މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު 24 ބޭފުޅަކަށާއި 3 ފަރާތަކަށް ދެއްވުމަށް، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް މިއަހަރު ލިބިވަޑައިގަންނަވަނީ 4 ބޭފުޅަކަށެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ 15 ބޭފުޅުންނެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ 4 ބޭފުޅަކާއި އެންމެ ފަރާތަކުންނެވެ. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ އެއްބޭފުޅަކާއި އެންމެ ފަރާތަކުންނެވެ. ސަރުކާރުން ކަނޑައަޅުއްވާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ރޮނގުން މިއަހަރު ހުޅުއްވާލައްވާފައިވާ ކާބަން ނިއުޓްރަލް ކުރުމުގެ ގޮތުން ތެޔޮ އަންދަންޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތް ކުރާ ރިޒޯޓަކަށްވެސް މި ޖަލްސާގައި އިނާމު ދެއްވާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި، މި އޮގަސްޓު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ރޭ 8.30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.