ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ސ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތައް ތިރީގައިވާ އުސޫލުގެ މަތިން ހަމަޖައްސަވަން ނިންމަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1.      ޤައުމީ ބަންދު ދުވަސްތަކަކީ، ޤާނޫނުއަސާސީގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ޤައުމީ ދުވަހާއި، އިޙްތިފާލުކުރުމަށް އިސްލާމްދީނުގައި ކަނޑައެޅިފައިވާ ދުވަސްތަކާއި، ތަފާތު ސަބަބުތަކަށްޓަކައި، ޤައުމީގޮތުން، އެ ދުވަހަކާ އެއްބާވަތެއްގެ ދެވަނަ ދުވަހެއް ނެތް ޤައުމީ މުހިންމު ދުވަސްތައްކަމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކެވެ.
2.      ސަރުކާރު ބަންދު ދުވަސްތަކަކީ، ޤައުމީ ބަންދު ދުވަހެއްގެ މުނާސަބަތުގައި ބަންދުކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކާއި، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، ބަންދުކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކާއި، ދީނީގޮތުން އަންނަ މުހިންމު ދުވަސްތަކުގެ ތެރެއިން ބަންދުކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކާއި، ވަކި ކަމެއްގެ ނުވަތަ ވަކި ހާދިސާއެއްގެ މުހިންމުކަން ފާހަގަކުރުމުގެގޮތުން ބަންދުކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކާއި، ހަފުތާ ބަންދު ދުވަސްތައްކަމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކާއި، ބޭރު ޤައުމެއްގެ ވެރިޔަކު ނުވަތަ ރާއްޖޭގެ ޢިއްޒަތްތެރިޔަކު އަވަހާރަވުމުގެ ހިތާމައިގައި ބަންދުކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކާއި، ޤައުމީ ފެންވަރުގައި ހިނގާ މުހިންމު މަސައްކަތަކަށް މަގުފަހިކޮށްދިނުމުގެގޮތުން ބަންދުކުރަން ސަރުކާރުން ކަނޑައަޅާ ދުވަސްތަކާއި، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެގޮތުން ބަންދުކުރަން ސަރުކާރުން ކަނޑައަޅާ ދުވަސްތަކާއި، މިނޫންވެސް ސަބަބަކާހުރެ ބަންދުކުރަން ސަރުކާރުން ކަނޑައަޅާ ދުވަސްތަކެވެ.
މި އުސޫލުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޤައުމީ ބަންދު ދުވަސްތަކުގެ ލިސްޓާއި، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން، ޤައުމީ ބަންދު ދުވަހެއްގެ މުނާސަބަތުގައި ބަންދުކުރުމަށް ކަނޑައަޅުއްވާފައިވާ ދުވަސްތަކާއި، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، ބަންދުކުރުމަށް ކަނޑައަޅުއްވާފައިވާ ދުވަސްތަކާއި، ދީނީގޮތުން އަންނަ މުހިންމު ދުވަސްތަކުގެ ތެރެއިން ބަންދުކުރުމަށް ކަނޑައަޅުއްވާފައިވާ ދުވަސްތަކާއި، ވަކި ކަމެއްގެ ނުވަތަ ވަކި ހާދިސާއެއްގެ މުހިންމުކަން ފާހަގަކުރުމުގެގޮތުން ބަންދުކުރުމަށް ކަނޑައަޅުއްވާފައިވާ ދުވަސްތަކާއި، ހަފުތާ ބަންދު ދުވަސްތައްކަމަށް ކަނޑައަޅުއްވާފައިވާ ދުވަސްތަކުގެ ލިސްޓު ތިރީގައި މިވަނީއެވެ.
       
ޤައުމީ ބަންދު ދުވަސްތައް
ދުވަސް
މުނާސަބަތު
1 ރަބީޢުލްއައްވަލް
ޤައުމީ ދުވަސް
1 ޝައްވާލް
ފިޠުރުޢީދު ދުވަސް
10 ޛުލްޙިއްޖާ
އަޟްޙާޢީދު ދުވަސް
26 ޖުލައި
މިނިވަން ދުވަސް
11 ނޮވެންބަރު
ޖުމްހޫރީ ދުވަސް
 
ސަރުކާރު ބަންދު ދުވަސްތައް
ދުވަސް
މުނާސަބަތު
1 މުޙައްރަމް
ހިޖުރީ އާ އަހަރު ފެށޭ ދުވަސް
12 ރަބީޢުލްއައްވަލް
ކީރިތި ރަސޫލާގެ ޢީދުމީލާދު
2 ރަބީޢުލްއާޚިރު
ރާއްޖެ އިސްލާމްވީ ދުވަސް
1 މޭ
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް
1 ރަމަޟާން
ރަމަޟާން މަސް ފެށޭ ދުވަސް
2 ޝައްވާލް
ފިޠުރުޢީދުގެ މުނާސަބަތުގައި
3 ޝައްވާލް
ފިޠުރުޢީދުގެ މުނާސަބަތުގައި
9 ޛުލްޙިއްޖާ
ޙައްޖުދުވަސް
11 ޛުލްޙިއްޖާ
އަޟްޙާޢީދުގެ މުނާސަބަތުގައި
12 ޛުލްޙިއްޖާ
އަޟްޙާޢީދުގެ މުނާސަބަތުގައި
13 ޛުލްޙިއްޖާ
އަޟްޙާޢީދުގެ މުނާސަބަތުގައި
1 ޖަނަވަރީ
މީލާދީ އާ އަހަރު ފެށޭ ދުވަސް
27 ޖުލައި
މިނިވަން ދުވަހުގެ މުނާސަބަތުގައި
3 ނޮވެންބަރު
ނަޞްރުގެ ދުވަސް
ހުކުރު ދުވަސް
ހަފުތާގެ ބަންދު ދުވަހެއް
ހޮނިހިރު ދުވަސް
ހަފުތާގެ ބަންދު ދުވަހެއް
 

މި ދެންނެވުން ނުކުތުމުން، މި އޮފީހުގެ ނަންބަރު 26/79 (17 ޖެނުއަރީ 1979) ދެންނެވުމާއި، ނަންބަރު 39/80 (15 އޭޕްރިލް 1980) ދެންނެވުމާއި، ނަންބަރު 109/80 (14 އޮކްޓޯބަރ 1980) ދެންނެވުމާއި، ނަންބަރު 30/96 (6 މެއި 1996) ދެންނެވުމާއި، ނަންބަރު 29/2000 (25 މެއި 2000) ދެންނެވުމާއި، ނަންބަރު 37/2000 (27 ޖޫން 2000) ދެންނެވުމާއި، ނަންބަރު 37/2011 (26 އޭޕްރިލް 2011) ދެންނެވުން ރައީސުލްޖުމްހޫރިއްޔާ ބާޠިލުކުރައްވައިފިއެވެ.