އ.ދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒުގެ ސީނިއަރ މީޑިއޭޝަން އެޑްވައިޒަރ ޑޮކްޓަރ އަންތޭ ހަރބާރގް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ ދެފުށް ފެންނަ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެއްދުވުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންތިޚާބުގެ ދުވަސްވަރު ޤައުމުގެ ހަމަޖެހުން އިސްކޮށް، ރާއްޖޭގައި އަމާން މާޙައުލެއް ޤާއިމުކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޑޮކްޓަރ އަންތޭ ހަރބާރގް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގެ ކަންތައްތައް އޮމާންކަމާއެކު ކުރިއަށް ގެންދެވުމަށްޓަކައި، އ.ދ.ގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.