بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން އަދި ތިޔަބޭފުޅުންގެ ޢާއިލާތައް، މިނިސްޓަރ އޮފް ޑިފެންސް، ޗީފް އޮފް ޑިފެންސް ފޯސް އަދި ސިފައިންގެ އެކިވަރުވަރުގެ އިސްވެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިއަދު އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މިއީ، ކޮންޓިނިއުއަސްކޮށް އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް. ޙަޤީޤަތުގައި އަޅުގަނޑަކަށް ކުރިއަކުން އިޙްސާސް ކުރެވިފައެއް ނެތް، މިއީ ކިހާ ދުވަހެއް ވަންދެން ނުކޮށް ނުކުރެވިފައި އޮތް ކަމެއް ކަމެއް. ދެންމެގައި މިނިސްޓަރ އެ ދެއްކެވި ވާހަކަފުޅުގައި، އެ ވިދާޅުވީ، އެކަން އޮތް ގޮތް. އެހެންވީމާ، ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރ، ޚާއްޞަކޮށް، ބޯހިޔާވަހިކަމުގެ ކަންކަން ބެލެހެއްޓުމަށް، ދައުލަތުގެ ފަރާތުން ދޭންވީ އަހަންމިއްޔަތުކަން ދެވިފައި އޮތެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. މި ވާހަކައަކީ މިއީ، އަބަދު ދައްކަމުން އަންނަ ވާހަކައެއް. އަޅުގަނޑުމެންނަށް އެނގޭ، ވަރަށް ކްރައުޑަޑް، ވަރަށް ތޮއްޖެހިފައިވާ ތަންތާނގައި، ސަރުކާރުގެ ފަރާތުން ހަމަޖައްސަވާފައި ހުރި ބައެއް ކޮށިތަކުގައި، ސިފައިންގެ ޢާއިލާތައް ދިރިއުޅެމުން އެބަދޭ. އެކަން އެގޮތަށް އޮންނަތާ ކިތަންމެ ދުވަހެއް. އެހެންނަމަވެސް، މިއީ ޕްރިއޮރިޓީ ދޭންޖެހޭ ކަމެއް ކަމަށް ބަލައިގެން، މިކަން ސިސްޓެމެޓިކްކޮށް ރޭވިގެން ހިނގަމަކުން ނުދޭ. އަޅުގަނޑުގެ ސަމާލުކަމުގައި އަޅައިގަތީ، ފަހަތުގައި މިއޮތް ބޯޑުގައި މި އޮންނަނީ، [ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫޢު އަލުން ފެށުމޭ]. އެބަސް "އަލުން" މީގައި އަޅުގަނޑު އަޅައިގަތީ. މިހާރު ތިޔަބޭފުޅުންނަށް އެ ސާފުވީ، އެއީ ކީއްވެގެންކަން އަޅުގަނޑަށް އެކަން އެހާ މުހިންމު މިވީ. ބައެއް ބޭފުޅުން ދެކެވަޑައިގެންފާނެ، ސިފައިންނަށް ޚާއްޞަކޮށް ބޯހިޔާވަހިކަން ހޯދައިދޭންވެގެން ސަރުކާރުން ވާހަކަ ދައްކަނީ ކީއްވެގެންހޭ. އަޅުގަނޑު ހީކުރީ އެއީ ވަރަށް އޮބްވިޔަސް ޖަވާބެއް އޮތް ކަމެއް ކަމަށް. އަޅުގަނޑު ހީކުރީ އެއީކީ އިތުރު ތަޢާރަފަކަށް، އިތުރު އެކްސްޕްލެނޭޝަނަކަށް ބޭނުންވާ ކަމެއް ނޫންކަމަށް. އެހެންނަމަވެސް، އެ ސުވާލު އެބަ އުފައްދާ.

ސިފައިންނަކީ ދިވެހި ރައްޔިތުން. ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ޙައްޤުތަކެއް ސިފައިންނަށްވެސް ލިބެންޖެހޭ. ސިފައިންގެ ޢާއިލާތަކަށްވެސް ލިބެންޖެހޭ. އޭގެއިތުރުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ދިމާވި ކޮންމެ ނުރައްކަލަކާ ކުރިމަތިލައި، އެބައެއްގެ ފުރާނަ ދުއްވާލުމަށް ތައްޔާރުވެ، އެކަމަށް ވަޢުދުވެގެން ތިބޭ ބަޔަކު، ސިފައިން ނޫނިއްޔަކާ ނުތިބޭ. އެހެންވެގެން ސިފައިން ޚާއްޞަވަނީ. ސިފައިންނަކީ މި ޤައުމުގެ ޙިމާޔަތުގައި، އެ ވިދާޅުވިހެން 24 ގަޑިއިރު ޓުވެންޓީ ފޮރ ސެވަންގައި ތިބެންޖެހޭ ބައެއް. އެބޭފުޅުން އެމަސައްކަތުގައި އުޅުއްވާއިރުގައި، އެބޭފުޅުންގެ ޢާއިލާތައް ބަލަހައްޓަން މިޖެހެނީ ޢާއިލާގެ ޚާއްޞަކޮށް، އެބޭފުޅުންގެ އަނބިއަނބިކަނބަލުންނަށް.

މިއަދު ވަކިން ޚާއްޞަ އުފަލެއް އަޅުގަނޑަށް ލިބިއްޖެ، މިއަދު މިދޫކުރި ފްލެޓްތައް ބަލައިގަތުމަށްޓަކައި، އެ ޢާއިލާތަކުގެ އަންހެން ބޭކަނބަލުން ވަޑައިގަތީމަ. އެއިން ދޭހަވަނީ، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މިއަދު މިކުރެވުނު ކަމަކީ، މި ކުރަން އަޅުގަނޑުމެން މިހާރު މި މަޤްޞަދު މި ކަނޑައެޅި ކަމަކީ، މިއީ ޢާއިލާތަކަށް އަޅުގަނޑުމެން އެންމެ ފުރަތަމަ ކޮށްދޭ ކަމެއްކަން. މިއިން ކޮންމެ ޢާއިލާއަކީ އެތަކެއް އަހަރު ވަންދެން، ވިއްސަކަށް ތިރީހަކަށް އަހަރު ވަންދެން، އެއްގެއިން އަނެއް ގެއިން، ކުއްޔަށް ތަންތަން ހިއްޕަވައިގެން، ވަރަށްދަތި ހާލުގައި އުޅެމުން އައިސްފައިވާ ޢާއިލާތައް. އެކަމުގެ އެންމެބުރަ އުފުލަންޖެހެނީ، ޚާއްޞަކޮށް، ޢާއިލާގެ އަންހެން ބޭކަނބަލުންނަށް. އެހެންވީމާ، މިއީ އަޅުގަނޑަށް ކުރަންޖެހޭ ކަމެއް. ހަމަގައިމު އަޅުގަނޑު މިއަދު ވަރަށް އުފާކޮށްފިން. މިއަދު އަޅުގަނޑު ވަރަށް ބޮޑަށް ފަޚުރުވެރިވެއްޖައިން، މިކަން ކިތަންމެ ކުޑަކޮށްނަމަވެސް، އަޅުގަނޑުމެންނަށް ކުރެވުނީތީ.

އަޅުގަނޑުމެން މިހާރު މި ކަނޑައެޅީ، ކޮންޓިނިއުއަސްކޮށް ރޭވިގެން ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި. މީގެފަހުން މި މަޝްރޫޢު ހިނގަމުންދާނެ. އޭގެ މާނައަކީ ހަމަ ދޭތެރެ ދޭތެރެއިން، އަހަރަކު އެއްފަހަރު، ނޫނީ އެއަށްވުރެވެސް އަވަހަށް އިރާދަކުރެއްވިއްޔާ، ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ލިބެމުންލިބެމުން ގޮސް، ގިނަ ޢަދަދެއްގެ ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ލިބޭނެ. އެކަން ޔަޤީން ކުރުމަށްޓަކައި، ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، މި މަޝްރޫޢުގެ ދެން އަޅުގަނޑުމެން ކުރާނެ ކަމަކީ، ސިފައިންގެ ޢާއިލާތަކަށް 300 ފްލެޓް ޢިމާރާތް ކުރާނީ. އެކަމަށް މިހާރު ބިން އޮތީ ކަނޑައެޅިފައި. އެކަން ކުރާނެ ފަރާތެއްވެސް ވަނީ މިހާރު ހޯދިފައި. އެކަމަކަށް އިތުރު ހުރަހެއް އެޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ﷲ އިރާދަކުރެއްވިއްޔާ، އެކަން ކުރިއަށްދާނެ. އަދި އަންނަ އަހަރުގެ ތެރޭގައި، އެ 300 ފްލެޓްވެސް ނިމި، ސިފައިންގެ ޢާއިލާތަކަށް ޙަވާލުކުރެވޭނެ.

މިފަދަ ކޮންމެ ފުރްޞަތަކީ މިއީ އަޅުގަނޑުގެ މަޤާމުގައި ހުންނަ މީހަކު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަންޖެހޭވެސް ކަމެއް. އަޅުގަނޑުމެން މިކުރާ ކަންކަމަކީ މިއީ ކޮންމެހެން، އަޅުގަނޑު އަބަދުވެސް ދަންނަވާހެން، ކޮންމެހެން ވެރިކަމުގައި ތިބޭ މީހުން ހެޔޮކަމުން ކުރާ ކަންތައްތަކެއް ނޫން. މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް. ތިޔަބޭފުޅުންގެ ޙާލު ބެލުމާއި، ތިޔަބޭފުޅުންގެ ޢާއިލާތަކުގެ ޙާލު ބެލުމާއި، ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމާއި، ޞިއްޙީ ފަރުވާ ދިނުމާ، މިހެންގޮސް ކުރަންޖެހޭ ކަންކަމަކީ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން. ﷲ އިރާދަކުރެއްވިއްޔާ، އެކަންކަން އަޅުގަނޑުމެން ކުރާނަން. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސިފައިންނަކީ، ދައުލަތުގެ ފަރާތުން އެ ސިފައިންނަށް ދޭންޖެހޭ ޤަދަރާއި ޢިއްޒަތާއި އެހީތެރިކަން ފުރިހަމައަށް ލިބޭ ބަޔަކަށް އަޅުގަނޑުމެން ހަދާނަން.

އަޅުގަނޑު އަދިވެސް އެއްފަހަރު، މި ޚާއްޞަ މަޝްރޫޢު ފެށުނު ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. މިއަދު ތިޔަ ފްލެޓުތައް ލިބިވަޑައިގެންނެވި ހުރިހާ ޢާއިލާތަކަށް މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން. ތިޔަބޭފުޅުން ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި މިންނެތް މަސައްކަތަށްޓަކައި ތިޔަބޭފުޅުންނަށާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށް ރަޙްމަތް ލެއްވުން. ދިވެހިރާއްޖޭގެ ސިފައިންނަކީ ދުޅަހެޔޮ ޞިއްޙަތުގައި، ވަރުގަދަ ޢަޒުމެއްގައި އަބަދުވެސް ޤައުމަށް ޚިދްމަތް ކުރުމުގެ މަތީ ދެމިތިބޭނެ ބައެއް ކަމުގައި ލެހެއްޓެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه