އުންމީދަކީ ކުރިއަށް އޮތް ތާނގައި އަޅާ ފްލެޓްތަކުންވެސް ކޮންމެވެސް ބައެއް ފުލުހުންނަށާއި ސިފައިންނަށް ލިބިގެން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެއްވި 50 ފްލެޓް ލިބުނު ފުލުހުންނަށް ފްލެޓް ލިބުނު ކަމުގެ ރަސްމީ ލިޔުން ހަވާލު ކުރެއްވުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފްލެޓް ލިބުނު ފުލުހުންނަށް ރަސްމީ ލިޔުން ހަވާލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންނާއި ސިފައިންނަކީ ވަރަށް ތަފާތު މަސައްކަތްތަކެއް އަދި ތަފާތު ޚިދުމަތްތަކެއް ދެމުންގެންދާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި މުޅި ޤައުމުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ފުލުހުންނާއި ސިފައިން ކުރަމުން ގެންދާ މަސައްކަތަކީ، އެންމެން ގަބޫލުކުރަންޖެހޭ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތުގައި ތިބި ގިނަ ފުލުހުންނަކީ، ވަރަށް ދަތީގައި އުޅެމުންގެންދާ އަދި ވަރަށް ދިގު މުއްދަތެއްގައި ދައުލަތުގެ ޚިދުމަތުގައި ދެމިތިބި ފުލުހުން ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، ފުލުހުންގެ ތެރެއިން ބަޔަކަށް މިރޭ ފްލެޓް ލިބުމަކީ، ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒު އަދާކުރެއްވި ދައުރާއި، މި ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮމިޝަނަރ ކުރެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ބޭނުންވަނީ ކަންކަމާ ހަވާލުވެތިބޭ މީހުން އިސްނަގައިގެން ކަންކަން ކުރުން ކަމުގައި ވިދާޅުވެ، ކޮމިޝަނަރުގެ މަސައްކަތްޕުޅަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޤާނޫނު ދަމަހައްޓަވައި ދެއްވުމަށާއި، އިންތިޚާބަކީ، އޮމާންކަމާއި އަމާންކަމާއެކު ބޭއްވޭ އިންތިޚާބަކަށް ހައްދަވައި ދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.