ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރވޭގެ މަސައްކަތާއި ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ޢިމާރާތް ކުރެވުނު 1000 ފްލެޓްގެ ތެރެއިން އޭ-ކެޓަގަރީއާއި ބީ-ކެޓަގަރީގެ ފްލެޓްތަކަށް ގުރުއަތުން ހޮވުނު ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެވަނަ ފިޔަވަހީގެ ދަށުން ހިއްކަންޖެހޭ ސަރަޙައްދު ހިއްކުމުން، ހުޅުމާލޭގެ ބިމަށް ހުޅުމާލޭގެ މިހާރުގެ ސައިޒުގެ ބިމެއް އިތުރުވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ވަރަށްގިނަ ޢަދަދެއްގެ މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ހުޅުމާލޭގެ ތަރައްޤީއަށްޓަކައި ހުޅުމާލެއަކީ، މާލެސިޓީގެ އެންމެބޮޑު ބައި ކަމަށްވެގެންދާނެ ކަމަށާއި، އެތަނުގައި އެކިއެކި ޚިދްމަތްތަކާއި ޞިނާޢަތްތައް އިތުރުވެގެން ދިޔުމުގެ ސަބަބުން ހުޅުމާލެ ވެގެންދާނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ ސިޓީއެއްގެ ބަޔަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުމާލެ ބޮޑުކުރުމުގެ މަސައްކަތް ދެން ނުހުއްޓި، އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ ކަމަށެވެ. އަދި ހުޅުމާލޭގެ އާ ފިޔަވަހީގެ ތަޞައްވުރު، އިރާދަކުރެއްވިއްޔާ، މާލަސްނުކުރައްވައި ޢާންމު ކުރައްވާނެ ކަމަށެވެ.

މި ހަވާލުކުރެވުނު ފްލެޓްތަކުގައި ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، އެ އާބާދީއަށް ފޯރުކޮށްދޭންޖެހޭ އިތުރު ޚިދުމަތްތަކެއް އެބަހުރި ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މާލަހެއްނުވެ، އެތަނުގައި ސްކޫލެއްގެ ބިންގާ އެޅިގެންދާނެ ކަމަށާއި، ޕްރީސް ސްކޫލެއްވެސް މާލަސްތަކެއްނުވެ ޢިމާރާތްކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.