بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ބަރަކާތްތެރި ފިޠުރުޢީދު ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. މި މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެޤައުމުތަކުގެ ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ތަހުނިޔާ ދަންނަވަން.
ފިޠުރުޢީދު ދުވަހަކީ ހިތްހެޔޮކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ދުވަސް. އެހެންކަމުން، މި ޢީދުގެ އުފަލުގައި އެންމެން ބައިވެރިވެ، ހެޔޮއެދުމުގެ ޝުޢޫރުތައް އެކަކު އަނެކަކާ ޙިއްޞާކޮށް، ޢީދުގެ ތަހުނިޔާ ކިޔުމަކީ، އަޅުގަނޑުމެން މުސްލިމުންގެ މެދުގައި އޮންނަންވީ ގާތްކަން ރަމްޒުކޮށްދޭނެ ކަމެއް. ހަމައެހެންމެ، ޢީދުގެ މުނާސަބަތަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރޭގައި ތިބި ނިކަމެތިންނާއި، އެހީތެރިކަން ބޭނުންވާ އެންމެންގެ މަތިން ހަނދާންކޮށް، ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމުގެ މުނާސަބަތުވެސްމެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ފިޠުރުޢީދަކީ އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ އެއްބަނޑުއެއްބަފާކަމާއި އަޚުވަންތަކަމުގެ ގުޅުމާއި، ޢާއިލީ ގުޅުންތައް ވަރުގަދަކޮށް، އިތުރަށް ބަދަހިކުރުމުގެ މުނާސަބަތެއްވެސްމެ. އެހެންކަމުން، ޢާއިލާތަކުގެ މެދުގައި އޮންނަންވާ ލޯތްބާއި، އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޢަޒުމް ކަނޑައެޅުމަކީވެސް މިފަދަ ދުވަހެއްގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް. ކޮންމެ ބޭފުޅަކުވެސް މައިންބަފައިންނާއި އެއްބަނޑުއެއްބަފާ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައި ސަލާމް ކުރައްވައި، ޢީދުގެ އުފާވެރި ވަގުތުތައް އެކުގައި ހޭދަކުރެއްވުން ވަރަށް މުހިންމު. މިއަދަކީ ހިތުގައި ހުރި ހިތްހަމަނުޖެހުންތައް ފިލުވާލައި، އެއްބަނޑުއެއްބަފާ އަޚުންނާއި އުޚުތުންނާއި އެކުވެރިންނާއެކު، އަލުން ގުޅުންތައް އާކުރައްވަންވީ ދުވަސް. އެމީހުންގެ ރަޙްމަތްތެރިކަމާއި ލޯބީގެ އަގު ވަޒަންކުރައްވައި، ގުޅުން ވަރުގަދަ ކުރެއްވުމުގެ ޢަޒުމް ކަނޑައަޅުއްވަންވީ ދުވަސް. ރަމަޟާން މަހުގެ އަޅުކަމަށްފަހުގައި، އުފާވެރި އާ ޞަފްޙާއެއް، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ޙަޔާތުގައި ފަށަންވީ ދުވަސް. އޭރުން މި ޤައުމުގެ އެންމެންނަކީ ޙަޤީޤަތުގައިވެސް އެއްބަނޑުއެއްބަފާ އުޚުއްވަތްތެރި ބަޔަކަށް ވެގެންދާނީ. މިކަމަކީ އަޅުގަނޑުމެން ކޮންމެ މީހަކު މިއަދު ކުރަންޖެހޭ ކަމެއް.
ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އަދި ރައްޔިތުންގެ ފައިދާއަށްޓަކައި ތަފާތު އެތައް މަޝްރޫޢުތަކަކާއި މަސައްކަތްތަކެއް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު ހިނގަމުންދާއިރު، އެކަންކަން އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ގެންދެވޭނީ، އަޅުގަނޑުމެން އެންމެންގެ މެދުގައި އެއްބާރުލުން އޮވެގެން. ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އެންމެހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެން. ރާއްޖެ ކުރިއަށް ގެންދަންވީ ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނީ، އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމީ މަޞްލަޙަތު އިސްކޮށްގެން. ޤައުމާއިގެން ކުރިއަށް ދެވޭނީ، އެންމެން އަތުގުޅާލައިގެން މަސައްކަތް ކޮށްގެން. އެނޫންގޮތަކަށް އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެން ދާން ބޭނުންވާ ހަލުވިމިނެއްގައި ކުރިއަކަށް ނުދެވޭނެ.


ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހަކީ، ރާއްޖޭގެ ސިޔާސީ ޙަޔާތުގެ ވަރަށް މުހިންމު ދުވަހެއް. އެދުވަހަކީ 11 ނޮވެމްބަރ 2013 އިން ފެށިގެން ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވާނޭ ބޭފުޅަކު ހޮވުމަށް ރައްޔިތުން ވޯޓްދޭ ދުވަސް. މި އިންތިޚާބުގެ ފޯރި، ދުވަހެއް ދުވަހަކަށް މިއަންނަނީ ގަދަވަމުން. އިންތިޚާބުގެ ފޯރި ގަދަވަމުންދާއިރުވެސް އަޅުގަނޑުމެންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ކަންކަން، އެއްވެސް ފަރާތަކުން ނުކުރެއްވުން އެދެން. ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތުތައް ފަތުރައި، އެއްބަޔަކު އަނެއް ބައެއްގެ އަގު ވައްޓާލުމަށް މަސައްކަތް ކޮށްގެން ނުވާނެ. މިއީ ޑިމޮކްރަސީގެ އުޞޫލެއް ނޫން. ޑިމޮކްރަސީގެ އުޞޫލަކީ، އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުންނާއި، އެފަރާތްތަކަށް ތާއީދު ކުރައްވާ ފަރާތްތަކުންވެސް ރީތި ނަމޫނާ ދެއްކެވުން. ރައްޔިތުންގެ މެދުގައި ހަމަޖެހުން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުން. ރައްޔިތުންގެ އިތުބާރު ހޯއްދެވުން. ހަމައެޔާއެކު، އަޅުގަނޑުމެން އެންމެންނަކީވެސް ޑިމޮކްރަސީއަށް ލޯބިކުރާ، ޑިމޮކްރަސީ ދެމެހެއްޓުމަށް މަސައްކަތްކުރާ ބައެއްކަން، ބޭރު ދުނިޔެއަށް ދެއްކުމަކީވެސް އަޅުގަނޑުމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއް. މުހިންމު ޒިންމާއެއް. ބޭރުގެ ޤައުމުތަކުންނާއި، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު ދެމެހެއްޓޭނީ، މިކަންކަމުގައިވެސް ރީތި ނަމޫނާއެއް އަޅުގަނޑުމެން ދައްކައިގެން.

ރާއްޖޭގައި މި ބޭއްވޭ ރިޔާސީ އިންތިޚާބަކީ، މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މި ފުރްޞަތުގައިވެސް ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. އަދި މިއިންތިޚާބަކީ އިންޞާފުވެރި މިނިވަން އިންތިޚާބެއްކަން ސާބިތުކޮށްދިނުމަށްޓަކައި، ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދާނެ ވާހަކަވެސް ދަންނަވަން. ރިޔާސީ އިންތިޚާބު މޮނިޓަރ ކުރެއްވުމަށްޓަކައި ބޭރުގެ ޤައުމުތަކުންނާއި ޖަމާޢަތްތަކުން މަންދޫބުން ވަޑައިގަންނަވާ ގޮތަށް ދަނީ ހަމަޖެހެމުން. އެއީވެސް މި އިންތިޚާބަކީ އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް.

އިންތިޚާބުގެ ވޯޓްލުން ހިނގަމުންދާއިރު، ޤައުމުގެ ހަމަޖެހުމާއި މަޞްލަޙަތަށް، ސިޔާސީ ޕާޓީތަކުންނާއި ހުރިހާ ފަރާތްތަކުންވެސް އިސްކަން ދެއްވުމަށް މި ފުރްޞަތުގައި އަޅުގަނޑު އިލްތިމާސް ކުރަން. އިންތިޚާބާ ގުޅިގެން، ޤައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލެވިގެން ނުވާނެ. އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅައި މަޞްލަޙަތު ގެއްލޭފަދަ ގޮތަކަށް ކަންތައް ހިނގައިގެން ނުވާނެ. ހުރިހާ ކަންކަމެއްވެސް ހިނގަމުންދާންވާނީ އޮމާންކަމާއެކު. އަޅުގަނޑުގެ އެދުމަކީ، މި އިންތިޚާބުގެ ހުރިހާ ކަމެއް ވީހާވެސް އޮމާންކަމާއެކު ނިމި، ދެފުށް ފެންނަ އިންތިޚާބެއް ބޭއްވިގެން ދިޔުން.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ފިޠުރުޢީދުގެ މުނާސަބަތުގައި އަދިވެސް އެއްފަހަރު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މި ޢީދުގެ ތަހުނިޔާ އަރިސްކުރަން. އަޅުގަނޑުގެ އުންމީދަކީ، މި ޢީދުގެ ދުވަސްތަކަކީ ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކަކަށް ވެގެންދިޔުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲ މިފަދަ އުފާވެރި ބަރަކާތްތެރި ގިނަ ދުވަސްތައް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން މިހިފި ރޯދައިގެ ހެޔޮ ދަރުމައާއި ޘަވާބު، އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަނެކާދެކެ ލޯބިވާ، އެކަކު އަނެކަކަށް ކަމޭހިތާ ބައެއް ކަމުގައި ލައްވައި، މިޤައުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.