މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި 1 ފަރާތަކަށް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކަނޑައަޅުއްވައިފިއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި، މި އޮގަސްޓް މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެރޭ 8.30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މިބޭފުޅުންނަށް އިނާމުތައް ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކުރެއްވި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބައްލަވާފައިވަނީ، މި އިނާމާބެހޭގޮތުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިވާ ކަންތައްތަކުގެ މައްޗަށެވެ. މީގެއިތުރުން، އިނާމަށް ނަން ހުށަހެޅުނު ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރުކޮށްދެއްވޭނެ ބޭފުޅުންގެ ގޮތުގައި، ހުށަހަޅުއްވާފައިވާ ބޭފުޅުންނާއި، އިނާމަށް ނަން ހުށަހެޅުނު ދާއިރާތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އެކި ބޭފުޅުންނާ ކޮމިޓީން ވަކިވަކިން ބައްދަލުކުރައްވައި އެފަރާތްތަކުގެ މަޝްވަރާއާއި ލަފާވެސް ހޯއްދަވާފައިވެއެވެ.

ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ހޯއްދަވާފައިވަނީ، ފޯމު ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ކަނޑައެޅުއްވި މިންގަނޑުތަކެއްގެ ދަށުން ޕޮއިންޓް ދެއްވުމަށްފަހު، އެ ދާއިރާއަކުން އެންމެ އެކަށީގެންވާ ކަމަށް ކޮމިޓީއަށް ފެނިވަޑައިގެންނެވި ބޭފުޅުންނާއި، އެބޭފުޅުންގެ ރެފްރީންނާއެވެ. މީގެއިތުރުން، އިނާމަށް ހުށަހެޅުނު ބައެއް ބޭފުޅުންގެ މަސައްކަތްވެސް ކޮމިޓީގެ މެންބަރުން ބައްލަވާފައިވެއެވެ.