بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒު ޙުސައިން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މިރޭ އިނާމް ޙާޞިލުކުރައްވާ ބޭފުޅުން، ޖަލްސާއަށް ހާޟިރުވެތިއްބެވި ޢިއްޒަތްތެރިން، ލޮބުވެތި ކިޔަވާކުދިން، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެ ވާހަކަ މިރޭ ފައްޓާނީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލުމަށްޓަކައި، އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން އިސްކަންދަރު، ސިރީކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން އެކުލަވާލެއްވި ޤަރާރުގެ ތަންކޮޅަކުން. އެ ރަދުން ވިދާޅުވެފައިވަނީ :-

"މަގޭވޮނަދަނަ ރާއްޖޭގެ ދައުލަތުގެ ކަންތައް ހިންގުމަށް ވަކި ޤާނޫނުތަކެއް ލިޔެވި ޤަރާރު ކުރެވިފައިނުވާ ކަމަށްޓަކައި، ތިޔަ އެންމެ ކަލުން އެއްވެ، މަޖިލިސްކޮށް ތިބެ ވާހަކަދައްކައި، އިސްލާމްދީނާ ޚިލާފުނުވާނޭ ގޮތަށް، މިރާއްޖޭގެ މުސްކުޅި އާދަކާދައިގެ ތެރެއިން މިޒަމާނަށް ކަމުދާން ހުރިގޮތްތައް ލައިގެން، މި ދައުލަތަށް މިހިނދަށް ލިބެންހުރި ފައިސާވެރިކަމުގެ މައްޗަށް ވިސްނުން ބަހައްޓައިގެން، މަގޭ ރައްޔިތުންނަށް ލުއިކުރެވޭން ހުރި މިންވަރަކަށް ލުއިކުޅައުމަށް ބުރަވެތިބެގެން، ބޭރުގެ ކަންކަމާބެހޭ ޤާނޫނުތަކުގައި އިނގިރޭސި ދައުލަތާއި މި ދައުލަތާ ދެމެދުއޮތް މުޢާހަދާއާ ޚިލާފުނުވާނޭގޮތަށް، މިދައުލަތުގެ އެންމެހާ ކަންތައްތައް ހިންގުމުގެ ޤާނޫނުތައް ހަދައި، ލިޔެ ޤަރާރުކޮށްފަނީ ކޮށު. ތިބާ މަޖިލީހުގެ އެންމެކަލުން ޞުލްޙަ މަޞްލަޙަތުގައި މަޝްވަރާކޮށް މަގޭ ހިރިޔާ ފާތުރާގެދަށުން މިއަމުރުކުރެއްވި ކަންތައްތައް ރަނގަޅަށް އަދާކޮށްފަނީ ކޮށު."

ލޮބުވެތި ރައްޔިތުން،

އެ ޤަރާރުން ތަންކޮޅެއް މިދަންނަވާލީ، ރާއްޖޭގައި ޤާނޫނީ ވެރިކަމެއް އުފެއްދުމުގެ ޚިޔާލު ބައްޓަންވެގެން އައިއިރުވެސް، ރާއްޖެއާ އެކަށީގެންވާވަރުގެ ނިޒާމެއް ޤާއިމުކުރުމުގެ ތަޞައްވުރު އޮތްކަން ހާމަކުރުމުގެ ގޮތުން. ރާއްޖެއާ ނުބައްދަލު، ބުރަހެލި، ބިޔަ، ދައުލަތެއް ފަރުމާކުރުމުގެ ބަދަލުގައި، ދިވެހިންގެ ކެރިފޯރުންތެރިކަމާއި ފައިސާވެރިކަމުން ދެކޮޅުޖެހޭވަރުގެ، ހަލުވި ދައުލަތެއްގެ އޮނިގަނޑު ރޭވުމަށް މީގެ 80 އަހަރު ކުރިންވެސް ދިވެހިން ބޭނުންވެފައި ތިބިކަން ދަންނަވާލުމަށް.

އޭރުގައި ދިވެހި ދައުލަތް އޮތީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި. މިއީ ދިވެހިރާއްޖެއަށް ޤާނޫނުގެ ވެރިކަމެއް ގެނައުމަށްޓަކައި ފުރަތަމަ ކުރެވެނު މަސައްކަތުގެ ބިންގާ. މި ޤާނޫނުއަސާސީ ވުޖޫދުކުރެވި، ޤާނޫނުގައި ލިޔެ ބަޔާންވެގެންވާ ގޮތަށް ދައުލަތް ހިންގާންފެށީ 1932 ވަނަ އަހަރު.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގައި، ދިވެހިދައުލަތުގެ ރަސްމީ ދީނަކީ އިސްލާމްދީންކަމާއި، ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަސްކަމުގައި ކަނޑައަޅައި، ދިވެހިންނަކީ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއް ކަމުގައި ބަޔާންކޮށްފައިވޭ. އަދި މީގެއިތުރުން، ޤާނޫނުގައި ކަނޑައެޅިގެންވާ ޙުކުމެއްގެ މައްޗަށް މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި ހައްޔަރުކޮށްގެން ނުވާނޭ ކަމަށާއި، ގޯތިގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަންތަން ކަމުގައްޔާއި، ޤާނޫނުގައި ބަޔާންވެގެންވާ ގޮތެއްގެ މަތިން މެނުވީ އެތަންތަނަށް ވަދެގެން ނުވާނޭ ކަމަށާއި، ޤާނޫނުގައި މަނާކުރެވިފައި ނުވާހާ ހިނދަކު، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި ލަފާތައް، ދުލާއި ޤަލަމުން ދިނުމުގެ މިނިވަންކަމާއި، ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ހެދުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވޭ. އަދި ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް ލިޔެކިޔާން ދަސްކުރުން ލާޒިމުކުރުވާފައިވޭ. ދައުލަތް ހިންގުމުގެ 3 މަޖިލީސް އޮންނާނޭ ކަމާއި، އެއީ ޤާނޫނު ހަދާ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީސްކަމާއި، ވަޒީރުން އެއްވެސް ވިޔަފާރިއެއް ކޮށްގެންނުވާނޭ ކަމުގައި ބަޔާންކޮށްފައިވޭ. ޝަރީޢަތުގެ އެއްވެސް ކަމަކާ ރަދުން ބެހިވަޑައިނުގަންނަވާނޭ ކަމަށާއި، ރަސްކަލަކު ޢަޒުލުކުރެވޭނޭ ގޮތް ބަޔާންކޮށްފައިވޭ. އަދި ކޮންމެ ޝަރީޢަތަކަށްވެސް ޤާނޫނީ ވަކީލުން ގެންދިޔުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރެވިދާނޭ ކަމަށާއި، ބޮޑެތި ކުށްކުށުގައި ޙުކުމް ކުރެވޭނީ ޖޫރީން ތިބެގެން ކަމުގައި ބަޔާންކޮށްފައިވޭ. ވޭތުވެދިޔަ އަހަރުގެ ހިސާބުތަކާއި، ކުރިއަށް އޮތް އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ކޮންމެ އަހަރަކު ހުށާހަޅަންޖެހޭނޭ ކަމަށް ބަޔާންކޮށްފައިވޭ.

މިދަންނަވާލީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެކުލަވައިލެވުނު ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ބައެއް ޙުކުމްތައް. އަދި މިޙުކުމްތައް އެކުލަވައިލެވުނު ފަހުން، 13 ފަހަރަށް ޤާނޫނުއަސާސީއަށް ބަދަލުގެނެވިފައިވާ ކަމަށް ތާރީޚުގެ ފަތްފުށްތަކުން ފެންނާން އެބަހުރި.

ލޮބުވެތި އަޚުންނާއި އުޚުތުން،

2008 ވަނަ އަހަރާ ހަމަޔަށް ދިވެހިން ދުށް ދުސްތޫރީ ތާރީޚުގެ ތެރޭގައި، ދިވެހި ޤައުމުގެ ހިންގުމަށް އެންމެ ބޮޑު ބަދަލެއް ގެނެވިފައިވަނީ 2008 ވަނަ އަހަރު އެކުލަވައިލެވުނު ޤާނޫނުއަސާސީން. 75 އަހަރުގެ ދުސްތޫރީ ޙަޔާތެއް ވޭތުކޮށް، 2008 ވަނަ އަހަރާ ހަމަޔަށް އާދެވުނުއިރު، ދިވެހިރާއްޖޭގައި ޒަމާނީ ޑިމޮކްރަސީގެ މިނިވަންކަމާއި، މިޒަމާނުގެ ހިންގުމުގެ އޮނިގަނޑެއް ބޭނުންވެފައި ތިބި އެތައްބަޔަކު ތިބި. އަދި މި ބަދަލުތަކަށް އެތައް ބަޔަކު އެދެމުންދިޔަ. ސަރުކާރުގެ އެތެރެއިންނާއި ބޭރުން މިކަމަށް މަސައްކަތްކުރި އެތައް ބަޔަކު ތިބި. މިއޮއިވަރަކީ ކުއްލިއަކަށް އައި އޮއިވަރަކަށްވުރެ، ރާއްޖެ ހުރިހާ ގޮތަކުންވެސް ދެކެމުންދިޔަ ބަދަލުތަކުގެ ތެރެއިން ގެނެވުނު އޮއިވަރެއް ކަމުގައި ބުނަންޖެހޭ. އެތައް ދުވަހަކުން އުފެދެމުން އައި މިބަދަލުތަކުގެ ތެރެއިން، 2004 ވަނަ އަހަރު ސަރުކާރުން އިސްނަގައިގެން ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ޕްރޮގްރާމެއް އިޢުލާނު ކުރެވުނު. މި އިޞްލާޙީ އެޖެންޑާގެ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ހިމެނުނީ ޤާނޫނުއަސާސީ އިޞްލާޙު ކުރުން.

2008 ވަނަ އަހަރުގެ ޤާނޫނުއަސާސީގައި ދައުލަތުގެ ހިންގުމަށް ވަރަށް ގިނަ ބަދަލުތަކެއް ގެނެވުނު. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ 16 އިންސައްތަ މެންބަރުންނާއި މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ބައެއްގެ ގޮތުގައި އޮތް ރައްޔިތުންގެ މަޖިލީސް، މުޅިން އިންތިޚާބުކުރެވޭ މަޖިލީހަކަށް ބަދަލުކުރުމާއި؛ ފަނޑިޔާރުންނަކީ ސީދާ ރައީސުލްޖުމްހުރިއްޔާ ޢައްޔަނުކޮށް ވަކިކުރާ ބަޔަކަށްއޮތް އޮތުން ބަދަލުކޮށް، ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުންނާއި، ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޢައްޔަނުކޮށް، ރައްޔިތުންގެ މަޖިލީހުން ނޫނީ ވަކިނުކުރެވޭނޭ ގޮތަށް ކަނޑައެޅުމާއި؛ ޤައުމުގެ އެންމެ މަތީ ކޯޓަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އޮތްއޮތުން ބަދަލުކޮށް، ސުޕްރީމް ކޯޓެއް އުފައްދައި، އެކޯޓަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ މަތީ ބާރުތައް ދިނުމާއި؛ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ އިލެކްޝަންސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންފަދަ ތަންތަން ރައްޔިތުންގެ މަޖިލީހުން ޢައްޔަނުކުރާ މުއައްސަސާތަކަށް ހެދުންފަދަ ބޮޑެތި ބަދަލުތައް ހިމެނޭ. އަދި ހަމައެއާއެކު، ޑިމޮކްރަސީ އެންމެ ބޮޑަށް އާލާކުރެވިފައިވާ ޤައުމުތަކުގައި ރައްޔިތުންނަށް ލިބިދީފައިވާ ހުރިހާ ދުސްތޫރީ ޙައްޤުތައް، ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީ، ޤާނޫނަކުން މި ޙައްޤުތައް ކަނޑަނާޅާ އޮތުމަކީ އެއްވެސް ޙާލެއްގައި އެއްވެސް ޙައްޤެއް ހިފެހެއްޓޭނޭ ހަމައެއް ނޫން ކަމުގައިވެސް ބަޔާންކޮށްފައިވޭ. މީޑިޔާގެ މިނިވަންކަން އެންމެ ފުރިހަމައަށް ޔަޤީންކުރެވިފައިވޭ.

މިކަންކަން ކުރެވުނީ، މިޒަމާނުގެ ޑިމޮކްރަސީއެއް ރާއްޖޭގައި ޤާއިމުކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށް، ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ބާރުތައް ވަކިކޮށް، އިންތައް ވަކިކުރުމަށްޓަކައި. ޑިމޮކްރަސީގެ އެންމެ ފުރިހަމަ މާނަ ކަމުގައިވާ، Government of the people, for the people, by the people ، ނުވަތަ "ދިވެހި ދައުލަތަކީ، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކައި ރައްޔިތުން ހިންގާ ދައުލަތަކަށްވުން" މިއީ ދައުލަތުގެ ހިންގުމުގެ އަޞްލު ކަމުގައި ހެދުމުގެ މަޤްޞަދުގައި.

ލޮބުވެތި ދިވެހި ރައްޔިތުން،

ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުނުތާ 5 އަހަރުވީއިރު، މި މަޤްޞަދުތައް ޙާޞިލުވޭތޯ ސުވާލުކުރަން އެބަޖެހޭ. 2008 ވަނަ އަހަރު ޤާނޫނުއަސާސީއަށް އަޅުގަނޑުމެން ގެނައި ބަދަލުތަކަކީ އެތައް ހާސް އަހަރެއްގެ ދުސްތޫރީ ވެރިކަމުގެ ޙަޟާރަތުތައް ހުރި ޤައުމުތަކުން މިއަދު ޢަމަލުކުރަމުންގެންދާ އުޞޫލުތައް. އ.ދ އުފެދުނީއްސުރެ، ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ މައިދާނުގައި މިއަދު ޤަބޫލުކުރާ ޙުކުމްތައް. މިދެންނެވި ކަންކަމަކީ ރާއްޖެއަށްވެސް ތަޢާރަފު ކުރަންޖެހޭ ކަންކަން.

މިކަންކަން ތަޢާރަފު ކުރުމުގެ މަސައްކަތް ކުރެވުނީ ދިގު ވެރިކަމެއްގެ ފަހުކޮޅުގައި ކަމުގައިވުމުން، ޤާނޫނުއަސާސީގައިވާ ހުރިހާ މާއްދާއަކީ، މުޅިޤައުމުގެ ހިންގުމުގެ އޮނިގަނޑަށް ބަލައިގެން ލިޔެވުނު މާއްދާތަކެއް ކަމުގައި ބުނެވޭކަށް ނެތް. މިއާ ޚިލާފަށް، އޭރުއޮތް ޙާލަތެއް ބަދަލުކުރުމުގެ ނިޔަތުގައި ލިޔެވިފައިވާ މާއްދާތަކެއް ޤާނޫނުއަސާސީގައި ހިމެނުނު ކަމުގައި ބުނެވިދާނެ.

މިދެންނެވިފަދަ މާޙައުލެއްގައި ޤާނޫނުއަސާސީ އެކުލަވާލައި ނިމުނުއިރު، ކިތަންމެ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެންދިޔަ. ޤާނޫނުއަސާސީ ތަންފީޛު ކުރުމަށްޓަކައި، އެކުލަވައިލަންޖެހޭ 100 އެތައް ޤާނޫނެއް އަދިވެސް ވަނީ އެކުލަވައިނުލެވި. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގެ އިތުރުން ކޮންމެ ކަމަކަށް ވަކި މުއައްސަސާއެއް ދަނީ އުފައްދަމުން. އެ މުއައްސަސާތަކުން ދަނީ މިނިވަންކަމާއެކު ވަޒީފާދީ މުސާރަތައް ކަނޑައަޅަމުން. ރައްޔިތުންގެ މަޖިލީހާމެދު ރައްޔިތުން ކުރަމުން އައި އުންމީދު ޙަޤީޤަތަކަށްވޭތޯ ވަނީ ސުވާލު އުފެދިފައި. ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އަގުވައްޓާލައި، އެ މުއައްސަސާއާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައި. ނުވަތަ ގެއްލުވާލާފައި. ސަރުކާރަށް ކުރިމަތިކޮށްފައިވާ ޤާނޫނީ ހުރަސްތަކުގެ ސަބަބުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައި. ދައުލަތުގެ ބާރުތަކުގެ ތެރޭގައި ޚިޔާލުތަފާތުވެ، ބާރުވެރިކަމުގެ ވާދަވެރިކަމެއް އުފެދިފައި. ދައުލަތުގެ އެކި މުއައްސަސާތަކުގެ މިނިވަންކަމުގެ ތެރޭގައި، މުސާރައިގެ ވާދަވެރިކަމެއް އުފެދި، މުސާރައިގެ ހަމަހަމަކަމެއް އަދިވެސް ވަނީ ޤާއިމުނުކުރެވި. ދައުލަތަށް ލިބޭ އާމްދަނީ އަށްވުރެ، ޚަރަދުތައް ވަނީ އެތައް ގުނައެއް ބޮޑުވެފައި. ޤާނޫނުއަސާސީއާއި ޤާނޫނުގެ އޮނިގަނޑު ފުރިހަމަނުވުމުގެ ސަބަބުން ކުޑަކުދިންނާއި، އަންހެނުންގެ ރައްކާތެރިކަމުގެ ނިޒާމްތައް ބަލިކަށިވެ، ކުށްކުރާ މީހުންނަށް އެދެވޭ ގޮތެއްގައި އެކަށީގެންވާ ފިޔަވަޅު ނޭޅިފައި.

މިދެންނެވި ސަބަބުތަކާހުރެ، ޤާނޫނުއަސާސީން ދައުލަތަށް ގެންނަން ބޭނުންވި އިޞްލާޙީ ބަދަލުތަކުގެ އެންމެ އެދެވޭ ފައިދާ ދައުލަތަށް ކުރަމުންދާ ކަމުގައި ދެންނެވޭކަށް ނެތް. ދައުލަތް އެންމެ ފުރިހަމަގޮތުގައި ހިނގަމުންދާ ކަމުގައިވެސް ދެންނެވޭކަށް ނެތް. ބުރަ މަސައްކަތުން ފޮނި އުންމީދުތަކަކާއެކު، ޤާއިމުކުރި ޑިމޮކްރަސީގެ ފައިދާ ދިވެހިންނަށް އަދިވަނީ ނުލިބި. އެއީ ޑިމޮކްރަސީގައި ހުރި އުނިސިފައަކުންނެއް ނޫން. މިއާ ޚިލާފަށް އެއީ ޑިމޮކްރަސީ ފައްކާކުރުމުގައި އަޅުގަނޑުމެން އިހުމާލުވެފައިވާތީ. ދުނިޔޭގެ އެތައް ހާސް އަހަރެއްގެ ދުސްތޫރީ ނިޒާމުތައް ކާމިޔާބުކަމާއެކު ހިންގުނަސް، 75 އަހަރުގެ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގައި، މިކަންކަންވަނީ ހިންގަން ދަތިވެފައި. ޤާނޫނުތަކުގައިވާ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނެގުމަކީ އާދައަކަށްވެފައި. އަދި މިއަދުގެ ޚިޔާލު ތަފާތުވެ ބައިބައިވުމަށް ގާތްވެފައިވާ މުޖްތަމަޢުގައި ފެންނަނީ، ޅަފަތުގައި އޮތް، ފުރިހަމަނުވާ، ދުސްތޫރީ އޮނިގަނޑެއްގައިވާ، ބާގަނޑުގަނޑުގެ ނާޖާއިޒު ފައިދާ ބަޔަކު ނަގާތަން. ދައުލަތުގެ މުއައްސަސާތަކުގައިވަނީ ރެނދުލާން ފަށާފައި.

މިކަންކަމުގެ މިސާލުތައް ދައުލަތުގެ އެކި ހިސާބުތަކުން ދަނީ ފެންނަމުން. ރައްޔިތުންގެ މަޖިލީހުގެ އިތުބާރުނެތް ވެރިއަކު، ދައުލަތުގެ އެންމެ ގިނަ މުއައްޒަފުންނަށް އަމުރުކުރަން ހުންނަވަން ބޭނުންފުޅުވާތަން އެބަފެނޭ. ދައުލަތުގެ އެންމެ މަތީ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނޭފަދަ ޙާލަތެއް މިއަދުވަނީ މެދުވެރިވެފައި. އެކިއެކި ޖިނާޢީ ކުށުގެ ތުހުމަތުގައި ތިބި މީހުން ދައުލަތުގެ މުއައްސަސާތަކުގައި މިއަދު އެބަތިބި. މީހުން މަރާ، ޤައުމުގައި ހުޅުޖަހާ މީހުން މިނިވަނުންގެ ގޮތުގައި އެތައް އަހަރެއް ވަންދެން މަގުމަތީގައި އެބައުޅޭ. އަންހެންދަރިންނާއި ކުޑަކުދިންގެ ޙައްޤުތައް ވަނީ ޙިމާޔަތްނުކުރެވިފައި. އަޑުގަދަމީހާގެ ބަސްގަދަވެ ބާރުގަދަވާތަން މިދަނީ ފެންނަމުން. އެންމެ ހިތާމަހުރިކަމަކީ މިކަންކަމުގެ ތެރޭގައި ޙައްޤުގޮތުގައި ޤާނޫނުގެ އިމުގައި ތިބޭ ރައްޔިތުން އަމިއްލައަށް ގޭގައި ބަންދުވެގެން ތިބެންޖެހޭކަން. މަޑުމައިތިރި ކަމަކީ ޙައްޤުތައް ގެއްލޭކަމަކަށް ވެފައިވާކަން.

ލޮބުވެތި ރައްޔިތުން،

ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މިފަދަ ކަންކަމުގެ ވާހަކަދެއްކުމަކީ އަޅުގަނޑު ހިތްހަމަޖެހިގެން ކުރާކަމެއްނޫން. ކުށުގެ ތުހުމަތުގައިވާ މީހާގެ ޙައްޤުތައް ޤާނޫނުއަސާސީން ރައްކާތެރިކޮށްދެނީ މީހުން މެރުމާއި ތަންތަން ރޯކުރުންފަދަ ބޮޑެތި ކުށްކުރާ މުޖުރިމުންނަށް އެފަދަ ކަންކަން ފުރުޞަތު ދިނުމުގެ މަޤްޞަދުގައި ކަމުގައިނުވާތީ. ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ދީފައިވަނީ އެއްވެސް ޙާލެއްގައި މީހުންގެ އަބުރާބެހި، މުޖްތަމަޢުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަން ކަމުގައި ނުވާތީ. ދައުލަތުގެ މުއައްސަސާތައް މިނިވަންކުރެވުނީ އެއްވެސް ޙާލެއްގައި އެތަނުގައި ތިއްބަވާ ބޭފުޅުންނަކީ ޤާނޫނާއި ޢާންމު އިޖްތިމާޢީ މިންގަނޑުތަކަށް ޢަމަލުކުރަން ނުޖެހޭ ބަޔަކަށް ހެދުމަށް ކަމުގައިވެސް ނުވާތީ.

ދިވެހި ލޮބުވެތި މުވާޠިނުން،

އަޅުގަނޑުމެންގެ ކޮންމެ މީހަކީ ޤައުމުގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވާންޖެހޭ މީހެއް. ހަމައެފަދައިން އަޅުގަނޑުމެންގެ ކޮންމެ މީހަކީ ޤައުމުގެ ތަރައްޤީއަށްޓަކައި އުފާފާޅުކުރާ، އަދި އެތަރައްޤީ ފާހަގަކުރާ މީހަކަށްވެސް ވާންޖެހޭ. މިރޭގެ މިޖަލްސާއަކީ މިފަދަ 43 ބޭފުޅުންގެ ޝަރަފުގައި ބޭއްވޭ ޖަލްސާއެއް. މި އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. Exemplary ނުވަތަ ނަމޫނާ ދިވެހިން ޤައުމުގައި ގިނަވުމަކީ އަޅުގަނޑުގެ ހިތްހަމަޖެހުމެއް.

މިރޭގެ އިނާމްގެ ޝަރަފުވެރިންނަކީ 43 ބޭފުޅުން ކަމުގައިވީ ނަމަވެސް، މިރޭ މިފާހަގަކުރެވެނީ ދިވެހި ޤައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ކޮންމެ ޚިދުމަތްތެރިއެއްގެ ޚިދުމަތް. މިރޭގެ އިނާމްތަކުން ރަމްޒުކޮށްދެނީ މި ޤައުމުގެ މިގޮތަށް ދެމިގެން މިއޮތީ، ކޮންމެ ދިވެހި މުވާޠިނެއްގެސް ޚިދުމަތުންކަން. ދިވެހި ޤައުމު މިހިސާބަށް ގެނެސްދިނުމުގައި މި ޤައުމުގެ ކަނޑުތަކުގައި ޚިދުމަތްކުރި އަދި ކުރަމުންގެންދާ ކޮންމެ މަސްވެރިއެއްގެ ޙިއްޞާއެއްވާކަން. ކޮންމެ ދަނޑުވެރިއަކާއި ރާވެރިއެއްގެ ޙިއްޞާވެސްވާކަން. ކޮންމެ ޑޮކްޓަރަކާއި ނަރުހެއްގެ ޚިދުމަތްވެސްވާކަން. އަދި ކޮންމެ ކިޔަވާކުއްޖެއްގެ ދައުރެއްވެސްވާކަން.

މިރޭގެ އިނާމް ޙާޞިކުރައްވާ ބޭފުޅުންގެ ތެރޭގައި ވަރަށް ޚާއްޞަ ފަރާތެއްވޭ. އެއީ ސައުތު ކޮރެއާގައި ބޭއްވުނު، ގްލޯބަލް އައި.ޓީ ޗެލެންޖް ފޮރ ޔޫތު ވިތު ޑިސްއެބިލިޓީސްގެ، އީ ސްޕޯޓްސް އިންޓެލެކްޗުއަލް ޑިސްއެބިލިޓީ ސެކްޓަރގެ ބެސްޓް ޗެލެންޖަރގެ މަޤާމު ހޯދާފައިވާ ޢިމާދުއްދީން ސްކޫލްގެ ދަރިވަރު، ނަޒީޙު ޔައުޤޫބް ޙުސައިން. ނަޒީޙަކީ ޢުމުރުން އެންމެ 16 އަހަރުގެ ކުއްޖެއް. ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް. އެހެނަސް އޭނާވަނީ އޭނާއަކީ ދިވެހި ޤައުމުގެ ސާބިތު އެހެން ދަރިވަރުންނެކޭ އެއްފަދައިން، ކުޅަދާނަ ކުއްޖެއްކަން ސާބިތުކޮށްދިފައި. ނުކުޅެދުންތެރިކަމަކީ ހުރަހެއްނޫންކަމާއި، އޭނާއަކީ އޭނާގެ އަމިއްލަ ނަފްސާމެދު ފަޚުރުވެރިވެވޭނޭ އަދި މި ޤައުމުގެ ނަން ބައިނަލްއަޤްވާމީ މައިދާނުގައި ވިދުވާލެވޭނޭފަދަ ކުއްޖެއްކަން ސާބިތުކޮށްދީފައި. އޭނާއަކީ exemplary ނުވަތަ ނަމޫނާ ދަރިއެއްކަން ދައްކުވައިދީފައި. ޤައުމަށް ރީތިނަން ހޯދައިދިނުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނޭ ކަމެއްކަން ސާބިތުކޮށްދީފައި. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން ނުކުޅެދުންތެރިންނަށްވަނީ އަޅުގަނޑުމެން އެކަން އެގޮތަށް ކުރާތީކަމާއި، އެފަދަ މީހުން ކުޅެދުންތެރިންނަށް ހެދޭނީ ހަމަ އަޅުގަނޑުމެންނަށްކަން މިއަދު ޤަބޫލުކުރަންޖެހޭ. އޭނާއަށްޓަކައި މިއަދު މި ޤައުމު ފަޚުރުވެރިވޭ. މާތްﷲ އޭނާއަށާއި އޭނާފަދަ އެހެން ކުދިންނަށް ކާމިޔާބު ދެއްވާށި. އެކުދިންގެ މަސައްކަތުގައި ބަރަކާތްލައްވާށި.

ލޮބުވެތި އަޚުންނާއި އުޚުތުން،

މިއަދު އަޅުގަނޑުމެން ކުޑަކުއްޖެއްގެ ކާމިޔާބީއަށް ފަޚުރުވެރިވާއިރު، އެފަދަ ކުއްޖަކާމެދު އުފާފާޅުކުރާއިރު، އަޅުގަނޑުމެންގެ ކުޑަކުދިންގެ ތެރެއިން އަނިޔާ ލިބޭ ކުދިންގެ ޙައްޤުގައި ތެދުވާންވެސް ކެރެންވާނެ. އަޅުގަނޑުމެން އެކުދިންގެ ޙައްޤުގައި ބަސްބުނަނީ ހަމައެކަނި ސިޔާސީ ފައިދާއެއް އޮތްފަހަރެއްގައި ކަމުގައިވާނަމަ އެއީ ސިލެކްޓިވް ޖަސްޓިސް. އެހެން އެކަން ހިނގާނަމަ، ޤައުމުގެ މުސްތަޤްބަލާމެދު ކުރެވޭ އުންމީދުތަކުގެ މާނައެއް ނޯންނާނެ.

މީގެ ކުޑަދުވަސްކޮޅެއްގެ ކުރިން، ދިވެހި ޤައުމުގެ ކުޑަ އަންހެން ކުއްޖެއްގެ މައްސަލައިގައި ސަރުކާރުން އިސްވެ ފިޔަވަޅުތަކެއް އެޅިން. ޢުމުރުން ވަރަށް ކުޑައިރުއްސުރެ އެހެން ބައެއްގެ ޖިންސީ ޝިކާރައަކަށް ވެފައިވާ ކުއްޖަކު، ސަރުކާރުގެ މުއައްސަސާތަކުގައި 2009 ވަނަ އަހަރުން ފެށިގެން އޭނާގެ މައްސަލައޮވެ، ޢުމުރުން 15 އަހަރުގައި އޭނާ މަންމައަކަށްވެ، އޭނާގެ ދަރިފުޅު އެހެން ބަޔަކު އަނިޔާވެރިގޮތަކަށް މަރާލައި، އަދި އޭނާއަކީ މުޖްރިމެއްގެ ގޮތުގައިވެ ޙުކުމް ކުރެވުމުން، އޭނާގެ ޙައްޤުގައި ސަރުކާރުން އިސްނަގައިގެން މަސައްކަތްތަކެއް ކުރީމު. މައްސަލަ އިސްތިޢުނާފަށް ހުށަހަޅައި، އިންޞާފު ޤާއިމުކުރުމުގައި އިސްނެގީ ސަރުކާރުން. އެއީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކާ ދެކޮޅަށް ސަރުކާރުން ކުރި މަސައްކަތެއް ކަމުގައި ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވި. އަދި އެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދިޔައީ، ބައިނަލްއަޤްވާމީ ޕްރެޝަރުގެ ސަބަބުން ކަމުގައިވެސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދިޔަ. ބައެއް ބޭފުޅުން އެކަމާ ފާޅުގައި އެއްޗެއް ވިދާޅުވާން ފަސްޖެހިވަޑައިގެންނެވި. އެކުއްޖާގެ ދިފާޢުގައި އަޅުގަނޑު ތެދުވީ އެމައްސަލަ ދިރާސާ ކުރިއިރު، އެކުއްޖާއަކީ އިސްލާމީ ޝަރީޢާގައި ބަޔާންވެގެންވާ ޙުކުމްތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބުނާ ހަމަތަކުން ބޭރުން ތަޙްޤީޤުކުރެވި، ދަޢުވާކުރެވި އަދި ޙުކުމް ކުރެވިފައިވާ ކުއްޖަކަށްވާތީ. މައިންބަފައިންނާއި ޢާއިލާގެ ހަމްދަރުދީއެއް ނުލިބި، އަޅާލާނޭ މީހަކު ނެތިފައިވާ ކުއްޖެއްގެ ޤާނޫނީ ބަލަދުވެރިއަކީ ދައުލަތް ކަމުގައިވާތީ. އަޅުގަނޑުގެ އަމިއްލަ ދަރިއަކަށް އެފަދަ ކަމެއް ދިމާވިނަމަ އިންޞާފު ހޯދައިދިނުމަށް އަޅުގަނޑަށް ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރާނޭތީ. އަދި ދިވެހިރާއްޖޭގެ ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަމެއްގެ ގޮތުން. މިކަމުގައި އަޅުގަނޑު އެކަނި މިވާހަކަ ދައްކަން ޖެހުނަސް، އެކަންކުރަން ކެރޭނޭ މީހެއްގެ ހައިސިއްޔަތުން.

ލޮބުވެތި ރައްޔިތުން،

މިމައްސަލައިގައި އިސްތިޢުނާފުގެ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން އެނގިގެން ދިޔައީ، ދިވެހި ޤައުމުގައި ކަންކަން ޙައްލުކޮށް، ޤާނޫނުއަސާސީގައި ބުނާ ޙައްޤުތަކާއި ހަމަތައް ކަނޑައަޅައި، ޤާނޫނުގެ ވެރިކަން ނަގާކޮޅަށްޖެހޭނޭވަރުގެ ޤާބިލު މީހުން، މި ޤައުމުގައި އެބަތިބިކަން. ކަންކަމުގައި އިސްނަގައިގެން ތެދުވެ، ޙައްލުހޯދޭނޭފަދަ ވަކީލުންނާއި، ފަނޑިޔާރުން އެބަތިއްބެވިކަން. ހިޔުމަން ރައިޓްސް ކޮމިޝަންގެ ޒިންމާ އަދާކުރައްވާނޭކަން ޔަޤީން ކުރެވިދާނޭކަން. ޤައުމުގެ ކަމާބެހޭ އެންމެން އެކައްޗެއް ކިޔައިފިނަމަ، ބޮޑެތި މައްސަލަތައް ކުދިމައްސަލަތަކަކަށް ހެދިދާނޭކަން. ދިވެހިންގެ ޤައުމުގެ ހުރި ބަލިކަށިކަން ވަރުގަދަ ކަމަކަށް ބަދަލުކުރެވޭވަރުގެ ދަރިން ދިވެހި ޤައުމުގައި އެބަތިބިކަން.

ލޮބުވެތި ދިވެހި ރައްޔިތުން،

މިރޭގެ މި މަޤާމުގައި، އަޅުގަނޑު އެބަޔަކަށް ޚާއްޞަކަމެއް ދޭން ބޭނުންވާ އަނެއްބަޔަކީ ދިވެހި ޤައުމަށް ވަރަށް އެދެވޭ ޚިދުމަތްތަކެއް ކުރަމުންގެންދާ ބައެއް. ދިވެހި ޤައުމީ ދިދަ، ބައިނަލްއަޤްވާމީ މައިދާނުގައި ކާމިޔާބުކަމާއެކު ވިހުރުވާލުމުގައި އެންމެ މަތީ ފެންވަރުގައި ޚިދުމަތްކުރި އަދި ކުރަމުންގެންދާ ދިވެހި، ހިތްވަރުގަދަ ބަޠަލުންތަކެއް. އޭގެ ދެވަނައެއް ނުވާފަދަ Exemplary ނުވަތަ ނަމޫނާ ދިވެހި ދަރިންތަކެއް. އާދެ! އެއީ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު. ދިވެހި ޤައުމީ ޓީމަކީ، 3 ލައްކަ މީހުންގެ ކުޑަކުޑަ އާބާދީއަކުން ނިކުމެ، އެތައް މިލިއަން މީހުންގެ އާބާދީތަކުން ހޮވާލާފައިވާ މީހުން ބަލިކޮށް، މި ސަރަޙައްދުގެ ފުޓުބޯޅައިގެ ތާޖު ކާމިޔާބުކުރި ކާމިޔާބު ދިވެހިދަރިން. ރަތްކުލައިގެ ޖާރޒީއަކީ ފަޚުރުވެރިކަމާއެކު ކޮންމެ ދިވެއްސަކު ލާނޭ ޖަރޒީ ކަމުގައި ހަދައިދިން ހިތްވަރުގަދަ ދިވެހި ފަހުލަވާނުން. ފެއްސާއި ރަތާއި ހުދުގެ ކުލަތައް މި ސަރަޙައްދުގެ ސްޓޭޑިއަމްތަކުގައި ޢާންމުކޮށްދިން މިސާލެއްނެތްފަދަ ދިވެހި މުވާޠިނުން. އަޅުގަނޑުމެންގެ ފަޚުރު އަދި އުންމީދު. ދިވެހި ޤައުމީ ޓީމަށް ތިޔަ އެންމެ ބޭފުޅުންގެ ހޫނު ތަރުޙީބަކަށް އަޅުގަނޑު އެދެން.

މިމަހުގެ ފަހުކޮޅު ޓީމު އަނެއްކާވެސް އެ ފުރަނީ، ސާފް ޗެމްޕިއަންޝިޕަށް. ސިޔާސީ މައިދާނުގެ ފޯރީގައި އަޅުގަނޑުމެން ޓީމު މަތިން ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑުމެންގެ ޤައުމީ ޓީމުގެ އަތުން، އަޅުގަނޑުމެން ދޫކޮށްލައިގެން ނުވާނެ.

ލޮބުވެތި ދިވެހި ރައްޔިތުން،

އަޅުގަނޑުމެންގެ މި ޤައުމަކީ ވަރަށްވެސް ކުޑަކުޑަ ޤައުމެއް. ވަރަށް ކުޑަ އިޤްތިޞާދެއް. ދުނިޔޭގެ ފެންވަރުގައި ތަޢުލީމް ލިބިފައިވާ މީސްކޮޅު މަދު ރާއްޖެއެއް. އެހެނަސް، މިރާއްޖޭގައި ކާމިޔާބުގެ ރީތި މިސާލުތައް މަދެއްނޫން. Exemplary ދިވެހިން މަދެއްނޫން. އެމިސާލުތައް މިދަނީ ހަމަކޮންމެ ދުވަހަކުމެ ފެންނަމުން. މިރޭގެ މި ހަފްލާގައި އިނާމް ޙާޞިލުކުރައްވާ ބޭފުޅުންނަކީ މިފަދަ ނަމޫނާ ދަރިންތަކެއް. ދިވެހި ޤައުމީ ފުޓުބޯޅަ ޓީމާއި، ދިވެހި ޤައުމީ ވޮލި ޓީމަކީ މީގެ މިސާލުތައް. އިމާދުއްދީން ސްކޫލްގެ ދަރިވަރު ނަޒީޙު ޔައުޤޫބް ޙުސައިނަކީ މިފަދަ ދަރިއެއް. ކޮންމެ އަހަރަކު މުޅި ދުނިޔެއިން އެއްވަނައަށްދާ ދަރިވަރުންނަކީ އޭގެ ރީތި މިސާލުތަކެއް. މިއިން ކޮންމެ މިސާލަކީ ޤައުމަށް ލިބޭ ރީތިނަމެއް. ޤައުމުގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނޭ ކާމިޔާބުތަކެއް.

މިއިން ކޮންމެފަހަރަކު އަޅުގަނޑުމެން ޤައުމަށްޓަކައި ފަޚުރުވެރިވަމު. ދިވެއްސަކަށްވީތީ ފަޚުރުވެރިވަމު. މިހެންވެ، އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވާނީ މިފަދަ މިސާލުތަކުގެ މައްޗަށް ޤައުމު ބިނާކުރުން. މިފަދަ މަގުތަކުން ހިނގުމަށް މިޞްރާބު ހިފުން. ފުރާފުރިހަމަކަމަށް ނުވަތަ excellence އާ ދިމާލަށް އަމާޒުހިފުން. އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދޭންވީ ކާމިޔާބިގެ ރާސްތާގައި ކުރިޔަށް ދިޔުމަށް. ނަމޫނާ ރައްޔިތުންނަށްވުމަށް. ފުރިހަމަކަން ހޯދުމަށް ހިތްވަރު ކުރުމަށް. ޤައުމިއްޔަތުގެ ބިންގާތައް ހަރުދަނާ ކުރެވޭނީ މިމަގުގައި އަޅުގަނޑުމެންގެ ފައިތިލަތައް ސާބިތު ކުރެވިގެން.

ލޮބުވެތި އަޚުންނާއި އުޚުތުން،

މީގެ 15 ވަރަކަށް ދުވަސްފަހުން އަޅުގަނޑުމެން މިކުރިމަތިލަނީ އިންތިޚާބަކާ. މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަމުގައި އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްވެސް ދަނީ ވަރަށް ޖޯޝާއެކު ކުރެވެމުން. ވެރިކަމުގެ ރޭހުގައި ތިބި 4 ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ވަރަށްގިނަ ބޭފުޅުން މަސައްކަތް ކުރައްވާ. މިއަދު ޤައުމުގެ މަގުތައްވަނީ އެކިކުލަތަކުގެ ދިދަތަކުން ހިޔާކުރެވިފައި. ރައްޔިތުންނަށް އެކިކުލަކުލައިގައި ހިޔާވަހިކަން ފޯރުކޮށްދީފައި. އެހެނަސް މި ހިޔާވަހިކަން މާނަވީ ކަމަކަށް ހެދޭނީ، އިންތިޚާބު ނިމޭއިރު، ޤައުމު 4 ބަޔަށް ބައިވެގެން ނުދާނޭ ގޮތަކަށް، ކަންކަން ހަމަޖެހިގެން. މިވަގުތުގެ އެންމެ ބޮޑު ބޭނުމަކަށްވާނީ ހަމަޖެހުން. ޤާނޫނުގެ އިންތަކުގެ ތެރޭގައި ތިބުން. ފުރިހަމަ އިންތިޚާބެއް ބޭއްވުމުގެ ކާމިޔާބީއަކީ ހަމައެކަނި ވަކި މީހަކު ހޮވުމެއްނޫން. އިންތިޚާބުގެ ކާމިޔާބީއަކީ އިންތިޚާބަށްފަހުގައިވެސް ޞުލްޙަވެރި އަމާން މާޙައުލެއް ޤާއިމުކުރުން. އިންތިޚާބު ކާމިޔާބުކުރާ މީހަކީ ރައްޔިތުންގެ ވޯޓުން އެގޮތަށް ކަނޑައަޅާ މީހާ ކަމުގައިވެ، އެހެން އެންމެން އެކަން ޤަބޫލުކޮށްގެން.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ބާއްވައި، އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަކު، ވެރިކަމާ ޙަވާލުވުމަށްޓަކައި ދުސްތޫރީ އޮނިގަނޑު ހިނގަހިނގާ އޮތުން ކޮންމެހެން ބޭނުން. އަމާންކަމާއި ހަމަޖެހުމާއެކު އިންތިޚާބެއް ބާއްވައި، ޤާނޫނުއަސާސީގައިވާ ގޮތަށް ވެރިކަން ޤާއިމުކުރުމުގެ ބޭނުންތެރިކަން ތިޔައިން ހަމަ އެއްވެސް ރައްޔިތަކަށް ވަންހަނާވެފައި ނޯންނާނެ. އަދި މި ދަނޑިވަޅުގެ ޚުޠޫރަތްތެރިކަން ތިޔައިން އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައި ނޯންނާނެ. މިފަދަ ވަގުތެއްގައި ދުސްތޫރީ އޮނިގަނޑު ފުނޑުފުނޑުވިޔަދީގެން ނުވާނެ. މިވަގުތު ޤައުމުގައި ހަމަނުޖެހުން އުފެދެން ވެއްޖެނަމަ، ފަތުުރުވެރިކަން ހީނަރުވެ، އިޤްތިޞާދު މިއަށްވުރެ ބޮޑަށް ހަލާކުވެދާނެ. ޤައުމަށް ހީނުކުރާވަރުގެ ދެރައެއް ލިބިދާނެ. އަޅުގަނޑުމެންގެ ކޮންމެ މީހަކަށްވުރެ މި ޤައުމު މުހިންމު. ޤައުމުގެ މަޞްލަޙަތުތައް މަތިވެރި. މިކަމަށް ފަރުވާތެރިވެވަޑައިގަންނަވާ.

މިކަމުގައި ތިޔައިން ކޮންމެ ބޭފުޅެއްގެ ޒިންމާއެއްވޭ. ދައުލަތުގެ މަޤާމުތަކުގައި ތިބި މީހުންގެ ޒިންމާ ބޮޑު. ސިޔާސީ ލީޑަރުންގެ ޒިންމާ އަދި އެއަށްވުރެ ބޮޑު. ޤައުމުގައި އަމާންކަން ޤާއިމުކޮށް، ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކޮށްދީ ހަމަޖެހުމުގެ ތެރެއިން އިންތިޚާބެއް ބާއްވަން، ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނަން. ދިވެހި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅާނަން. އެކަމުގައި ސަރުކާރުގެ ފަސްޖެހުމެއް ނޯންނާނެ.

އަޅުގަނޑުގެ އެދުމަކީ، އިންތިޚާބުގައި ކާމިޔާބު ހޯއްދަވާ ލީޑަރާއެކު، އެހެން ސިޔާސީ ވާދަވެރިންވެސް އަތްގުޅާލާތަން ރައްޔިތުންނަށް ފެނުން.

ލޮބުވެތި އަޚުންނާއި އުޚުތުން،

މިރާއްޖެއަށްޓަކައި އަޅުގަނޑުގެ ހުވަފެނެއްވޭ. އަޅުގަނޑުގެ އުންމީދުތަކެއްވޭ. މި ޤައުމަށްޓަކައި އަޅުގަނޑުގެ އޮތް ހުވަފެނަކީ މި ޤައުމުގެ ދަރިންނަކީ ދަރަނިން ސަލާމަތްވެފައިވާ، އަމިއްލަ ވަޠަނުގައި ރައްކާތެރިކަމާއި އަބުރުވެރިކަމާއެކު އުޅުމުގެ ފުރުޞަތު ލިބިފައިވާ ދަރިންނަށްވުން. މި ޤައުމަށްޓަކައި އަޅުގަނޑުގެ އޮތް ހުވަފެނަކީ، މި ޤައުމަކީ ތަޢުލީމް ޙާޞިލުކޮށްގެން ތިބި، އަޚްލާޤު ރަނގަޅު، އެކަކު އަނެކަކަށް އަޅާލާ ބަޔަކު އުޅޭ ޤައުމަކަށް ހެދުން. ނަމޫނާ ދަރިންތަކެއް އުފައްދާނޭ ޤައުމަކަށްވުން. މި ޤައުމަށްޓަކައި އަޅުގަނޑުގެ އޮތް ހުވަފެނަކީ، މި ޤައުމަކީ އުފާފާގަތި، ބާއްޖަވެރި ޤައުމަކަށްވުން. ކުށްމަދު، ރައްކާތެރި، ޤައުމުގައި ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކަމާއެކު އުޅޭ ތަނަކަށްވުން. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި އޮތް ދިވެހިރާއްޖެ، އެ މަޤާމަށް އަލުން ރުޖޫޢަކޮށްދިނުން.

މާތް ﷲ ތިޔަ ލޮބުވެތި ރައްޔިތުންނަށް ހެޔޮ ރަޙްމަތް ލައްވާށި! މިލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލައްވާށި! އާމީން!

والســّلام عليــكم ورحـمــة اللّـه وبـركاتـه