ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.

"މި މަތިވެރި މާތް މައްސަރު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ކަމަށްޓަކައި މާތްﷲގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއަށްފަހު މި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މި މައްސަރުގެ ހެޔޮއެދުންތައް ފޮނުވަމެވެ.

ރަމަޟާން މަހަކީ، މާތްﷲ މާތްކުރައްވާފައިވާ ވަރަށް މަތިވެރި ރޫޙާނީ މައްސަރެކެވެ. އެހެންކަމުން، މި މާތް މައްސަރުގެ ބަރަކާތާއި ދަރުމަ ލިބިގަނެ، މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ޞަދަޤާތްދީ، ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވައި ހެޔޮކަންތައް އިތުރުކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ނަޞޭޙަތްތެރިވަމެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ، މުސްލިމުންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހަމަޖެހުން ޤާއިމް ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރްޞަތެއްވެސްމެއެވެ. ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ހިފަހައްޓައިގެން އަދި އެ އުޞޫލުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ ބަޔަކަށްވުމާއެކު، މިފަދަ މާތް މައްސަރަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، އިސްލާމީ ރީތީ އުސޫލުތަކަށާއި މުޖުތަމަޢުގެ ހަމަޖެހުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭނެއެވެ. ހަމައެއާއެކު، މުޖުތަމަޢުގެ ރީތި ހަމަތަކަށް ކަމޭހިތައި، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ނަމޫނާ ދެއްކުމަކީވެސް ޤައުމުގެ އެއްބައިވަންތަކަމަށާއި ހަމަޖެހުމަށް ލިބޭނެ އިތުރު ބާރެކެވެ.

މާތްﷲ މި ބަރަކާތްތެރި މައްސަރުގެ ރޯދަ ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ! މި މާތް މައްސަރުގެ ބަރަކާތާއި ހެޔޮ ދަރުމަ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވާށި!"

ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.