ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެފަދަ މައްސަލަތަކުގައި ޝަރީޢަތުން ޙުކުމް ކުރެވޭ ފަރާތްތަކަށް، އެ ޙުކުމް ތަންފީޛު ކުރުމުގައި އެއްވެސް ލުޔެއް ދެވިގެންވާނެ ކަމަކަށް ދެކެވަޑައި ނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އަދި އެފަދަ ފަރާތްތަކަށް އެއްވެސް ކަފާލާތެއްގެ ދަށުން މަޢާފުދެވިގެން ނުވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފާހަގަކުރެވުނު ޕޮލިސް މެމޯރިއަލް ޑޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ އޮތީ މިއަދު ހެނދުނު އިސްކަންދަރު ކޮށީގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ ވާޖިބަށް އެކި ގޮތްގޮތުން ހުރަސްއަޅާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅަން އެބަޖެހޭ ކަމަށާއި، އެފަދަ ފަރާތްތަކުގެ މައްސަލަތައް ތަޙުޤީޤުކޮށް، ޝަރީޢަތަށް ފޮނުވައި، ދޭންޖެހޭ ޙައްޤު އަދަބު ވީހާވެސް އަވަހަކަށް އެފަރާތްތަކަށް ދިނުމަކީ، މިފަދަ ކަންކަން ހުއްޓުވުމަށް އެޅޭނޭ ވަރަށްބޮޑު ބާރެއް ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ފުލުހުންގެ މަތިވެރި ޤައުމީ ވާޖިބު އަދާކުރުމުގެ ތެރޭގައި، ފުލުހުންނަށް ހުރަސްއަޅައި، ގެއްލުންދީ، އަނިޔާކުރުމުގެ ކުށްތައް ހިންގާފައިވާ ފަރާތްތަކާ ގުޅޭގޮތުން ތަޙުޤީޤުތައް ހިންގުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅިފައިވާ މައްސަލަތައް ޝަރީޢަތަށް ފޮނުއްވުމުގެ މަރްޙަލާ އަވަސްކޮށްދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި މިފަދަ މައްސަލަތަކަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ބައެއް ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް އެކިގޮތްގޮތުން ގެއްލުންދީ، ބިރުދައްކައި އަދި ފުލުހުންނަށް އަނިޔާކޮށް ހަދަމުން ގެންދާތީ، އެކަން ރައީސުލްޖުމްހޫރިއްޔާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި ފުލުހުންނަކީ ދިމާވާ ކޮންމެ ކަމެއްގައި، ކޮންމެ ވަގުތެއްގައި ޚިދްމަތުގެ މައިދާނަށް ނުކުންނަން ތިބި ބަޔަކަށްވާއިރު، ފުލުހުންގެ ވާޖިބަށް ހުރަސްއެޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށް، ހުރިހާ ފަރާތްތަކަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ޕޮލިސް މެމޯރިއަލް ޑޭ، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމެވީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ އެ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ޙާދިޘާތަކާއި ކަންކަމުގައި، މިދުނިޔެއާ ވަކިވާ ފުލުހުންގެ ހަނދާން އާކޮށް، އެ ފުލުހުން ޤައުމަށްޓަކައި ވެވަޑައިގެންފައިވާ ޤުރްބާނީއާއި، ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުނެވެ. މިވޭތުވެދިޔަ ހަތްއަހަރު ދުވަހުގެ ތެރޭގައި، ފުލުހުންގެ ހަތަރު ބޭކަލަކު ވަނީ އެކިއެކި ޙަމަލާތަކުގަޔާއި އަދި އެކި އެކްސިޑެންޓްތަކުގައި މިދުނިޔެ ދޫކުރައްވާފައެވެ.