ޢުމުރުން ވަރަށް ކުޑައިރުއްސުރެ، ބައެއްގެ ޖިންސީ ޝިކާރައަކަށްވެފައިވާ، ޢުމުރުން 15 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ކުރެވުނު ޒިނޭގެ ކުށުގެ ދަޢުވާއާއި، އެކުށް ސާބިތުވެ ކުރެވުނު ޙައްދުޖެހުމުގެ އަދަބު، މިއަދު ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކުރެއްވިކަން އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ހިތްހަމަޖެހުމާއެކުއެވެ. މިއަދު ދިވެހިރާއްޖޭގެ ޙާލަތަށް ބަލާއިރު، އަންހެނުންނާއި ކުޑަކުދިންނާ ދޭތެރޭ ކުރެވޭ ޖިންސީ ކުށުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ގިނަވަމުންދާއިރު، މި ފަދަ މައްސަލަތަކުގައި، އަންހެނުންނާއި ކުދިން އިތުރަށް ޖިންސީ ޝިކާރައަކަށް ނުވާނޭ ގޮތަކަށް ޖިނާޢީ ޢަދުލުގެ ނިޒާމް އެކުލަވާލެވިގެން ދިޔުމަކީ، ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި އެފަދަ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އޮނިގަނޑަށް ކޮންމެހެން ބޭނުންވެފައިވާ އިޖުރާޢަތުތައް ޤާއިމުވެގެން ދިޔުމަކީ، މިއަދުގެ ޙާލަތަށް ބަލާއިރު، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުނުވުމަށް އެޅޭ ވަރަށްވެސް އެދެވޭ ފިޔަވަޅެއްކަމުގައި އަޅުގަނޑު ދެކެމެވެ. މިއަދުގެ މި ޙުކުމުން އިސްލާމީ ޝަރިޢާގައި މިފަދަ ކަންކަމުގައި ހަމަޖެހިފައިވާ ހަރުދަނާ އުޞޫލުތައް އޮޅުމެއްނުވާ ގޮތަށް ޤާއިމުވެ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ބަޔަކަށް ވެގެންދިޔަކަންވެސް އަޅުގަނޑު ފާހަގަކުރަމެވެ.

އަޅުގަނޑުދެކޭ ގޮތުގައި މިއީ، ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި މައްސަލައިގައި ހިމެނުނު ކުޑަކުއްޖާ މިހާރުވެސް ހުރީ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ކަމުން، އޭނާއަށް ދިމާވެފައިވާ ހިތާމަވެރި ކަންކަމުން ސަލާމަތްވެ، މުޖުތަމަޢުގައި އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ އެހީ އޭނާއަށް ދައުލަތުން އަދިވެސް ފޯރުކޮށްދޭނޭ ކަމުގައި ދަންނަވަމެވެ.