بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ވިލުފުށީގެ ލޮބޮވެތި އަޚުންނާއި އުޚުތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަދި ރޯޑް ކޮންސްޓްރަކްޝަން ކޯޕަރޭޝަންގެ ޗެއަރމަނާއި، މެނޭޖިންގ ޑިރެކްޓަރ، ރަށުގެ އިސްވެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، ފުރަތަމަވެސް ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮ ދުޢާއާއި ތަހުނިޔާ، ތިޔަ ހުރިހާ އެންމެހާ ބޭފުޅުންނަށް އަޅުގަނޑު ރައްދުކުރަން.

މިއަދަކީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދާ ދުވަހެއް. ސަބަބަކީ އަޅުގަނޑު، ސަރުކާރާ ހަވާލުވިފަހުން މިރަށުގައި ރަނގަޅު ފެންވަރެއްގެ މަޝްރޫޢެއް ފެށިގެންދާތީ. އެނގިވަޑައިގަންނަވާނެ ފަދައިން، މިރަށަކީ ވަރަށް ގިނަ ކަންތައްތަކެއް އަދިވެސް ކުރަން ޖެހިފައި ހުރި ތަނެއް. ސުނާމީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއްރަށް މިއީ. ރަށް މިހާރު މުޅިން އަލުން އާބާދު ކުރެވި، ރަށުގައި ކުރަންޖެހޭ ކަންތައް އަދިވެސް އެބަހުރި ނުނިމި ހުރި ކަންކަން. މަގުހެދުމަކީ އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މަޝްރޫޢު. އެހެންވީމާ. މިއަދު ﷲގެ އިރާދަފުޅުން އަޅުގަނޑުމެން މިފަށާ މި މަޝްރޫޢޫގެ ދަށުން މި ރަށުގެ 9 މަގެއް ހެދިގެންދާނެ. އިރާދަކުރެއްވިއްޔާ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ. މިއަދު، އަޅުގަނޑުމެން މިފެށީ މިރަށުގެ މަގުތަކުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް. ޕޭވްމަންޓް މިހަދަނީ ގަލުން. ހަދާ ނިމުމަށްފަހުގައި ޖެހޭނީ މަގު އެއްވަރުކޮށް މަގުގައި ތާރު އަޅަން. އެހެންވީމަ ތާރު އެޅުމުގެ މަސައްކަތް މަގުތަކުގެ ޕޭވަމްންޓް ހަދާ ނިމުމަށްފަހު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

މި ރަށުގައި މި އެޅެނީ 4 ކިލޯމީޓަރުގެ މަގު. މިއީ މުޅި ރާއްޖޭގެ އެކިއެކި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން ކުރެވެމުންދާ މަސައްކަތެއް. އެގޮތުން އަޅުގަނޑު އުފަލާއެކީގައި މިއަދު ފާހަގަކުރަން، މި ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ފެށިގެން މި ހިނގާ މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި 66 ކިލޯމީޓަރުގެ މަގު ރަނގަޅު ފެންވަރަކަށް އިރާދަކުރެއްވިއްޔާ ހެދިގެންދާނެ. އޭގެތެރޭގައި، ބޮޑެތި ރަށްރަށްވެސް ހިމެނޭ. އެހާ ބޮޑެތި ނޫން ރަށްރަށްވެސް ހިމެނޭ. ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން، މިހާރު ވަރަށް ބާރު ސްޕީޑެއްގައި ހ.ދ ކުޅުދުއްފުށީ މަގުވެސް ހެދެމުން އެދަނީ. އެރަށުގެ އަމީނީމަގު. ހަމައެހެން، އައްޑު އަތޮޅުގެ ހިތަދޫއާއި އަދިވެސް އެހެން ރަށްރަށުގައި މަގުތައް ހެދެމުން އެދަނީ. މީގެ އިތުރުން، އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ، ހައްދުންމަތީ ގަމުގެ ބޮޑު މަގު އެއީ 41 ކިލޯމީޓަރުގެ މަގެއް. އެމަގުވެސް އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ ހަދަން ފެށޭނެ.

އެހެންވީމާ، މިއީ މިހާތަނަށް ރާއްޖޭގައި ހިންގިފައިވާ މަގުހެދުމުގެ އެންމެ ބޮޑު މަޝްރޫޢު މާލެ ފިޔަވައި. މާލެއިން ބޭރުގައި މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫޢު މިހާރު ހިނގަމުންދަނީ. މީގެ ސަބަބުން، އިރާދަކުރެއްވިއްޔާ މިރަށްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ. އަދި ޚާއްޞަކޮށް ވިއްސާރަ މޫސުމުގައި، މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، ކުދިން ސްކޫލަށް ގެންދިޔުމާ މިކަންކަމުގައި ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

އާދެ، މިރަށުގައި އެބަޖެހޭ އަދި އިތުރު ގެ އަޅަން. އެހެންވީމާ، އެގޮތުން މިހާރު އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް އާދެވިފައި މިއޮތީ. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، މި މަޝްރޫޢުގެ ބިންގާވެސް އެޅޭނެ. އިތުރު 100 ހައުސިންގ ޔުނިޓް، އިތުރު 100 ގެދޮރު އިރާދަކުރެއްވިއްޔާ މިރަށުގައި ޢިމާރާތް ކުރަން ފެށޭނެ މާލަހެއްނުވެ. މީގެތެރެއިން، މިހާރު ސުނާމީގައި ގެދޮރު ނުލިބި ހުރި 5 ޢާއިލާއަކަށް މި 100 ގެއިން 5 ގެ ލިބޭނެ. އެއަށްފަހު، ދެން، އިތުރު ގެ ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތެއްގައި ފައިސާ ދައްކާ ޚަލާޞް ކުރާ ގޮތަށް އެ ގެތައް ލިބޭނެ.

ދެން، ކުރިން ދެންނެވިހެން، ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ރަށެއް މިއީ. އެގޮތުން މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މި ރަށުގެ ނެރުވެސް ތިޔަބޭފުޅުން ބޭނުންވާގޮތަށް ބަދަލުކުރުމުގެ މަޝްރޫޢު. އެކަންވެސް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ފެށިގެންދާނެ.

އާދެ، އަޅުގަނޑު ކުރީ ދަތުރުގައި ދެންނެވި ބައެއް ކަންކަން އެބަހުރި ނުވެ. ބައެއް ފަހަރު ދިމާވާގޮތް. އަޅުގަނޑު ބޭނުންވިޔަސް އަދި ނުވާ ކަންތައްތައް ހުރޭ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އެކަންކަންވެސް ފުރިހަމަ ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނަން. އަދި ޚާއްޞަކޮށް މި ގޯތިތަކުގެ ރަޖިސްޓްރީ ހަމަޖެއްސުމުގެ ކަންތައް. މިއީ މާބޮޑަށްވެސް ލަސްވެފައި އޮތް ކަމެއް. މިކަން މިހާރުދަނީ، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ހައުސިންގ މިނިސްޓްރީއާ ގުޅިގެން ކުރައްވަމުން. އިރާދަކުރެއްވިއްޔާ އެކަންވެސް މާލަހެއްނުވެ، ތިޔަބޭފުޅުންގެ ގޯތީގެ، ގެދޮރުގެ ރަޖިސްޓްރީ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ގޮތެއް ހަމަޖެހިގެންދާނެ. އެކަން އަޅުގަނޑު ބަލާނަން ހަމަޖެހޭތޯ.

ދެން، ޕޮލިސް ސްޓޭޝަނެއްވެސް މިރަށުގައި ޤާއިމް ކުރަންވެފައި މިއޮތީ. މިހާރު ތަނެއްވެސް ހޯދިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، ޕޮލިސް ސްޓޭޝަނަށް ފުލުހުން އައިސް އެތާނގެ މަސައްކަތް ފެށޭވަރު ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

ދެން، ތަރައްޤީގެ މަޝްރޫޢުތަކުގައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭ ރަށެއް މިރަށަކީ. ކުރިއަށް ހުރި މަޝްރޫޢުތަކުގައިވެސް ތިޔަބޭފުޅުންގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އެނގިވަޑައިގަންނަވާނެ ފަދައިން، މި މަޝްރޫޢުތައް ހިންގުމުގައި އެކި ފަރާތްތަކުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބެމުންދަނީ. ޚާއްޞަގޮތެއްގައި މިއަދު އަޅުގަނޑު ފާހަގަކޮށްލަން، އަޅުގަނޑުމެންގެ ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޢިއްޒު. އެމަނިކުފާނު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން ވަރަށް ގިނަ ޢުމްރާނީ މަސައްކަތް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ކުރައްވަމުން އެބަގެންދަވާ. އެހެންވީމާ، އަޅުގަނޑު، މިނިސްޓަރ މުޢިއްޒަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި، ޚާއްޞަކޮށް މި މަގު ހެދުމުގެ މަޝްރޫޢު ހިންގުމުގައި ރޯޑް ކޮންސްޓްރަކްޝަން ކޯޕަރޭޝަންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ވަރަށް ފޯރިއާއެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެ ކޯޕަރޭޝަންގެ ޗެއަރމަން އަލްފާޟިލް އަސްލަމް ރަޝީދަށާއި، މެނެޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މި މަޝްރޫޢުތައް ހިންގުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރެއް ދެއްވާ މިކަމުގައި ވަރަށް ބޮޑަށް އުޅުއްވާ ބޭފުޅެއް، ތިޔަ ބޭފުޅުންގެ މެންބަރު. ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު. ކެނޑިނޭޅި މިރަށުގެ ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި ހަމަގައިމުވެސް އަޅުގަނޑު ކައިރީގައި ވާހަކަފުޅު ދައްކަވަމުން ގެންދަވާ. އެހެންވީމާ، މިއަދު މި ފުރުސަތުގައި އެމަނިކުފާނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މާގިނައިރަކު ތިޔަބޭފުޅުން އަވީގައި ބައިތއްބާކަށް ބޭނުމެއްނޫން. އެހެންނަމަވެސް، ހަމަ އެންމެ ވާހަކައެއް އަޅުގަނޑު ދަންނަވާލާނަން، ތިޔަބޭފުޅުންނާ ވަކިވުމުގެ ކުރިން. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު ރާއްޖޭގެ ރިޔާސަތާ ޙަވާލުވިތާ އަދި ދެ އަހަރެއްހާދުވަސް މިވަނީ. ދެ އަހަރުވެސް ފުރިހަމަ ނުވޭ. އެހެންނަމަވެސް އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައީ، މި ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރައްޔިތުންނަށް ވީހާވެސް ގިނަ ފައިދާހުރި ކަންތައްތަކެއް ކޮށްދެވޭތޯ. އެގޮތުން ސަރުކާރުގެ ބަޖެޓު ތަންދިން މިނަކުން އަޅުގަނޑު މިގެންދަނީ އެކަންކަން ކުރަމުން. އަދި، ބަޖެޓުގެ ބޭރުންވެސް އެހެންގޮތްގޮތް ހޯދައިގެންވެސް މަސައްކަތް ކުރެވޭތޯ ބަލައިގެން އަޅުގަނޑުމެން މިގެންދަނީ. އަޅުގަނޑުގެ ރިޔާސީ ދައުރުގައި ދެން މާގިނަ ދުވަހެއް ނެތް. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން އަދިވެސް، މުސްތަޤްބަލުގައި، ތިޔަ ބޭފުޅުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިގެންދާނެކަމަށް. އަޅުގަނޑު އުންމީދު ކުރަން، މިހާތަނަށް އަޅުގަނޑު މަސައްކަތްމިކުރި ގޮތް ތިޔަބޭފުޅުން ޤަބޫލު ކުރައްވައި، އެކަމުގައި އަދިވެސް އިތުރު ފުރުޞަތު އަޅުގަނޑަށް ދެއްވާނެ ކަމަށް. އެވާހަކަ އަޅުގަނޑު ދަންނަވާލަން.

އާދެ، މިވަގުތުގެ ގޮތުންނާއެކީގައި އިތުރު ވާހަކަތަކެއް އަޅުގަނޑު ދައްކާކަށް ނެތީމު. އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް މި ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮ ދުޢާއާއި ތަހުނިޔާ ދަންނަވަން. އަދި، ކުރިއަށް މިއޮތީ އަޅުގަނޑުމެންގެ އުފާވެރި ފިޠުރު ޢީދު. އެހެންވީމާ، ހުރިހާ ބޭފުޅުންނަށްވެސް ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން. ޢީދު މުބާރަކް. މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލައްވާށި.

والســّلام عليــكم