بســم اللّـه الرّحمـن الرّحيــم

އާދެ! މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް. ދިވެހި ދައުލަތުގެ ޚާރިޖީ ވަޒީރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ރޭ ފަތިހު 4.05 ގައި ވަނީ ސިންގަޕޫރުގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައި. އެމަނިކުފާނަކީ ދިވެހި ޤައުމަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައި ހުންނެވި ބޭފުޅެއް. އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑަށް ވަރަށް ބޭނުންތެރި ވަގުތެއްގައި، ދިވެހި ދައުލަތަށް ވަރަށް ބޭނުންތެރި ވަގުތެއްގައި، ވަޒީރުލް ޚާރިޖިއްޔާގެ މަޤާމު އެމަނިކުފާނު ޤަބޫލު ކުރައްވައި، ވަރަށް އިޚްލާޞްތެރިކަމާއެކީގައި، މިވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތް ކޮށްދެއްވާފައިވަނީ.

ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަކީ ވަރަށްގިނަ ދިވެހިންގެ ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެމަނިކުފާނު އެންމެ ފުރަތަމަ ރާއްޖެ ކިޔަވައި ވިދާޅުވެގެން ވަޑައިގެން، މަސައްކަތް ކުރެއްވީ ޑޮކްޓަރެއްގެ ޙައިޘިއްޔަތުން. އެބޭފުޅާގެ ޕޭޝަންޓުން އަބަދުވެސް އެބޭފުޅާއަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވާ. އެބޭފުޅާގެ ޕޭޝަންޓުން އެބޭފުޅާދެކެ ވަރަށް ބޮޑަށް ލޯބިފުޅުވޭ. ސަބަބަކީ ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަކީ ވަރަށް އޯގާތެރިކަމާ އެކީގައި، ވަރަށް ކަމޭހިއްތަވައިގެން، މީހުންނަށް ބޭސްފަރުވާކޮށްދެއްވި ބޭފުޅެއް.

އޭގެފަހުން މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި، ރާއްޖޭގެ ޞިއްޙީ ކަންކަން ބައްޓަން ކުރެއްވުމަށްޓަކައި ގިނަ ދުވަސްތަކެއްގައި އެމަނިކުފާނު މަސައްކަތް ކުރައްވާފައިވޭ. އެއަށްފަހު، ދުނިޔޭގެ ޞިއްޙީ ޖަމާޢަތް، ޑަބްލިޔޫ.އެޗް.އޯ.ގައި ގިނަ ދުވަސްތަކެއް ވަންދެން، ގިނަ އަހަރުތަކެއް ވަންދެން، މުޅި މި ސަރަޙައްދުގެ ދެކުނު އޭޝިޔާ، އާދެ! އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ޞިއްޙީ ކަންކަން އިޞްލާޙު ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދެވި.

އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް ގެއްލިގެން މިދިޔައީ، ދިވެހި ޤައުމު އުފެއްދި އެންމެ އަގުހުރި އެއްދަރި. މިއީ މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށްބޮޑު ހިތާމައެއް.

އަޅުގަނޑުގެ ދުޢާއަކީ، އެ މަރްޙޫމުގެ ފުރާނަފުޅަށް މާތްﷲ ރަޙްމަތް ލެއްވުން. އަދި އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން. އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!