ރާއްޖޭގެ މާލީ ޙާލަތު މިހާރު ހުރިގޮތުން، ސަރުކާރުގެ ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން ލުއިލޯނެއް ހޯއްދެވުމާ ބެހޭގޮތުން، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅާބެހޭ މަޢުލޫމާތު ދެއްވުމަށް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާގެ ފިނޭންސް މިނިސްޓަރ ޑޮކްޓަރ އިބްރާހީމް ޢަބްދުލް ޢަޒީޒް އަލް އައްސާފްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި، ދިވެހި ސަރުކާރުގެ މިހުށަހެޅުއްވުމަށް އަލިމަގެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ސަޢޫދީ ސަރުކާރުން ދެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ކިޔަވާ ކުދިންނަށް ސަޢޫދީޢަރަބިއްޔާއިން ސްކޮލަރޝިޕް ހޯއްދެވުމާ ބެހޭގޮތުންވެސް މި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާތަނަށް ސަޢޫދީ ޢަރަބިއްޔާއަށް ސްކޮލަރޝިޕްތަކުގައި ގިނައިން ދިވެހިން ގޮސް އުޅެނީ ދީނީ ތަޢުލީމް ޙާސިލު ކުރުމަށްޓަކައި މަދީނާ ޔުނިވަރސިޓީއަށް ކަމުގައިވީނަމަވެސް، އެ ޔުނިވަރސިޓީގެ އިތުރުން، މިހާރު ސަޢޫދީ ޢަރަބިއްޔާގައި ވަރަށް ރަނގަޅު ޔުނިވަރސިޓީތައް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިތަންތަނުން 50 ސްކޮލަރޝިޕް ދެއްވާނެ ކަމަށް ސަޢޫދީ ސަރުކާރުން މިހާރުވަނީ ދިވެހި ސަރުކާރަށް އަންގަވާފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިސްކޮލަރޝިޕްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ކަންތައް ކުރަންޖެހޭގޮތް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިގޮތުން، އެކަމަށް ޝައުޤުވެރިކަންހުރި ކުދިން އެޑިޔުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން، އެ ޔުނިވަރސިޓީތައް ފާހަގަކޮށް، އެ ޔުނިވަރސިޓީތަކަށް އެޕްލިކޭޝަން ފޮނުއްވުމަށްފަހު، ޔުނިވަރސިޓީން ކުދިން ޤަބޫލުކޮށްފިނަމަ، ސަޢޫދީ ސަރުކާރުން އެކުދިންގެ ޚަރަދުގެ ހުރިހާ ކަމެއް ހަމަޖައްސަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، އެކުވެރި ޢަރަބި ޢިމާރާތަށް ވަޑައިގެން، އެޤައުމުގެ ބޮޑުވަޒީރު އަދި ނައިބު ރައީސް، ޝައިޚް މުޙަންމަދު ބިން ރާޝިދު އާލް މަކްތޫމާއެކު ބޭއްވެވި ބައްދަލުކުރެއްވުމާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.

އެގޮތުން، މައިގަނޑު ހަތަރު ދާއިރާއަކުން ދުބާއީގެ ތަޖުރިބާއާއި ފަންނީ އެހީތެރިކަން ރާއްޖެއަށް ހޯއްދެވުމަށް މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ހަތަރު މަޝްރޫޢަކީ، އެކިއެކި ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ރާއްޖޭގައި ފައިނޭންޝަލް ސަރވިސަސް ސެންޓަރެއް ޤާއިމް ކުރުމުގެ މަޝްރޫޢާއި، ރާއްޖޭގައި ބައިނަލްއަޤްވާމީ ބަނދަރެއް ޤާއިމް ކުރުމުގެ މަޝްރޫއާއި، ރާއްޖޭގައި މެޑިކަލް ސިޓީއެއް ޤާއިމް ކުރުމުގެ މަޝްރޫޢާއި، އިންޓަރނެޓާއި ކޮމްޕިއުޓަރައިޒޭޝަނާބެހޭ މަޝްރޫޢެވެ. މިކަންކަމުގައި ދުބާއީގެ ތަޖުރިބާއާއި އެހީތެރިކަން ރާއްޖެއަށް ލިބޭނޭކަމުގެ އުންމީދު ވަރަށްބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.