بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުން ވަޑައިގެންދެއްވި ކަމަށްޓަކައި. އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، ރާއްޖެއިން ބޭރަށް އަޅުގަނޑު ދަތުރުކޮށްލުމަށްފަހު، ޢާންމުކޮށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކޮށްލާތީއާ އެކީގައި، އަޅުގަނޑުގެ މިދަތުރާބެހޭ ބައެއް މަޢުލޫމާތު އެރުވުމަށްޓަކައި.

އެގޮތުން މިފަހަރު އަޅުގަނޑުގެ މިދަތުރުގައި، ސަޢޫދީޢަރަބިއްޔާއަށާއި އެމިރޭޓްސްއަށް މިދިޔައީ. އެނގިވަޑައިގަންނަވާނޭ ފަދައިން، ސަޢޫދީޢަރަބިއްޔާގެ ދަތުރުގައި، ޢުމްރާއެއް ކުރުމުގެ ނަޞީބުވެސް ލިބުނު. ދެން އެއާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން އޮތީ، މިވަގުތު މައްކާގައި ވަރަށް ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތައް ހިނގަމުން އެބަދެއޭ ޙަރަމްފުޅުގެ ތެރޭގައި. އެހެންވީމާ، ވަރަށް ދަތިކޮށް ގިނަ މީހުންނަށް އެތާނގައި އުޅެންޖެހޭނީ މިވަގުތު. މިވަގުތު އެހެންވީމާ، ސަޢޫދީ ސަރުކާރުން އޮތީ ވަރަށް ބޮޑަށް ހަނިކުރައްވާފައި، ވީސާ ދޫކުރެއްވުމާއި، ޢުމްރާގެ ދަތުރުގެ ކަންތައްތައް. އެހެންވީމާ، ބައެއް ބޭފުޅުންނަށް ޢުމްރާއަށް ވަޑައިގަތުމަށް ވީސާ ލިބިވަޑައިގަތުމުގެ ދަތިކަން އުޅުމަކީ އެކަށީގެންވާ ކަމެއް. އެތަނަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވަރަށް ތޮއްޖެހިގެން މިހާރު ޠަވާފް ކުރުމުގެ ކަންކަންވެސް ހުރީ. އެހެންވީމާ، އެވާހަކަ ޢާންމުކޮށް ދަންނަވާލުން އެއީ މުހިންމު ކަމެއް. އެހެންނޫނީ ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެ، މިސާލަކަށް، ސަޢޫދީ ސަރުކާރުން ހަމަ އަޅުގަނޑުމެން ނޫނީ މި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ނުކުރެވެނީއޭ، ގިނަ ބޭފުޅުންނަށް ވީސާ ހޯދައިދިނުމަށްޓަކައި. ހަމަ ވަރަށް ދަތިކޮށް އެތާ، ގާތްގަނޑަކަށް ޙަރަމްފުޅުގެ ތެރޭގައިވެސް އެބަހުރި ފަންސާހަކަށް ކޮންސްޓްރަކްޝަން ކްރޭން އާދެ! އެތާނގެ ބައެއް ފޮޓޯ އަޅުގަނޑުވެސް ނެގީމު. ވަރަށްގިނަ ކޮންސްޓްރަކްޝަން މެޓީރިއަލްތަކާ އެއްޗެހިވެސް އެބަހުރި. އެހެންވީމާ، އެކަހަލަ ދަތިތަކެއް އުޅޭ ވާހަކަ ދަންނަވާލީ. ޠަވާފް ކުރުމަށްޓަކައި ކުރިން ޙަރަމްފުޅުގެ ތެރެއަށް ވަދެވެނީ ގާތްގަނޑަކަށް ސާޅީސްފަސްހާސް މީހުންނަށް. މިހާރު އެ ގެންނަވާ ބަދަލުތައް ގެންނެވުމަށްފަހުގައި، ސަޢޫދީ ސަރުކާރުން އުންމީދު ކުރައްވަނީ، ގާތްގަނޑަކަށް ލައްކައެއްހާ މީހުންނަށް އެއްފަހަރާ ޠަވާފް ކުރުމުގެ ފުރްޞަތު ލިބިގެންދާނެ ކަމަށް.

އެވާހަކަ ދަންނަވާލުމަށްފަހުގައި، ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، ސަޢޫދީ ސަރުކާރުން އަޅުގަނޑުމެން ބައެއް އެހީ ހޯދުމަށްޓަކައި މަސައްކަތް ކުރަމުން އެބަ ގެންދަމު. އޭގެތެރެއިން އެއްކަމަކީ، އަޅުގަނޑުމެންގެ މާލީ ޙާލަތު މިހާރު ހުރިގޮތުން ސަރުކާރުގެ ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ލުއި ލޯނެއް ހޯދުމުގެ މަސައްކަތް. ދެން އެކަމާ ބެހޭގޮތުން މިފަހަރުވެސް ސަޢޫދިއްޔާގެ އަމީރު ސަލްމާން ބިން ޢަބްދުލްޢަޒީޒާ އަޅުގަނޑު ބައްދަލުކޮށް އަދި ހަމަ އެހެން، އެ ބައްދަލުވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ފައިނޭންސް މިނިސްޓަރ ޑޮކްޓަރ އިބްރާހީމް އަލް އައްސާފްވެސް ބައިވެރިވެވަޑައިގެންނެވި. އަޅުގަނޑަށް ޔަޤީންކަން ދެއްވި، އެކަމުގައި އަލިމަގެއް ހޯއްދަވައިދެއްވާނެ ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އެކަން ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ކޮންމެވެސްވަރެއްގެ ލޯނެއް، ބަޖެޓްގެ ކަންތައްތައް ފޫބެއްދުމަށްޓަކައި ހަމަޖެހިގެންދާނެ ކަމަށް. ދެން މިހާރު އަޅުގަނޑުމެންވާނީ، އަޅުގަނޑުގެ ދަތުރަށްފަހުގައި، ސަޢޫދީ ފިނޭންސް މިނިސްޓަރ ރާއްޖެ ވަޑައިގަތުމަށް ދަޢުވަތެއްވެސް ފޮނުވާފައި.

ދެވަނަ ކަމަކަށް އަޅުގަނޑުމެން ދަންނަވާފައި އޮންނާނީ، ދިވެހި ކުދިންގެ ސްކޮލަރޝިޕް ސަޢޫދީ ޢަރަބިއްޔާއިން ހޯދުން. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން މިހާތަނަށް ސަޢޫދީ ޢަރަބިއްޔާއިން ސްކޮލަރޝިޕަށް ގިނައިން ދިވެހިން ގޮސް އުޅެނީ ދީނީ ތަޢުލީމް ޙާޞިލް ކުރުމަށްޓަކައި މަދީނާ ޔުނިވަރސިޓީއަށް. ދެން މީގެއިތުރުން، މިހާރު ސަޢޫދީ ޢަރަބިއްޔާގައި އެބަހުރި ވަރަށް ރަނގަޅު އިތުރު ޔުނިވަރސިޓީތައް. އެހެން ޔުނިވަރސިޓީތައްވެސް. އޭގެތެރޭގައި، ޚާއްޞަކޮށް، ސައިންސް އެންޑް ޓެކްނޯލޮޖީ ޔުނިވަރސިޓީ އެބަހުރި ޖިއްދާގައި. މިތަންތަނުން މިހާރު ސަޢޫދީ ސަރުކާރުންވަނީ ދިވެހި ސަރުކާރަށް އަންގަވާފައި، ފަންސާސް ސްކޮލަރޝިޕް ދެއްވާނެ ކަމަށް. ދެން މި ފަންސާސް ސްކޮލަރޝިޕްގެ ބޭނުން އަދި އަޅުގަނޑުމެންނަކަށް ނުހިފޭ. އެކަމުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ، އަޅުގަނޑުމެން މިޖެހެނީ، އެ ސްކޮލަރޝިޕްގެ ބޭނުންކުރުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީއަށް، އެކަމަށް ޝައުޤުވެރިކަން ހުރި ބޭފުޅުން ވާހަކަ ދައްކަވައިގެން، އެ ޔުނިވަރސިޓީތައް ފާހަގަކުރައްވައި، ޔުނިވަރސިޓީތަކުގެ އެޕްލިކޭޝަން ފޯމް ފުރުއްވާފައި ފޮނުވުން. ޔުނިވަރސިޓީއަށް ކުދިން ގަބޫލުކޮށްފިނަމަ، ސަޢޫދީ ސަރުކާރުން އެކުދިންގެ ޚަރަދުގެ ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވާނެ. އެހެންވީމާ، އެގޮތަށް މިހާރު އެކަން އެއޮތީ. އެހެންވީމާ، އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިވަޑައިގަންނަވައިގެން، އެކަމަށް ޝައުޤުވެރިކަން ހުރި ބޭފުޅުން މަސައްކަތް ކުރެއްވުމުން، އެ ސްކޮލަރޝިޕް ލިބޭގޮތަށް އޮތީ. އެއީ، ސަޢޫދީ ޢަރަބިއްޔާގައި އަޅުގަނޑު ދައްކާލި ދެކަމެއްގެ ވާހަކަ ކުރިއަށްދާގޮތަށް އޮތީ.

ދެން މިފަހަރު ވަރަށް މުހިންމު ބައްދަލުވުމެއްގެ ނަޞީބުގެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބުނު. އެއީ ޑުބާއީގެ ރޫލަރ އަދި އެމިރޭޓްސްގެ ނައިބު ރައީސް ޝައިޚް މުޙަންމަދު ބިން ރާޝިދު އަލް މަޚްޠޫމާ ބައްދަލުކުރުމުގެ ފުރްޞަތު. މިއީވެސް ހަމަ ވަރަށް މުހިންމު ފުރްޞަތެއް. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ޑުބާއީއަކީ މި ދުނިޔޭގެ ފެންވަރުގައި އެތާނގެ ތަރައްޤީއާއި ކުރިއެރުން ފާހަގަކުރެވޭ ތަނެއް. ޢަރަބި ޤައުމުތަކުގެ މެދުގައިވެސް އަދި ތެޔޮ އުފައްދާ ޤައުމުތަކުގެ މެދުގައިވެސް ޑުބާއީއަކީ ހަމަ ނަމޫނާ ޤައުމެއް. ޝައިޚް މުޙަންމަދު އަޅުގަނޑާ ބައްދަލުކުރައްވާ ފުރަތަމަފަހަރު މިއީ. އަޅުގަނޑަށް އެ ފުރްޞަތު ލިބުނު ފުރަތަމަފަހަރު. އަދި އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފަހަކަށްއައިސް ދިވެހި ސަރުކާރުގެ އެއްވެސް ބޭފުޅަކު ޝައިޚް މުޙަންމަދާ ބައްދަލުކުރައްވާފައެއްވެސް ނުވޭ. އެހެންވީމާ، އެބޭފުޅާގެ ވިޜަން، ތަޞައްވުރުގެ މައްޗަށް މުޅި ޑުބާއީ ބައްޓަންވެގެން ގޮސްފައި އެއޮތީ. އެހެންވީމާ، އެބޭފުޅާއާ ވާހަކަ ދައްކާލައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ޑުބާއީން ކޮށްދެވޭނެ ކަމަކީ ކޮބައިތޯ، ވާހަކަ ދެކެވުނު.

މިހާރު ޑުބާއީއަށް ލިބިފައިވާ ތަޖުރިބާއާއި، ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ދަސްވެފައިވާ ކަންކަން އެއީ ކުޑަ އެއްޗެއް ނޫން. އެހެންވީމާ، އެގޮތުން އަޅުގަނޑު ދެންނެވިން، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޑުބާއީގެ ތަޖްރިބާއާއި، ޑުބާއީން ހޯދިފައިވާ މަޢުލޫމާތު ރާއްޖެއަށް ލިބޭނެގޮތެއް ހައްދަވައިދެއްވުމަށް. އެހެންވީމާ، އެ ނޮލެޖް ޓްރާންސްފަރ ކުރުމުގައި ވަކި ދާއިރާތަކެއް އަޅުގަނޑުމެން ފާހަގަކުރިން. އޭގެތެރެއިން އެއްކަމަކަށް ރާއްޖޭގައި ފައިނޭންޝަލް ސަރވިސަސް ސެންޓަރެއް ޤާއިމްކުރުން. އެއީ އަޅުގަނޑުމެންގެ އެކިއެކި ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުން. އެނގިވަޑައިގަންނަވާނޭ ފަދައިން މިހާރުވެސް މިއުޅެނީ ފަސްދޮޅަހަކަށް ރަށް، ފަތުރުވެރިކަމުގައި ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިވެގެން. އެހެންވީމާ، ރާއްޖޭގައި ބޭރުގެ ފައިސާވެރިން ފައިސާ ޑިޕޮޒިޓްކޮށް، އެފައިސާ ރާއްޖޭގެ ތަރައްޤީއަށް ލިބޭނެގޮތެއް ހޯދުމަށް މިހާރުވެސް ރާއްޖޭގައި ދެވޭ ފައިނޭންޝަލް ސަރވިސަސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ހޯދުން. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް ޑުބާއީއަކީ އެއީ، ބޭރުގެ އިންވެސްޓަރުންގެ ވަރަށްގިނަ ބަޔަކު، ބޮޑެތި ޢަދަދުތައް އިންވެސްޓް ކުރަމުންދާ ތަނެއް. ޑުބާއީގެ ބޭންކްތައް، ވަރަށް މުއްސަނދި. އެތަންތާނގައި ޢަރަބި އެހެން ޤައުމުތަކުގެ މުއްސަނދިންނާއި އަދި ޔޫރަޕްގެ މުއްސަނދިންވެސް ފައިސާ ޑިޕޮޒިޓް ކުރަމުން ގެންދަނީ. އެތަނަކީ ވަކިކަހަލަ ކޮންޑިޝަންތަކެއް ހުންނަ ތަނަކަށްވާތީ. އެހެންވީމާ، އެ މަޢުލޫމާތުގެ މައްޗަށް، އެ ތަޖްރިބާގެ މައްޗަށް ބިނާކޮށްފައި، ކިހިނެއްތޯ ރާއްޖޭގައިވެސް ފައިނޭންޝަލް ސަރވިސަސް ސެންޓަރެއް ހެދުމުގެ މާޙައުލެއް ޤާއިމްކުރެވޭނީ. މިސާލަކަށް ދަންނަވަންޏާ، ޤާނޫނުތަކަށް ގެންނަންޖެހެނީ ކޮންކަހަލަ ބަދަލުތަކެއްތޯ؟ ކޮންކަހަލަ ފައިނޭންޝަލް ސަރވިސަސްއެއް ރާއްޖެއަށް ގެނެސްގެންތޯ، އަޅުގަނޑުމެންނަށް އެ ދިރުވޭނީ. އެހެންވީމާ، މިކަމާ ބެހޭގޮތުން ޑުބާއީ ސަރުކާރުގެ އެހީތެރިކަން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލިބޭނެ.

ދެން މީގެއިތުރުން ރާއްޖޭގައި ބައިނަލްއަޤްވާމީ ބަނދަރެއް ޤާއިމް ކުރުމުގެ މަޝްރޫޢަކީ އަޅުގަނޑުމެން އަބަދުވެސް ވާހަކަ ދައްކަމުން އަންނަ މަޝްރޫޢެއް. މިކަމުގައި ޑުބާއީ ޕޯޓްސްގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އެބަހުރި. އެހެންވީމާ، އެކަމަށް ބޭނުންވާ ފަންނީ އެހީއާއި އަދި އިންވެސްޓްމަންޓްވެސް ޑުބާއީގެ ފަރާތުން ލިބޭނެކަމުގެ އުންމީދު، މި ދަތުރުގެ ސަބަބުން ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެ. އެހެންވީމާ، މިކަމުގައި ސަރުކާރުން އަޅުގަނޑުމެންވެސް އިސްނަގައިގެން އަޅުގަނޑުމެންގެ ޕޯޓްސް ލިމިޓެޑާ ވާހަކަ ދައްކައިގެން، މީގައި ކުރިއަށް ދެވޭނެގޮތެއް އަޅުގަނޑުމެން ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ސާފުކުރާނަން. ޑުބާއީގެ ފަރާތުން އެކަމުގައި އެހީވެވަޑައިގެން ދެއްވުމަށް ތައްޔާރަށް ތިއްބެވީ.

މި ދެ މަޝްރޫޢުގެ އިތުރުން، ޑުބާއީއަކީ މިހާރު ބޭރުގެ އެކިއެކި ހޮސްޕިޓަލްތައް ޤާއިމްކޮށްފައިވާ ތަނެއް. ވަރަށް ބޮޑެތި މެޑިކަލް ސެންޓަރުތައް ޤާއިމްކުރެވި، ދުނިޔޭގެ ހަމަ އެންމެ އެޑްވާންސް މެޑިކަލް ކެއަރ ލިބޭ ތަނެއް ޑުބާއީއަކީ. އެހެންވީމާ، ރާއްޖޭގައި ކިހިނެއްތޯ، މެޑިކަލް ސިޓީއެއް ޤާއިމްކުރާނީ. އަޅުގަނޑުމެން މިހާރު ވިސްނަމުން މިގެންދަނީ، ހުޅުމާލެއަކީ އެފަދަ ތަނެއް ހެދުމަށްޓަކައި، ހުޅުމާލޭގައި މިހާރުވެސް ރޭވިފައި އޮތް ވަރަށްބޮޑު މެޑިކަލް ސެންޓަރުގެ މަޝްރޫޢެއް. އެ މަޝްރޫޢަށް ކުވޭތު ފަންޑުން ފައިސާ ހޯދުމަށްޓަކައިވެސް މަސައްކަތް ކުރެވެމުން މިގެންދަނީ. ފައިސާ ލިބުމަކީ އަދި ހަމަ އެކަން ފުރިހަމަކުރެވޭނެ ކަމެއް ނޫން. ހަމަ އެއާ އެއްވަރަށް އެބަ ބޭނުންވޭ، އެކަން ކުރުމުގެ ނޯ ހައު. ހަމަ އެ މަޢުލޫމާތުވެސް. އެހެންވީމާ، އެކަން ކުރިއަށް ގެންދިޔުމުގައިވެސް ޑުބާއީ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް މީގެ ފަންނީ ލަފައާއި އެހީ ދެއްވުމަށް ތައްޔާރަށް ތިއްބެވީ.

ދެން ހަތަރުވަނަ މަޝްރޫޢަކަށް އަޅުގަނޑުމެން ފާހަގަކުރީ، އިންޓަރނެޓާއި ކޮމްޕިއުޓަރައިޒޭޝަނާބެހޭ މަޝްރޫޢެއް. އޭގެތެރޭގައި ސްމާރޓް މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި ސްމާރޓް ސަރުކާރެއް އުފެއްދުމާއި، މިހާރުވެސް އީ ގަވަރންމަންޓްގެ މަސައްކަތް ކުރެވެމުން މިދަނީ. އެހެންވީމާ، އެކަންވެސް މިހާރަށްވުރެ ކުރިއަށް ގެންދާނީ ކިހިނެއްތޯ. ޑުބާއީގައި މިކަން ކުރަނީ ކިހިނެއްތޯ، އަޅުގަނޑުމެންނަށް ސާފުވުމާއި، އެހެންވީމާ، ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ސަރުކާރާ މިތަންތަނުގައި މިހާރަށްވުރެ ރަނގަޅަށް އިންޓަރނެޓްގެ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭނުންކުރެވޭނީ ކިހިނެއްތޯ. އެކަމުގައި ޑުބާއީގެ ތަޖްރިބާއާއި އެހީތެރިކަންވެސް އަޅުގަނޑުމެންނަށް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް ބޮޑު.

އެހެންވީމާ، މިދެންނެވި ހަތަރު ދާއިރާއަކުން އަޅުގަނޑުމެންނަށް މަޢުލޫމާތާއި އެހީތެރިކަން ޑުބާއީގެ ފަރާތުން ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް. ދެން މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، ޑުބާއީއާއި ދިވެހިރާއްޖެއާ ދޭތެރޭގައި ގުޅުން ބަދަހިވަމުން މިދަނީ ވަރަށް ބޮޑަށް. އޭގެ މިސާލެއްގެ ގޮތުން ދަންނަވަންޏާ، ދާދިފަހުން ފްލައި ޑުބާއީގެ ދަތުރުތައްވެސް ދިވެހިރާއްޖެއަށް ފެށިއްޖެ. އަދި ޑުބާއީގެ އިންވެސްޓްމަންޓްވެސް ރާއްޖޭގައި އެބަހުރި. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި، ތިން ރިޒޯޓެއްގައި އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޑުބާއީގެ އިންވެސްޓްމަންޓްސް އެބަހުރި މިހާރުވެސް. އެހެންވީމާ، ޑުބާއީން ވަރަށް ބޮޑަށް ޝައުޤުވެރިކަން އެބަހުރި ދިވެހިރާއްޖެއާ ގާތް ގުޅުމެއް އުފައްދައި، ދުބާއީގެ ތަޖުރިބާ ރާއްޖެއާ ޙިއްޞާ ކުރައްވަން. އަދި އަޅުގަނޑު އުންމީދު ކުރަނީ، މާލަސްތަކެއްނުވެ ޑުބާއީގެ ލީޑަރޝިޕް ފެންވަރުގައި ރާއްޖެއަށްވެސް ހަމަ ވަޑައިގެން، ރާއްޖޭގެ ކަންކަން ބައްލަވައި، މިހާރަށްވުރެ ގާތް ގުޅުމެއް އުފެދިގެންދާނެ ކަމަށް.

ދެން މިވާހަކަތައް ދަންނަވާލުމަށްޓަކައި އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ. މިއާ ބެހޭގޮތުން އެއްވެސް ބޭފުޅަކު ސުވާލެއް އޮތިއްޔާ ދަންނަވާ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ މަނިކުފާނު ތިޔަ ފާހަގަކުރެއްވި ލުއި ލޯނެއްގެ ވާހަކަ، ސަޢޫދީ ސަރުކާރުން. އެއީ ކިހާވަރެއްގެ ލުއި ލޯނަކަށްތޯ ތިޔަ އެކްސްޕެކްޓް ކުރައްވަނީ. ދެން އެ ލުއި ލޯނު ޚަރަދު ބަޖެޓް ކަންތައް ޙައްލުކުރެއްވުމަށްތޯ ނޫނީ ވަކި މަޝްރޫޢަކަށްތޯ އިސްކަން ދެއްވަނީ؟

ދެން އަނެއް ސުވާލަކީ، ވީސާގެ މައްސަލަ ވިދާޅުވެއްޖެ، ޢުމްރާއަށްދާ މީހުންގެ. އަޅުގަނޑަށް ބައެއް މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިހާރުވެސް ލަންކާގައި ބައެއް މީހުން ހަމަ ތާށިވެފައި އެބަ ތިބި. ޢުމްރާއަށް ދާން ބޭނުންވާ ބައެއް މީހުން. ނަމަވެސް ދިވެހި ސަރުކާރުން މިކަމުގައި އިތުރު ޙައްލެއް ފެނޭތޯ އެއްވެސްވަރަކަށް ސަޢޫދީ ސަރުކާރުގައި ދެންނެވިންތޯ، ކިހާ ދުވަހެއް ވަންދެން ވީސާ ނުލިބި، 15 ދުވަހަށް ކަމަށް އެންމެފަހުން މަޢުލޫމާތު ލިބިފައި އޮތީ، ރޯދަމަސް އެއްކޮށް ނުލިބޭތީ. ކޮބައިތޯ މީގައި ސަރުކާރުން ގެނެސްދެވުނު ޙައްލަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ފުރަތަމަ ލޯނުގެ އިޝޫއަށް. އެނގިވަޑައިގަންނަވާނޭ ފަދައިން މިހާރު ބަޖެޓް ފައިނޭންސް ކުރުމަށްޓަކައި މިގެންދަނީ ކުރު މުއްދަތުގެ ލޯނުތައް އެކިފަރާތް ފަރާތުން ނަގަމުން. އެއީ ތިންމަސް ދުވަހަށް، ހަމަސް ދުވަހަށް މިކަހަލަ ގޮތަކަށް. ބޮންޑް ވިއްކައިގެން އަޅުގަނޑުމެން މިފައިސާ މިހޯދަނީ. ދެން މިހާރުގެ ރޭޓްތައް ހުރީ ވަރަށް ބޮޑުކޮށް. 7 ޕަސެންޓް، 8 ޕަސެންޓްގައި މިހާރު ފައިސާ މިލިބެނީ. އެހެންވީމާ، އެ ޢަދަދުގައި އެހާ އަވަސް އަވަހަށް ފައިސާ ނަގައި ރޯލް ކުރުމަކީ، އެއީ ބަޖެޓަށް އިތުރު ބުރަކަމެއް ލިބިގެންދާ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޑެފިސިޓް ފައިނޭންސް ކުރުމަށްޓަކައި މިގޮތަށް ފައިސާ ހޯދަމުން މިވޭތުވެދިޔަ އަހަރުތަކުގައިވެސް މިދަނީ. މިހާރު އެކަމުގެ ދަތިކަން ވަރަށްބޮޑު. އަޅުގަނޑުމެންނަށް ތަންކޮޅެއް ދިގު މުއްދަތަކަށް އަޅުގަނޑުމެން މިދައްކަނީ ގާތްގަނޑަކަށް ފަސްއަހަރާއި 8 އަހަރާ ދޭތެރޭގެ މުއްދަތެއްގައި. އަޅުގަނޑުމެންނަށް އަދި އެއް ޕަސެންޓް، ދެ ޕަސެންޓްގައި އިންޓްރެސްޓްގެ ލޯނެއް ލިބުނަސް އެއީ ވަރަށްބޮޑު ލުޔެއް ސަރުކާރަށް ލިބޭ. ބަޖެޓް މެނޭޖް ކުރުމަށްޓަކައި ލިބޭ ވަރަށްބޮޑު ލުޔެއް އެއީ. އެހެންވީމާ، އެކަހަލަ ފުރްޞަތެއް ހޯދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަނީ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ނަގަންޖެހޭ ޝޯރޓް ޓަރމް ވިއްކާ ބޮންޑްތައް ގަތުމުގައި ލުއިކަމެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް މިބާވަތުގެ ފުރްޞަތެއް އަހަރެއް، ދެއަހަރު ވަންދެން އަޅުގަނޑުމެންނަށް އެފައިސާ ލިބުނު ކަމުގައިވީނަމަވެސް، ބަޖެޓް މެނޭޖް ކުރުމުގައި ސަރުކާރަށް ވަރަށްބޮޑު ލުޔެއް ލިބޭނެ. އަޅުގަނޑު އުންމީދު ކުރަނީ ފަސްއަހަރު ނުވަތަ އަށް އަހަރަށް ދަމާލެވޭވަރުގެ ލޯނެއް ލިބިއްޖިއްޔާ އެއީ، ވަރަށްބޮޑު ފަސޭހައެއް ކަމަށް. އެހެންވީމާ، އެއީ އަޅުގަނޑުގެ އުންމީދަކީ. އަޅުގަނޑުމެން މިހާރު ދަންނަވާފައި އޮންނާނީ، ތިންސަތޭކަ މިލިއަން ޑޮލަރުގެ ފެސިލިޓީއަކަށް. އެހެންވީމާ، އެއީ އެއްފަހަރާ ކޮންމެހެން ލިބޭ އެއްޗަކަށްނުވި ނަމަވެސް.

ދެން ސަޢޫދީ ސަރުކާރުން ހުރިހާ ފަރާތަކަށްވެސް އަންގަވަމުން ގެންދަވަނީ، މިދަނޑިވަޅުގައި ވަރަށް ދައްޗޭ، ކުރިން ވީސާ ދޫކުރަމުންދިޔަގޮތަށް ވީސާ ދޫކުރަމުން ގެންދަން. އެހެންވީމާ، މިހާރު ވަކި މުއްދަތެއް ކަނޑައަޅުއްވާފައި، ވަކިވަރަކަށް ކޮންމެ ޤައުމަކަށްވެސް ދޫކުރަމުން މިގެންދަނީ. އަޅުގަނޑުމެންނަށް ދަތިވާ ވާހަކަ އަޅުގަނޑުވެސް ދެންނެވިން. އަޅުގަނޑުމެންގެ ވަރަށްގިނަ ބަޔަކު ޢުމްރާއަށް ދާން ބޭނުންވާކަމާއި، މިއީ ޢާންމުކޮށް ހަމަ ކޮންމެ ރޯދަމަހަކުވެސް އަޅުގަނޑުމެން ކުރާ ކަމެއްކަން. ދެން އެކަމުގައި ވިދާޅުވީ، ހަމަ ހުރިހާ ޤައުމުތަކަކަށްވެސް އެހެންނޭ މިކަން އޮތީ. ހަމަ އެއްވެސް ޤައުމަކަށް މިހާރު ކުރިން ދެމުންދާ ވަރަކަށް ނުދެވެއޭ. މި ކޮންސްޓްރަކްޝަން މަޝްރޫޢުތައް ނިމެންދެން އެބަޖެހެޔޭ ތިމަންނަމެންނަށް ތަންކޮޅެއް ބޮޑަށް މިކަން ކޮންޓްރޯލް ކޮށްލަން. އެހެންވީމާ، ތިޔަބޭފުޅުން ސަޢޫދީ ޓީ.ވީ ބައްލަވައިފިއްޔާ، މިހާރުވެސް އެތަނުގެ ޓީ.ވީ އަށް އަރަމުންދާނެ އަބަދުވެސް އަރަމުންދާނެ، ތިމަންނަމެން ވަރަށް ބޮޑަށް އެދެމޭ ލަސްކޮށްލަން ނޫނީ ފަސްކޮށްލަން ދަތުރު ސަޢޫދީޢަރަބިއްޔާއަށް. އެހެންވީމާ، އެބޭފުޅުންވެސް ވަރަށް ތާށި ދުވަސްވަރެއްގައި އެއުޅުއްވަނީ. އެހެންވީމާ، އަޅުގަނޑުގެވެސް އިލްތިމާސަކީ، ކޮންމެހެން ހަމަ މިހާރު ވަޑައިގަންނަވަންޖެހޭ ބޭފުޅުން ފިޔަވައި އެހެން ބޭފުޅުން ލަސްކޮށްލެއްވުން އެއީ ރަނގަޅު ކަމަކަށްވާނެއޭ. އެތާނގައި ވަރަށް ދަތީގައި އުޅުއްވަން ޖެހިވަޑައިގަންނަވާނީ. އަޅުގަނޑުވެސް މިހާރު މައްކާއަށް ހިނގައްޖައިން، މިއީ ފަސްވަނަ ފަހަރު. އެހެންވީމާ، މިފަހަރު މިއީ އެންމެ އުނދަގޫކޮށް، އެންމެ ތޮއްޖެހިގެން ޠަވާފް ކުރެވުނު ފަހަރު. ޙައްޖު މޫސުމަށްވުރެވެސް މިވަގުތު އުޅެނީ ދަތިކޮށް. އެހެންވީމާ، އެކަން ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަތުން އެއީ ވަރަށް މުހިންމު ކަމެއް. އެއީ ސަރުކާރުން މަސައްކަތް ނުކުރާތީކީވެސް ނޫން. އަދި އެތަނުން ސަޢޫދީ ސަރުކާރުން ބޭނުންފުޅުނުވާތީކީވެސް ނޫން. އެހެން ނަމަވެސް، މިކަހަލަ ބޮޑެތި މަޝްރޫޢުތަކެއް ހިނގަމުންދާއިރުގައި ހަމަ އެ ދަތިތައް ހުރީ.

އަޙްމަދު ރިފާޢު – ވީ.ޓީ.ވީ:

މަނިކުފާނު ދެންމެ ވިދާޅުވެއްޖެ، ޑުބާއީގެ ނައިބު ރައީސާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގެ ބައެއް ތަފްޞީލުތައް. ފުރަތަމަ ޑުބާއީ ޕޯޓްސްގެ ޝައުޤުވެރިކަން ހުރި ވާހަކަ ވިދާޅުވެއްޖެ، ރާއްޖޭގައި އިންޓަރނޭޝަނަލް ޕޯޓެއް ޤާއިމް ކުރުމަށްޓަކައި. ރައީސް މައުމޫންގެ ސަރުކާރުގައިވެސް މި މަސައްކަތްތައް ކުރެވިފައި އޮތީ ކޮންމެވެސް ސިފައެއްގައި. އިހަވަންދިއްޕޮޅުގައި އޭގެ ބަނދަރެއް ޤާއިމްކުރަން އޭރު ސަރުކާރުން ވިސްނާފައި އޮތީ. މަނިކުފާނު ޑުބާއީގެ ނައިބު ރައީސާ ބައްދަލުކުރެއްވިއިރު، ވަކި ޚާއްޞަ ޕްރޮޕޯސަލަކާއެކުތޯ ބައްދަލުކުރެއްވީ. އެހެންކަމަށްވާނަމަ، މިހާރު މި ސަރުކާރުގެ ޚާއްޞަ ވިސްނުމެއް އެބައޮތްތޯ އޭގައި، އެ ބަނދަރު ޤާއިމްކުރާނެ ވަކި ލޮކޭޝަނަކާ ގުޅޭގޮތުން. ދެން ހަމަ އެއާ އެއްކޮށް، މި ސުވާލާ ގުޅިގެން ހަމަ އަޅުގަނޑު އަހާލާހިތްވޭ، މި ޕޯޓް ޤާއިމްކުރާއިރު، ބޮޑަށް ސަރުކާރުގެ ވިސްނުންހުރީ، ބޭރުގެ ބަޔަކާ ގުޅިގެން، ސަރުކާރާއި އެ ބަޔަކާ ގުޅިގެން ޖޮއިންޓް ވެންޗަރއެއްގެ ގޮތަށް އެކަން ކުރިއަށް ގެންދަންތޯ. އެހެން ވެއްޖެއްޔާ ކިހިނެއްތޯ، ސަރުކާރުގެ ކޮންޓްރޯލެއްގެ މައްޗަށް ހިނގާ ގޮތަށްތޯ ބަނދަރެއް ޤާއިމްކުރާނީ. ކޮބައިތޯ މިކަމުގައި ދެން ސަރުކާރުން ގެންގުޅޭ ވިސްނުމަކީ؟ މިއީ އަޅުގަނޑުގެ ފުރަތަމަ ސުވާލު.
ދެން ހަމަ ދެވަނަ ސުވާލެއްވެސް އެބައޮތް. އެއީ ވިދާޅުވެއްޖެ، ލުއި ލޯނެއް ނަގަން ސަޢޫދީ ސަރުކާރާ މަޝްވަރާ ކުރެއްވި ވާހަކަ. ލުއި ލޯނެއް ނަގަން ތި މަސައްކަތް ކުރައްވަނީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބައެއް ޤާނޫނުތަކުގެ އިޞްލާޙުތައް ގެނެސްގެން އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދުމަށްޓަކައި. އެހެން ނަމަވެސް މަޖިލީހުގެތެރެއިން އެކަމަށް އިޖާބަ ދެއްވި ތަނެއް އަޅުގަނޑުމެންނަކަށް ނުފެނުނު. ސަރުކާރު އެ ބޭނުންވާ ގޮތަށް ޤާނޫނުތައް އިޞްލާޙުވެގެންދިޔަ ތަނެއް ނުފެނުނު. ހަމަ އެކަމުގެ އެއްބާރުލުމެއް ނުފެނުނު. އެހެންވީމާ، ސަރުކާރުން އާމްދަނީ ހޯދުމަށް ތިކުރެއްވި މަސައްކަތް ކޮޅެއްގައި ނުޖެހުނީމާ ދެން އިތުރު ގޮތެއް ހޯއްދަވަނީތޯ؟ ދެން ހަމައެއާ އެއްކޮށް ސަޕްލިމެންޓްރީ ބަޖެޓެއްވެސް ޑްރާފްޓް ކުރައްވާ ވާހަކަ ވިދާޅުވި. ދެން އެމަސައްކަތްވެސް ހުއްޓަވާލެއްވީތޯ؟ ލައްވާފައިތޯ ތި ލޯނު ހޯއްދަވަނީ؟ ކޮބައިތޯ މީގެ ތަފްޞީލަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ފުރަތަމަ ސުވާލު. ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ޤާއިމްކުރުމުގެ މަޝްރޫޢެއް ތިޔަ ވިދާޅުވިހެން ވަރަށް ދުވަސްވެއްޖެ، އެކަމުގައި އަޅުގަނޑުމެންވެސް ސަރުކާރުން ވިސްނަމުން ގެންދާތާ. އެކިއެކި ސަރުކާރުން. ދެން ބައިނަލްއަޤްވާމީ ބަނދަރެއް ޤާއިމު ކުރުމަށްޓަކައި މިހާރު މީގެކުރިންވެސް ސަރުކާރުން ނިންމާފައި އޮތީ ތިލަފުށީގައި. އެހެންވީމާ، ތިލަފުށީގެ ބައެއް ހިއްކައިގެން، ތިލަފުށީގައި އިންޓަރނޭޝަނަލް ޕޯޓް ޤާއިމް ކުރުމުގެ ވިސްނުން ސަރުކާރުން މިހާރުވެސް ގެންގުޅޭނީ. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، ޑުބާއީ ޕޯޓްސްއަކީ އެއީ ދުނިޔޭގެ ވަރަށްގިނަ ޕޯޓްސްތައް މިހާރު ހިންގާ ބައެއް. އަދި އަނެއް ބައެއް ޕޯޓްސް ހަދާ ބައެއް. އެހެންވީމާ، އަޅުގަނޑުމެންގެ އުންމީދަކީ، ދެން މިކަމަކީ މިއީ އަޅުގަނޑުމެންގެ އެމް.ޕީ.އެލް.ގެ ބޯޑުގައިވެސް މަޝްވަރާ ކުރެވެންޖެހޭ ކަމެއް. ކޮށްގެން މިކަން ފައިނަލައިޒްވާނީ. އަޅުގަނޑުމެންގެ އުންމީދަކީ، މިކަން ކުރަން ދަންނަ، ހިންގޭވަރުގެ ބަޔަކާ ގުޅިގެން ކަންތައް ކުރުން. އަޅުގަނޑުމެންގެ ސިޔާސަތެއްގެ ގޮތުގައި، އެނގިވަޑައިގަންނަވާނޭ ފަދައިން މިހާރުވެސް މިގެންގުޅޭ ސިޔާސަތަކީ، އަޅުގަނޑުމެންގެ އެއްވެސް މަޝްރޫޢެއްގައި ކޮންޓްރޯލް، މެޖޯރިޓީ ކޮންޓްރޯލް ބޭރަށް ދޫކޮށްނުލުން. ދިވެހި ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި، މެޖޯރިޓީ ޝެއަރ އޮވެގެން ކަންކަން ކުރުން. އެހެންވީމާ، މިކަމުގައިވެސް އަޅުގަނޑުމެންގެ ސިޔާސަތަކަށްވާނީ، ރާއްޖޭގެ ކޮންޓްރޯލިންގ ޝެއަރ އޮތުން. އެހެންވީމާ، އަޅުގަނޑުމެން މިހާރު ޑުބާއީ ޕޯޓްސްއާ ވާހަކަ ދައްކައިގެން މީގައި އަޅުގަނޑުމެން ގޮތެއް ނެރެން މިޖެހެނީ. ޑުބާއީ ޕޯޓްސްއިން ތިބީ އަޅުގަނޑުމެންނާއެކީގައި މިކަމުގައި މަޝްވަރާކޮށްގެން އެހީތެރިވެދޭގޮތަށް. އެހެންވީމާ، އަޅުގަނޑުގެ އުންމީދު ވަރަށް ރަނގަޅު. މިމަޝްވަރާގެ ސަބަބުން ހަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް. ރާއްޖެއަށް ފައިދާހުރި، ރާއްޖޭގެ ކޮންޓްރޯލް އޮންނަގޮތަށް މިކަން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމަށް.

ދެން ލޯނު ނެގުމުގެ މައްސަލައިގައި، މިހާރު ސަރުކާރުގެ ބަޖެޓް ފައިނޭންސް ކުރުމަށްޓަކައި ލޯނު ނެގުމުގެ ހުއްދަ އޮތީ ފިނޭންސް މިނިސްޓްރީއަށް ލިބިފައި، ބަޖެޓް ފާސްކުރިއިރުގައި. އެއަކަށް ވަކި ލިމިޓެއް މިފަހަރަކު ކަނޑައަޅުއްވާފައެއް ނެތް ކަމަށް ފައިނޭންސް މިނިސްޓަރ އަޅުގަނޑު ކައިރީގައި ވިދާޅުވެފައި އޮތީ. އެހެންވީމާ، މި ދެން އަދި 300 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް އަޅުގަނޑުމެންނަށް ލިބުނަސް، އަޅުގަނޑުމެންނަކަށް ކުއްލިއަކަށް މިއަހަރު 300 މިލިއަން ނަގާކަށް ނުވެސްޖެހޭނެ. މިކަން ކުރުމުގެ ބޭނުމަކީ ހަމަ އެނގިވަޑައިގަންނަވާނޭ ފަދައިން، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވެސް ހަމަ ބަޖެޓް މެނޭޖް ކުރުމަކީ އެއީ، ވަރަށްބޮޑު ދަތިކަމަކަށްވެފައި އޮންނަނީ. ލިބޭ އާމްދަނީއަކަށްވުރެ ބޮޑު ޚަރަދު، ކޮންމެ މަހަކުވެސް ކުރަމުން މިގެންދަނީ. ބައެއް މަސްމަހުގައި ހަމަ ކިރިޔަ ކިރިޔާ މުސާރަ ދައްކާލެވޭވަރަށް އާމްދަނީ ލިބޭ. އަނެއްބައި މަސްމަހުގައި އެވަރުވެސް ނުވެގެން ލޯނުވެސް ނަގަން މިޖެހެނީ، ބޮންޑް ވިއްކައިގެން. މިކަހަލަ ގޮތަކަށް ދައުލަތުގެ ބަޖެޓް މެނޭޖް ކުރަމުން މިގެންދަނީ، މިއަހަރަކު ނޫން، މިވޭތުވެދިޔަ އަހަރުތަކުގައިވެސް ހަމަ އެގޮތަށް އެކަން އޮތީ. އެހެންވީމާ، ކުރިން ސަރުކާރުން އެކިއެކި ކުންފުނިތަކުގެ ޝެއަރ ވިއްކާލަން ޖެހިފައި އޮތީވެސް ހަމަ އެއީކީ ކޮންމެހެން ސަރުކާރުންވެސް މިކަން ދޫކޮށްލަން ބޭނުންވާތީކީ ނޫން. އެހެން ނަމަވެސް، ހަމަ ބަޖެޓް ފައިނޭންސް ކުރުމަށްޓަކައި ފައިސާ ހޯދޭނެ ގޮތްގޮތް ނެތީމާ، އޭރުގައި ދިރާގުގެ އެންމެ ފައިދާހުރި ކުންފުނި އެއީ. އެކަމަކު އެކުންފުނީގެ ޝެއަރތައްވެސް ވިއްކާލީ. ފެން ކުންފުނީގެ ޝެއަރތައްވެސް ވިއްކާލީ. އެންމެފަހުން ގޮސް އެއަރޕޯޓްސް ބޭރު ބަޔަކަށްދީފައި، ވަރަށް ބޮޑެތި ޢަދަދުތަކުގެ ފައިސާ ނެގި. ހަމަ ބަޖެޓް މެނޭޖް ކުރުމަށްޓަކައި. އެހެންކުރާ ކޮންމެ ކަމަކުންވެސް އެމަހަކު ބޭނުންވާ ކަންތައްތައް މި ހަމަޖައްސާލެވެނީ. އަނެއްކާވެސް ދެން އަންނަ މަހު އެބަޖެހޭ ހަމަ އެއްކަލަ ހާލުގައި އުޅެން. އެހެންވީމާ، އަޅުގަނޑުމެން މި ވިސްނަންޖެހެނީ، ލޯންގޓަރމް ސޮލިއުޝަނަކަށް. މިއީ އަދި ތަންކޮޅެއް ދިގު މުއްދަތަކަށް ބަޖެޓްގެ ކަންތައްތައް ޙައްލުކުރެވޭނެ ގޮތެއް އެބަ ހޯދަންޖެހޭ. ދެން އެކަމުގައި ލުޔެއް ހޯދުމަށްޓަކައި އަޅުގަނޑު މިދަންނަވާ ގޮތަށް ލުއި ލޯނެއް ލިބިއްޖިއްޔާ، ވަރަށްބޮޑު ފަސޭހަކަމެއް ފިނޭންސް މިނިސްޓްރީއަށް ލިބިގެންދާނެ. ދެން ރާއްޖޭގައި ވަރަށް އާދަޔާ ޚިލާފު ކަމެއް މިއީ، ބަޖެޓް ފާސްކުރާއިރުގައި އަޅުގަނޑުމެން އެބަ ބަޖެޓްގައި އެބަ ފާސްކުރޭ، ރެވެނިއު ހޯދާނެގޮތާއި، އެ ޚަރަދުކުރާނެގޮތާ ދެބައިވެސް. އެކަމަކުވެސް އަނެއްކާވެސް އެބަޖެހޭ އެއްކަލަ ރެވެނިއު ބިލްތައް ވަކިން ހުށަހަޅަން. ހުށަހަޅައިގެން އެ ބިލްތައްވެސް ފާސްކުރުވަން. އެހެންވީމާ، މިހާރުވެސް ހުށަހަޅާފައި ހުރި ބައެއް ބިލްތައްވެސް އެބަހުރި. ހުށަހަޅަންޖެހޭ ބައެއް ބިލްތައްވެސް އެބަހުރި. އެމަސައްކަތް ހަމަ ސަރުކާރުން ކުރިއަށް ގެންދާނެ، ކުރިއަށް މިއޮތް ތާނގައިވެސް. އަދިވެސް އަޅުގަނޑުމެންގެ އުންމީދަކީ، މިއަހަރުވެސް ރެވެނިއުވެސް ކުރެވޭނެ ކަމަށް ކޮންމެވެސްވަރަކަށް. އޭރުން އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނީ. އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން، ފައިސާ ލިބޭނެގޮތެއްނެތި ފައިސާ ޚަރަދު ކުރުމަކީ. ދެން އެހެން ނޫނީ ޖެހޭނީ ފައިސާޖަހަން. ފައިސާ ޖެހީމާ، ވާގޮތަކީ ފައިސާގެ އަގު ވެއްޓެނީ. ޑޮލަރުގެ ފަހަތުންދުވާ ދިވެހި ފައިސާ އިތުރުވެގެންދާނީ.

އާދެ! ދެން އޭރުގައި ސުވާލު ކުރެއްވިއިރުގައި ވިދާޅުވި، ޑުބާއީގެ ނައިބު ރައީސް. ޑުބާއީގެ ނައިބު ރައީސެއް ނޫން ޝައިޚް މުޙަންމަދަކީ އެއީ އެމިރޭޓްސްގެ، ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ނައިބު ރައީސް. އެތާނގެ އެކިއެކި ޢިމާރާތްތައް މިހުންނަނީ. ހުންނައިރުގައި ޑުބާއީ އެއީ އެއް ޢިމާރާތް. އެތާނގެ ކޮންމެ ތަނެއްގައި މިހުންނަވަނީ ރޫލަރއެއް. ޙާކިމެއް ހުންނަވަނީ. އެގޮތުން ޝައިޚް މުޙަންމަދަކީ އެއީ ޑުބާއީގެ ރޫލަރ. އަދި މުޅި އެމިރޭޓްސްގެ ނައިބު ރައީސް. އެހެންވީމާ، އެބޭފުޅާއަކީ އެއީ ވަރަށް ބާރުގަދަ ބޭފުޅެއް. އަދި ދުނިޔޭގެ ފެންވަރުގައި ވަރަށް ބޮޑަށް އިޙްތިރާމް ލިބޭ ބޭފުޅެއް މިހާރު. އެބޭފުޅާ ޑުބާއީއަށް އެ ގެންނެވި ތަރައްޤީގެ ބޮޑު އިންޤިލާބު އެއީ، މަދު ތަނެއްގައި ނޫނީ ނުގެނެވޭ އިންޤިލާބެއް. މިއަދު އެނގިވަޑައިގަންނަވާނޭ ފަދައިން، މިދޭތެރެއިން މިދިމާވި ރިސެޝަނަށްފަހުގައިވެސް، ރިސެޝަނުން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ޑުބާއީ މިވަނީ އަރައިގެންފައި. އަޅުގަނޑުމެންނަށް އެމިރޭޓްސްގެ އެއަރލައިންގެ ޚިދްމަތް ލިބެމުންމިދަނީ. ވަރަށްގިނަ ދުވަސްވެއްޖެ. އެމިރޭޓްސް އެއަރލައިނަކީވެސް ދުނިޔޭގެ ފެންވަރުގައި ހަމަ އެންމެ ރަނގަޅު އެއް އެއަރލައިން. އެހެންވީމާ، އެހާ ރަނގަޅަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާ ތަނެއް ޑުބާއީއަކީ. ޑުބާއީއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮތް ގުޅުން ބަދަހިވެގެން ދިޔުމަކީ އެއީ ރާއްޖެއަށް އޭގެ ސަބަބުން ވަރަށްބޮޑެތި އެހީތައް ލިބިގެންދާނެ ކަމެއް ކަމަށް އަޅުގަނޑު އުންމީދު ކުރަނީ.

އަޙްމަދު ރިފާޢު – ވީ.ޓީ.ވީ:

އަޅުގަނޑު އަދި ސުވާލުގެ ހަމަ އެއްބައި ދަންނަވާލަން. ސަޕްލިމެންޓަރީ ބަޖެޓެއްވެސް ހުށަހަޅަން ސަރުކާރުން މަސައްކަތްތަކެއް ކުރައްވާ ވާހަކަ، ފިނޭންސް މިނިސްޓަރ ދޭތެރެ ދޭތެރެއިން ވިދާޅުވަމުން ގެންދެވީ. މި މަސައްކަތް އެއްކޮށް ހުއްޓަވާލެއްވީތޯ މިހާރު؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ ބަދަލުގައި މިހާރު ފައިނޭންސް މިނިސްޓަރުގެ ޚިޔާލުފުޅު ހުރީ ބަޖެޓްގެ ތެރެއިން ބައެއް ބަދަލުގެންނަވައިގެން، ކުރިއަށް އޮތް ދުވަސްކޮޅުގައި މެނޭޖް ކުރެއްވުމުގެ ޚިޔާލު. ދެން އެކަމުގައި ފައިނޭންސް މިނިސްޓަރ ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިރުޝާދާއި މަޝްވަރާ ހޯއްދަވަމުން.

 

 

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް

ދެސުވާލު އަޅުގަނޑު ކޮށްލާނަން އިނގޭތޯ. އެއީ ފުރަތަމަ ސުވާލަކީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވިދާޅުވެ، އޭރު މުއްދަތެއް ދެއްވި. މިހާތަނަށް އެމަސައްކަތް ޢަމަލީގޮތުން ނުފެށި ލަސްވެފައި އޮތީ ކިހިނެއްވެގެންތޯ؟ ފައިސާގެ މައްސަލަ ދިމާވަނީތޯ. ކޮބައިތޯ މައްސަލައަކީ؟

ދެވަނަ ސުވާލަކީ ރިޔާސީ އިންތިޚާބާ ގުޅޭ ސުވާލެއް އިނގޭތޯ. އިލެކްޝަންސް ކޮމިޝަނުން މިހާރު އިޢުލާނު ކުރައްވާފައިވާއިރުގައި، މަނިކުފާނު ކުރިމަތިލައްވާނީ އަމިއްލަގޮތުންތޯ ނުވަތަ ޕާޓީއެއްގެ ޙައިޘިއްޔަތުންތޯ؟


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ހުޅުމާލޭ ސެކަންޑް ފޭސްގެ މަސައްކަތް ކުރެވެމުންދަނީ. ބިން ހިއްކުމުގެ މަޝްރޫޢު ޙަވާލުކުރާނެ ފަރާތެއް ހޯދުމަށްޓަކައި އިޢުލާނުކޮށް، އެކަމަށް ޕްރޮޕޯޒަލްވެސް ލިބިފައި އޮތީ. ދެން އެތަނުން ކުންފުންޏެއްވެސް މިހާރު ފާހަގަކުރެވިފައި. ފައިސާ ހޯދުމުގެ ކަންތަކުގައި، ބައެއް ކަންކަން ސާފުކުރަންޖެހޭތީ، ތަންކޮޅެއް ލަސްވެގެން މިދިޔައީ. އެހެން ނަމަވެސް، އެޗް.ޑީ.ސީ.އިން އަޅުގަނޑަށް ޔަޤީންކަން ދެއްވާފައިވަނީ، މާލަސްތަކެއްނުވެ އެކަންކަން ޙައްލުވެގެންދާނެ ކަމަށް. އަދި އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކަން ފައިނަލައިޒް ވެގެންގޮސް މަސައްކަތް ފެށޭވަރުވާނެ ކަމަށް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޔޫރަޕްގެ ދެ ކުންފުންޏަކުން އެކަމަށް ކުރިމަތިލާފައި އޮތީ.

ދެން އަޅުގަނޑު އެބަޖެހޭ އިންތިޚާބުގައި ކުރިމަތިލުމަށްޓަކައި ރައްޔިތުންގެ ސޮއި ހޯދަން. އެއީ، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުގެ ޕާޓީއާ ދޭތެރޭގައި ސުވާލު އުފައްދާފައި މިއޮތީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުދި ޕާޓީތައް އުވައެއްނުލެވޭނެ. އެއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް. އެހެންވީމާ، އެމައްސަލަވާނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި. ސުޕްރީމް ކޯޓުން އަދި މައްސަލަ ވަކިގޮތަކަށް ނުނިމޭ. ނުނިމި އޮއްވައި އަޅުގަނޑު ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައިގެން، އެއާ ދޭތެރޭގައި އަނެއްކާ ސުވާލު އުފައްދައި، އަޅުގަނޑަށް ކުރިމަތިނުލެވޭނެ ގޮތްތައް ހެދުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުންދާކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެ ޓްރެޕްގައި އަޅުގަނޑު ޖެހޭކަށް ނެތިން. އެހެންވީމާ، އަޅުގަނޑު މިހާރު މި ޤަޞްދުކުރަނީ، ފޯމް ހިފައިގެން އަޅުގަނޑު މަގުމައްޗަށް ނުކުންނަން. އަޅުގަނޑު ގޭގެއަށް ދާނަން، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އަޅުގަނޑުގެ ފޯމު ހިފައިގެން. މި މަޤާމުގައި ހުންނަން އިތުރު ޓަރމެއް އަޅުގަނޑަށް ދެއްވަން ބޭނުންފުޅުވާ ބޭފުޅުން އޭގައި ސޮއިކޮށްދެއްވަން އެދިގެން. އެހެންވީމާ، އެގޮތަށް ދެން އަޅުގަނޑު މަސައްކަތް ކުރަން ޤަޞްދުކުރަނީ. އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާ ސިޔާސީ ބޭފުޅުންނެއް، ނޫނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ބޭފުޅުންގެ އެހީތެރިކަމެއް އަޅުގަނޑަކަށް ލިބޭނެ ކަމަކަށް އަޅުގަނޑު އުންމީދުކޮށްގެނެއް ނޫޅެން. ސިޔާސީ މަސްރަޙުގައި، ސިޔާސީ ބޭފުޅުން، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މާބޮޑު އެހީތެރިކަމެއް ނުދެއްވާނެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީވެސް އަދި އެހެން ސިޔާސީ މަޤާމުތަކަކީވެސް އެއީ ރައްޔިތުންދޭ އެއްޗެއް. ރައްޔިތުންގެ އަތުގައި ބާރުއޮތީ. އެހެންވީމާ، އަޅުގަނޑު ދާނީ ސީދާ ރައްޔިތުންގެ އަރިހަށް. ގޮސް އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ބޭނުންވާ ސޮއިތައްވެސް އަޅުގަނޑު ހޯދާނަން. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، އަޅުގަނޑަށް ތާއީދު ކުރައްވާ ދިވެހި ރައްޔިތުންގެ ކިތަންމެ ބައިވަރު ބޭފުޅުންނެއް އެބަތިއްބެވިކަން. އެހެންވީމާ، އެބޭފުޅުންގެ އަރިހަށް އަޅުގަނޑު އެބަދަން. އާދެ! އަޅުގަނޑު އަމިއްލަގޮތުން ކުރިމަތިލާނީ އިންޑިޕެންޑެންޓް ކެނޑިޑޭޓެއްގެ ގޮތުގައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ، ތިޔަބޭފުޅުން ވަޑައިގެންދެއްވި ކަމަށްޓަކައި.