بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އެކިއެކި ވުޒާރާތަކުގެ މިނިސްޓަރުން، އެޗް.ޑީ.ސީ.ގެ ވެރިން އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން. މިރޭ ފްލެޓްތަކާ ޙަވާލުވެވަޑައިގެންނެވި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރޭ އަޅުގަނޑުމެންގެ ހިތްތަކަށް ވަރަށްބޮޑު ފިނިކަމެއް ލިބިގެން މިދިޔައީ. މި ފްލެޓްތައް، އާދެ! 1000 ފްލެޓް ޢިމާރާތް ކުރެވި ނިމުނުތާ މިހާރު ދުވަސްކޮޅެއްވެއްޖެ. މިދިޔަ އަހަރުގެ ފަހުކޮޅު ޢިމާރާތްކޮށް ނިމިއްޖެ. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން، މި ފްލެޓްތައް އަދި ނިމުނުއިރުގައި، މިތާނގައި ފާޚާނާ ކުރުމާއި، މަގުތައް ހެދުމާ، މިހެން ކުރަންހުރި ވަރަށްގިނަ ކަންތަކެއް ހުރި. އެހެންވީމާ، އެކަންކަން އަދި ފުރަތަމަ މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނިފައި ނެތުމާއެކީގައި، އެކިއެކީގައި ގޮސް ނިންމާނުލެވުނީ. އެހެން ނަމަވެސް، މިހާރު އިރާދަކުރެއްވީތީ މަގުތައްވެސް ހަދާ ނިމިފައި މިހިރީ. ފާޚާނާވެސް މުޅި ނިޒާމުވެސް ޤާއިމު ކުރެވިފައި. އެހެންވީމާ، މިހާރު އަޅުގަނޑު ވަރަށް އުފާކޮށްފިން، ތިޔަބޭފުޅުންގެ ތެރެއިން އެއް ޢާއިލާ މިހާރު މިތާނގައި ދިރިއުޅުއްވަން ފެށްޓެވި ވާހަކަ އަހާފައި. އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން. އަދި އަޅުގަނޑުގެ ހަމަ އެންމެ އިސް ވާޖިބަކީ މިރޭ މި ފްލެޓްތަކުން ފްލެޓް ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އުފަލާއެކީގައި ތިޔަ ހުރިހާ ބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދީ ދެންނެވުން.

އާދެ! ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، ވަރަށްބުރަ މަސައްކަތްތަކެއް ކޮށްގެން މިހާ ހިސާބަށް މިކަން ގެނެވިފައި މިއޮތީ. ފުރަތަމަ މިތަން ޢިމާރާތް ކުރުމުގައި، އަޅުގަނޑުމެން ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނަކުން މަސައްކަތް ކުރަމުން އައިސް، މިހާރު ޗައިނާގެ ކުންފުންޏަކުން ޢިމާރާތް ކުރުމުގެ މަސައްކަތް މިހާ ހިސާބަށް މިގެނައީ. ގެނެސް ނިންމާދިނީ، އެ ކަނޑައެޅިފައިވާ މުއްދަތަށްވުރެވެސް އަވަހަށް. ދެން އޭގެފަހުން މަގުތައް ހެދުމާ، މިކަންކަން ކޮށް މިނިމުނީ. މިހުރިހާ ކަމެއް ކުރުމުގައިވެސް އެންމެބޮޑު މަސައްކަތެއް ކުރެއްވި ބައެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ، އެޗް.ޑީ.ސީ އާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ. އެހެންވީމާ، އެދެފަރާތް އަޅުގަނޑު ޚާއްޞަކޮށް ފާހަގަކޮށް، އެޗް.ޑީ.ސީ.ގެ ބޭފުޅުންނަށާއި، ޚާއްޞަކޮށް، އެޗް.ޑީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރ އަދި ބޯޑުގެ ޗެއަރމަނާއި، ބޯޑުގެ މެންބަރުންނަށް އަދި އަޅުގަނޑުމެންގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިސްބޭފުޅުން، ޚާއްޞަކޮށް، މިނިސްޓަރ ޑޮކްޓަރ މުޢިއްޒާއި އަދި ޑެޕިޔުޓީ މިނިސްޓަރ މުއްޠަލިބް، މިބޭފުޅުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ! 500 ޢާއިލާއަކީ އެއީ ކުޑަކުޑަ ޢަދަދެއް ނޫން. ބައްލަވާލައްވާ، 500 ޢާއިލާގައި މިތާނގައި އުޅޭނެ ކަމަށް ބައްލަވާ، ގާތްގަނޑަކަށް 2500 މީހުން. 2500 މީހުންނަކީ އެއީ ގާތްގަނޑަކަށް ރަށެއްގެ އާބާދީ. ގިނަ ރަށްރަށުގެ އާބާދީ ކުޑަވާނެ 2500 އަށްވުރެ. އެހެންވީމާ، ވަރަށްބޮޑު އާބާދީއެއް މިތަނަށް މިއަންނަނީ. އަންނައިރުގައި އަދި ކުރަންޖެހޭ އެހެން ކަންކަން އެބަހުރި. އެހެންވީމާ، އެގޮތުން މިހާރު މިތާނގައި ސްކޫލެއް ޢިމާރާތް ކުރުމަށްޓަކައި މިހާރުވަނީ އެވޯޑު ދެވިފައި. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ސްކޫލްގެ ބިންގާ އެޅިގެންދާނެ. އަދި ހަމައެޔާއެކީގައި، މި ފްލެޓްތަކުގައި އުޅޭ ތުއްތު ކުދިންނަށް ޕްރީސްކޫލެއްވެސް އެބަޖެހޭ ޤާއިމްކުރަން. އެހެންވީމާ، ޕްރީސްކޫލެއްވެސް މާ ލަސްތަކެއްނުވެ އެވޯޑު ކުރެވޭނެ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ.

މިހުރިހާ ކަމެއް ހަމަޖެހިގެން، ދިރިއުޅުން މުޅިން ހަމަޖެހިގެންދާނީ. އެހެންވީމާ، ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، މިނިސްޓަރުގެ އިލްތިމާސާ އެއްގޮތްވާ ގޮތުގެ މަތިން، ހުރިހާ ބޭފުޅުންވެސް ކެތްތެރިކަމާއެކީގައި، މިތާނގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެވަޑައިގެން ދެއްވައިގެން އުޅުއްވަން ފެށްޓެވުން އެއީ ވަރަށް މުހިންމު ކަމެއް. ކުރީކޮޅުގައި ހުންނާނެ ބައެއް ދަތިތައް. އަދި އަލަށް ތަނަކަށް ވަންނައިރުގައި، ބައެއްފަހަރަށް ބައެއް ކަންތައްތައް މަސައްކަތް ނުކުރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، އެކަންކަން އިރާދަކުރެއްވިއްޔާ ޙައްލުވާނެ. އެހެން ހުރި ކަންކަން. މިހާރު އަޅުގަނޑު ދަންނަވާނީ ވަރަށް ފުރިހަމައަށޭ މިހާރު މިކަންކަން ނިމިފައި މިހިރީ. މި ފްލެޓްތަކުގައި މަސައްކަތް އަޅުގަނޑުވެސް ބަލައިލިން. ވަރަށް ރީތި ތިންކޮޓަރީގެ ލިވިންގ ރޫމާއި، ކިޗަންއާއި، ދެ ފާޚާނާއާ ލާފައި ހުރި ފްލެޓްތަކެއް މިއީ. ދެން އަނެއްކާ މި ފްލެޓްތައް ލިބިވަޑައިގަންނަވަނީވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ވަރަށް ރީޒަނަބްލް، ވަރަށް ރަނގަޅު އަގެއްގައި. މިހާރު ޑައުން ޕޭމަންޓެއް ދެއްކެވުމަށްފަހުގައި ހަމަ ނިސްބަތުން ކުޑަ ޑައުން ޕޭމަންޓެއް ދެއްކެވުމަށްފަހުގައި، މަހަކު -/7000 ރުފިޔާ މި ދައްކަވަންޖެހެނީ. ވީމާ، އެހެން ތަންތާނގެ ރެންޓްތަކާ އެއްޗެހި ހުރި އަގުތައް ބައްލަވާއިރުގައި، އެއީ ހަމަ ވަރަށް ރަނގަޅު އަގެއް ކަމަށް އަޅުގަނޑު މި ޤަބޫލުކުރަނީ. މިވަގުތު އަޅުގަނޑުމެންނަށް އެންމެ ކުޑަކޮށް އެކަން ކޮށްދެވެން ހުރިވަރު އެއީ. ކުރިން ދެންނެވިހެން މިއީ ނަގާފައި އޮތް ލޯނެއް. ލޯނު އަނބުރާވެސް ދިގު މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެން ދައްކަންޖެހޭނެ. އެހެންވީމާ، އެކަން އެގޮތަށް އެއޮތީ. އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ހަމަ ވަރަށް ރަނގަޅު ގޮތަކަށް މިކަން ރޭވިފައި މިއޮތީ.

ދެން މި ފުރްޞަތުގައި އަޅުގަނޑުގެ ވާޖިބެއް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށްވެސް އަދި އެމަނިކުފާނާ އެކުގައި މަސައްކަތް ކުރެއްވި އެހެން ބޭފުޅުންނަށްވެސް ޝުކުރު ދެންނެވުމަކީ. އެއީ އެމަނިކުފާނުގެ ދުވަސްވަރުގައި މި މަޝްރޫޢު ފެށުނީ. އެހެން ނަމަވެސް މި ނިންމަން މިޖެހުނީ އަޅުގަނޑުމެންނަށް. މިކަހަލަ ހުރިހާ މަޝްރޫޢުތައްވެސް އަޅުގަނޑުމެން މިގެންދަނީ ރައްޔިތުންނަށް ފައިދާވާގޮތަށް ފެށިފައި ހުރި މަޝްރޫޢުތައް، އެއީ ކުރީ ސަރުކާރުން މަސައްކަތް ކުރި ކަމުގައިވީނަމަވެސް، އެކަން ހަމަ ރަނގަޅަށް ބަރާބަރަށް ކުރަމުން އަޅުގަނޑުމެން މިގެންދަނީ. ގެންގޮސް އިރާދަކުރެއްވިއްޔާ ނިންމަނީ. މި މަޝްރޫޢަކީ މިއީ މިދެންނެވި ސިޔާސަތުގެ ވަރަށް ރަނގަޅު މިސާލެއް. އަޅުގަނޑުމެން ސިޔާސީ ސަބަބަކަށްޓަކައި ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއްގައި، ކުޑަކޮށްވެސް ފަސްނުޖެހޭނެ ކަމުގެ ފުރިހަމަ މިސާލު އަޅުގަނޑުމެން މިދެއްކީ.

އަދި މި ފްލެޓްތައް ދިނުމުގައިވެސް ތިޔަ އިވިވަޑައިގެންނެވި ފަދައިން، އެކާވީހަކަށްހާސް މީހުން އެދިފައި ވަނީ. އެ އެހެންވީމާ، އެ އެދިފައި ހުރި މީހުންގެ ތެރެއިން މި ހޮވާލަންޖެހެނީ މަދު ބަޔަކު. މިހާރު މިފަހަރު މިތަނުން މި ފްލެޓް ދޫކުރައްވަނީ ގާތްގަނޑަކަށް އަށްސަތޭކައެއްހާ މީހުންނަށް. އަށްސަތޭކައެއްހާ ފެމިލީއަށް. އެހެންވީމާ، ވަރަށްގިނަ ޢާއިލާތަކަށް އަދި އެބަ ބޭނުންވޭ ގެދޮރު. އެހެންވީމާ، އެކަން ކުރަންޖެހޭ އެންމެ އިންޞާފުވެރި ގޮތަކަށް، އެކަން ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއްނުކުރަން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކުރެއްވި މަސައްކަތުގެ ތެރެއަށް އެއްވެސްކަހަލަ ނޭދެވޭ ނުފޫޒެއް ވަދެފައި ހުންނާނެ ކަމަކަށް. އެ މަސައްކަތުގެ އިންޓެގްރިޓީއާ ދޭތެރޭގައި އަޅުގަނޑު ހަމަ ކުޑަކޮށްވެސް ސުވާލެއް ނުކުރާނަން. އަޅުގަނޑުވެސް ބޭނުންވި އަޅުގަނޑުގެ ކައިރީގައި މަސައްކަތް ކުރަމުންގެންދާ ބައެއް މުވައްޒަފުންނަށް ގެދޮރު ލިބެން. ވަރަށް ނިކަމެތިން އެދުނުވެސްމެ، އަޅުގަނޑު ކައިރީގައިވެސް މަސައްކަތް ކުރަން އުޅޭ. އެކަމަކު އެމީހުންނަކަށްވެސް ނުލިބޭ. އެކަމަކާ ކަންބޮޑުވެގެން އަޅުގަނޑު ނުދަންނަވަން، ކޮންމެހެން އަޅުގަނޑު ކައިރީގައި ބަޔަކު އުޅޭތީ އެމީހުންނަކަށް ދެއްވާށެކޭ. އެއީ ހުރިހާ އެންމެންނާ ދޭތެރޭގައި ހަމަހަމަކޮށް ކަންތައް ކުރުމަކީ އެއީ ކުރަންޖެހޭ ކަމެއް. އެއީ އިންޞާފަކީ. އެހެންވީމާ، އެގޮތަށް މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން ބަލާފައި މިއޮތީ. ދެން މިކަމާ ބެހޭގޮތުން ކޮންމެގޮތެއްގައިވިޔަސް، އެ ނުލިބޭ ފަރާތްތަކުން ކޮންމެވެސްވަރެއްގެ ހިތްހަމަނުޖެހުމެއްވެސް ހުރެދާނެ. އަދި އެކަމާ ބެހޭގޮތުން ބައެއް ޝަކުވާވެސް އަންނާނެ. މިވަރުގެ ބޮޑު މަޝްރޫޢެއް، މިހެން ރޭވިގެން، މިހާ ގިނަ ބަޔަކު ބޭނުންވާ ކަމެއްގައި، މަދު ބަޔަކަށް ލިބޭގޮތަށް ހަމަޖެހިގެން ދިޔުމަކީ އެއީ އިންޞާފާއެކީގައި ނުކުރެވިއްޖިއްޔާ ވަރަށް ބޮޑެތި މައްސަލަތައް ނުކުންނާނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ކަށަވަރުކުރީ، އަޅުގަނޑުމެންނަށް މިކަން ކުރެވޭ އެންމެ ރަނގަޅަކަށް، އެންމެ އިންޞާފުވެރިކޮށް އަދި އިތުރަށް ދުވަސްކޮޅެއް ނެގިކަމުގައިވީނަމަވެސް، އެކަން ކޮށް ނިންމޭތޯ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެގޮތަށް މިކަން އިރާދަކުރެއްވީތީ ކުރެވިފައި މިއޮތީ. އެހެންވީމާ، އެކޮށްދެއްވި މަސައްކަތަށްޓަކައި އަދިވެސް އެއްފަހަރު ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ދެން އަޅުގަނޑު ދަންނަވާލަން އޮތީ، މިތާނގައި މިތަނަށް ވަޑައިގަންނަވާ ބޭފުޅުން މިއީ އަށްސަތޭކަ ޢާއިލާގެ ބޭފުޅުން ވަޑައިގެން އުޅުއްވާއިރުގައި، ވީހާވެސް ބޮޑަށް އެޗް.ޑީ.ސީ.އަށް އަދި ޕޮލިސްއަށް، ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށް އެހީތެރިކަން ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ކުރިން ދެންނެވިހެން އަލަށް ޓައުންޝިޕެއް އާބާދުވާއިރުގައި، ނުކުންނާނެ ކިތަންމެ މައްސަލަތަކެއްވެސް ހުންނާނެ. އަދި މިތަންތަން މެނޭޖް ކުރުމަށްޓަކައި އާ ނިޒާމްތައްވެސް އެބަޖެހޭ ތަޢާރުފްވެސް ކުރަން. އެއްމެދު ޢިމާރާތްތަކުގައި ގިނަބަޔަކު އެކީގައި އުޅޭއިރުގައި ނުކުންނާނެ މައްސަލަތައް ހުންނާނެ. މިހާރުވެސް ރާއްޖޭގައި މިކަމުގެ ތަޖުރިބާ އަޅުގަނޑުމެންނަށް ދަނީ ކުރެވެމުން. އެހެންވީމާ، މިހާރަށްވުރެ ރަނގަޅަށް މިކަންކަން އިންތިޒާމްކޮށް، ހުރިހާ އެންމެންނަށް ލުއިފަސޭހަކަމާއެކީގައި އުފަލުގައި ދިރިއުޅެވޭނެ ގޮތެއް ހޯދުމަށްޓަކައި މި ޢިމާރާތްތައްވެސް މެނޭޖް ކުރެވޭނެގޮތާއި، މިތާނގައި ދިރިއުޅުއްވާ ޢާއިލާތަކުގެ އެއްބައިވެރިކަމެއް އޮވެގެން، އެބޭފުޅުންގެ ޙިއްޞާއެއް އޮވެގެން، ކަންކަން ނިންމޭގޮތަކަށް އެ މެނޭޖްމަންޓް ޤާއިމް ކުރުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އުންމީދު ކުރަން، އެގޮތަށް މިކަން ހަމަޖެހިގެންދާނެ ކަމަށް. އެޗް.ޑީ.ސީ.ގެ ފަރާތުން އެކަމުގައި އިސްނަންގަވައިގެން، މި ޢިމާރާތް ކުރުމުގެ އިތުރަށް، މީގެ އިޖުތިމާޢީ ބައި ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވައިގެން، އެކަމުގައިވެސް ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ވަރަށްގިނަ ބަޔަކު އަދިވެސް ތިބީ އުންމީދުގައި ގެދޮރު ހޯދުމުގެ. މާލެ އަދިވެސް އޮތީ ވަރަށް ތޮއްޖެހިފައި. މާލެއަށް ލުއިފަސޭހަކަން ގެނެވޭނީ، އިތުރު ފްލެޓްތަކާއި، އިތުރު ގެތައް ލިބޭނެ، ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެން. އެކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، މި 1000 ފްލެޓް އަޅައި ނިމުނުއިރުގައި މިހާރު މިވަނީ އިތުރު 1100 ފްލެޓް އެޅުމަށްޓަކައި މަޝްރޫޢު ރޭވިފައި. އެކަމާ ބެހޭ މަސައްކަތް ދާދި އަވަހަށް ފެށޭ ހިސާބަށް ގޮއްސަ. އެއާބެހޭ ފައިސާގެ ކަންތައްވެސް ހަމަޖެހި، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ޢިމާރާތް ކުރުމުގެ މަސައްކަތް ފެށިގެންދާނެ. އެހެންވީމާ، އެއީ އަނެއްކާވެސް ވަރަށްބޮޑު އުންމީދެއް އުފެދިގެން އެދިޔައީ.

ދެން މީގެއިތުރުން އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ، މި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ފެށްޓުމަށް. އެކަމަށްޓަކައި ކުރަންޖެހޭ ވަރަށްބޮޑު މަސައްކަތްތަކެއް މިހާރު ހުރީ ކުރެވިފައި. އެޗް.ޑީ.ސީ.ގެ ފަރާތުން އެކަމަށް އިޢުލާނު ކުރެވި، އެކަމަށް މިހާރު ޓެންޑަރކޮށް، މިހާރު ދާދި އިހަކަށް ދުވަހަކު، އެމަސައްކަތުގެ އެވޯޑް ލެޓަރ މިހާރުވަނީ ސޮއިކޮށް ދޫކުރެވިފައި، ބެލްޖިއަމްގެ ބެލްޖިއަމް އިންޓަރނޭޝަނަލް ކިޔާ ކުންފުންޏަކަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި، މި ހުޅުމާލޭގެ ސެކަންޑް ފޭސް، ދެވަނަ ފިޔަވަހި އަލުން ބިން ހިއްކުމުގެ މަސައްކަތުގެ ސަރވޭއާއި، އޭގެ ޢަމަލީ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އޭގެ ސަބަބުން މި ހުޅުމާލޭގެ ބިމަށް ގާތްގަނޑަކަށް އަނެއްކާ ހަމަ މިވަރުގެ ބިމެއް އިތުރުވެގެންދާނެ. އަދި އޭގެ ސަބަބުން ވަރަށްގިނަ ޢަދަދެއްގެ މީހުންނަށް އިތުރު ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ޔަޤީންކުރަން. އަދި ހުޅުމާލޭގެ ތަރައްޤީއަށްޓަކައި ހުޅުމާލެއަކީ އާބާދީ ބޮޑު ސިޓީ، މާލެސިޓީގެ އެންމެބޮޑު ބައި ކަމަށްވެގެންދާނެ. މިތާނގައި އުފެދޭ އެކިއެކި ޚިދްމަތްތަކާއި، އެކިއެކި ޞިނާޢަތްތަކާ، މި އިތުރުވެގެން ދިޔުމުގެ ސަބަބުން ﷲ އިރާދަކުރެއްވިއްޔާ، ހުޅުމާލެ ވެގެންދާނެ، ވަރަށް ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ ސިޓީގެ ބައެއް ކަމަށް.

އެހެންވީމާ، މި އުފާވެރި ޚަބަރު އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް، ޚާއްޞަކޮށް، މާލެސިޓީގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު މިގެނެސްދެނީ، ވަރަށްބޮޑު ހިތްހަމަޖެހުމަކާއެކީގައި. ﷲ އިރާދަކުރެއްވިއްޔާ، މި މަސައްކަތް ދެން ނުހުއްޓި، ހުޅުމާލެ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާނެ. އަދި ހުޅުމާލޭގެ ތަޞައްވުރު، ހުޅުމާލޭގެ އާ ފިޔަވަހީގެ ތަޞައްވުރު، އިރާދަކުރައްވިއްޔާ، މާލަސްތަކެއްނުކޮށް އަޅުގަނޑުމެން ތިޔަބޭފުޅުންނާ ޙިއްޞާކުރާނަން.

އާދެ! އަދިވެސް އެއްފަހަރު މިހާރު ފްލެޓްތައް ލިބިވަޑައިގަންނަވާ އައްސަތޭކައެއްހާ ޢާއިލާއަށް އަޅުގަނޑު މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން. އަދި ތިޔަބޭފުޅުންގެ މި އާ ފްލެޓްތަކުގައި ދިރިއުޅުއްވުމުގެ ޙަޔާތަށް އަޅުގަނޑު ހުރިހާވެސް ހެޔޮއެދުމެއް އެދި ﷲ ސުބުޙަނަހޫ ވަތަޢާލާއަށް ދުޢާ ދަންނަވަން. ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލައްވާށި! އަޅުގަނޑުމެންގެ ތަރައްޤީއާއި، އަޅުގަނޑުމެންގެ މުސްތަޤްބަލް ފަހިކުރެއްވުން އެދި އަޅުގަނޑު ދުޢާ ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه