بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، އަޅުގަނޑުމެންގެ ޒުވާން ދަރިވަރުން، އެކުދިންގެ ބެލެނިވެރިން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ތާރީޚުގައި ވަރަށް ކުލަގަދަ ދުވަހެއް. އެންމެ ގިނަ ޢަދަދެއްގެ ދަރިވަރުންނަށް މަތީ ތަޢުލީމް ޙާޞިލު ކުރުމަށްޓަކައި މާލީ އެހީތެރިކަން ދިނުމަށްޓަކައި ބޭއްވޭ ޖަލްސާ މިއަދު މި ބޭއްވެނީ. އާދެ! 943 ދަރިވަރުންނަށް މިއަދު މާލީ އެހީ، މަތީ ތަޢުލީމު ހޯއްދެވުމަށްޓަކައި ލިބިވަޑައިގަންނަވާނެ. އެކަން ހަމަޖެހިގެން މިދަނީ، ﷲގެ އިރާދަފުޅުން ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ބޭންކިންގ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި އަދި ހަމައެހެން، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ މަސައްކަތްޕުޅުން. ރައްޔިތުންގެ މަޖިލީހާއި އަދި ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ އެހީގައި. އެހެންވީމާ، ޖުމްލަ ގޮތެއްގައި، މިހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ ނަމުގައި، އަޅުގަނޑުގެ ނަމުގައި ޝުކުރު ދަންނަވަން.

އާދެ! މިހާތަނަށް ރާއްޖެ އޮތީ ދުނިޔޭގައި އެންމެ ކުޑަކޮށް މަތީ ތަޢުލީމަށް ޚަރަދުކުރާ އެއް ޤައުމުގެ ގޮތުގައި. ރާއްޖެ އަޅުގަނޑުމެންނަށް އަޅާކިޔެނީ އެފްރިކާގެ ފަޤީރު ޤައުމުތަކުގެ ތެރޭގައި. އެހާ ކުޑަ ނިސްބަތަކުން ރާއްޖޭގައި މަތީ ތަޢުލީމަށް ފުރްޞަތު ދެވެމުން އައީ. ނަމަވެސް މިއަދު އެ ޙަޤީޤަތް ﷲގެ އިރާދަފުޅުން މިދަނީ ބަދަލުވަމުން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުން ތިޔަ އިވިވަޑައިގަތް ފަދައިން، މިވޭތުވެދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި މިހާރުވެސް އެއްހާސް ދުއިސައްތައެއްހާ ކުދިންނަށް މާލީ އެހީ ލިބޭގޮތަށް މިއޮތީ ހަމަޖެހިފައި. އަދި އިރާދަކުރެއްވިއްޔާ، މިއަހަރު ނިމެންވާއިރަށް މުޅިއެކު ދެހާހެއްހާ ކުދިންނަށް މި އެހީ ލިބޭނެ. މިއީ އެކިއެކި ސްކޮލަރޝިޕްތަކާއި އަދި އެހެނިހެންވެސް ޕްރޮގްރާމްތަކުގެ އިތުރުން ހިނގާ ކަމެއް. އެހެންވީމާ، މިހާތަނަށް އަދި ރާއްޖޭގައި މަތީ ތަޢުލީމަށް ސަމާލުކަން ނުދެވޭވަރަށް، މިވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި މަތީ ތަޢުލީމަށް އަޅުގަނޑުމެން ސަމާލުކަން އެބަދެމު.

މިއަދު އެބަޖެހޭ، މަތީ ތަޢުލީމަށް ސަމާލުކަންދޭން. ސަބަބަކީ އަޅުގަނޑުމެންގެ ސްކޫލްތަކުން ގިނަ ޢަދަދެއްގެ ދަރިވަރުން މަތީ ފާސްތައް ނަގައިގެން މިހާރު ނުކުންނަމުން އެ ދަނީ. މިވޭތުވެދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ތަޢުލީމަށް ވަރަށްބޮޑު އިންޤިލާބެއް މިއޮތީ އައިސްފައި. އަޅުގަނޑު ހަނދާން އެބަހުރި. ހަމަ ތިޔައިން ދަރިވަރެއް ފަދައިން، އަޅުގަނޑުވެސް މަޖީދިއްޔާ ސްކޫލް ނިންމާފައި ނުކުތްއިރުގައި، މަތީ ތަޢުލީމަށް ދެވޭނެ މާގިނަ ގޮތްތަކެއް ނުހުރޭ. އަދި އެކަމުގެ މާބޮޑު އުންމީދެއްވެސް ނޯވޭ. ރާއްޖެއަކުއެއް މަތީ ތަޢުލީމުދޭ މުއައްސަސާއެއް ނުވެސް ހުރޭ. ރާއްޖެއިން ބޭރަށް ދާންޖެހެނީ ކޮންމެވެސް ފަރާތެއްގައި އާދޭސްކޮށްގެން، ކޮންމެވެސް ފަރާތެއްގެ ހިލޭ އެހީގައި. އަޅުގަނޑުގެ ބެޗްގައި މަޖީދިއްޔާއިން އެ އަހަރު ގްރެޖްއޭޓްވީ އެންމެ 6 ކުދިން. އެ 6 ކުދިންގެ ތެރެއިން ސްކޮލަރޝިޕެއް އެ އަހަރު ލިބުނީ ހަމައެކަނި އަޅުގަނޑަށް. އޭރުގެ ނަތީޖާތައް ހުރިގޮތަކީވެސް، އެމެރިކާ ސަރުކާރުން ދިން 4 ސްކޮލަރޝިޕްގެ ތެރެއިން ރާއްޖެއަށް ބޭނުންކުރެވުނީ 2 ސްކޮލަރޝިޕް. އެއީ، އަޅުގަނޑާއި އަޅުގަނޑުގެ ކުރީގެ ބެޗްގެ ބޭފުޅަކާ ދެމީހުންނަށް.

ނަމަވެސް، މިއަދު ރާއްޖޭގެ ޙާލަތު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. ވަރަށްގިނަ ބަޔަކަށް މަތީ ތަޢުލީމް ލިބުމުގެ ފުރްޞަތު ހުޅުވާލެވިފައި. މިއަދު އެވްރެޖް މައެއްގެ، ބަފައެއްގެ އުންމީދަކީ، އެބޭފުޅުންގެ ދަރިންނަށް މަތީ ތަޢުލީމް ލިބުން. މިއަދު ޘާނަވީ މަރްޙަލާއިން އަދި ނިމުމަކީ އެއީ ތަޢުލީމް ލިބި ނިމުނީ ކަމަކަށް މިއަދަކު ގިނަބަޔަކު ނުދެކޭ. އަދި އެހިސާބުން ނިންމާލައިގެން ރަނގަޅު ވަޒީފާއެއްވެސް ހޯދަން ދަތި. އެހެންވީމާ، އެބަޖެހޭ މަތީ ތަޢުލީމަށް ދާން. އެކަން އެއީ ކޮންމެ މަޔަކަށް، ކޮންމެ ބަފަޔަކަށް ބޮޑުވެފައިވާ ކަމެއް. އަޅުގަނޑުމެންގެ އެވްރެޖް މައިންބަފައިންނަކީ، އަމިއްލަ ޚަރަދުގައި ކުދިން ކިޔަވަން ފޮނުވޭވަރުގެ ތަނަވަސްކަން ހުރި މީހުންނެއް ނޫން. މި ރާއްޖެއަކީ ވަރަށްކުޑަ މިޑްލް ކްލާހެއް އޮންނަ ޤައުމެއް. މި ޤައުމުގައި މުއްސަނދިން ތިބީ ވަރަށް މަދުން. ޤައުމުގެ ގިނަ ރައްޔިތުންނަކީ އަދިވެސް ވަރަށް ކުޑަކުޑަ އާމްދަނީއަކުން ދިރިއުޅެމުންދާ މީހުން. އެހެންވީމާ، އަމިއްލަ ޚަރަދުގައި ދަރިންނަށް ކިޔަވައިދިނުމަކީ އެއީ، މަތީ ތަޢުލީމް ހޯދައިދިނުމަކީ އެއީ ފަސޭހަ ކަމެއް ނޫން. އެކަމުގައި ދައުލަތުގެ އެހީތެރިކަން ވަރަށް ބޮޑަށް މިއޮތީ ބޭނުންވެފައި.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މިވޭތުވެދިޔަ ހަތަރު ފަސްއަހަރު ދުވަހުގެ ތެރޭގައި، މަތީ ތަޢުލީމަށްޓަކައި އަޅުގަނޑުމެން މިއަންނަނީ ވަރަށްބޮޑު މަސައްކަތްތަކެއް ކުރަމުން. 2008 ން ފެށިގެން 2012 އާ ހަމައަށް އަޅުގަނޑު ކުރަމުން ގެންދިޔަ އެއް މަސައްކަތަކީ، މަތީ ތަޢުލީމާބެހޭ ޤައުމީ މަޖިލީހުގެ ރައީސްކަން ކުރުން. އެހެންވީމާ، އެ މަޖިލީހުގެ ރައީސްގެ ޙައިޘިއްޔަތުން އަޅުގަނޑު މަސައްކަތްކުރީ، މަތީ ތަޢުލީމަށް އިތުރު ފުރްޞަތުތައް ހުޅުވައިދިނުމަށްޓަކައި. އެކަން ދިރާސާ ކުރުމަށްޓަކައި އެމެރިކާގެ ޔުނިވަރސިޓީއަކުން ތަޖުރިބާކާރު މާހިރަކު ގެނެސް، އޭނާގެ އެހީގައި މަތީ ތަޢުލީމުގެ ފައިނޭންސިންގއާ ބެހޭގޮތުން ދިރާސާކުރިން. އެދިރާސާގެ މައްޗަށް ބިނާކޮށްފައި، މަތީ ތަޢުލީމަށް ފުރްޞަތު ހުޅުވާލުމަށްޓަކައި އެކިއެކި ލޯން ސްކީމްތަކާއި، ސްކޮލަރޝިޕް ސްކީމްސްތައް އަޅުގަނޑުމެން ތައްޔާރުކުރިން. ތައްޔާރުކޮށް، ކެބިނެޓުން ފާސްކޮށް، އެ މަޝްރޫޢު އަޅުގަނޑުމެން ބާރުމިނެއްގައި ހިންގަން މި ފެށީ މިދިޔަ އަހަރުގެ ތެރޭގައި. އޭގެ ނަތީޖާއެއްގެ ގޮތުން، މިއަދު މިހާ ގިނަ ޢަދަދެއްގެ ދަރިވަރުންނަށް މިއެހީތެރިކަން ލިބިގެން މިދަނީ. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް، ޚާއްޞަކޮށް، މި އެހީތެރިކަން ލިބިވަޑައިގަންނަވާ ޒުވާން ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ދެތިން ނުކުތާއެއް އެބައޮތް.

ފުރަތަމަ އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން. ތިޔަބޭފުޅުންގެ ޙަޔާތުގައި، މިއަދަކީ ވަރަށް މުހިންމު ދުވަހެއް. ތިޔަބޭފުޅުންގެ ޙަޔާތް ބަދަލުވެގެން ދިޔުމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް އެޅޭ ދުވަހެއް. އަޅުގަނޑުމެންގެ މުސްތަޤްބަލް، އަޅުގަނޑުމެން ބިނާކުރަން ޖެހޭނީ، މިއަދުގެ ޙަޤީޤަތަށް ވިސްނައިގެނެއް ނޫން. އަޅުގަނޑުމެން ބަލަންޖެހޭނީ، މީގެ 20 އަހަރު ދުވަސް ފަހުން، 25 އަހަރު ދުވަސް ފަހުން ދުނިޔެ އޮންނާނެ ގޮތަކާ ދޭތެރޭގައި. އަޅުގަނޑުމެން އުޅޭނެ ގޮތަކާ ދޭތެރޭގައި.

މީގެ 40 އަހަރު ދުވަސް ކުރިން އަޅުގަނޑު ޔުނިވަރސިޓީއަށް ދާން ނުކުތްއިރުގައި، ކާކަށްތޯ އެނގޭނީ، މިއަދު އަޅުގަނޑު ހުންނާނީ މި މަޤާމުގައި ކަމެއް. ކާކަށްތޯ އެނގޭނީ، ތިޔަ ހުރިހާ ބޭފުޅުންގެ ކުރިމަތީގައި ހުރެގެން މިއަދު މިވާހަކަ ދެއްކުމުގެ ފުރްޞަތު އަޅުގަނޑަށް ލިބޭނެ ކަމެއް. އަޅުގަނޑުގެ ޙަޔާތުގައި މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އެއީ ކީއްވެތޯ؟ ކުރިން ދެންނެވިހެން، މުޅި ރާއްޖެއިން އެއަހަރު ލިބުނު ސްކޮލަރޝިޕަށް ދާން ފުރްޞަތު ލިބުނު އެންމެ ކުއްޖަކީ އަޅުގަނޑަށްވެފައި، އޭގެ 40 އަހަރު ދުވަސްފަހުން، މިއަދު އަޅުގަނޑުމެންނަށް ދެހާހަށްވުރެ ގިނަ ކުދިންނަށް، އެ ފުރުޞަތު ހުޅުވާލުމުގެ ނަޞީބު އަޅުގަނޑުމެންނަށް ލިބުނު ކަމަށްޓަކައި. އަދި އެކަމުގައި ކުޑަކުޑަ ޙިއްޞާއެއް އަޅުގަނޑުގެ އޮތީމާ، އަޅުގަނޑަށް މިއަކަށްވުރެ ވަކި ބޮޑު އުފަލެއް ނުލިބޭނެތީ.

އަޅުގަނޑުގެ ނަޞޭޙަތަކީ، މި ފުރްޞަތު ނަގާނުލައްވާށޭ. ކޮންމެ ރޮނގަކުން ތިޔަބޭފުޅުން ކިޔަވައިވިދާޅުވާން ބޭނުންފުޅުވި ކަމުގައިވިޔަސް، އެކަން ރަނގަޅަށް ކުރައްވާށޭ. ކިޔަވާކަށް ނޯންނާނެ ދެރަ އެއްޗެއް. އެ ވަރިހަމަ ކިޗަން ކެބިނެޓް ހެދިޔަސް. އެ ވަރިހަމަ ޕްލަމިންގ ދަސްކުރިޔަސް. އެއްވެސް ރޮނގަކީ ދެރަ ރޮނގެއް ނޫން. އެމީހަކު ކިޔަވާ ރޮނގަކުން އެމީހަކު މޮޅުވީމާ، އެމީހަކު ވާނީ ހަމަ މޮޅު މީހަކަށް. ކޮންމެ ރޮނގަކުން ކިޔެވިޔަސް.

އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާނެ، ކިހިނެއްތޯ ވަޒީފާއެއް ލިބޭނީ. ނަމަވެސް އަޅުގަނޑުމެން ވިސްނަންވީކީ ހަމައެކަނި ވަޒީފާއެއް ހޯދުމަކަށް ނޫން. އަޅުގަނޑުމެން ވިސްނަންވީ ވަޒީފާ އުފައްދަން. އަޅުގަނޑުމެން ކޮންމެ މީހަކީ ކިހިނެއްތޯ، އާ ވަޒީފާތަކެއް އުފެއްދޭނެ މީހަކަށް ހެދޭނީ. އަޅުގަނޑުމެން ކިޔަވައިގެން އައިސް، އެހެން މީހެއްގެ ނޯކިރީ އަދާކުރަން އުޅުމުގެ ބަދަލުގައި އެހެން މީހުންނަށް ވަޒީފާ އުފައްދައިދޭ، ވަޒީފާދޭ ފަރާތަކަށް ވުމަށްޓަކައިވެސް ހަމަ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެ. އެހެން މީހުންނަށް ތަޢުލީމު އުނގަންނައިދޭ މީހަކަށްވެސް ވެވިދާނެ. މިހެންގޮސް މިއަދު އަޅުގަނޑުމެންގެ ޒުވާނުންނަށް ހުރި ފުރްޞަތުތަކުގެ ފުޅާ، އަދި އެ ފުރްޞަތުގެ މުއްސަނދިކަން ވަރަށް ބޮޑު. ކޮޅެއްލުމެއް ނެތް، ހުރި ފުރްޞަތުތަކުގެ.

ތިޔަބޭފުޅުންގެ މުސްތަޤްބަލް ބިނާކުރުމުގެ ބޮޑު ޒިންމާ އޮތީ ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި. ދައުލަތުގެ ފަރާތަކުންނެއް، ތިޔަބޭފުޅުންނަކަށް ނުދަންނަވާނެ، މިވެނި ރޮނގަކުން ކިޔަވާށެކޭ މިއަދަކުއެއް. ކުރިން އެ ޙަޤީޤަތް އޮތީކީވެސް އެހެނެއް ނޫން. އަޅުގަނޑު ކިޔަވަން ބޭނުންވީ ބިޒްނަސް އެޑްމިނިސްޓްރޭޝަން. އަޅުގަނޑު ޔުނިވަރސިޓީއަށް ގޮސް ކިޔަވަން ފެށީވެސް ބިޒްނަސް އެޑްމިނިސްޓްރޭޝަން. އަހަރުދުވަސް ފަހުން އަޅުގަނޑަށް ސަރުކާރުން އެންގެވީ، ތިރޮނގުން ކިޔަވައިގެން ނުވާނޭ، ޓީޗަރުކަން ހަދާށޭ. އެހެންވީމާ، އެހާ ހިސާބުން އަޅުގަނޑަށް މަޖުބޫރުވީ ޓީޗަރުކަން ހަދަން. ދެން ކަންދިމާވި ގޮތުން އެ ޔުނިވަރސިޓީގައި ޓީޗަރުކަން ވަކިން ޑިގްރީ ފެންވަރަކަށް ކިޔަވައެއްނުދޭ. ކޮންމެވެސް މާއްދާއެއް ކިޔަވަނީ. ކިޔަވާފައި ދެން ޓީޗިންގ ޑިޕްލޯމާ ހަދަންޖެހެނީ. އެހެންވީމާ، އެގޮތަށް އަޅުގަނޑު ދިޔައީ. އެހެން ނަމަވެސް، އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުން ގެންދިޔައީ، އަޅުގަނޑު ކުރާ ކަމެއްގައި، އެކަން އެންމެ ރަނގަޅަށް އަބަދުވެސް ކުރަން. އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑު ޓީޗަރަކަށްވި. އަޅުގަނޑު ދެކޭގޮތުގައި ހަމަ ރަނގަޅު ޓީޗަރަކަށް އަޅުގަނޑުވި. މިއަދު މި ރާއްޖޭގެ އެކިއެކި މަޤާމުތަކުގައި ތިއްބަވާނެ، އަޅުގަނޑު ކިޔަވައިދީފައި ތިބި ދަރިވަރުން. ރައްޔިތުންގެ މަޖިލީހުގެ ރައީސް، މި އިންނެވި މިނިސްޓަރު. މިހެންގޮސް ކިތަންމެ ބޭފުޅުންނެއް ތިއްބަވާނެ. ޢިއްޒަތްތެރި ބޭފުޅުން. އެއީކީ ކުޑަކުޑަ އުފަލެއް ނޫން.

މުދައްރިސަކަށްވުމުގެ އެންމެ މުހިންމު އުފަލަކީ، އެންމެބޮޑު އުފަލަކީ، އެންމެބޮޑު ޝަރަފަކީ، ކިޔަވައިދޭ ކުދިން ރަނގަޅުވުން. ކިޔަވާފައި ތިބޭ ކުދިންނަށް މަތީ މަޤާމުތައް ލިބުން. އެއީ އެންމެބޮޑު އުފަލަކީ. ހަމަ އެގޮތަށް ކޮންމެ ރޮނގަކުން ކިޔަވައި ވިދާޅުވިޔަސް، އެ ފުރްޞަތު ތިޔަބޭފުޅުންނަށް އެބައޮތް. އެހެންވީމާ، އަޅުގަނޑު މިއަދު ތަކުރާރުކޮށް ދަންނަވަނީ، މި ފުރްޞަތު ތިޔަބޭފުޅުން ނަންގަވާނުލައްވާށޭ. މިއީ ތިޔަ ބޭފުޅުންނަށް ލިބޭ ވަރަށް ބޮޑު ނަޞީބެއް. މިކަން ޤަބޫލުކުރުމަކީ، މިކަމަށް ޝުކުރުވެރިވުމަކީ އެއްގޮތަކަށްވެސް ޝުކުރު އަދާކޮށްފައި އަޅުގަނޑަށް ސިޓީ ފޮނުވުން ނޫނީ މިނިސްޓަރަށް ސިޓީ ފޮނުވުމެއް ނޫން. ތިޔަބޭފުޅުން ރަނގަޅަށް ކިޔަވައިވިދާޅުވުން. އެއީ ޝުކުރުވެރިވުމަކީ. ތިޔަބޭފުޅުންގެ މައިންބަފައިން ތިޔަބޭފުޅުންނަށް އެކޮށްދެއްވި ބުރަ މަސައްކަތް. ވިއްސަކަށް އަހަރު ދުވަސްވަންދެން، ކެނޑިނޭޅި ތިޔަބޭފުޅުންނަށްޓަކައި ކުރަމުން އައި މަސައްކަތް، ރެޔާއިދުވާލު މަސައްކަތް ކޮށްގެން މިހާ ހިސާބަށް ތިޔަބޭފުޅުން ގެނެއްސަ އެތިބީ. އެމަސައްކަތަށްޓަކައި ތިޔަބޭފުޅުންގެ މައިންބަފައިންނަށް ޝުކުރުވެރިވުމަކީވެސް ރަނގަޅަށް ކިޔެވުން. ރަނގަޅު ނަތީޖާ ހޯއްދެވުން. އަޅުގަނޑު އުންމީދު ކުރަން، މި ފުރްޞަތުގެ ބޭނުން، ހުރިހާ ބޭފުޅުން ހިއްޕަވާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ބޭފުޅުންގެ ހިތް އަލިކުރައްވައި، ތިޔަ ހުރިހާ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބަރަކާތް ލައްވައި، ތިޔައިން ކޮންމެ ކުއްޖަކީވެސް މޮޅު ކުއްޖެއް ކަމުގައި ލެއްވުން. اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ދަރިވަރުންނަށާއި، ތިޔަކުދިންގެ ޢާއިލާތަކަށް ރަޙްމަތް ލައްވާށި.

والســّلام عليــكم ورحـمــة اللّـه وبـركاتـه