بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ދައުލަތުގެ ވަޒީރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެރިންނާއި މުވައްޒަފުން އަދި މި މުހިންމު މަޢުރަޒުގައި ބައިވެރިވެވަޑައިގަންނަވާ އެކިއެކި ފަރާތްތައް.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ އަޅުގަނޑު ހަމަގައިމުވެސް ވަރަށް ބޮޑަށް އުފާކުރާ ދުވަހެއް. ސަބަބަކީ، މިކަހަލަ މަޢުރަޒެއް ރާއްޖެއިން ނުފެންނަތާ ވަރަށްގިނަ ޒަމާންތަކެއްވެފައި، ކުއްލިއަކަށް މިކަން މި ހިނގަނީ. ކުއްލިއަކަށޭ މިހެން ދެންނެވިޔަސް، އަޅުގަނޑަށްތާ އެނގޭނީ، މިނިސްޓަރ މިކަމާ މަސައްކަތް ކުރައްވަމުން، ތައްޔާރުވެވަޑައިގަންނަވަމުން ވަޑައިގަންނަވާތާ ދުވަސްކޮޅެއް ވެއްޖެކަން. އެންމެ ފުރަތަމަވެސް އަޅުގަނޑު އެހެންވީމާ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ވިސްނާވަޑައިގަންނަވައިގެން މިކަން ރޭއްވެވީތީ. އަދި ހަމައެއާއެކީގައި، އެމިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށްވެސް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އާދެ! އުފެއްދުންތެރިކަމާއި ޚިދުމަތުގެ މަޢުރަޒެއް، [ދިވެހިންގެ ފަންނު]ގެ ނަމުގައި ފަށްޓަވައި، އެންމެ ފުރަތަމަ އެ މަޢުރަޒު މިއަދު މި ހުޅުވިގެން މިދަނީ. މި ޝަރަފު އަޅުގަނޑަށް ލިބުނީތީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އުފެއްދުންތެރިކަމުގެ ދެ މާނައެއް އަޅުގަނޑަށް ވިސްނޭ. އެއް މާނައަކީ، އުފައްދާ ތަކެތި. ޖުމްލަ ގޮތެއްގައި އެ އުފެއްދުންތެރިކަމަށް ކިޔާ އުފެއްދުންތެރިކަން. އަނެއް ކަމަކީ އިނގިރޭސި ބަހުން ވިއްޔާ [ކްރިއޭޓިވް] މިކިޔާ ބަހަށް ކިޔާ އުފެއްދުންތެރިކަން. މިހާ އުފެއްދުންތެރި ގޮތަކަށް މި ޖަލްސާ އިންތިޒާމު ކުރެއްވީތީވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމަ ހަވީރުގެ ފިނި ވަގުތެއްގައި މިއީ ހަމަ ވަރަށް އުފެއްދުންތެރި ގޮތެއް، މިކަހަލަ މަޢުރަޒެއް ފެށްޓެވުމުގައި.

އާދެ! އަޅުގަނޑު ހަނދާންވާ ގޮތުގައި، މިހާރު ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު ވެއްޖެ، މަޢުރަޒެއް، މިބާވަތުގެ މަޢުރަޒެއް ޤައުމީ ފެންވަރުގައި ނުބޭއްވޭތާ. އަޅުގަނޑު ހަނދާންހުރޭ މީގެ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ކުރިން، އަތްތެރި މަސައްކަތުގެ މަޢުރަޒެއް ބޭއްވެމުންދިޔަ ކޮންމެ އަހަރަކުހެން. އޭރު ވަރަށް ރީތިކޮށް އުފައްދާފައި ހުންނަ އެކިއެކި އެއްޗެހި ހުރޭ. އޭގެތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއްޗެއް ތުނޑުކުނާ. ތުނޑުކުނަލާއި ފޭއްޔާއި، ލިބާހާ، މިބާވަތުގެ އަތްތެރި މަސައްކަތުގެ އެކިއެކި ތައްޔާރުކުރުންތައް ހުރޭ މަޢުރަޒުން ލިބެން. އޭރު އަޅުގަނޑު އެއިން އެއް މަޢުރަޒަކުން ގަތް ދެ ތުނޑުކުނާ އަދިވެސް އަޅުގަނޑު ގޭގައި އެލުވާފައި އެބަ ހުރޭ. އަޅުގަނޑު ވަރަށްގިނަ ތަންތާނގައި އުޅެފީމު، މިވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި. އެކަމަކު އަބަދުވެސް އަޅުގަނޑުގެ ދަތުރުތަކުގައި އެ ހިފައިގެން އަޅުގަނޑު ދަނީ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަން، ރީތި މަސައްކަތް ދައްކައިދޭ އެންމެ ރީތި އެއްޗަކަށް އަޅުގަނޑު އަތުގައި އޮތީ ދެ ތުނޑުކުނާ ކަމަށްވާތީ. އަޅުގަނޑު ޓެންޒޭނިއާގައި އުޅުނުއިރުވެސް، ބަންގާޅުގައި އުޅުނުއިރުވެސް އަދި ޔޫ.އެސް.ގައި އުޅުނުއިރުގައިވެސް، އަޅުގަނޑުގެ ގޭގައި މި ތުނޑުކުނާތައް އެލުވާފައި ހުރޭ. ދެން އަޅުގަނޑަށް ލިބޭ ކޮންމެ ފުރުޞަތެއްގައި އެކިއެކި ފިހާރަތަކުންވެސް އެކި ރަށްރަށަށް ދަތުރުކުރާއިރުވެސް އެބަ ބަލަން، އިތުރު ކުނަލެއް ގަންނަން ލިބިދާނެތޯ. ހަމަ އުޅެއުޅެވެސް އަޅުގަނޑަށް މި އުޅެނީ އެހާ ރީތި ދެކުނާ ހޯދަން ނުލިބިގެން. އޭގެ މާނައަކީ އެ ނަހަދާ ވާހަކައެއް ނޫން. އެހެންނަމަވެސް، ޢާންމުކޮށް އެފަދަ ރީތި ތުނޑު ކުނަލެއް ހޯދަން ބޭނުންވެއްޖެ މީހާއަށް، އެ ލިބެން ނުހުންނަ ވާހަކަ. ރާއްޖޭގައި ކުރެވޭ އެހާ ރީތި މަސައްކަތެއް، އެހާ މޮޅު މަސައްކަތެއް މިއަދު ޢާންމުކޮށް ބޭނުން މީހަކަށް ގަންނަން، އެ ފެންވަރުގައި ލިބެން ނުހުންނަކަން އެއީ، އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. އެތަކެތީގެ އަގުވެސް އަޅުގަނޑަށް ޔަޤީން، ހަމަ އަޅުގަނޑަށް ވަޒަންކުރެވޭ ވަރަށް، ރާއްޖެ ވަޑައިގަންނަވާ އެކިއެކި ޤައުމުތަކުގެ ފަތުރުވެރިންވެސް ވަޒަން ކުރައްވާނެ. ރާއްޖޭގައިވެސް މިހާރު ކޮންމެވެސްވަރެއްގެ މިޑްލް ކްލާހެއް އުފެދިގެންދިޔުމާ އެކީގައި، އެކަކު އަނެކަކަށް ހަދިޔާ ދިނުމާ، މިބާވަތުގެ ކަންތައްވެސް އެބަހިނގާ. އެހެންވީމާ، އެކަންކަމަށްވެސް މިބާވަތުގެ ތަކެތި އެބަ ބޭނުންވޭ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، އެކަށީގެންވާ ގޮތެއްގައި މިމަސައްކަތެއް ނުކުރެވެޔޭ. އެކަން ބަދަލުކުރަން އެބަޖެހެއޭ. އެހެންވީމާ، އަޅުގަނޑަށް މި މަޢުރަޒު އެހާ މުހިންމު މަޢުރަޒަކަށް ވެގެންދަނީ.

ތެދެއް، މިހާރު ހަމައެކަނި އަތްތެރިމަސައްކަތުގެ ވާހަކައެއް ނޫން މި ދައްކަނީކީ. ހުރިހާ ތަފާތު ބާވަތްބާވަތުގެ އުފެއްދުންތަކާއި، ޚިދްމަތްތަކުގެ ވާހަކަވެސް މިހާރު އެބަ ދެކެވޭ. މިއަހަރުގެ މަޢުރަޒުގައި މިގޮތުން ބޭއްވޭ ފުރަތަމަ ރާއްޖޭގެ އުފެއްދުންތަކުގެ މި މަޢުރަޒުގައި، ވިއްސަކަށް ފަރާތުން ބައިވެރިވެވަޑައިގެންނެވި. އަޅުގަނޑު ވަރަށް އެޕްރިޝިއޭޓްކޮށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މި މަޢުރަޒުގައި ބައިވެރިވި ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވީތީ. އެ ވިދާޅުވިހެން މި މަސައްކަތް ކުރަން މިދިޔަ ދުވަސްކޮޅަކީ ރަމަޟާންމަހުގެ ދުވަސްތައް. އެހެންވީމާ، އެހާ ފަސޭހަ ނުވުމަކީ އެކަށީގެންވާކަމެއް. އެހެން ނަމަވެސް، މި މަޢުރަޒުގައި ބައިވެރިވެވަޑައިގެން، މިކަމުގައި ހަމައެކަނި ބައިވެރިވުމުގެ ރޫޙު ހިމަނުއްވައިދެއްވި ކަމަށްޓަކައިވެސް އަޅުގަނޑު އުފާކުރަން.

ދެން އަދި އަޅުގަނޑަކަށް މި ނުއެއް ފެނޭ. އެހެންވީމާ، މަޢުރަޒުގެ ކޮލިޓީއާ ދޭތެރޭގައި އެއްޗެއް ދެންނެވުން ތަންކޮޅެއް އަވަސް. އެހެންނަމަވެސް، އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައި މިއަށްވުރެ ގިނަ ފަރާތްތަކުން މި މަޢުރަޒުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް. މި މަޢުރަޒަކީ ކޮންމެ އަހަރަކުވެސް އޮންނާނެ މަޢުރަޒެއް ކަމަށް. މިހާރު އެހެން ދަންނަވާއިރުގައިވެސް ވިސްނަންޖެހޭ ކިތަންމެ ކަންތަކެއް ހުރޭ. ކުރިއަށް އޮންނަ ތަނަށް ވިސްނާއިރުގައި. އެހެން ނަމަވެސް، އަޅުގަނޑުގެ އުންމީދަކީ އެއީ. ދެން އުންމީދު ކުރުން އެއީ ނެތް ކަމެއް ނޫން. އަޅުގަނޑު ހީކުރަން، މިއަށްވުރެން މިހާރު މިއަހަރު ފުރަތަމަ މި ބޭއްވޭ މަޢުރަޒަށްވުރެން ފުރިހަމަކޮށް، ކޮންމެ ފަހަރަކުވެސް އިތުރު ފުރިހަމަކަމަކާ އެކީގައި މި މަޢުރަޒު ބޭއްވިގެންދާނެކަމަށް. އަދި މީގެ ސަބަބުން އުފެއްދުންތެރިކަމާއި ޚިދުމަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް. އަދި މީގެ ސަބަބުން ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށްވެސް ކުރިއެރުން ލިބިގެންދާނެކަމަށް. މިކަންކަން ކުރެވިގެން، ރާއްޖޭގެ އިޤްތިޞާދު އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނީ. ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށްގެން، އިޤްތިޞާދު ކުރިއެރުވޭނީ. އެހެންވީމާ، މިކަމަކީ މިއީ ވަރަށް މުހިންމު ކަމެއް. މިކަމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން އިސްނަންގަވައިގެން މަސައްކަތް ކޮށްދެއްވުމަކީ، އަޅުގަނޑުމެން އެންމެންގެވެސް ހަމަ އެދުން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މިކަން ރާއްވަވައިގެން ޙަޤީޤަތަކަށް ހެއްދެވީތީ. އަދި އަޅުގަނޑު މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް މި ފުރުޞަތުގައި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުވެގެންދިޔުން. މިބާވަތުގެ މަސައްކަތުގައި އިތުރު ކާމިޔާބު ﷲ މިންވަރު ކުރެއްވުން. މީގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި އިތުރު ހަލުވިކަމެއް ލިބިގެން ދިޔުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه