بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް. ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދެމިއޮތުމުގެ ޢާލަމަށް މިއަދު ދަތުރުކުރެއްވުމާ ގުޅިގެން، މި ޤައުމު މިވަނީ ހިތާމައިގެ ތެރެއަށް ވެއްޓިފައި.

ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ރާއްޖޭގެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވެވަޑައިގަތީ، ރާއްޖެއަށް ވަރަށް އުނދަގޫ ދުވަސްވަރެއްގައި. ރާއްޖޭގެ ދާޚިލީ ޙާލަތު ވަރަށްބޮޑު ހަލަބޮލިކަމެއްގެ ތެރޭގައި އޮއްވަ. އަދި ރާއްޖެއަށް ބޭރުގެ ފަރާތްތަކުން އެކިއެކި ގޮންޖެހުންތައް ކުރިމަތިވެފައިވީ ވަގުތެއްގައި، އެމަނިކުފާނު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޤައުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވި.

އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހިރާއްޖެއަށް ފަހަކަށްއައިސް ޚާރިޖީގޮތުން ކުރިމަތިވި އެންމެބޮޑު އެއް ގޮންޖެހުމަކީ، ކޮމަންވެލްތްގެ ސީމެގުގެ އެޖެންޑާގައި ދިވެހިރާއްޖެ ހިމެނުން. އެމަނިކުފާނު ޚާރިޖީ ވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވިއިރުގައި، އެ އެޖެންޑާގައި ވަނީ ދިވެހިރާއްޖެ ހިމަނާފައި. އަދި އޭގެ ސަބަބުން ރާއްޖެއަށް އެކި ބާވަތްބާވަތުގެ އިންޒާރުތަކާއި، އެކިއެކި ޙަމަލާތައް އަންނަމުން ދިޔައީ. އެކަމުން ސަލާމަތްވުމަށްޓަކައި ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ވަރަށްބޮޑު ހިތްވަރެއް ކުރެއްވި. އެމަނިކުފާނު އެކުރެއްވި ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން އަދި މި މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ކޮށްދެއްވި މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންނަށް ސީމެގްގެ އެޖެންޑާއިން ދިވެހިރާއްޖެވަނީ ނެގިފައި.

ހަމައެއާއެކީގައި ދެން ކުރިމަތިވި އަނެއް ބޮޑު ގޮންޖެހުމަކީ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ދިވެހި ސަރުކާރުގެ ދަށަށް ގެނައުމަށްޓަކައި ކުރި މަސައްކަތުގައި ދިމާވި އެކިއެކި ދަތިތައް ޙައްލުކުރުމަށްޓަކައި ބޭރުގެ ފަރާތްތަކާ ވާހަކަ ދައްކަވައި، ނެގޯޝިއޭޓް ކުރެއްވުމުގައި، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ވަރަށް މުހިންމު ރޯލެއް ކުޅުއްވި. އެމަނިކުފާނުގެ ތަޖުރިބާއާއި، އެމަނިކުފާނުގެ ޤާބިލުކަން، މިދެންނެވި ދެކަންތަކުގައި ވަރަށް ރަނގަޅަށް ސާބިތުވެގެންދިޔަ. އެކިއެކި މަސައްކަތްޕުޅުތަކުގައި، ޚާއްޞަކޮށް، އ.ދ.ގެ އެކިއެކި މަޤާމުތަކުގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ވަރަށް ޤާބިލްކަމާއެކީ ވަރަށް ކެރިވަޑައިގަންނަވައިގެން، ބޭރުގެ ފަރާތްތަކާ މުޢާމަލާތު ކުރައްވަމުން ގެންދެވީ. އަޅުގަނޑަށް އެތަން ފެންނަމުންދިޔަ. އަދި އެވަގުތު އެފަދަ ބޭފުޅަކު ވަޒީރުލްޚާރިޖިއްޔާގެ މަޤާމުގައި ނެތްނަމަ، އެދެވޭ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުނެރެވުނީސްކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، މިވީ ކުރު މުއްދަތުގެ ތެރޭގައި، އެމަނިކުފާނު ރާއްޖޭގެ ސިޔާދަތާއި، ރާއްޖޭގެ އިސްތިޤްލާލަށްޓަކައި ވަރަށްބޮޑު، ވަރަށްބުރަ މަސައްކަތެއް ކޮށްދެއްވިކަން އަޅުގަނޑު މިއަދު ފާހަގަކުރަން.

އެމަނިކުފާނަކީ ވަރަށް ހިތްޕުޅުހެޔޮ، އޯގާތެރި ބޭފުޅެއް. އެބޭފުޅުންގެ ރަޙްމަތްތެރިންނަށާއި އަދި އެކީގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ދޭތެރޭގައި ވަރަށް އޯގާތެރިކަމާއެކީގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެއް. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންވެސް އެކަން ދެނެވަޑައިގެން، އެކަމަށް ހެކިވެވަޑައިގަންނަވާނެ ކަމަށް.

އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ހިތާމަކުރަން، އެމަނިކުފާނުގެ ޚިދުމަތް މިހާ ހިސާބުން އަޅުގަނޑުމެންނަށް ހުއްޓިގެން ދިޔައީމަ. ދިވެހިރާއްޖެއަށް އެފަދަ ބޭފުޅުންގެ ޚިދުމަތް އެންމެ ބޭނުންވި ވަގުތުގައި. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރާ ވާހަކަ ދަންނަވަން.

މާތްﷲ، އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙްމަތް ލައްވާށި! ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه