މަތީ ތަޢުލީމު ހޯދުމަށް ލިބޭ ފުރުޞަތުތަކަށްޓަކައި ޝުކުރުވެރިވުމަކީ، އެ ފުރުޞަތުތަކުގެ ބޭނުން ރަނގަޅަށް ހިފައި، މޮޅަށް ކިޔެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޓަރޝަރީ ލޯން ސްކީމްގެ ދަށުން ލޯނު ލިބުނު ފަރާތްތަކާ ލިޔުން ހަވާލުކުރެއްވުމަށް، މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި ލޯންގެ އެހީ ހަމަޖެހިގެން ދިޔުމަކީ، އެފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ނަސީބެއްކަން ފާހަގަކުރައްވައި، އެފުރުސަތު ނަގައިނުލުމަށް ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި، ކިޔަވާނެ ރޮނގެއް ޚިޔާރުކުރުމުގައި ވިސްނަންވީ ހަމައެކަނި ކިޔަވައި ނިމިގެން ވަޒީފާއެއް ހޯދުމަށް ނޫން ކަމަށާއި، ވަޒީފާ އުފެއްދުމަށްވެސް ވިސްނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކޮންމެ ކުއްޖެއްގެވެސް މުސްތަޤްބަލް ބިނާކުރުމުގެ ބޮޑު ޒިންމާ އޮތީ އެކުއްޖެއްގެ އަތްމަތީގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، އަޅުގަނޑުމެންގެ މުސްތަޤްބަލް ބިނާކުރަންޖެހޭނީ މިއަދުގެ ޙަޤީޤަތަށް ވިސްނައިގެން އެކަނި ނޫންކަމަށާއި، މީގެ 20 އަހަރު ނުވަތަ 25 އަހަރު ދުވަސް ފަހުން ދުނިޔެ އޮންނާނެ ގޮތަކާއި، އަޅުގަނޑުމެން އުޅޭނެ ގޮތަކާ ދޭތެރޭގައިވެސް ވިސްނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ކޮންމެ ރޮނގަކުން ކިޔަވައި ވިދާޅުވާން ބޭނުންފުޅުވިޔަސް އެކަން ރަގަޅަށް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.