بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކުޑަހުވަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަން އަސްލަމް ރަޝީދު، އަދި އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް، ރަށު ކައުންސިލުގެ ރައީސް، ރަށު ކައުންސިލާއި، އަތޮޅު ކައުންސިލުގެ މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ސަބަބު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މަގުތަކުގައި ހިނގާލީމާ. ހަމަ ކޮންމެ ރަށެއްގައިވެސް މިހާރު ކާރާއި، ޓެކްސީއާއި، ޕިކަޕާ، މި ބާވަތުގެ ވެހިކަލްތައް ގެންގުޅެން ފެށީމާ މަގުތައް މިދަނީ ހަމަ ދުވަހަކަށްވުރެ ދުވަހެއް ހަލާކުވަމުން. މަގުތަކުގައި ފެން ބޮޑުވަމުން. އެހެންވީމާ، އަޅުގަނޑު މިހާރު މަސައްކަތް ކުރަމުން މި ގެންދަނީ، ވީހާވެސް ގިނަ ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދޭތޯ. އެހެންވީމާ، މި މަޝްރޫޢުގެ ދަށުން މި ވޭތުވެދިޔަ އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާ 6 ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މަޝްރޫޢެއް ފެށިފައި މިވަނީ. އެގޮތުން މިރަށުގައި ގާތްގަނޑަކަށް ހުރިހާ ބޮޑެތި މަގުތައް އިރާދަކުރެއްވިއްޔާ ތާރު އަޅައި، ރަނގަޅު ފެންވަރަކަށް ހެދޭނެ. އެ މަސައްކަތް ރަސްމީގޮތުން މިއަދު މި ފެށުނީ. ދެން، ދެންމެ އިވިވަޑައިގެންނެވި ފަދައިން، ޕޭވްމަންޓްތައް ފުރަތަމަ ހެދުން މި އޮތީ. ޕޭވްމަންޓްތަކުގައި ގާ އަޅައި، ޕޭވްމަންޓްތައް ހަދައި ނިމުނީމާ ދެން ތާރު އެޅުމުގެ މަސައްކަތް ފަށާނީ. ތާރު އެޅުމަށްޓަކައި މަގުތައް އެބަޖެހޭ ކޮނެލައި، މަގުތައް އެއްވަރުކޮށް، ހަރުކޮށް، އަދި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ ސިމެންތި އެޅުމާއި، މި ކަހަލަ ކަންތައްތަކެއް ކުރަން. ދެން ފުދޭވަރެއްގެ ބޮޑު މަސައްކަތެއް މިއީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިނިސްޓަރ ވިދާޅުވި ފަދައިން ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތްވެސް މިރަށުގައި ފެށޭނެ. މި ރަށުގައި މި އެޅެނީ 6 ކިލޯމީޓަރުގެ މަގު.

މުޅި ރާއްޖޭގައި މި މަޝްރޫޢުގެ ދަށުން، އަޅުގަނޑުމެން ގަސްދުކުރަނީ ގާތްގަނޑަކަށް 50 ކިލޯމީޓަރުގެ މަގު ހަދަން. މީގެ އިތުރުން، އެނގިވަޑައިގަންނަވާނެ ފަދައިން ޗައިނާ ސަރުކާރުން އަޅުގަނޑު މި މަސައްކަތްކުރަނީ، ހައްދުންމަތީ ގަމުގައި އޮންނަ ދިގު މަގު، އެއީ 16 ކިލޯމީޓަރުގެ ދިގު މަގެއް، ފޮނަދޫން ފެށިގެން ގޮސް ލ. ގަމާ ހަމައަށް އޮންނަ މަގެއް އެމަގަކީ. އެ މަގުވެސް ތާރު އަޅައި ނިންމޭތޯ. ދެން އިރާދަކުރެއްވިއްޔާ މާ ލަހެއްނުވެ ޗައިނާ ކުންފުންޏަކުން އެ މަސައްކަތްވެސް ކުރަން ފަށާނެ. އެހެންވީމާ، މިއީ ފުދޭ ވަރެއްގެ ބޮޑު މަސައްކަތެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު ނިމޭއިރުގައި މި ހުރިހާ ރަށެއްގެ ބޮޑެތި މަގުތައް ހުންނާނީ ހެދިފައި.

އާދެ! މިހާރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ވަރަށް ހަލުވިކަމާއެކީގައި މަގުތަކުގެ މަސައްކަތް ކުރިއަށް މި ގެންދަނީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، މި ބޮޑެތި މަގުތައް ހެދިގެން ނިމިގެންދާއިރުގައި ކުދި މަގުތައް ހެދޭނެ ގޮތެއްވެސް އަޅުގަނޑުމެންނަށް ފެނިގެންދާނެކަމަށް. އެހެންވީމާ، މީގެކުރިން ދުވަހަކުވެސް ރާއްޖޭގެ ރަށްރަށުގެ މަގުތައް ނުހެދޭ ފެންވަރަކަށް، ރަނގަޅަށް، ބާރުމިނެއްގައި އިރާދަކުރެއްވިއްޔާ މި މަގުތައް ހަދައި ނިމޭނެ.

އާދެ! މި ރަށަށް އެންމެފަހުން އަޅުގަނޑު އައީ އޮކްޓޯބަރުމަހު. ދެން މިދޭތެރޭގައިވެސް ތަންކޮޅެއް ބާރު ސްޕީޑެއްގައި ކަންތައްތައް ދާނެކަމަށް އަޅުގަނޑު އުންމީދު ކޮށްގެން ހުރީ. އެހެންނަމަވެސް، ބައެއް ކަންކަން އެބަހުރި ތިޔަބޭފުޅުންނަށް އިތުރު މަޢުލޫމާތު އަރުވަންޖެހޭ. ޚާއްޞަކޮށް މި ރަށަކީ މިއީ ބިން ހިއްކުމަށް ކަނޑައެޅިފައިވާ ރަށެއް. ބިން ހިއްކުމާއި، އަދި މި ރަށުގައި އެއަރޕޯޓެއް އެޅުމުގެ މަޝްރޫޢެއްވެސް އެބައޮވޭ. އެކަން އިރާދަކުރެއްވިއްޔާ ދާނީ ހަމަ ކުރިއަށް. އަޅުގަނޑު ގަސްދުކުރާ ގޮތުގައި އިރާދަކުރެއްވިއްޔާ މިއަހަރު ދެން މިއަހަރު ނިމޭކަށް މާގިނަދުވަހެއް ނެތް. އެހެންނަމަވެސް އަހަރު ނިމުމުގެ ކުރިން މިރަށުގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ. އަޅުގަނޑުމެން ބިން ހިއްކުމުގައިވެސް ފުދޭވަރެއްގެ ބޮޑު މަޝްރޫޢެއް ރޭވިން. އޭގެ ތެރެއިން
ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބައި މާލޭގައި، މާލެ ކައިރީގައި އޮތް ހުޅުމާލޭގައި ދެވަނަ ފިޔަވަހި ހިއްކުން. އެއީ ހަމަ މިހާރު މިއޮތް ހުޅުމާލެ ވަރުގެ ބޮޑު ބިމެއް އެތާނގައި ހިއްކުން. އެމަސައްކަތާ އޭގެ އިތުރުން އަދި ހަރަށުގެ ބިއްކުމުގެ މަސައްކަތް އަޅުގަނޑުމެން ރާވާފައި މިއޮތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަންކަން ކުރެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ވަރަށްބޮޑު ޔަޤީންކަމެއް އަރުވަން މިރަށުގެ ބިން ހިއްކޭނެ ކަމަށް. އަޅުގަނޑުމެން ކުޑަކޮށްވެސް އެކަމަކާ ފަރުވާއެއްވެސް ކުޑައެއް ނުކުރަން. ނުވެސް ކުރާނަން. ފަހަތަކަށްވެސް ނުޖެހޭނަން. ހޯދަންޖެހޭ އެއްޗެއް ހޯދައިގެން، މަސައްކަތް ކުރާނެ ބަޔަކު ތިބި ތަނަކުން ގެނެސްގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކުރާނެ ވާހަކަ ދަންނަވަން.

ހަމައެހެން، އެއަރޕޯޓްގެވެސް ކުރެހުންތަކާ އެއްޗެހިތައްވެސް މިހާރު ހުރީ ނިމިފައި. އެހެންވީމާ، އެއަރޕޯޓް ހެދުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.

ދެން އެނގިވަޑައިގަންނަވާނެ ފަދައިން ވާނީގެ މީހުން މިރަށަށް ބަދަލުކުރުމާ ގުޅިގެން އެމީހުންނަށް ގެދޮރު އެޅުމުގެ މަސައްކަތް މިހާރު މިވަނީ ފެށިފައި. އެހެންވީމާ، ވާނީ ބޭފުޅުންގެ ގެދޮރުވެސް އަޅާ ނިމޭނެ. އަދި އެތައް ހަދާ ނިމޭއިރުގައި އިރާދަކުރެއްވިއްޔާ ނަރުދަމާވެސް އެހާ ހިސާބަށް ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން.

އާދެ! ދެން ޒުވާނުންނަށް ކޮށްދޭންޖެހޭ ވަރަށްބޮޑު ކަމެއް އެބައޮވޭ. މިވަރުގެ ބޮޑު ރަށެއްގައި، މުހިންމު ރަށެއްގައި ބޯޅަދަނޑު ނެހެދި އޮތީމާ މިއީ ވަރަށްބޮޑު ކަމެއް. އަޅުގަނޑު ހިއެއް ނުކުރަން، މިވަރުގެ ރަށެއްގައި ބޯޅަދަނޑު މިހެން އޮންނާނެ ކަމަކަށްވެސް. އެހެންނަމަވެސް، ވަރަށްގިނަ ދުވަސްވެއްޖެ، މިރަށުގެ ޒުވާނުން މިކަމުގެ އުންމީދުގައި ތިބޭތާ. އެހެންވީމާ، މިހާރު އަޅުގަނޑު ދަންނަވައިފިން، އެމް.އާރު.ޑީ.ސީ.ގެ ބޭފުޅުންނަށް، އެބޭފުޅުން މަގު ހައްދަވާއިރުގައި ފުރަތަމަ ކަމަކަށް މި ބޯޅަދަނޑު އެއްވަރު ކޮށްދެއްވާށޭ. އެބޭފުޅުން އެކަމަށް އެއްބަސްވެވަޑައިގެންފި. ދެން ބޯޅަދަނޑު އެއްވަރުވާ ހިސާބުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެން ބޯޅަދަނޑުގައި ކުރަންޖެހޭ އެހެން ކަންކަންވެސް ކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އަޅުގަނޑު ދެން މިވަގުތުގެ ގޮތުންނާއި ކުޑަކޮށް ވިއްސާރަވުމާއެކީގައި ވާހަކަ ދިގުކުރާކަށް ނެތީމު. ހަމައެކަނި ދަންނަވާލަން ބޭނުންވަނީ، ވަރަށްގިނަ ބައެއްގެ އެހީއާ އެކީގައި މިމަސައްކަތް ކުރެވެމުން މިދަނީ. އެގޮތުން އަޅުގަނޑު ކުރިން ދެންނެވިހެން މިނިސްޓަރާ އަދި އެމް.އާރު.ޑީ.ސީ.ގެ އިސްބޭފުޅުންނާއި، ރަށުގެ ވެރިންނާ މިހުރިހާ ބޭފުޅުން މިކަމުގައި މަސައްކަތް ކުރައްވާފައި މިއޮތީ. އެހެންވީމާ، މިހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމައެއާއެކީގައި މިދާއިރާގެ މެންބަރު ރައްޔިތުންގެ މަޖިލިސްގެ މެންބަރު އާމިރަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ވޭތުވެދިޔަ ދެއަހަރެއްހާ ދުވަސް ވަންދެން ވަރަށް އަވަދިނެތި ތިޔަބޭފުޅުންގެ ޚިދްމަތުގައި އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ. ރާއްޖޭގެ ހާލަތު އެއްދުވަހަށްވުރެ އަނެއް ދުވަހެއް ރަނގަޅު ކުރެވޭތޯ، ސިޔާސީ ހާލަތުވެސް، އިޖުތިމާޢީ ހާލަތުވެސް އަދި އިޤްތިޞާދީ ހާލަތުވެސް. އެގޮތުން ސިޔާސީގޮތުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ރާއްޖެއަށް މިހާރު އައިސްފައި މިއޮތީ. ﷲ އިރާދަކުރެއްވިއްޔާ އަމާންކަމާއި އޮމާންކަމާއެކީގައި ކުރިއަށް އޮތް އިންތިޚާބު ކުރިއަށްދާނެ. ރިޔާސީ އިންތިޚާބުވެސް އަދި ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުވެސް އަދި ކައުންސިލްގެ އިންތިޚާބުތައްވެސް. އަޅުގަނޑުމެން ބޭނުމެއްނުވޭ، އަޅުގަނޑުމެންގެ ރަށްރަށް ހަލަބޮލިވާކަށް. އަޅުގަނޑުމެންގެ ރަށުގައި އުޅެން ނުކުޅަދާނަވާ ވަރަށް ކަންކަން ހަމަނުޖެހިގެން ދާކަށް. އަދި ނުރައްކާތެރި ތަންތަނަށް ވާކަށްވެސް. އެހެންވީމާ، އިރާދަކުރެއްވީތީ އޮމާންކަމާއެކީގައި އިންތިޚާބުގެ ކަންތައްތައްވެސް ގެންދެވޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އަދި މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދުވެސް ރަނގަޅު ކުރުމަށްޓަކައި ދައްކަންޖެހޭ ވަރަށްބޮޑެތި ދަރަނިތައް ދައްކާ ނިމިފައި އެހެރީ. ﷲ އިރާދަކުރެއްވިއްޔާ އަންނަ އަހަރު އަޅުގަނޑުމެންގެ އަތްމަތި ކުރިއަށްވުރެ ތަނަވަސްވެގެންދާނެ. ކުރަންހުރި ކަންތައްތައްވެސް ކުރުމަށް ފަސޭހަވެސްވެގެންދާނެ. އަޅުގަނޑު އުންމީދު ކުރަން، ތިޔަ ހުރިހާ ބޭފުޅުންވެސް އަޅުގަނޑަށް އަދިވެސް އިތުރު ފުރުސަތެއް ދެއްވާނެ ކަމަށް ތިޔަބޭފުޅުންނަށް ޚިދްމަތްކޮށްދިނުމުގެ. އަދިވެސް އެއްފަހަރު އަޅުގަނޑު، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް މާތް ﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަށް މިކުރިމަތީގައި އޮތް އަޅުގަނޑުމެންގެ އުފާވެރި ފިޠުރު ޢީދުގެ ބަރަކާތް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________