بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޝަރަފުއްދީން ސްކޫލްގެ ލޮބުވެތި ދަރިވަރުން. ސްކޫލްގެ ޕްރިންސިޕަލް، ޓީޗަރުން އަދި އެންމެހާ ބެލެނިވެރިން، ޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރެއަކީ މި ސްކޫލްގެ ތާރީޚުގައި ވަރަށްވެސް އުފާވެރި ރެއެއް. ރާއްޖޭގެ ހުރިހާ ސްކޫލްތަކާ އަޅާބަލާއިރުގައިވެސް މި ސްކޫލްވަނީ މިވޭތުވެދިޔަ އަހަރު ވަރަށް ފުރިހަމަ ނަތީޖާތަކެއް ހޯދާފައި. އަޅުގަނޑު މިރޭ މި މުހިންމު ޙަފްލާގައި މި ބައިވެރިވި، ފުރަތަމަ ސަބަބަކީ މި ސްކޫލްގެ ދަރިވަރުން، ބެލެނިވެރިން، ޓީޗަރުން މިހާބޮޑު ހިތްވަރެއްކޮށް، މިހާބޮޑު ކާމިޔާބެއް ހޯދީމާ. އަދި ހަމައެހެން، މިހާރު ޝަރަފުއްދީން ސްކޫލަކީ ދިވެހިރާއްޖޭގެ ސްކޫލްތަކާ އަޅާބަލާއިރުގައި، އެންމެކުރީ ސަފުގައި ހިމެނޭ ސްކޫލަކަށްވާތީ.

އާދެ! އަޅުގަނޑުމެންނަށް މިރޭ ފެނިގެން މިދިޔައީ، މި ސްކޫލްގެ ދަރިވަރުންގެ ތެރެއިން ވަރަށްގިނަ ކުދިންތަކެއް ދުނިޔޭގެ ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި ވަރަށްމަތީ ވަނަތަކެއް ހޯދިތަން. އެކުދިން އެ ފުރިހަމަ ވަނަތައް އެ ހޯދީ ވަރަށްބުރަ މަސައްކަތްތަކެއް ކޮށްގެން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން އެދެން، ވަރަށް ހޫނު އަތްތިލަބަޑިއަކަށް.

އާދެ! އަދިވެސް އެހެން އަތްތިލަބަޑިއެއް އަޅުގަނޑު ދަންނަވަން. އަދިވެސް އެއްފަހަރު. މިފަހަރުގެ އަތްތިލަބަޑިއަކީ އެއީ، ތިޔަބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވި ތަރުޙީބު. ދަންނަވަންތޯ، ކިޔަވައިދިނުމަކީ އުނގަންނައިދިނުމަކީ ފަސޭހަ ކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ދަރިއަކަށްވިޔަސް އަދި އެހެން މީހެއްގެ ދަރިއަކަށްވިޔަސް. އެހެންވީމާ، ބެލެނިވެރިންނާއި މުދައްރިސުން ތިޔަ ކުރެއްވި މަސައްކަތަކީ ވަރަށް އުނދަގޫ މަސައްކަތެއް. ރެޔާއި ދުވާލު އެކަމަށްޓަކައި މަސައްކަތް ކުރައްވައިގެން، މި ފުރިހަމަ ނަތީޖާތައް މި ޙާޞިލު ކުރެއްވީ.

ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރުމަކީ އެއީ ހަމައެކަނި މުދައްރިސުންގެ ކަމެއް ނޫން. އެކަމަކީ ބެލެނިވެރިންނާއި މުދައްރިސުންނާ ގުޅިގެން ކުރާ ކަމެއް. ބެލެނިވެރިންގެ އަޅާލުމެއް ނެތް ކުދިންނަކަށް، ސްކޫލްގައި ކާމިޔާބު ހޯދާކަށް ފަސޭހައެއް ނުވާނެ. މުދައްރިސުން އެކަނި ބުރަ މަސައްކަތެއް ކުރިޔަސް. ހަމަ އެގޮތަށް، ބެލެނިވެރިން ކިތަންމެ ބޮޑު މަސައްކަތެއް ކުރިޔަސް، މުދައްރިސުންގެ އެހީތެރިކަމާއި އެއްބާރުލުންނެތިއެއް ފަސޭހަ ކަމެއް ނޫން، ރަނގަޅު ނަތީޖާއެއް ހޯދުމަކީ.

އާދެ! މިހާރު ތަޢުލީމީ ދާއިރާއަށް ޝައުޤުވެރިކަން ހުރެގެން، އެ ދާއިރާގައި މަސައްކަތް ކުރުމަށް ނުކުންނަ ކުދިންގެ ޢަދަދު އެހާ ގިނައެއް ނޫން. ނަތީޖާއަކީ ގިނަ ސްކޫލްތަކުގައި މަތީ ކްލާސްތަކުގެ ޓީޗަރުންނަށް މިއަދު މިތިބެނީ މުޅިންހެން ބިދޭސީ ޓީޗަރުން. އެހެން އެވާންޖެހެނީ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާނެ ޒުވާނުން މަދުވަމުންދާތީ. ދަންނަވަންތޯ، އަޅުގަނޑު ކިޔެވި ޔުނިވަރސިޓީ ސްޓެންފަރޑް ޔުނިވަރސިޓީގެ ގްރެޖުއޭޝަން ސްކޫލް އޮފް އެޑިޔުކޭޝަންގެ މިއަހަރުގެ ގްރެޖުއޭޝަން ސެރަމަނީގައި ދާދިފަހުން ވާހަކަ ދައްކަމުން، އަޅުގަނޑުގެ ކުރީގެ ޓީޗަރެއް ވިދާޅުވަނީ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރެވޭނީ، ސްމާރޓް މީހުންނަށާއި، ގަޓްސް ހުންނަ މީހުންނަށޭ. ސަބަބަކީ ތަޢުލީމު ދިނުމަކީ އެއީ، ވަރަށް އުނދަގޫ ކަމަކަށްވާތީ. އެހެންވީމާ، ހީނުކުރައްވާތި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަން މި ނުކުންނަންޖެހެނީ، އެހެން ކަންތައް ނުކުރެވޭ މީހުންނަށޭ. އެ ވިދާޅުވިހެން ތަޢުލީމު ދިނުމަކީ އެއީ އެންމެ އުނދަގޫ އެއް މަސައްކަތް. އެކަމަށް ނުކުންނަން މިޖެހެނީވެސް އެންމެ ގަޓްސް ހުރި، އެންމެ ސްމާރޓް މީހުން. އެކަމަކު ގަޓްސް ހުރި ސްމާރޓް މީހުން ނުކުންނާނީ، މުދައްރިސުންނަށް އެކަށީގެންވާ އެއްބާރުލުމާއި ތަރުޙީބު ލިބިގެން.

އާދެ! ސްކޫލްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މުދައްރިސުންނަށް ސަމާލުކަން ދިނުން. މުދައްރިސުންނަށް ދޭންޖެހޭ ތަމްރީނު ދިނުން. އަދި ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއަށް ވަނުމަށް، މުދައްރިސުންނަށްވުމަށް އެއްބާރުލުންދީ، ހިތްވަރުދީ، މޮޅު ކުދިން ތައުލީމީ ދާއިރާއަށް ވެއްދުމަށްޓަކައި އެންމެން މަސައްކަތް ކުރުން. އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައި، ޓީޗަރުންނަށްވުމަށް ހުރިހާ މޮޅު ކުދިންވެސް ބޭނުންވާނެކަމަށް. އެކަން އެގޮތަށް ކުރުމަށްޓަކައި ﷲ އިރާދަކުރެއްވިއްޔާ، ޓީޗަރުކަން ކުރަން ބޭނުންވާ ކުދިންނަށް ޚާއްޞަކޮށް، ސްކޮލަރޝިޕްތައް ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން ކަނޑައަޅާނަން. އަދި ހަމައެހެން، ޓީޗަރުންގެ މުސާރައަކީ، ޓީޗަރުންނަށް އިޙްތިރާމް ލިބޭވަރުގެ މުސާރައަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން.

ޤައުމަށް ކުރެވޭ އެންމެބޮޑު އިންވެސްޓްމަންޓަކީ ތަޢުލީމަށް ކުރެވޭ އިންވެސްޓްމަންޓް. ޅަފަތުގައި ދެވޭ ތަޢުލީމު ކަމުގައިވީނަމަވެސް އަދި ފަހު ގްރޭޑް ތަކުގައި ދެވޭ ތަޢުލީމު ކަމުގައިވީނަމަވެސް، ޅަފަތުގެ ތަޢުލީމުގައި އިންވެސްޓްކުރާ ކޮންމެ ރުފިޔާއަކަށް ފަހުން ހަތްރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ދިރާސާތަކުން ދައްކާ. އެއީ ކީއްވެތޯ؟ ތުއްތުއިރުގައި ތަޢުލީމު ދިނުމުގެ ސަބަބުން އެކުއްޖާ ބޮޑުވެގެން އަންނައިރުގައި ދިމާވާ އަޚްލާޤީ މައްސަލަތައް ކުޑަވުމާއި، ބަލި މަދުވުމާ، މިހެންގޮސް ކިތަންމެ ކިތަންމެ ކަންތަކެއް ހުރުމުގެ ސަބަބުން ތަޢުލީމަށް އިންވެސްޓް ކުރުމަކީ އެއީ ޤައުމަށް ވަރަށްބޮޑު ފައިދާތަކެއް ފަހުން ކުރާނެ ކަމެއް. އެހެންވީމާ، ލޯނު ނަގައިގެންވެސް ކުރަންވީ ކަމަކީ ކިޔަވައިދިނުން.

މި ސްކޫލުން މިރޭ އަޅުގަނޑަށް ބައެއް ކަންކަން ދަސްވެއްޖެ. އަޅުގަނޑަށް އެއްކަމަކަށް ފެނުނު ކަމެއް މިދެންނެވީވެސް ޓީޗަރުންގެ ވާހަކަ. އަނެއް ކަމަކަށް އަޅުގަނޑަށް މިރޭ މިތަނުން މި ދަސްވި ކަމަކީ، އެއީ އެހެން ސްކޫލްތަކަށް ނޭނގޭ ސިއްރެއްކަންނޭނގެ. އެހެން ނަމަވެސް، އަޅުގަނޑަށް މިރޭ މިތާ އިނީމަ އަޅުގަނޑަށް ވިސްނިއްޖެ، އެހެން ސްކޫލްތަކަށް ނޭނގޭ ސިއްރެއް ނަމަވެސް، މިއީ ވަރަށް މުހިންމު ސިއްރެއް މިސްކޫލްގައި އެބަވޭ. އެއީ ކޮބައިތޯ؟ އެއީ ސްކޫލްދެކެ ލޯބިން، ސްކޫލްގެ ދަރިންނަށްޓަކައި މަސައްކަތްކުރާ ސްޓާފުންނާއި، ޓީޗަރުންނާއި، ބެލެނިވެރިން މިތާ ތިބޭތީ. ރާއްޖޭގެ ދައުލަތުގެ ބަޖެޓްގެ އަސަރު ނޭދެވޭ ގޮތުގައި ކުރާ ތަނަކީ ހަމައެކަނި އެހެން ސްކޫލްތަކެއް ނޫން. މި ސްކޫލަކީ ވަކި ޚާއްޞަ ޢިނާޔަތްތަކެއް ލިބޭ ސްކޫލެއް ނޫން. ބަޖެޓްގެ ދަތިކަމުގެ އަސަރު ނުފޯރާ ސްކޫލެއް ނޫން މި ސްކޫލަކީވެސް. މި ސްކޫލްގައިވެސް މަރާމާތު ކުރަންޖެހޭ ތަންތަން ނެތީކީވެސް ނޫން. މަސައްކަތް ނުކުރާ ކޮމްޕިއުޓަރު ނެތީކީވެސް ނޫން. އަދި ހުރިހާ ޓީޗަރުންގެ މަޤާމުތައް މުޅިން ފުރިފައި ހުރީކީވެސް ނޫން. އެހެން ނަމަވެސް، ކީއްވެގެންތޯ، މި ސްކޫލުން މިހާ ފުރިހަމަ ނަތީޖާއެއް މި ނެރެވުނީ. އޭގެ ސިއްރަކީ މިތާނގައި މަސައްކަތްކުރާ މީހުންގެ ޑެޑިކޭޝަން. އެއީ އޭގެ ސިއްރަކީ.

އެހެންވީމާ، ތަޢުލީމަކީ އަޅުގަނޑުމެން އެންމެންގެވެސް މުސްތަޤްބަލާ ގުޅިފައި އޮތް ކަމެއް ކަމަށްވެސް ދެކިގެން، އެކަމަކީ އެއީ، އަޅުގަނޑުމެން އަމިއްލަ ޝައުޤުވެރިކަން އެކަމުގައި ހުރެގެން ކުރަންޖެހޭ ކަމަކަށްވުމުން، އިރާދަކުރެއްވިއްޔާ، ހަމަ އެހެން ސްކޫލްތަކުގައިވެސް ހަމަ މި ނަތީޖާ ނެރެވޭނެ. ވަރަށްގިނަ ބަޔަކު މަސައްކަތްކޮށްގެން މި ނަތީޖާ މި ނެރެވެނީ. އަޅުގަނޑު މިރޭ ޚާއްޞަ ގޮތެއްގައި އެއްބޭފުޅެއްގެ ނަން އަޅުގަނޑު މިތާ ފާހަގަކޮށްލާނަން. އެއީ އެހެން ބޭފުޅުންނަށް ހަމަ އެއްގޮތަކަށްވެސް އަޅުގަނޑު ކުރާ ބޭއިންޞާފެއް ކަމުގައި ދެކެވަޑައިނުގަތުން އެދެން.

މިދިޔަ އަހަރުގެ ގިނަ ދުވަސްތައް ދިޔައީ މި ސްކޫލްގައި ޕްރިންސިޕަލެއްނެތި. އެހެން ސްކޫލެއްގެ ޕްރިންސިޕަލެއްގެ ބެއްލެވުމުގެ ދަށުން. އެބޭފުޅަކީ އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް. އަޅުގަނޑު އެހެންވީމާ، ތިޔަބޭފުޅުންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އިބްރާހީމް ނަދީމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިރޭ އަޅުގަނޑަށް ދަސްވި އިތުރު ކަމެއް އެބައޮތް. އެއީ ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި ހަމައެކަނި ފޮތުން ކިޔެވިޔަކަސް އަދި ނުވާނެކަން. އެބަޖެހޭކަން ތަރުބިއްޔަތަށް އަޅުގަނޑުމެން ސަމާލުކަންދޭން. އެބަޖެހޭކަން ހުނަރު ދަސްކޮށްދިނުމަށް އަޅުގަނޑުމެން ސަމާލުކަންދޭން. މިރޭ މި ސްކޫލުން ފެނިގެން މިދިޔައީ، ކިތަންމެ ކުޑަކޮށްނަމަވެސް މި ސްކޫލްގައި ދަރިވަރުންނަށް ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި މަސައްކަތްކުރާކަން. އަދި ތަރުބިއްޔަތަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާކަން. އެހެންވީމާ، ތަޢުލީމީ ސިޔާސަތުގެ ތެރޭގައި މިބައިތައް އެބަ ހިމަނަންޖެހޭ. އެއީ ހަމައެކަނި މި ސްކޫލަކު ނޫން. ހުރިހާ ސްކޫލެއްގައިވެސް.

އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަޢުލީމުގެ މަންހަޖުގައި މިހާރަށްވުރެ ބޮޑަށް ތަރުބިއްޔަތުގެ ބައި ހިމަނައި، އަޅުގަނޑުމެންގެ ދަރިންނަކީ އިސްލާމީ ރިވެތި އުޞޫލުތަކުގައި، ރިވެތި އަޚްލާޤުގައި ބޮޑެތިވާ ކުދިންތަކެއް ކަމުގައި ހެދުން. އަދި އެކުދިންނަކީ ކިޔަވައި ނިމުމުން، އެކުދިން ދަސްކުރާ އެއްޗެއްގެ ބޭނުން ހިފޭވަރުގެ ހުނަރުތައް ހުރި ކުދިބައެއް ކަމުގައި ހެދުން. އެކަން ކުރެވޭނީ ސްކޫލްތަކުގައި ސްޕޯޓްސްވެސް އޮވެގެން. އަދި އެކިއެކި މަސައްކަތް ދަސްކުރާ ކޯސްތަކަށްވެސް ފުރްޞަތުދީގެން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައި، ރާއްޖޭގެ ސްކޫލްތަކުގައި، ޚާއްޞަކޮށް، މަސައްކަތް ދަސްކުރުމުގެ ކޯސްތައް ރޭވިގެން ހިނގާނެ ކަމަށް. މި ސްކޫލްގައި ޓެކްނިކަލް ކޯސްތައް ތަޢާރުފް ކުރައްވާފައި ހުރީ. އޭގެތެރޭގައި، އައި.ސީ.ޓީ ކޯސްތަކާއި އަދި އިލެކްޓްރިކަލް ކޯސްތަކާއި އަދި އޮފީސް ބެލެހެއްޓުމުގެ ކޯސްތައް ހިމެނިފައި އޮތީ. އެހެންވީމާ، އެތަނަކަށް، އެރަށަކަށް، އެތަނެއްގެ ޞިނާޢަތާ އެންމެ ގުޅޭ މަސައްކަތްތަކެއް ފާހަގަކުރައްވައި، އެއާބެހޭ ބައެއް މަސައްކަތް ތަޢާރުފް ކުރައްވައި، އެމަސައްކަތަށް ކުދިން ތަޢާރުފް ކުރެއްވުން އެއީ ވަރަށް މުހިންމު ކަމެއް.

މިއަދު ޙަޤީޤަތަކީ ކޮބައިތޯ! ވަރަށްގިނަ ޢަދަދެއްގެ ކުދިން އޯ ލެވެލް ނިމުމަށްފަހުގައި، އޭ ލެވެލަށް ނުދެވި އެބަތިބޭ ބޭކާރު ގޮތުގައި. އެހެންވެގެން ނުވާނެ. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައި، ހުރިހާ ކުދިންނަށްވެސް ގްރޭޑް 12އާ ހަމައަށް ތަޢުލީމު، ލިބުން. ގްރޭޑް 12އާ ހަމައަށް ހުރިހާ ކުދިންނަށް ތަޢުލީމުދޭއިރުގައި، އެ ނުޖެހޭ ވަކި އެއްކަހަލަ ތަޢުލީމެއް ހުރިހާ ކުދިންނަށް ކޮންމެހެންދޭކަށް. އެކުއްޖަކު ޝައުޤުވެރިކަން ހުންނަ ކަމެއް، އެކުއްޖަކަށް ދަސްކޮށްދީ، އެހެން ނަމަވެސް، ކޮންމެ ކުއްޖަކަށްވެސް އެނގެންޖެހޭ ކޯ ކަރިކިއުލަމެއް އެބަ އޮންނަންޖެހޭ. އެގޮތުން، މަސައްކަތުގެ ރޮނގުން ދިޔަކަމުގައިވީނަމަވެސް އަދި މުޅިން ޢިލްމީ ރޮނގުން ކުރިއަށްދިޔަ ކަމުގައިވީނަމަވެސް، ކޮންމެ ކުއްޖަކަށްވެސް އެބަޖެހޭ ބަހާއި، އިސްލާމާ، މިހެން ހުންނަ ކޯރ މާއްދާތަކެއް ކިޔަވަން. އޭގެއިތުރުން ތަފާތު އެހެން ރޮނގުރޮނގުން ކުރިއަށް ދެވޭތޯ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަހަރު އަޅުގަނޑުމެން ވަނީ އައްޑޫސިޓީގައިވެސް އިތުރު ދެސްކޫލަކަށް އޭ ލެވެލް ތަޢާރުފްކޮށްފައި. އަޅުގަނޑުގެ އުންމީދަކީ، އޭ ލެވެލަށް ކިޔަވާ ކުދިންގެ ޢަދަދު ގިނަވެގެންދިޔުން. އަދި ހަމައެއާއެކީގައި އެކިއެކި މަސައްކަތްތައް ކިޔެވޭނެ ފުރްޞަތުތައް ހުޅުވާލުން.

އާދެ! ތަރުބިއްޔަތު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ފުރަތަމަ ކަމަކީ ކުދިންގެ އިޢުތިޤާދު ވަރުގަދަކޮށް، އެކުދިންގެ ރޫޙާނީ ކުރިއެރުން އަޅުގަނޑުމެން ވަރުގަދަކޮށް، އެކަމަށް މަސައްކަތްކޮށްދިނުން. އެހެންވީމާ، އެގޮތުން، ސްކޫލްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް، ހުރިހާ ސްކޫލެއްގައިވެސް ހަމަޖެހި، ދީނީ ކަންކަމަށް ހުރިހާ ކުދިންނަށްވެސް ބާރުއެޅުން އެއީ ވަރަށް މުހިންމު ކަމެއް.

އާދެ! އަޅުގަނޑުމެންގެ އުންމީދަކީ، މި ސްކޫލުން މިހާ ރަނގަޅު ނަތީޖާތަކެއް ޙާޞިލްކޮށްގެން، މި ނިކުތް ކުދިންނަކީ ކާމިޔާބު ކުދިންތަކެއް ކަމަށް ހެދުން. އޯ ލެވެލް ނިމިގެން ނުވަތަ އޭ ލެވެލް ނިމިގެން އެކުދިން ބޭކާރުވެފައި ތިބެންޖެހޭގޮތެއްނުވުން. އެހެންވެއްޖިއްޔާ އެއީ އަޅުގަނޑުމެން އެންމެން އެކުރި މަސައްކަތް ވަރަށް ދެރަކޮށް އެދިޔައީ. އެހެންވެގެން ނުވާނެ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން މިހާރުއްސުރެ އެބަޖެހޭ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން.

މި ސްކޫލަކީ ވަރަށްގިނަ ޢަދަދެއްގެ ބިދޭސީ ޓީޗަރުން މަސައްކަތްކުރާ ސްކޫލެއް. 107 ވަރު، 110 ވަރު ޓީޗަރުން ތިބިއިރުގައި، މީގެތެރެއިން 70 ޓީޗަރުންނަކީ އެއީ ބިދޭސީ ޓީޗަރުން. އެހެންވީމާ، އަޅުގަނޑު އެބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން އެބަޖެހޭ.

I want to take a few minutes to recognize the contribution that has been made by our expatriate teachers. Last year, you have done a marvelous job. It is not normal for the school in the atolls, and for a school that is so far away from Male’ to achieve the kind of success that this school has achieved. Earlier, all the good schools, particularly the secondary level schools used to be in Male’. And everybody paid attention to that. So everybody talked about Aminiya School and Majeediyya School. This year you know that during the awards in Male’ I mentioned Sharafuddin. Because I was truly impressed by the achievements this school has made. And I know that it is because you have worked very hard. You have left your homes and come here to help our children. And therefore on behalf of the school, and on behalf of the government, I would like to thank you very much.

ޓީޗަރުން މިކުރައްވާ މަސައްކަތަކީ، ކުދިންގެ ސިކުނޑިތައް ހުޅުވާލުން. އާ ޚިޔާލަކަށް. މިއީ އެލްބަރޓް އައިންސްޓައިން ވިދާޅުވި އެއްޗެއް.

“Once you open the minds to a new idea, it never returns to its original size.”

އާ ޚިޔާލުތަކަށް މީހާގެ ސިކުނޑި ހުޅުވާލައިފިނަމަ، އެ ސިކުނޑި ކުރިން އޮތް ސައިޒަށް ކުޑަވެގެނެއް ނުދާނެ. އެވަރުގެ ބޮޑު މަސައްކަތެއް ޓީޗަރުން އަދާކުރަމުން އެގެންދަނީ. އެހެންވީމާ، ޖުމްލަކޮށް، ހުރިހާ ޓީޗަރުން ތިޔަ ކުރައްވާ ބުރަ މަސައްކަތަށް އަޅުގަނޑު މިރޭ ފަށްފަށުން ޝުކުރު ދަންނަވަން. މިރޭ އެކިއެކި ވަނަތައް ހޯދި ކުދިންނަށް އަޅުގަނޑު ދަންނަވަން އޮތީ، ތިޔަބޭފުޅުންވެސް މިހާ ހިސާބުން ކުރިއަށް ބައްލަވާށޭ. ދެން ހޯދޭނެ ކާމިޔާބަކަށް މިހާރުއްސުރެ ވިސްނަވާށޭ. ގްރޭޑް 10 ގެ ކާމިޔާބު ހޯއްދެވި ކުދިން، ގްރޭޑް 11، 12 ގައިވެސް ކާމިޔާބު ހޯއްދެވޭތޯ ބައްލަވާށޭ. އޭގެ ދަށު ކްލާސްތަކުން، އެއަށްވުރެ މަތީ ކްލާސްތަކުން ކާމިޔާބު ހޯއްދެވޭތޯ މަސައްކަތް ކުރައްވާށޭ. ކޮންމެ ދުވަހަކު ކާމިޔާބުގެ ލަނޑުދަނޑިއަށް ޙާޞިލްވުމަށްޓަކައި މަސައްކަތް ކުރެވޭތޯ ކޮންމެ ކުއްޖަކުވެސް ބައްލަވާށޭ. އެގޮތަށް މަސައްކަތް ކުރެއްވީމާ، އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ މައިންބަފައިންނާއި، ތިޔަބޭފުޅުންގެ ޢާއިލާތަކާއި އަދި މި ޤައުމު ތިޔަ ކުދިންނާ ދޭތެރޭ ދެކޭ އުންމީދުތަކެއް ހުންނާނެ. އިރާދަކުރެއްވިއްޔާ ޙާޞިލްކޮށްދެވޭނެ.

 

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުން ތިޔަ ކުރެއްވި ބުރަ މަސައްކަތަށް، ތިޔަ ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. މި ސްކޫލް މިއީކީ އާދައިގެ ސްކޫލެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން މިއަދު ޤައުމީ ފެންވަރެއްގައި މި ސްކޫލާ ދޭތެރޭގައި ފަޚްރުވެރިވާ ސްކޫލެއް މި ސްކޫލަކީ. ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރްޙަބާއާއި މުބާރަކްބާދު. ތިޔަ ކުރައްވާ މަސައްކަތް، ކުރިއަށް އޮތް ތާނގައިވެސް ކުރިއަށް ގެންގޮސްދެއްވުން އަޅުގަނޑު އެދެން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށާއި، ތިޔަ ހުރިހާ ދަރިވަރުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނާއި ތިޔަބޭފުޅުންގެ ބޭފުޅުންނަކީ، ޢިލްމީ ގޮތުންނާއި، ޞިއްޙީ ގޮތުން ދުވަހަކަށްވުރެ ދުވަހެއް ކުރިއަށް ނަޞީބު ލިބިވަޑައިގަންނަވާ ބަޔަކު ކަމުގައި މާތްﷲ މިންވަރު ކުރެއްވުން. ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه