بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި، އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ލޮބުވެތި ދިވެހި ފުލުހުން، ޕޮލިސް ކޮމިޝަނަރ، އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނާއި، އެބޭފުޅުންގެ ޢާއިލާގެ އެކިއެކި ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑު މިރޭ ފުރަތަމަވެސް މި ބަރަކާތްތެރި ރަމަޟާން މަހުގެ ޚާއްޞަކޮށް، މިމަހުގެ ފަހުދިހައިގެ ބަރަކާތާއި ހެޔޮ ރަޙްމަތް، ތިޔަ ހުރިހާ ބޭފުޅުންނަށާއި، ތިޔަ ހުރިހާ ބޭފުޅުންގެ ޢާއިލާތަކަށް ލެއްވުން އެދި ދުޢާކުރަން.
އާދެ! މިރެއަކީ ވަރަށް އުފާވެރި ރެއެއް. އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިގެންދިޔަ ރެއެއް. ޙަޤީޤަތުގައި އަޅުގަނޑަށް ގެއެއް ލިބުމަށްވުރެވެސް މާބޮޑު އުފަލެއް މިރޭ އަޅުގަނޑަށް އިޙްސާސް ކުރެވިއްޖެ. ދެން އަޅުގަނޑަށް އެނގޭ، ދެންމެ ތިޔަ ފްލެޓްތައް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަރަށްގިނަ ދުވަސް ވަންދެން ޕޮލިސް ސަރވިސްގައި އުޅުއްވާފައި އަދި ވަރަށް ދަތި ހާލުގައި، ވަރަށްގިނަ ޒަމާންތަކެއް ވަންދެން ދައުލަތުގެ ޚިދްމަތުގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންނާ މިރޭ އަޅުގަނޑު ބައްދަލުވި މި ސްޓޭޖް މަތިން. އޭގެތެރެއިން ބައެއް ބޭފުޅުން ރަށް ދޫކުރައްވާފައި މާލެ ވަޑައިގެން، މި ޚިދްމަތުގައި އުޅުއްވާތާ، ދައުލަތުގެ ޚިދްމަތުގައި އުޅުއްވާތާ ސާޅީހަކަށް އަހަރުވެފައި ތިއްބެވި ބޭފުޅުން. ޕޮލިސް ސަރވިސްގައި، ފުލުހުންގެ ޚިދްމަތުގައި އުޅުއްވާތާވެސް ތިރީހަކަށް އަހަރުވެފައި ތިބި ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ، އަޅުގަނޑަށް އިޙްސާސް ކުރެވޭ، މިހާ ގިނަ ދުވަސް ވަންދެން ޢާއިލާ ގޮވައިގެން، ތުއްތު ކުދިން ގޮވައިގެން، އެކި ގޭގެއިން، އެއްގެއިން އަނެއް ގެޔަށް، އެއްތަނުން އަނެއް ތަނުން، ކުއްޔަށް ތަންތަން ހިފައިގެން މިހާ ގިނަ ޒަމާން ވަންދެން އުޅެން ޖެހުމަކީ އެއީ، ކިހާވަރެއްގެ ދަތި ކަމެއްކަން. އެހެންވީމާ، މިރޭ ތިޔަބޭފުޅުންގެ ހިތްޕުޅުތަކަށް ލިބިވަޑައިގަންނަވާނޭ ހިތްހަމަޖެހުމާއި އުފާވެރިކަން އިޙްސާސްވެފައި، އަޅުގަނޑު ނިހާޔަތަށް އެކަމާ އުފާކޮށް، މި ނިޢުމަތް އަޅުގަނޑުމެންނަށް ލިބުނު ކަމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަން.

މިކަމަކީ މިއީ މާކުރިންވެސް ވާންޖެހޭ ކަމެއް. މިހާ ގިނަ ދުވަސް ވަންދެން ފުލުހުންނަށް މިބާވަތުގެ ފެސިލިޓީއެއް ނެތި ދިޔަކަން އެއީ ވަރަށްދެރަ ކަމެއް. ދެން މިދިޔަ އަހަރުގެ ތެރޭގައި، އަޅުގަނޑުމެން އެކަމާ ބެހޭގޮތުން ޑިސިޝަނެއް ނެގީ. ފުލުހުންނަށާއި ސިފައިންނަށް މި އަޅަމުން ގެންދިޔަ ފްލެޓްތަކުގެ ތެރެއިން މި ފްލެޓްތަކެއް ރިޒަރވް ކުރަން. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް އަޅާ ފްލެޓްތަކުން ކޮންމެވެސް ބައެއް ހަމަ ފުލުހުންނަށާއި ސިފައިންނަށް ރިޒަރވް ކުރުން. އެކަން ކުރަން އެބަޖެހޭ. ސަބަބަކީ ފުލުހުންނާއި ސިފައިންނަކީ އެއީ، އެހެން ޚިދްމަތްތަކާ އަޅާބަލާއިރުގައި، ވަރަށް ތަފާތު، ވަރަށް ރިސްކީ، ވަރަށް ނުރައްކާތެރި ޚިދްމަތެއް އަދާކުރަމުންގެންދާ ބައެއް. ރައްޔިތުންގެ ސަލާމަތާއި، މުޅި ޤައުމުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ފުލުހުންނާއި ސިފައިން ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން އެންމެން އެބަޖެހޭ ގަބޫލުކުރަން. ޚާއްޞަކޮށް، ފުލުހުން، ދިމާވާ ހުރިހާ ކަމެއްގައިވެސް އެންމެ ފުރަތަމަ ސަފުގައި ހުރިހާ ނުރައްކަލަކާ ކުރިމަތިލައްވާ ބޭފުޅުންނަކީ ފުލުހުން. އެކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް، ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެން ހިނގައްޖެ.

މި ޤައުމު މިހާރު މިއޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ ތެރޭގައި، އަޅުގަނޑުމެންނަށް ހަމަނޭވާ ލައިގެން ނޫޅެވުނީސް، ފުލުހުން އެބޭފުޅުންގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާނުކުރެއްވިނަމަކަ. އެހެންވީމާ، ކޮމިޝަނަރުގެ އެ ކޮންސަރން އެހެން މީހުން މިކަމާ ދޭތެރޭގައި އެއްޗެއް ހީކޮށްފާނެތީ. އެއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހި ހުރިހާ ރައްޔިތުންވެސް ދަނޭ، ފުލުހުންނަކީ ކިހާވަރެއްގެ ޚިދްމަތެއް ކުރާ ބައެއްކަން. އެހެންވީމާ، އަޅުގަނޑުމެން މިރޭ ޙަޤީޤަތުގައި ވަރަށް އުފަލާ އެކީގައި، ވަރަށް ބޮޑަށް ފަޚްރުވެރިވަން، މިވަރުގެ ކަމެއްވެސް ދިވެހި ފުލުހުންނަށް ކޮށްދެވޭތީ.

އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ބަރޯސާވާން މިޖެހެނީ ތިޔަބޭފުޅުންގެ ޚިދްމަތުގެ މައްޗަށް. އަޅުގަނޑުމެންނަށް އެބަޖެހޭ، ހަމަޖެހިލައިގެން ދިރިއުޅެވޭނެ މާޙައުލެއް މާލޭގައިވެސް އަދި އަތޮޅުތެރޭގެ އެހެން ރަށްރަށުގައިވެސް ޤާއިމްވެފައި އޮންނަން. އޭރުން އަޅުގަނޑުމެންނަށް އޮފީހަށް ދެވޭނީވެސް. އަޅުގަނޑުމެންގެ ކުދިންނަށް ސްކޫލަށް ދެވޭނީވެސް. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޢާއިލާ ރަށުގައި ބައިތިއްބާފައި މަހަށް ދެވޭނީވެސް. އަދި ގޮސް ރިޒޯޓެއްގައި މަސައްކަތް ކުރަން އުޅެވޭނީވެސް. ރައްކާތެރިކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އޮވެގެން. އެ ޔަޤީންކަން ދެއްވާ ބަޔަކީ ތިޔަބޭފުޅުން. އެހެންވީމާ، ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށް ދޭންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަމަކީ އެއީ މި ޤައުމުން ކޮށްދޭންޖެހޭ ކަމެއް. އެކަން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، މިހާރަށްވުރެވެސް ރަނގަޅަށް ކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.

އާދެ! އެކަމުގައި ޕޮލިސްގެ ލީޑަރޝިޕްވެސް ވަރަށް މުހިންމު. އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ޕޮލިސް ކޮމިޝަނަރ ޚާއްޞަކޮށް، ފުލުހުންގެ ކަންކަމަށް ވަރަށް ބޮޑަށް އަޅާލައްވައި، ފުލުހުންގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި، ފުލުހުންގެ ޢާއިލާތަކާއި ފުލުހުންގެ ރައްކާތެރިކަމާއި ހަމަޖެހުމަށްޓަކައި ވަރަށް ބޮޑަށް ވިސްނާވަޑައިގެން ކަންކަން ކުރައްވަމުން ގެންދަވާތަން. އޭގެ ނަތީޖާއެއްގެ ގޮތުން، މިހުރިހާ ކަމެއްވެސް ހަމަޖެހިގެން މިދަނީ. މީގެކުރިންވެސް ހަމަ ރައީސުންވެސް ތިބޭ. ކޮމިޝަނަރުންވެސް ތިބޭ. ހޯމް މިނިސްޓަރުންވެސް ތިބޭ. އެހެން ނަމަވެސް، ކަންކަންވާނީ، އެކަންކަމާ ޙަވާލުވެ ތިބޭ އިސް މީހުން އެކަމުގެ އިނީޝިއޭޓިވް ނަގައިގެން.

އެހެންވީމާ، އެގޮތުން އަޅުގަނޑު ދަންނަވާނީ، މިއަދުގެ ޕޮލިސް ކޮމިޝަނަރަކީ ވަރަށްބޮޑު ޚިދްމަތެއް ޕޮލިސްއަށް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކޭ. އަޅުގަނޑު، އެބޭފުޅާ ޕޮލިސް ކޮމިޝަނަރަކަށް ޢައްޔަން ކުރިއިރަކުއެއް، އަޅުގަނޑު ނުދަންނަން މިއީ ކިހާވަރެއްގެ ބޭފުޅެއް ކަމެއް. ޙަޤީޤަތުގައި އަޅުގަނޑަށް ހަމައެކަނި ފެނިދެނިވެވާވަރުގެ ބޭފުޅެއް. އެއްގޮތަކަށްވެސް ރަޙްމަތްތެރި، ގާތް ރައްޓެހި ބޭފުޅެއްވެސް ނޫން. އެހެން ނަމަވެސް، އަޅުގަނޑު އެދަނޑިވަޅުގައި ރާއްޖެ އޮތީ ވަރަށް ޚުޠޫރަތްތެރި ވަގުތެއްގައި. އަޅުގަނޑު ބަލައިލިއިރުގައި، އެކަމަށް އެންމެ އެކަށޭނަ ބޭފުޅަކަށް އަޅުގަނޑަށް ފެނުނީ އެބޭފުޅާ. އަޅުގަނޑު އެ ރިސްކް ނެގީ. އެދުވަހު އަޅުގަނޑަށް ކޮންމެ މީހަކުވެސް ޕޮލިސް ކޮމިޝަނަރަށް ޢައްޔަން ކުރެވޭގޮތަށް އޮތީ. އެހެން ނަމަވެސް، އަޅުގަނޑު އެ ރިސްކް ނެގީ، އަޅުގަނޑުގެ ހިތް ބުނީ މިއީ ހަމަ މިކަން ކުރަންވާ އެންމެ ރަނގަޅު ގޮތް ކަމަށް. އަޅުގަނޑު މިއަދު ވަރަށް އުފާކުރަން، އެ ޑިސިޝަން އަޅުގަނޑަށް ލިބުނީމާ. އެހެންވެގެން އަޅުގަނޑުމެންނަށް، ޕޮލިސްގެ ތެރޭގައި، މިވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި، ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، ވަރަށްގިނަ ތަފާތު އާ ކަންކަން ކުރެވިގެންދާތަން ފެނިގެން މިދިޔައީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް، ހަމަ މި ކުޑަ މުއްދަތެއްގެ ތެރޭގައި، ވަރަށްބޮޑު ޚިދްމަތްތަކެއް ކޮށްދެއްވީ. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް، ސަރުކާރުގެ ފަރާތުން ވެދެވެން ހުރި ހުރިހާ އެހީތަކެއް އަޅުގަނޑުމެން ވެދޭނަން. އަޅުގަނޑަށްވެސް ހަމަ އަތޮޅުތެރޭގައި މި ދަތުރުކުރާއިރުގައި، ބައެއް ޕޮލިސް ޕޯސްޓްތަކަށް ވަދެ އަދި އެތަންތާނގައި ނިދުމުގެ ކަންތައް ހުންނަގޮތްވެސް ފެނިފައި ހުރީ. އަޅުގަނޑަށް އެނގޭ، ވަރަށް ދަތީގައި ގިނަ ބޭފުޅުން އަވަހާރަފުޅުލެއްޕެވުމުގެ ކަންތައްވެސް ހުންނަނީ. ބައެއްފަހަރަށް، ބިންމަތީގައި ގޮދަޑިގަނޑެއް އަޅާލައިގެން، އަޅުގަނޑުމެންގެ ފުލުހުން މި ނިދިކުރައްވަނީ. އެހެންވީމާ، އެކަމަކީ އެއީ އަޅުގަނޑުމެން އުފާކުރާ ކަމެއް ނޫން. އަޅުގަނޑުމެން ވަރަށްދެރަވާ ކަމެއް. އެހެންވީމާ، އެކަންކަން ރަނގަޅު ކުރަން އަޅުގަނޑުވެސް ބޭނުން. އަދި އިރާދަކުރެއްވިއްޔާ ރަނގަޅުވާނެވެސްމެ.

މިހާރު ރާއްޖެ މިދަނީ ވަރަށް ބާރު ސްޕީޑްގައި ބަދަލުވަމުން. ސެކިއުރިޓީ ކަންތައް ވަރަށް ބޮޑަށް، ވަރަށް ތަފާތުވަމުން ދަނީ ކުރިއާ އަޅާބަލާއިރުގައި. އެހެންވީމާ، މިއަހަރުވެސް ވަރަށްގިނަ ރަށްރަށުގައި، އާ ޕޮލިސް ޕޯސްޓްތަކާއި، ޕޮލިސް ސްޓޭޝަންތައް ހުޅުވަމުން މިހާރު މިގެންދަނީ. އެހެން ނަމަވެސް، ދައުލަތުގެ ބަޖެޓްގައިވެސް އެކަން އެންމެ ފުރިހަމައަށް ކުރެވޭވަރެއް ނެތް. އެހެން ނަމަވެސް، ރައްޔިތުންގެ ސަލާމަތަށްޓަކައި އެކަންކަން ކުރަން އެބަޖެހޭ. އެހެންވީމާ، ފުލުހުން ވަރަށްބޮޑު ޤުރްބާނީއެއް ވެވަޑައިގަންނަވަނީ. އަޅުގަނޑުމެން އެކަން އިރާދަކުރެއްވިއްޔާ ދަންނާނަން.

ދެން މިހާރު ހަމަޖެހިފައި އޮތް ގޮތުން، އިރާދަކުރެއްވިއްޔާ، އެ ވިދާޅުވިހެން މާލަސްތަކެއްނުވެ އިތުރު 300 ފްލެޓްގެ މަޝްރޫޢެއް ފެށޭނެ. އަދި ހަމަ އެހެން، ސިފައިންނަށްވެސް އިތުރު 300 ފްލެޓްގެ މަޝްރޫޢެއް ފެށޭނެ. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ ހަމަ ވަރަށް ބާރު ސްޕީޑްގައި އެ މަސައްކަތް ކުރިއަށްދާނެ. އެއީވެސް ހަމަ ހުޅުމާލޭގައި ބިމެއް އެކަމަށް ކަނޑައެޅިގެން، އެކަން ކުރިއަށް އެދަނީ.

ދެން އަޅުގަނޑު އުންމީދު ކުރަން، މި ޕޮލިސް ކޯޕަރޭޝަންވެސް މިހާރަށްވުރެ ވަރުގަދަވެގެންދާނެ ކަމަށް. އަދި ޕޮލިސް ކޯޕަރޭޝަން ވަރުގަދަކުރުމަށްޓަކައިވެސް ސަރުކާރުގެ ފަރާތުން ވެދެވެންހުރި އެހީތަކެއް ވެދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން. އަޅުގަނޑަށް އެނގޭ، އެގޮތުން ކުރެވެންހުރި ކަންތައްތައް އެބަހުރިކަން. އަޅުގަނޑަށް ކުރެވެންހުރި ކަމެއްވިއްޔާ އަޅުގަނޑު ކުރާނަން. އެއްގޮތަކަށްވެސް އެކަމާ އެއްވެސް ބޭފުޅަކު ވިސްނާވަޑައިގަންނަވާކަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، ފުލުހުންވެސް، ސިފައިންވެސް، ތިޔަބޭފުޅުންނަކީ އެއީ އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ އިންޓަރނަލް ސެލްފް އެފިޝަންސީ ހުރި ބަޔަކަށް ހެދޭތޯ އަޅުގަނޑު މަސައްކަތް ކޮށްދޭނަން.

އާދެ! މިރޭ އަޅުގަނޑު ހަނދާންހުރި ތަރާވީޙުގެ މަތިން. އެހެން ނަމަވެސް، ތަރާވީޙަށްވުރެ މާބޮޑު ކަމެއް މި ކުރެވުނީ. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާވެއްޖެ. ދެން އެހެން ނަމަވެސް، މާގިނައިރަކު އަޅުގަނޑު ވާހަކަ ދައްކާކަށް ނެތީމު. އަޅުގަނޑު ހަމައެކަނި އެންމެ ވާހަކައެއް ތިޔަބޭފުޅުން ގާތު އަދި ދަންނަވާލަން އޮތީ. އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް، މި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަރަށް ޕްރޮފެޝަނަލްކޮށް، ވަރަށް ސާބިތުކަމާ އެކީގައި، އިންތިޚާބުގެ ކަންކަން ބަލަހައްޓަވައި ދެއްވުން. އެއްވެސް މީހެއްގެ ބޮލަކަށް، ކޮނޑަކަށް ބެލުމެއްނެތި، ޤާނޫނު ދަމަހައްޓަވައިދެއްވާށޭ. ގަވާއިދުން ކަންތައްތައް ކޮށްދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑުމެންގެ އުންމީދަކީ، ކުރިއަށް އޮތް އިންތިޚާބަކީ އެއީ ރާއްޖޭގައި މިހާތަނަށް ހިނގާފައި އޮތް އެންމެ މިނިވަން، އެންމެ އިންޞާފުވެރި، އެންމެ ދެފުށް ފެންނަ އިންތިޚާބަށްވުން. އެކަމުގައި ތިޔަބޭފުޅުންގެ މަސްއޫލިއްޔަތު ވަރަށްބޮޑު. އެކަން ކޮށްދެއްވުން އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން ވަރަށް ބޮޑަށް އެދެން. އަޅުގަނޑު ދަންނަވާފައި އޮންނާނީ، އަޅުގަނޑުގެ އެންމެބޮޑު އުފަލަކަށްވާނީ، ރާއްޖޭގެ އިންތިޚާބު އަމާން އޮމާންކަމާއެކީ ކުރިއަށް ގޮސް، ދެން ވެރިކަމަށް އަންނަ ބަދަލުވެސް އޮމާންކަމާ އެކީގައި، އެ ބަދަލު އައުމޭ. އެކަން ކުރެއްވުމުގައި، ތިޔަބޭފުޅުންގެ ޚިދްމަތް އެއީ ވަރަށް މުހިންމު އެއްޗެއް. އަދި އަޅުގަނޑުގެ އެންމެބޮޑު އުފަލަކީ، އެކަން އޮމާންކަމާއެކީ ގޮސް ނިމުން. ކޮންމެ ގޮތަކަށް ނިމުނަސް. އެހެންވީމާ، އެކަމުގައި ލިބިވަޑައިގަންނަވަންޖެހޭ ތަމްރީނާއި، ވެވަޑައިގަންނަވަންޖެހޭ ތައްޔާރީތައް ވުމުގައި، ސަރުކާރުގެ ފުރިހަމަ އެހީ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަން.

އަދިވެސް އެއްފަހަރު، މިރޭ ތިޔަ ފްލެޓްތައް ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ އުފަލުގައި އަޅުގަނޑުވެސް ބައިވެރިވާ ވާހަކަ ދަންނަވަން. އަޅުގަނޑުގެ އުންމީދަކީ، އެހެން ބޭފުޅުންނަށްވެސް އެ ފުރްޞަތު، މާލަސްތަކެއްނުވެ ލިބުން. މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه