ދުނިޔޭގެ މިއަހަރުގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަމެވެ.

އާބާދީތައް އުފެދިގެން އަންނަނީ މުޖުތަމަޢުގެ ޠަބީޢީ އަދި އަސާސީ ބިންގާ ކަމުގައިވާ ޢާއިލާތަކެއްގެ މައްޗަށެވެ. މި ޢާއިލާތަކަކީ، އިންސާނީ ދަރިފަސްކޮޅުގެ ކުރިމަގު ބައްޓަންކޮށްދޭނޭ އާބާދީއެވެ. އެހެންކަމުން، ދުނިޔޭގެ ފެންވަރުގައި އާބާދީ ދުވަހެއް ފާހަގަކުރެވެނީ، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ ތަޢުމީރުކޮށް ތަރައްޤީކުރުމަށްޓަކައި އާބާދީގެ މުހިންމުކަމުންނެވެ.

އާބާދީއަކީ، ދުނިޔެ ވޭތުވުމުގައި ކިތަންމެ މުހިންމު ދައުރެއް އަދާކުރާ ވާސިތާއެއް ނަމަވެސް، މިއަދުވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާބާދީގެ ތެރޭގައި ދަނީ، އެކިގޮތްގޮތުން ތަފާތުކުރުމާއި، ޙައްޤުތައް ހޯދުމަށް މަސައްކަތްކުރުމުގައި ހުރަސްތައް ކުރިމަތިވަމުންނެވެ. ޚާއްޞަގޮތެއްގައި، އަންހެންކުދިންނާމެދު މިފަދަ ނޭދެވޭ ތަފާތުކުރުންތައްވަނީ އިންތިހާއަށް އިތުރުވެފައެވެ. ޅަފަތުގައި ތަޢުލީމުން މަޙްރޫމުވެ، ނުއުފުއްލޭވަރުގެ ތަކުލީފުތަކާއި ޒިންމާތައް އެކުދިންނާ ހަވާލުކޮށް، ޖިންސީ އަނިޔާއާއި ކެހިވެރިކަމުގެ އެތައް މަޅިއެއްގައި، އަދުގެ އަންހެންދަރިންގެ ޖީލު ދަނީ ޖެހެމުންނެވެ. ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އުޅެ ބޮޑުވުމުގެ ފުރުޞަތު ނުލިބި، ފަޤީރުކަމާއި، އެމީހުންނާ އަޅާލާންޖެހޭ ފަރާތްތަކުގެ ނަޒަރުން ގެއްލި އެމީހުންގެ ދިފާޢުގައި އަޑު އުފުލުމުގެ ޤާބިލުކަމެއް ނުލިބިވާ އެތައް އަންހެންކުދިންނެއް ދުނިޔޭގައި އެބައުޅެއެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ، [ޅައުމުރުގައި ދަރިމައިވުން“ [ “Adolescent Pregnancy މި ޝިޢާރެވެ. މި ޝިޢާރު ކަނޑައެޅުމުގެ އެއް ބޭނުމަކީ، މި ބަޔާންކުރެވުނު ފަދަ ނޭދެވޭ ތަފާތުކުރުންތަކާއި ދެރަގޮތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިންނަށް ކުރިމަތިވަމުންދިއުމުގެ ސަބަބުން، މި ނާޒުކު މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ. އަރުތަވެރި އާބާދީއެއް ބިނާކުރުމުގައި އަންހެން ކުދިންގެ ހިއްސާގެ މުހިންމުކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރުމެވެ. ތަރައްޤީވަމުން އަންނަ ދުނިޔޭގައި ދިރިއުޅެމުންދާ 500 މިލިއަން އަންހެން ކުދިންނާމެދު ދުނިޔޭގެ ސަމާލުކަން ހޯދުމެވެ.

މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ޅައުމުރުގައި ދަރިމައިވުމަކީ، ޞިއްޙީ މައްސަލައެއް ނޫންކަމެވެ. އެއާޚިލާފަށް، މި މައްސަލައަކީ، ފަޤީރުކަމާއި، ޖިންސީ ތަފާތުކުރުމާއި، އަނިޔާއާއި، ގަދަކަމުން ދަރިމައިކުރުވުމާއި، ތަޢުލީމުން މަޙްރޫމްކުރުވުމާއި، އެކުދިންގެ ޙައްޤުގައި މަސައްކަތްކޮށްދޭންޖެހޭ ނިޒާމުތަކާއި ފަރާތްތަކުގެ އިހުމާލުވުން ހިމެނޭ ބޮޑު މައްސަލައެއްކަމެވެ.

މުޅި ދުނިޔެއަށްބަލާއިރު، ޅައުމުރުގައި ދަރިމައިވާ ކުދިންގެ ބޮޑުބަޔަކީ، ކައިވެނިކުރުވައި އަދި ދަރިމައިވުމަށް މަޖުބޫރުކުރެވޭ ކުދިންނެވެ. ދުނިޔޭގެ އާބާދީގެ 15 އަހަރާއި 19 އަހަރާދެމެދުގެ އުމުރުފުރާގެ 16 މިލިއަން ކުދިން ކޮންމެ އަހަރަކު ވިހައެވެ. މީގެ ކޮންމެ 10 ކުދިންގެ ތެރެއިން 9 ކުދިންނަކީ ކައިވެނި ކޮށްގެން އުޅޭކުދިންނެވެ.

2010 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި، 2009 ވަނަ އަހަރު ރާއްޖޭގައި، މިއުމުރުފުރާގެ 1562 ކުދިން ވިހާފައިވެއެވެ. މީގެތެރެއިން 111 ކުދިންނަކީ ކައިވެނި ކޮށްގެން އުޅޭކުދިން ކަމަށް މި ދިރާސާއިން ދައްކައެވެ. މިފަދަ ކުދިންނަށް، އެކުދިންގެ މުސްތަޤްބަލް ބައްޓަންކުރާނޭ އިޚްތިޔާރުތަކެއް ލިބިފައެއް ނުވެއެވެ. އެކުދިންނަށް މަޖުބޫރުވެފައިވަނީ، އެކުދިންގެ ޙައްޤުތައް ނިގުޅައިގަތުމަށް ދިފާޢެއް ނެތި މަޖުބޫރީ ޙާލަތުގައި އިންސާނީ ވަގުފާރިއާއި ޖިންސީ އަނިޔާތަކުގެ ޝިކާރައަކަށް ވެގެން ދުވަސްތައް ވޭތުކުރުމަށެވެ.

ޞިއްޙީގޮތުން ބަލާއިރު، ޅައުމުރުގައި ފުރަތަމަ ފަހަރަށް ދަރިމައިވާ ކުދިންނަށް، ނުރައްކާތެރި ބަލިތައް ކުރިމަތިވެއެވެ. އަދި އޮބްސްޓެޓްރިކް ފިސްޓިއުލާ ފަދަ ނުކުޅެދޭ ޙާލަތުތައް މެދުވެރިވާ ބަލިތައް ކުރިމަތިވެއެވެ. މިއީ، މިކަމުގެ ދެރަ މުޅި އާބާދީ ޝާމިލްވާނޭހެން ތަޞައްވަރު ނުވަތަ ވަޒަންވެސް ނުކުރެވޭނޭހާ މިންވަރަށް އިޙްސާސް ކުރާނޭ ކަމެކެވެ.

ޅައުމުރުގައި ދަރިމައިވުމުގެ އިޖުތިމާޢީ އެއް މައްސަލައަކީ، ލިބޭ ދަރިން ރަނގަޅަށް ބަލައި ތަރުބިއްޔަތު ކުރުމުގެ ޤާބިލްކަން، މައިމީހާގެ ކިބައިގައި ނެތުމުގެ މައްސަލައެވެ. މިކަމުގެ ސަބަބުން، މުޖުތަޢަށް ނުކުންނަ ދަރިންނަކީ، އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިފައިވާ ދަރިންކަމުގައެއް ނުވެއެވެ. ނަތީޖާއަކަށްވެގެންދަނީ، މުޅި މުޖުތަމަޢަށް މިކަމުގެ ނޭދެވޭ އަސަރުކުރަމުން ދިއުމެވެ.

ޅައުމުރުގައި ދަރިމައިވުމަކީ، ޞިއްޙީ ގޮތުންނާއި ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއްކަމުގައި އަޅުގަނޑުމެން އެންމެން ޤަބޫލުކުރާންޖެހެއެވެ. އަޅުގަނޑުމެންގެ އާބާދީއަކީ، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، މަދު އާބާދީއެއް ނަމަވެސް، އަދި ޅައުމުރުގައި ދަރިމައިވުމުގެ މައްސަލަ އަޅުގަނޑުމެންގެ ތެރޭގައިވެސް ކޮންމެވެސް މިންވަރަކަށް އޮތުމާއެކު، އެކަމުގެ ގޮންޖެހުންތައް ބޮޑުކަމުން ކަފާސްނުވެ މިކަމާމެދު ވިސްނައި ކުރާންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން، ޅައުމުރުގެ އަންހެން ކުދިންގެ ތަޢުލީމާއި، ޞިއްޙަތާއި، އެކުދިންގެ އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިއްބައިދޭނޭ ނިޒާމުތަކާއި މަންސަތައް ޤާއިމުކޮށް ހަރުދަނާ ކުރުމަކީ މުހިންމުކަމެކެވެ. ފުރުޞަތުތަކަށް ވާސިލުވެވޭނޭ ގޮތްތައް އެކުދިންނަށް ފަހިކޮށްދޭން ޖެހެއެވެ.

ޅައުމުރުގައި ދަރިމައިވުމާގުޅޭގޮތުން ހޭލުންތެރިކުރުވުމަށްޓަކައި، ތަފާތު ޕްރޮގުރާމުތައް ހިންގަންޖެހެއެވެ. ތަރައްޤީގެ މަޝްރޫޢުތަކާއި އިންތިޒާމްތައް ރޭވުމުގައި، އާބާދީއެއްގައި ދިރިއުޅޭ ދެ ޖިންސުގެ ބޭނުންތައް ތަފާތުވާނޭކަން ދެނެގަނެ، އެންމެންނަށް ފައިދާކުރަނިވިގޮތަށް ވިސްނަންޖެހެއެވެ.

މިކަންކަމުގެ އިތުރުން، ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމަށް އަޅުގަނޑު ކުރާ އިލްތިމާސަކީ، މައިންބަފައިންނާއި، އެކި ދާއިރާތަކުގެ ފަންނުވެރިންނާއި ޢިލްމުވެރިންނާއި، މުޖުތަމަޢުގެ ކަމުވޮށިގެންވާ ފަރާތްތަކާއި، މުޖުތަމަޢުގެ އެންމެން ވެގެން، ޅައުމުރުގައި ދަރިމައިވުމުގައި ހުރި ގެއްލުންތަކާމެދު މިހާރަށްވުރެ ބޮޑަށް ވިސްނައި ސަމާލުކަން ދިނުމެވެ. ބޯހިމެނުންފަދަ ކަންކަމުގައި ނެގޭ ތަފާސްހިސާބުފަދަ މަޢުލޫމާތުތަކަކީ ޤައުމުގެ ތަރައްޤީގައި، ޅައުމުރުގައި ދަރިމައިވުންފަދަ ކަންކަމާގުޅޭގޮތުން ހަރުދަނާ ކާމިޔާބު ސިޔާސަތުތައް ކަނޑައެޅުމުގެ ތަޅުދަނޑިކަމަށްވީއިރު، އެފަދަ ކަންކަމުގައި ޞައްޙަ ތެދު މަޢުލޫމާތު ފޯރުވައިދިނުމެވެ. ޅައުމުރުގައި ދަރިމައިވުން ހުއްޓުވުމަށްޓަކައި، އެމީހަކަށް ވެވުނުވަރަކުން، މުޖުތަމަޢާ ޤައުމަށްޓަކައި ޒިންމާތަކެއް ވާކަން ދެނެގަނެ، އެހީތެރިކަން ފޯރުވައިދިނުމެވެ.

އަޅުގަނޑުގެ ދުޢާއަކީ، ފާގަތިކަމާއެކު އިޖުތިމާޢީ ސުލޫކު އިންތިޒާމްކުރެވިފައިވާ ފޯރުންތެރި ދުޅަހެޔޮ އާބާދީއެއް މި ރާއްޖެއަށް ފަހިވުމުގެ ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރެއްވުމެވެ.