ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތެލެސީމިއާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު އޮތް މިބައްދަލުކުރެއްވުމުގައި، ތެލެސީމިއާ ކުދިންނަށް ދޭންޖެހޭ ޚިދްމަތްތައް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކެވިއެވެ.

ރާއްޖޭގެ އާބާދީގެ ކޮންމެ ސަތޭކަ މީހުންގެ ތެރެއިން ވިހި މީހުންނަކީ ތެލެސީމިއާ ކެރިއަރުންކަމާއި، ގަވާއިދުން ލޭއަޅާ ބޭސްފަރުވާ ދޭންޖެހޭ ފައްސަތޭކައަށްވުރެ ގިނަ ކުދިން ތިބުމާއެކު، ސަރުކާރުން މިކަމަށް ދެއްވަންޖެހޭ އަހަންމިއްޔަތުކަން ދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރު ކަމާގުޅޭ ޤާނޫނެއް ފާސްވެ ތަޞްދީޤު ކުރެވިފައިވުމާއެކު، އިތުރު ހިތްވަރަކާއެކު ސަރުކާރުން މިކަން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރުހުރި ތެލެސީމިއާ ސެންޓަރުގެ ޢިމާރާތަށް ބަލައިލިނަމަވެސް، މިވޭތުވެދިޔަ އަހަރުތަކުގައި މިކަމަށް އިސްކަންދެވިފައިނުވާ މިންވަރު ފާހަގަކުރެވިގެންދާ ކަމުގައި ވިދާޅުވިއެވެ. އަދި މިހާރުން މިހާރަށްވެސް އެ ޢިމާރާތުގައި ކުރަންޖެހޭ މަރާމާތުތައް ކުރެވޭނެގޮތް ފަހިކުރައްވައި، ބޭނުންވާ ބޭހާއި ލޭ އަބަދުވެސް ލިބޭނެގޮތް ހައްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އެހާބޮޑު އާބާދީއަކަށް ކުރިމަތިވެފައިމިވާ ގޮންޖެހުންތައް ނައްތާލުމުގެ ގޮތުން، ކުރިއަށް އޮތް ތާނގައި ޒަމާނީ ސެންޓަރެއް ޢިމާރާތްކޮށް، އެތަނުގައި ލޭއެޅުމާއި ބޭސްފަރުވާގެ ޚިދްމަތް ދިނުމުގެ އިތުރުން، ދިވެހި މުޖްތަމަޢު މިކަމުން ދާއިމީގޮތެއްގައި ސަލާމަތް ކުރުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތެލެސީމިއާ ސެންޓަރަށާއި ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާތައް ކުރެވޭނެ ނިޒާމެއް ޤާއިމް ކުރެއްވުމަށްޓަކައި ކަމާބެހޭ ފަރާތްތައް ހިމެނޭ ބޯޑެއް އެކުލަވައިލެއްވުމަށްވެސް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.