަވާ ބައެއް ކަސްޓަމްސްގެ އޮފިސަރުންނަކީ. މިރޭ އަޅުގަނޑުމެންނަށް އިވިގެންދިޔަ ގޮތުން، ކަސްޓަމްސްގައި ވަޒީފާ އަދާކުރައްވާ މުވައްޒަފުންނަކީ، އެހެނިހެން މުއައްސަސާތަކާ އަޅާބަލާއިރުގައި، ވަކިން ޚާއްޞަކޮށް ޤާބިލު، ތަޢުލީމީ ޒުވާނުންތަކެއް އެކުލެވޭ މުއައްސަސާއެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އަޅުގަނޑު މިރޭ އެންމެ ބޮޑަށް އުފާކުރާ އެއްކަމަކީ، ގިނަ ދުވަސްވީ މިމުއައްސަސާއަށް ވަރަށް ބޮޑު އިސްލާހީ ބަދަލުތަކެއް އަންނަމުންދާތީ. ކަސްޓަމްގެ ޤާނޫނެއް އެކުލަވާލެވި، އެ ޤާނޫނުގެ ދަށުން ހެދުނު ޤަވާއިދުތަކާ އޮނިގަނޑުތަކުން އަޅުގަނޑުމެން ހިޖުރަ ކުރާއިރުގައި މި މުއައްސަސާއަށް ވަރަށް މުހިންމު އިސްލާހީ ބަދަލުތަކެއް އަންނަމުން މިދަނީ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ބާވަތުގެ ބޮޑު ބަދަލެއް ކަސްޓަމްސަށް ނުގެނޭވޭތާ ވަރަށްގިނަ ދުވަސްވުމަށްފަހުގައި މި ބަދަލު އައީ. އޭގެ މިސާލެއްގެ ގޮތުން މި މުއައްސަސާގައި މުވައްޒަފުންގެ މަޤާމުތަކަށް ކުރިއެރުން ނުލިބި ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ. ގާތްގަނޑަކަށް އަށެއްކަ އަހަރުވެއްޖެކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެހެންވީމާ، އެހާ ގިނަ ދުވަސްތަކަކަށް ފަހުގައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން، މިހާރު މިއަންނަ ބަދަލާއެކީގައި، މުވައްޒަފުންގެ އާ އޮނިގަނޑަށް، މުވައްޒަފުންގެ މަޤާމުތައް ހަމަޖެހިގެން ކަސްޓަމްސްގެ ހިންގުމަށާއި، ކަސްޓަމްސްގެ މެނޭޖްމަންޓަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. މި އާ އޮނިގަނޑުގެ ދަށުން 400އަށްވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ލިބޭނެކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ. އެއީ އަޅުގަނޑު ނިހާޔަތަށް އުފާކުރާ ކަމެއް. ޚާއްޞަކޮށް އެހާ ގިނަ ޢަދަދެއްގެ ތަޢުލީމީ ޒުވާނުން މަސައްކަތް ކުރައްވަމުންގެންދަވާ މުއައްސަސާއެއްގައި އަދި އަބަދާއަބަދު ތަޢުލީގޮތުންނާއި ތަމްރީންގެ ގޮތުން ކުރިއެރުމަށްޓަކައި މަސައްކަތްކުރަމުން ގެންދާ ބައެއްގެ ތެރޭގައި މިދެންނެވި ކަހަލަ ވަޒީފާގެ ކުރިއެރުންތައް ނުލިބި ގިނަ ދުވަސްވުމަކީ، މުވައްޒަފުންނަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބިގެންދާނެކަމެއް. އަދި އޭގެ ސަބަބުން، މުއައްސަސާގެ ކުރިއެރުމަށްވެސް ހުރަސްތަކެއް އެޅިގެންދާނެކަމެއް. އެހެންވީމާ، މިދެންނެވި ސަބަބުތަކަށްޓަކައި އަޅުގަނޑު މިރޭ ވަރަށް ބޮޑަށް އުފާކުރަން، މި ބަދަލުތައް އަންނަމުންދާތީ.

އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދު އަދިވެސް އަޅުގަނޑުމެން މިދަނީ ވަރަށްވެސް އުނދަގޫ ފައްތަރެއްގެ ތެރޭގައި. ޚާއްޞަކޮށް އިޤްތިޞާދީ، މާލީ ގޮތުން ވަރަށް އުނދަގޫ ދުވަސްތަކެއްގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް މިދަނީ. ރާއްޖޭގެ ބަޖެޓުގެ ޙާލަތު އޮތްގޮތް ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި ބަޖެޓަށް އަންނަމުންދާ ބަދަލުތައްވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ސަބަބަކީ، މި މުއައްސަސާގެ ތެރެއިން ބަޖެޓަށް ލިބެމުންދިޔަ ވަރަށް ބޮޑު ބައެއް ކުރިއާ އަޅާބަލާއިރު މިހާރުވަނީ ކުޑަކުރެވިފައި. އެއީ، އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް އައި ބަދަލުތަކަކާ ގުޅިގެން. އެހެންނަމަވެސް، ކަސްޓަމްސްގެ މަސައްކަތް ދިޔައީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން. އޭގެ ވަރަށް ރަނގަޅު މިސާލެއް، ރާއްޖެއަށް އިމްޕޯޓް ކުރެވޭ މުދަލާއި އެކްސްޕޯޓް ކުރެވޭ މުދަލުގެ އަގު، އޭގެ ވެލިޔު، މި ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 5 ގުނައަށް އިތުރުވެފައިވާކަން. އެހެންވީމާ، އެއިން އެބަ އެނގޭ، ކަސްޓަމްސުން ކުރަންޖެހޭ މަސައްކަތް ކުރިއަށްވުރެ މާބޮޑަށް އިތުރުވެފައިވާކަން. އެހެންވީމާ، އެ އިތުރުވި މަސައްކަތަށް އެކަށޭނަ އިސްލާހީ ބަދަލުތަކެއް މުއައްސަސާއަށް އައުމަކީ، އެއީ ރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން.

މި ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދިޔައީ، މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި، ކުރަންޖެހޭ ކަންކަން ކުރުމަށް. އާދެ، މިކަމުގައި ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޅުގަނޑަށް މަޢުލޫމާތު ދެއްވަމުން ގެންދެވި. އަދި، ކަސްޓަމްގެ ކަންކަން ހިނގަމުންދާގޮތް ކޮންމެވެސް ވަރަކަށް އަޅުގަނޑަށް އޮޅުންފިލުއްވައި ދެއްވަމުން ގެންދެވި.
މިހާ ހަލަބޮލި ދުވަސްތަކެއް އަޅުގަނޑުމެން ކަޑައްތުކުރަން ޖެހުނު ކަމުގައިވިޔަސް، މާ އުނދަގޫ ދުވަސްތަކެއް އަޅުގަނޑުމެން ހޭދަކުރި ކަމުގައި ވީނަމަވެސް، އަޅުގަނޑު މަސައްކަތްކުރީ ވީހާވެސް ބޮޑަކަށް ކަސްޓަމްސްއަށް އޭގެ ބުރަ އުފުލަން ނުޖެހޭނެ ގޮތަކަށް ކަންކަން ކުރުމަށް. އެހެންވީމާ، ސަރުކާރަށާއި، ޤައުމަށް އަންނަމުންދިޔަ ބަދަލުތަކުގެ އަސަރު ވީހާވެސް ކުޑަކޮށް ކަސްޓަމަސްއަށް ކުރާނެ ގޮތަކަށް އަޅުގަނޑު ވިސްނަމުން ގެންދިޔައީ. އަޅުގަނޑުގެ އުސޫލަކީ ޕްރޮފެޝަނަލް މަސައްކަތްކުރާ ތަންތަން ވީހާވެސް ބޮޑަކަށް ޕްރޮފެޝަނަލްކޮށް ބެހެއްޓުން. އެއަށް ސިޔާސީ ކުލަ ނުޖެއްސުން. އެހެންވީމާ، އެގޮތަށް ކަންތައް ކުރެވޭތޯ ކަސްޓަމްސްއާ ދޭތެރޭގައިވެސް އަޅުގަނޑު މަސައްކަތްކޮށްފައި ހުންނާނީ.

އަޅުގަނޑު މިރޭ ވަރަށް ބޮޑަށް އުފާކުރަން، ޚާއްޞަކޮށް ޓްރޭޑް ފެސިލިޓޭޝަން ޕެކެޖް ތަޢާރަށް ކުރެވުނީމާ. އޭގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ވެގެންދާނެކަން މިރޭގެ މި ޕްރިޒެންޓޭޝަނުން އަޅުގަނޑަށް އެނގިގެން ހިނގައްޖެ. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތްތާނގައިވެސް މި ބާވަތުގެ ފަސޭހަ ކަންކަން ތަޢާރުފު ކުރައްވަމުން ގެންދެވުން. ރާއްޖެއަށް މުދާ އެތެރެކުރާ، ރާއްޖެއިން ބޭރަށް މުދާ ބޭރުކުރާ ފަރާތްތަކަށް ވީހާވެސް ބޮޑަކަށް ލުއި ފަސޭހަކަން ލިބޭނެގޮތަކަށް މަސައްކަތް ކުރައްވަމުން ގެންދެވުން. އަދި، ތިޔަބޭފުޅުންނަކީ އެ މަސައްކަތުގައި އެހީތެރިވެވަޑައިގަންނަވާ، ތިޔަ ބޭފުޅުންނަކީ އިތުބާރުކުރެވޭ ފަރާތްތަކެއް ކަމުގައި ވެގެންދިޔުން. މި މުއައްސަސާގެ މުސްތަޤުބަލް ވޭތުވެދިޔަތަނާ އެއްވަރަށް ޤަދަރުވެރިކަމާއެކީ، ޢިއްޒަތްތެރިކަމާއެކީ، ދެމެހެއްޓެވުމަށް ހުރިހާ ބޭފުޅުންވެސް މަސައްކަތްކުރެއްވުން.

އާދެ، މި ވޭތުވެދިޔަތާނގައި، ކަސްޓަމަކީ ސަރުކާރުގެ އާމްދަނީއަށް ވަރަށް ބޮޑު އެއްޗެއް ހޯދައިދެމުންދާ މުއައްސަސާއެއް. އެހެންނަމަވެސް ކުރިން ދެންނެވިހެން، އިމްޕޯޓް އެކްސްޕޯޓުގެ ޤާނޫނަށް އައި ބަދަލާ ގުޅިގެން އެ ޢަދަދު މާ ބޮޑަކަށް އިތުރުވެފައެއް ނެތް. ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައިވަނީ، ޙަޤީޤަތުގައި ކަސްޓަމްސް މެދުވެރިކޮށް ލިބޭ އާމްދަނީ ދަށަށްގޮސްފައި. އެހެންނަމަވެސް ކުރިން ދެންނެވިހެން ކުރަމުންގެންދާ މަސައްކަތް ދިޔައީ އިތުރުވަމުން.

އަޅުގަނޑު ދާދިފަހުން މިވަނީ މި މުއައްސަސާގެ ބެލެނިވެރިކަން އެހެން ވުޒާރާއަކަށް ބަދަލުކޮށްފައި. އެކަން އެގޮތަށް ހަމަޖެއްސުމުގެ މަޤްޞަދަކީ، އެއްކަހަލަ މަސައްކަތްތަކެއް ކުރާ ޔުނިފޯމްޑް، ސިވިލިއަން ބައެއް، އެއްބޭފުޅެއްގެ ބެއްލެވުމުގެ ދަށަށް ގެނައުން. އެގޮތުން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ، ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމުގެ ޒިންމާ އެޅިފައި މި އޮންނަނީ ކަސްޓަމްސްގެ އިތުރުން އަދި، އިމިގްރޭޝަން ޑިޕާޓްމަންޓާއި މޯލްޑިވްސް ޕޮލިސް ސަރވިސް. އެހެންވީމާ، މިތިން އޭޖެންސީއަކީވެސް ސިވިލިއަން އެޖެންސީތަކެއް. މިއީ، ޔުނިފޯމްޑް އެޖެންސީތަކެއް. ވަކި ކަހަލަ ކްލެސިފިކޭޝަންތަކަކާ ދަރަޖަތަކެއް އެކުލެވިގެންވާ، ވަކި ކަހަލަ ޑިސިޕްލިނެއް ހުންނަންވާ ތަންތަން. އެހެންވީމާ، މި ވިސްނުމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ބެއްލެވުމުގެ ދަށަށް ކަސްޓަމަސް ބަދަލުކުރަން އަޅުގަނޑު ނިންމީ. އަދި، ރާއްޖޭގެ ބޯޑަރ ބެލެހެއްޓުމުގައި މި ދެންނެވި ތިން މުއައްސަސާ ވަރަށް ގާތުން ގުޅިގެން އެބަ މަސައްކަތް ކުރައްވަންޖެހޭ. ޚާއްޞަކޮށް ރާއްޖެއަށް އެތެރެވަމުންދާ ވެއްދުން މަނާ ތަކެތި، ޚާއްޞަކޮށް މަސްތުވާތަކެތި، އެތެރެ ކުރުމުގައި މިތިން އޭޖެންސީގެ މަސައްކަތް އެކަން ހުއްޓުވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތް ވަރަށް ބޮޑު. ދެންމެ ކޮމިޝަނަރ ޖެނެރަލް ވިދާޅުވިފަދައިން، މި އަހަރު އެކަނިވެސް ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތިވަނީ ކަސްޓަމުން ހިފަހައްޓާފައި. އެ މަސައްކަތުގައި ހިންގަންޖެހޭ ތަޙުޤީގުތަކާ އެކަމުގެ ފަހަތުގައި ތިބޭ މީހުންގެ މަޢުލޫމާތު ސާފުކުރުމާއި އެކަމުގެ އެކިއެކި ގުޅިފައިހުރި ވިއުގަތަށް ހޯދުމާއި، އެތަކެތި ރޫޅާލުމާއި، މިހެން ކުރަންޖެހޭ މަސައްކަތުގެ ވަރަށް ބޮޑު މަސައްކަތެއް އެބައެޅޭ، ތިބޭފުޅުންގެ ދެން އޮތް ދެ އަޚް އެޖެންސީއަށްވެސް. ޚާއްޞަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިމިގްރޭޝަން. އެހެންވީމާ، މި ތިން އޭޖެންސީ އެބަޖެހޭ، ވަރަށް ގާތުން މަސައްކަތް ކުރަން. މި ކޯޑިނޭޝަން އުފެއްދުމަށްޓަކައި ޚާއްޞަކޮށް މަސްތުވާތަކެއްޗާ ބެހޭގޮތުން އަޅުގަނޑުމެން އުފައްދާފައި މިވަނީ ނޭޝަނަލް ޑްރަގް އެޖެންސީ. ނޭޝަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތެއް މި ތިން އޭޖެންސީ ރަނގަޅަށް ކޯޑިނޭޓުކޮށް އެއްބަޔަކު އަނެއް ބަޔަކާ އެހީތެރިވެދޭގޮތަށް މަސައްކަތް ބައްޓަންކުރުމަކީ. ކަސްޓަމަށް ބޭނުންފުޅުވާނެ، ޕޮލިސްގެ އެހީތެރިކަން. ހަމައެހެން ޕޮލިހަށްވެސް ކަސްޓަމްސްގެ އެހީތެރިކަން ބޭނުންވާނެ. ހަމައެގޮތަށް އިމިގްރޭޝަންވެސް. އެހެންވީމާ، މަސްތުވާތަކެތި ރާއްޖެއަށް ވެއްދުން ހުއްޓުވުމަށްޓަކައި، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި، ވަރަށް ބޮޑު ކޯޑިނޭޝަނެއް އެބަ އޮންނަންޖެހޭ. މިކަމުގެ ލީޑަރޝިޕް ޤާނޫނީގޮތުން މިވަގުތު ހަވާލުކުރެވިފައިވަނީ ނޭޝަނަލް ޑްރަގް އެޖެންސީއާ. އެހެންވީމާ، އެމަސައްކަތް މިހާރަށްވުރެ ރަނގަޅަށް ގެންދިޔުމަށްޓަކައި މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ އެހީފުޅު ވަރަށް ބޮޑަށް ބޭނުންވާނެ.

އާދެ، ކަސްޓަމްސް މިހާރަށްވުރެ ކުރިއެރުވުމަށްޓަކައި،ކަސްޓަމްސްގެ މުވައްޒަފުންނަށް މިހާރަށްވުރެ ރަނގަޅު ގޮތްތައް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ކޮމިޝަނަރ ޖެނެރަލާ އެކުގައި މި މުއައްސަސާގެ އެކިއެކި ވެރިންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އެގޮތުން، ފުރަތަމަވެސް މި އާ އޮނިގަނޑު ތަންފީޒުކުރުމުގެ މަސައްކަތުގައި ރައީސް އޮފީހުން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނެ. އަދި މިނިސްޓަރ އޮފް ފިނޭންސާ ގުޅިގެން މިހާރު މި މުއައްސަސާއަށް އަންނަ ބަދަލުތައް ރަނގަޅަށް މެނޭޖްކޮށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަންޖެހޭ ކުރިއެރުމާއި، މި މުއައްސަސާއަށް ލިބެންޖެހޭ ކުރިއެރުން ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން.

އަޅުގަނޑުގެ އެދުމަކީ ތިޔަ ހުރިހާ ބޭފުޅުންގެ މަސައްކަތްޕުޅުތަކުގައި، ކުރިން ދެންނެވިހެން، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކުގައި ރައްޔިތުންގެ ލުއިފަސޭހަކަމަށް ވިސްނަވައިގެން މަސައްކަތްކޮށްދެއްވަމުން ގެންދެވުން. ތިޔަބޭފުޅުންނަށް، މި މުއައްސަސާއަށް ގެންނަންޖެހޭ އިތުރު އިޞްލާޙުތައް ގެނައުމުގައިވެސް ކަސްޓަމްސްގެ ވެރިން އިތުރަށް މަސައްކަތްކުރައްވަމުން ގެންދެވުން.

އަދިވެސް އެއްފަހަރު މި އުފާވެރި ޙަފްލާގައި ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން. އަދި ތިޔަބޭފުޅުން ތިޔަ ކުރައްވަމުން ގެންދަވާ، ބުރަ މަސައްކަތަށްޓަކައި އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، ސަރުކާރުގެ ނަމުގައި ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ މާތްﷲ ތިބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްޕުޅުތަކުގައި ބަރަކާތްލެއްވުން.

اللّـه سبحـانـه وتعـالى، ތިޔަ އެންމެހާ ބޭފުޅުންނާއި، ތިޔަބޭފުޅުންގެ ޢާއިލާތަކަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.

___________________________